ސްޕޯޓްސް ފިއެސްޓާއާ ގުޅޭގޮތުން ޕީޕީއެމްގެ ލީޑަޝިޕުގެ ބައެއް ބޭފުޅުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
17 އޯގަސްޓް 2017 - 16:27
ރާއްޖޭގައި ތިބި ކުޅިވަރަށް ލޯބިކުރާ އެންމެންނަށް އަމާޒުކޮށްގެން ފޯރިގަދަ އަދި އަގުބޮޑު ސްޕޯޓްސް ފިއެސްޓާއެއް ބާއްވަން ވެރިކަންކުރާ ޕީޕީއެމުން ނިންމައިފި އެވެ.
ޕީޕީއެމްގެ ލީޑަޝިޕުގެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެން އެ ޕާޓީގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ކުޅިވަރު އީދުގައި ފުޓްސަލް މުބާރާތަކާއި ވޮލީ މުބާރާތެއް އޮންނާނެ ކަމަށެވެ. ފުޓްސެލް ހާއްސަކޮށްފައި ވަނީ ފިރިހެނުންނަށް ކަމަށާއި އަންހެނުންނަށް ބާއްވަނީ ވޮލީ މުބާރާތެއް ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ވެސް އެ މުބާރާތުގައި ބައިވެރިވާނެ އެވެ. ކޮންމެ މުބާރާތެއްގައި 199 ޓީމު ބައިވެރިވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު މުބާރާތް. ވޮލީ އާއި ފުޓްސަލްގައި ވެސް 199 ޓީމު ބައިވެރިވާނެ ކަމަށް އަޅުގަނޑު މި ބަލަނީ. މުބާރާތުގައި ކޮންމެ ރަށަކުން ވެސް ބައިވެރިވެވޭނީ އެއް ޓީމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަގުބޮޑު އިނާމުތައް ހުށަހަޅާފައިވާ މި މުބާރާތުގައި ކްލަބު ޖަމިއްޔާތަކުގެ ނަމުގައި ބައިވެރިއެއް ނުވެވެ އެވެ. މުބާރާތް ތަމްސީލްކުރެވޭނީ ރަށުގެ ނަމުގައި ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ. ބޭނުމަކީ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމްކުރުމެވެ.
ޕީޕީއެމްގެ ޕްރެސް ކޮންފަރެންސްގައި ލީޑަޝިޕުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
މުޅި މުބާރާތުގެ އެއް ވަނަ ޓީމަށް ހުށަހަޅާފައި ވަނީ 200،000ރ. އެވެ. ދެ ވަނަ ޓީމަށް 150،000ރ. ހުށަހަޅާފައިވާއިރު ތިން ވަނަ ޓީމަށް 75،000ރ.ގެ ފައިސާގެ އިނާމު ވަނީ ހަމަޖައްސައިފަ އެވެ.
މި ފިއެސްޓާގައި ހިމެނެނީ އަތޮޅު މުބާރާތްތަކާއި ޒޯން މުބާރާތްތަކެވެ. އެގޮތުން އަތޮޅު މުބާރާތްތަކުގެ ޗެޕްމިއަނުން ޒޯން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ. މާލެއާ އެކު ފިއެސްޓާ ހަ ޒޯނަކަށް ބަހާލާފައިވާއިރު ފައިނަލް މެޗުތައް ކުޅޭނީ މާލޭގަ އެވެ.
ޕީޕީއެމްގެ މެނިފެސްޓޯގައި އެންމެ މުހިއްމު އިސްކަމެއް ދީފައި ވަނީ ޒުވާނުންނަށް ކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އެ ވައުދާ އެއްގޮތަށް އެކި ރަށްތަކުގައި ގިނަ ވަސީލަތްތަކެއް ރައީސް އަބްދުﷲ ޔާމީން ގާއިމްކޮށްދެއްވާފައިވާ ކަމަށެވެ. މުބާރާތުގައި އެކަންކަން ފާހަގަކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރު ވިދާޅުވީ ތިން މަހަށް ދިގު ދެމިގެންދާ މުބާރާތާ އެކު ރާއްޖޭގައި ތިބި ކުޅިވަރަށް ލޯބިކުރާ ގިނަ ޒުވާނުންނަށް ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. އަދި މިއީ، ރައްޔިތުން އެއްބައިވަންތަވެ އެކުވެރިކަން އާލާކުރަން ވެސް ރަނގަޅު ފުރުސަތެއް ކަން ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންބުރޯ
20 August 2017
މުޅިރާއްޖެއިން ބައިވެރި ވާނެއޭ ކިޔައިގެން ދޮގުތަކެއް ހަދާނެކަމެއް ނެތް! ކިތަންމެ ބައިވަރު އަނެކަތިކޮޅު ދީނަސް ނ. މިލަދޫ އިން ތިޔަ ފިއެސްޓާގަ ބައިވެރި ނުވާނެކަމުގެ %100 ޔަގީންކަން ދެން. ނ.މިލަދޫ އިން ޕީ.ޕީ.އެމް ފޮހެވިއްޖެ......!!!!
