އައްޑު އާއި ފުވައްމުލަކުގައި ބޭނުން ކުރަން އެމްޕީއެލުން ގެނެސްފައިވާ ބަހެއް. ފޮޓޯ: އެމްޕީއެލް
27 ޖޫން 2016 - 17:43
އައްޑު އާއި ފުވައްމުލަކުގައި ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ބަސް ދަތުރުގެ ހިދުމަތް ފަށާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.
ރާއްޖޭގެ އެންމެ ދެކުނަށް ބަހުގެ ހިދުމަތް ދޭން މިހާރު ވަނީ 13 ބަސް ރާއްޖެ ގެނެސްފަ އެވެ. ސްރީ ލަންކާ އިން ގެނެސްފައި ވަނީ އޭސީ ކުރި ދެ ސައިޒެއްގެ ބަހެވެ. އެއީ 52 މީހުންގެ ޖާގަ އަދި 32 މީހުންގެ ޖާގައިގެ ބަސްތަކެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު "މިހާރު" އަށް ވިދާޅުވީ ބަސްތައް މިހާރު އައްޑު އާއި ފުވައްމުލަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ބަސްތައް އެ ދެ ސަރަހައްދަށް ގެންދިއުމުގައި އެބަހުރި ކޮންމެވެސް ވަރެއްގެ ދަތިތަކެއް. އެކަމަކު އަޅުގަނޑުމެން މި ބަލަނީ ވީހާ ވެސް އަވަހަކަށް ބަސްތައް ގެންގޮސް ކުރިއަށް އޮތް ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި ހިދުމަތް ފެށުމަށް،" އޭނާ ވިދާޅުވި އެވެ.
ޖުނައިދު ވިދާޅުވީ 13 ބަހުގެ ތެރެއިން ފުވައްލުކުގައި ބޭނުން ކުރާނީ 32 މީހުންގެ ޖާގައިގެ ދެ ބަސް ކަމަށެވެ. ދެން ހުރި ބަސްތައް ބޭނުން ކުރާނީ އައްޑޫގަ އެވެ.
އެގޮތުން އައްޑޫގައި ވަކިން އޮންނަ ހުޅުމީދޫގައި ވެސް ބޭނުން ކުރަނީ 32 މީހުންގެ ޖާގައިގެ ދެ ބަހެވެ. ދެން ހުރި ބަސްތައް ބޭނުން ކުރަނީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުގަ އެވެ.
"ރައްޔިތުންނަށް ވީހާ ވެސް ފަސޭހަކޮށް ލުއިކޮށް ހިދުމަތް ދިނުން އެމްޕީއެލްގެ އަދި ސަރުކާރުގެ ވެސް އެންމެ ބޮޑު އަމާޒަކީ،" ޖުނައިދު ވިދާޅުވި އެވެ. "ވިޔަފާރިއަކަށް ވުރެ ބޮޑަށް ރައްޔިތުންނަށް ފޯރުކޮށް ދެވޭ ހިދުމަތެއްގެ ގޮތުގައި އެމްޕީއެލުން މިކަން ކުރާނީ."
އައްޑު އާއި ފުވައްމުލަކަށް އެމްޕީއެލުން މިދިޔަ އަހަރުން ފެށިގެން އަންނަނީ ފެރީގެ ހިދުމަތް ވެސް ދެމުންނެވެ.
އެމްޕީއެލްގެ ސިއީއޯ ޖުނައިދު: އޭނާ ވިދާޅުވީ ބަހުގެ ހިދުމަތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް.
މި ހިދުމަތްތައް ކުރިން ދެމުން ދިޔައީ އެމްވީކޭއިންނެވެ. ނަމަވެސް އޭރު އެކަށީގެންވާ ގޮތަށް ހިދުމަތްތައް ލިބެމުން ނުދާތީ ރައްޔިތުންގެ ޝަކުވާތައް ވަރަށް ގިނަ އެވެ.
"ބަޔަކު އޭރު ވިޔަފާރި އަށް ހިދުމަތް ދިނަސް މި ފަހަރު މިކަން މި ކުރަނީ އެ އުސޫލަކުން ނޫން. ރައްޔިތުންނަށް ދެވޭ އަސާސީ ހިދުމަތެއްގެ ގޮތުގައި ވީހާ ވެސް ލުއިކޮށް މިކަން އެމްޕީއެލުން ކުރާނީ،" ޖުނައިދު ވިދާޅުވި އެވެ. "މި ހިދުމަތުން ހަގީގަތުގައި އެމްޕީއެލަށް މާ ބޮޑު ފައިދާއެއް ވެސް ނުވާނެ."
ބަސް ދަތުރުތަކަށް މި ފަހަރު ވެސް ނަގަން ނިންމާފައި ވަނީ ކޮޅަކަށް 10ރ. އެވެ.
އެމްޕީއެލުން ކުރިން ބުނެފައި ވަނީ ސްކޫލް ކުދިންނަށް ވެސް ދެކުނުގައި ބަހުގެ ހިދުމަތް ދޭނެ ކަމަށެވެ.
"އެކަމާ މިހާރު ވެސް މަޝްވަރާތަކެއް ކުރެވެމުން އަންނަނީ. އައްޑު އަށް ބަލާ އިރު މިހާރު ވެސް އަމިއްލަ ބަޔަކު އެ ހިދުމަތް އެބަ ފޯރުކޮށްދޭ،" ޖުނައިދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢޭ
28 June 2016
ޚޮބާ ލާމު. އެަީ ބައެއް ނޫން ދޯ. އަބްދުއްރަހީމް ހުސް އަނގަ.
ޖުނާ
27 June 2016
ބަލަ ތި އޮތީ ލަންކާގެ އެސް. ޢެލް.ޓީ.ބީގައި ދުއްވި ބާ ބަހެއް ގެނަސްފަ އެއްނުން؟
ނިރު
27 June 2016
ޖުނާ..... އެކަކުންޔެއްގެ ފެންވަރުން އެކަކުންޔެއް ހަރުކޮންނާނީ ފުރަތަމަ ތިމާމީހުން ލިބުނު މިންވަރަށް ޝުކުރު ވެރިވާން ދަސްކުރަންވީ ފުރަތަމަ ބޮންތީގަ ހިފަން އުޅެންހަދާގެން ދެމީދާފެހި ބުޅަލަށް ވީވަރުވެސް ނުވާނެ.