ވިލާ އިން ޓެކްސް ފައިސާތައް ދައްކައި ނިންމުމުން ދައުވާ އަނބުރާ ގެންގޮސްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ޝިޕިން ކުންފުނިން ދައުލަތަށް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ 56 މިލިއަން ރުފިޔާ ދެއްކުމުން، އެ ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރި ދައުވާ އަނބުރާ ގެންގޮސްފި އެވެ.


މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ)ގެ ގޮތުގައި 74 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ވިލާ ޝިޕިންއާ ދެކޮޅަށް މީރާ އިން ތިން ދައުވާއެއް ކުރީ މިދިޔަ މަހު އެވެ. އޭގެ ތެރެއިން އެއް މައްސަލައިގައި ހިމެނޭ 1.2 މިލިއަން ޑޮލަރު (18 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ވިލާ އިން ދެއްކުމުން އެ ދައުވާ މީރާ އިން ކުރިން އޮތީ އަނބުރާ ގެންގޮސްފަ އެވެ.

އަނެއް ދެ މައްސަލައިގައި ހިމެނޭ 3.2 މިލިއަން ޑޮލަރު (49 މިލިއަން ރުފިޔާ) އާއި 7.4 މިލިއަން ރުފިޔާ ވިލާ އިން މީރާ އަށް ދައްކާފައިވާ ކަމަށް މީރާ އިން ސިވިލް ކޯޓަށް އެންގީ އިއްޔެ އެވެ. އެހެންވެ އެ ދެ މައްސަލަ ވެސް މިހާރު ހައްލުވެފައިވާ ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.

ވިލާ އިން ފަހުން ދެއްކި 3.2 މިލިއަން ޑޮލަރަކީ ވިލާގެ ހަތަރު ރިސޯޓެއް ކަމަށްވާ ސަން އައިލެންޑާއި ފަން އައިލެންޑާއި ޕެރަޑައިސް އައިލެންޑް ރިސޯޓާއި ހޮލިޑޭ އައިލެންޑް ރިސޯޓުން ދައުލަތަށް ދައްކަންޖެހޭ ޖީއެސްޓީ އާއި އެ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ އެވެ. އަދި 7.4 މިލިއަން ޑޮލަރަކީ ވިލާ ޝިޕިން އިން ދައްކަންޖެހޭ ޖީއެސްޓީ އެވެ.

ވިލާ އިން ދައްކަންޖެހޭ ޓެކްސް ފައިސާތައް ދެއްކުމުން އެ މައްސަލަތައް އަނބުރާ ގެންދިޔަސް ވިލާގެ އެކި ކުންފުނިތަކަށް ދޫކުރި ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 166 މިލިއަން ޑޮލަރު (2.5 ބިލިއަން ރުފިޔާ) ހޯދަން ދައުލަތުން ދައުވާކުރާ މައްސަލަތައް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެކަމަކު ވިލާ އިން ބުނެފައިވަނީ އެއީ ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށެވެ.

ވިލާ އިން ދައްކަންޖެހޭ ފައިސާ ނުދައްކާތީ، އެ ކުންފުނީގެ ރިސޯޓްތަކަށް ދޫކުރި އޫރުމަހާއި ރާ އެތެރެ ކުރުމުގެ ހުއްދަ ސަރުކާރުން މިދިޔަ މަހު ވަނީ ހިފަހައްޓައިފަ އެވެ. އެކަމަކު ފަހުން އެކަމަށް ވަގުތީ ހުއްދައެއް ސަރުކާރުން ދިނެވެ. ފަހުން ދިން އެ ހުއްދައިގެ މުއްދަތު ވެސް ވަނީ ހަމަވެފަ އެވެ.