ބުރޯ
19 August 2017
ތިފިއެސްޓާ ހިންގަން ސާންތި އާއި ދަލާސްޓް އައްލޯ ވަރެއް ނުހުންނާނެ.
ހަމަހޭ
19 August 2017
ތިކަމައް ހާދަ އަނެކައްޗެއް ބޭނުންވާނޭ، ދެންޖެހޭނީ ފޮށިގަނޑު ތަކުގަ ވަންކަމައް އެއްބަސްވާ ގޭގެޔައް ހިގައިގެން އަނެކަތިކޮޅެއް ހޯދަން.
ޙަބޭސް
19 August 2017
މަރުފަލި ޖަހާނެކަމެއްނެތް 2018 ބީވެއްޖެ. ޢިންޝާﷲ.
އަދީބު
18 August 2017
ޕީޕީއެމް އަކީ ކުޅިވަރު ޖަމިއްޔާއެއްތޯ؟ ނުވަތަ ސިޔާސީ ޕާޓީއެއްތޯ؟
އަސްލުވެސް
18 August 2017
ހަލާލު ފައިސާއިންތޯ އިނާމު ދެނީ؟
އުމަރު
18 August 2017
މަޖިލިސް ހުއްޓުވާފަ، ރައީސް ޕީޕީއެމްގެ މެންބަރުން އިސްތިއުފާދޭން އެންގީމަ މިހާރު ފުޓްސަލްކުޅެން މުބާރާތެއް ޕީޕީއެމްއިން އެހުޅުވާލީ، ބަލަ ސިޔާސީ ޕާޓީތަކަކީ ތިޔަކަންކުރަން ސަރުކާރުން ބަޖެޓްދީފައިވާ ބައެއްނޫން ކުޅިވަރު ހިންގާނީ ކުޅިވަރާއިބެހޭ މިނިސްޓްރީން އަދި ބަޖެޓުން ފައިސާދީގެން ހިންގާ ކުލަބް ޖަމްއިއްޔާތަކުން އެމީހުންނަށް އެކަން ކުރުމަށް ދޫކޮށްލައި މިހާރު ސިޔާސީގޮތުން މިޤައުމު ހުއްޓިފައިވާ ކަންކަމަށް އިސްކަންދީގެން ކުރިއަށް ގެންދާށެވެ. ދިވެހިންނަކީ ގަމާރުންކަމުގައި އަދުރޭ ނުވިސްނާށެވެ.
އެތިކޮޅު ނުލިބޭމީހަ
18 August 2017
ކޮބާ އަނެކަތިކޮޅެއް ބޭނުންވާނެ ދޯ މިކަމަށްވެސް؟
ހަނދުކޭތަ
18 August 2017
ސަޕޯޓު ލިބޭނެ ގޮތެއް ނެތިގެން މޮޔަވަނީ.
ޚޕޮސސ
18 August 2017
އަދުރޭ ތީ އަހަރުމެން މިކިޔާ ކޮރަޕްށަނަކީ. ޕީޕީއެމުން ރާވާފަ ހަރަހުތަކާ ކަން ކުރުވާނީ ޔޫތުމިނިސްޓުރީއާ ފެނަކައިން. ޞިޔާސީ ކަންކަމާ ކުޅިވަރާ ތިޔަގުޅުވަނީ. ޢަދުރޭ އިސްތިއުފާދީފަ ޕޕ ގަތިބި ކިޔަވައިގެން ތިބި ވިސްވޭ ހަރުމީހުނާ ޕާޓީހިންގަން ހަވާލުކޮއްބަލަ، އަދުރޭމެންގެ ޒައާމަތުގަ ޕޕ ފުންޑުނީ. ޢަދިވެސް ގެޓު ވާކައް ކާރިވެސް ވުވޭދޯ ޕޕ ނުހިންގޭކަން. ނޫނީ އަދި އެއްޓައިޓަލް އިތުރުކޮއްލާ ޕޕ ގެ ސައިހަދާ ކޮމެޓީގެ ނައިބޫ ރައީސްކަން