މަލްޓި ގްރޭޑް ޓީޗިންއަށް ކިޔަވައިދޭން ފެށުން ތައާރަފްކުރުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ބައިވެރިވެ ވަޑައިގަންނަވަނީ
17 އޯގަސްޓް 2017 - 23:36
ދަރިވަރުން މަދު ސްކޫލުތަކުގައި މަލްޓިގްރޭޑް ސިސްޓަމަށް ކިޔަވައިދިނުން މުޅި ރާއްޖެއަށް ރަސްމީކޮށް ފަށައިފި އެވެ.
އެ ސިސްޓަމް ރާއްޖޭގެ ސްކޫލުތަކަށް ތައާރަފްކޮށްދެއްވީ ވ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި، ޑރ. އާއިޝަތު ޝިހާމެވެ.
މަލްޓި ގްރޭޑް ޓީޗިން އަކީ އާބާދީ މަދު ސްކޫލުތަކުގައި ރަނގަޅު ފެންވަރެއްގައި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަށް، ދަރިވަރުންނަށް ކްލާސްރޫމެއްގެ މާހައުލުން ލިބެންޖެހޭ މައުލޫމާތާއި ހުނަރުތައް ލިބިގަތުމަށްޓަކައި އެއް ގްރޭޑަަކަށް ވުރެ ގިނަ ގްރޭޑުތައް އެއްކޮށް، ދަރިވަރުންގެ ފެންވަރާ ގުޅޭގޮތުން އެއް ކްލާސްރޫމެއްގައި ކިޔަވައިދިނުމުގެ ނިޒާމެކެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުންގެ އަދަދު މަދުކަމުން، 44 ސްކޫލެއްގައި މިހާރު މަލްޓި ގްރޭޑް ސިސްޓަމަށް ކިޔަވައިދޭން ފަށާފައިވާ ކަމަށެވެ.
އެ ނިޒާމަށް ކިޔަަވައިދޭން ފެށުމުގެ މަގުސަދަކީ، އެޑިއުކޭޝަނުން ބުނިގޮތުގައި، ގާބިލް ޓީޗަރުން މަދުވުމުން ލިބޭ އުނިކަން ކުޑަކުރުމާއި ދަރިވަރުންގެ އިޖުތިމާއީ ހުނަރު ތަރައްގީ ކުރުމުގެ އިތުރުން ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކޮށްދިނުމެވެ.
އާބާދީ މަދު ސްކޫލުތަކުގައި ހުރިހާ ކްލާހަކަށް ޓީޗަރުން ހަމަކޮށް ކިޔަވައިދިނުމަކީ އިގުތިސާދީ ގޮތުން ދެކޮޅު ނުޖެހޭ އަދި ހަރަދު ބޮޑު ކަމެއްކަން މިނިސްޓްރީން ފާހަގަކުރި އެވެ. އެހެންކަމުން، ރާއްޖެ އުފެދިފައިވާ ގޮތުން ތައުލީމް ފޯރުކޮށްދިނުމުގައި އެޅޭ ހުރަސްތައް ކުޑަކޮށްދިނުމާއި އެންމެ ކުއްޖަކު ވެސް ބާކީ ނުވާނެކަން ކަށަވަރު ކުރެވުމާއި ކުދި ރަށްތަކުގެ އާބާދީއަށް ވެސް ސަމާލުކަން ދެވޭނެތީ މަލްޓިގްރޭޑް ޓީޗިން ރާއްޖެ ފަދަ ގައުމަކަށް މުހިއްމު ކަމަށް މިނިސްޓްރީން ބުންޏެވެ.
މަލްޓި ގްރޭޑު ޓީޗިން ތައާރަފްކުރުމަށް މިއަދު ވ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި، އެ ސްކޫލުގެ ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: އެޑީއުކޭޝަން މިނިސްޓްރީ
އާބާދީ މަދު ސްކޫލުތަކަށް އަމާޒުކޮށްގެން މަލްޓި ގްރޭޑް ޓީޗިން 2015 ވަނަ އަހަރު ތައާރަފުކޮށް އެކަން ޓެސްޓުކުރަން ފަށާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މިވީ ދުވަސްތަކުގައި އެ ނިޒާމަށް ކިޔަވައިދޭ ޓީޗަރުން ތަމްރީނުކޮށް، އެފަދަ ސްކޫލުތަކުގައި ބޭނުންކުރާ ވަސީލަތްތައް ވެސް ސްކޫލުތަކުގައި ގާއިމްކޮށްފައިވާ ކަމަށް ބުންޏެވެ.
ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި މަލްޓި ގްރޭޑް ޓީޗިންނަށް 400 އަށްވުރެ ގިނަ ޓީޗަރުން ވަނީ ތަމްރީނުކޮށްފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކްލާސް ރޫމުގައި ދަރިވަރުންގެ އަދަދު މަދުވުމުން، އެ ދަރިވަރުންނަށް މުއާމަލާތްކޮށްގެން އެއްޗެހި ދަސްކުރާ މިންވަރު ކުޑަވެގެންދާ ކަމަށެވެ. އަދި އޭގެ ސަބަބުން ވިސްނުމާއި އެ ދަރިވަރުންގެ އިޖުތިމާއީ ތަރައްގީއަށް އަސަރުފޯރައި ޑިމޮކްރެޓިކް ވެއްޓެއްގައި ގިނަ ބަޔަކާއެކު އުޅުމުގެ ގާބިލްކަން ލިބުން ކުޑަވާކަން ވެސް ފާހަގަކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާޑް
19 August 2017
އާބާދީ މަދުކަން ފާހަނގަ ކުރެއްވި އިރު އެއީ ކިހާ ޢަދަދެއްކަން ބަޔާންކޮށްދެއްވި ނަމަ ލިޔުން ތަންކޮޅެއް ފުރިހަމަވީސް.
މިޔަރު
18 August 2017
ކުދިން މަދުވީމާ މައްސަލަ ބޮޑުވަނީއޭ!!! މިއަދުވެސް އަހަރެން ކަމެއްގައި ސުކޫލަކަށް ގޮސް އޮބްޒާވްކުރި ކުލާހެއްގައި 30 ކުދިން ތިބި... ޓީޗަރަށް ކހިނެއެއް އެހާ ގިނަ ކުދިން ކޮންޓްރޯލް ކުރާނީ.. 35 މިނިޓް ކިޔަވައިދޭން އޮންނަނީ... ދެން ވިސްނާ ކުދިކުދި 30 ކުދިން ހޫނުގަދަ ކުލާހަކަށް ލާފައި ތިބޭއިރު ވާނެގޮތް.. ކުލާހެއްގައި 15 ކުދިންނަށް ވުރެ ގިނަ ނުވާ ގޮތަކަށް ތައުލީމު ބައްޓަންކުރެވިގެން ނޫނީ، ރާއްޖޭގެ ތައުލީމީ ނިޒާމު ރަގަޅެއް ނުވާނެ
ބުރުހާނުއްދީން ރައްބާނީ
18 August 2017
ހައްލަކީ ގުރޭޑުތައް މަސްހުނިނުކޮށް އާބާދީ މަދުރައްތަށް އެއްފަސްކުރުން. ތިއުޅޭނީ މޮޅުއެއްޗެކޭ ކިޔާފާ ކުދިރައްތަކުގެމީހުން ގުއިރޯނުގާ އަޅުވަން.
އަތްފުނާ
18 August 2017
ތިއީ ރަނގަޅު ކަމެއް ، ހުރިހާ ގުރޭޑްތައް އެއްކޮށް ނުލަންޏާ އެކަމަކުވެސް ޓީޗަރުން މަދުވާ ވަގުތު ތަކުގަޔާ ނުލިބޭ ވަގުތު ތަކުގައި
އިއްބެ
17 August 2017
ހުރިހާ މަސައްކެއް ކުރީ ޓީއާރސީތަކުން. އެކަމަކު މިހާރު އެކަކުވެސް ހަނދާނެއް ނެތް.ދެރަ މިިނިސްޓަރ އިސްތިއުފާ ދީ