ރަށްތަކާ ގުޅިގެން ވިލާ އިން 2.9 ބިލިއަން ރުފިޔާ ދައްކާކަށް ނުޖެހޭނެ

ރިސޯޓު ތަރައްގީ ކުރަން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕަށް ސަރުކާރުން ދޫކުރި ރަށްތަކުގެ އެއްބަސްވުން ސަރުކާރުން ބާތިލް ކުރުމުން ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހުނު 188 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) އިން އެ ކުންފުނި ސަލާމަތްވެއްޖެ އެވެ.


ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިލާ ގްރޫޕްގައި ހިމެނޭ ކުންފުނިތަކަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައްކަން އެންގި 2.9 ބިލިއަން ރުފިޔާ އިން ސަލާމަތްވީ، އެ ރަށްތަކުގެ އެއްބަސްވުންތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ވިލާއާ އެއްކޮޅަށް އިއްޔެ ހުކުމް ކުރުމާ ގުޅިގެންނެވެ.

ރިސޯޓް ހެދުމަށް ވިލާގެ އެކި ކުންފުނިތަކަށް ސަރުކާރުން ދޫކުރި ބައެއް ރަށްތަކާއި ފަޅުތައް 2015 ގައި ސަރުކާރުން އަތުލި މައްސަލާގައި ސިވިލް ކޯޓުން ވިލާއާ އެއްކޮޅަށް ހުކުމް ކޮށްފައި ވަނިކޮށް، ހައި ކޯޓުން މިދިޔަ އަހަރު އެ ހުކުމްތައް ބާތިލްކޮށް، އެ ރަށްތައް ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ހުކުމް ކޮށްފައިވެ އެވެ.

ހައި ކޯޓުގެ އެ ހުކުމާ ގުޅިގެން ފެބްރުއަރީ 5، 2015 އިން ފެށިގެން އެ ކުންފުނީގެ އެކައުންޓްތައް މީރާ އިން ވަނީ ފްރީޒްކޮށްފަ އެވެ. އަދި އެ ފައިސާ ވިލާ އިން ދައްކާފައިނުވާތީ، އެ ކުންފުނިން ހިންގަމުން އައި ރިސޯޓުތަކަށް ދީފައިވާ ރާ އެތެރެކޮށް ވިއްކުމުގެ ހުއްދަ ވެސް އިކޮނޮމިކް މިނިސްޓްރީން ހިފެހެއްޓި އެވެ.

އެ މައްސަލަ ވިލާ އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން އިއްޔެ ނިންމީ ހައި ކޯޓުގެ ހުކުމްތައް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.

ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން، މީރާގެ އިސް އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް ރަސްމީކޮށް އެ އޮތޯރިޓީ އަށް ލިބުމާ އެކު ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ފަށާނެ ކަމަށެވެ. އޭގެ އިތުރު ތަފުސީލެއް ދެވޭނީ ހުކުމް ލިބި އޭގައިވާ އެއްޗެއް އެނގުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިލާ ގްރޫޕްގެ ކޮމްޕެނީ ސެކްރެޓަރީ އިބްރާހިމް ރަޝީދު މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، އެ ކުންފުނީގެ އެކައުންޓްތައް މީރާ އިން ފްރީޒްކޮށްފައި ބަހައްޓައިގެން ނުވާނެ ކަމަށެވެ. އަދި ފެބްރުއަރީ 5، 2015 އާ ހަމަޔަށް އެ ކުންފުންޏަށް ދޫކޮށްފައިވާ ހުރިހާ ހުއްދަތައް ވެސް އިޔާދަކޮށްދޭން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި މައްސަލައާ ގުޅިގެން ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމާ ބެހޭ ގޮތުން ގޮތެއް ނިންމާނީ ކުންފުނީގެ ޗެއާމަން ބޯޑާ މަޝްވަރާކުރުމަށްފަހު. އެކަމާ މެދު މިހާތަނަށް އަދި ބޯޑުން ގޮތެއް ނިންމާފައެއް ނުވޭ،" ރަޝީދު ވިދާޅުވި އެވެ.

ވިލާގެ ރަށްތަކުގެ މައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ ފެބްރުއަރީ ހަތަރު ވަނަ ދުވަހު ގާސިމް ވިދާޅުވެފައި ވަނީ ދައުލަތަށް ދައްކަވަން ޖެހޭ އެންމެ ބޮޑު ލާރިއެއް ވެސް ނޯންނާނެ ކަމަށާއި އޭނާގެ ވިޔަފާރި އާއި އެ ވިޔަފާރީގެ މަސްލަހަތާ ގުޅިފައިވާ މުވައްޒަފުންނަށް ބޭއިންސާފުން އަނިޔާ ދެމުން ދަނީ ޒާތީ ހަސަދައާ ހެދި ކަމަށެވެ.