ޔާރާގެ ޓީމުން މި ފަހަރު އީދުގައި ހަތަރު ރަށެއްގައި ޝޯ ދޭނެ.
27 އޯގަސްޓް 2017 - 06:06
ކުރިއަށް އޮތް ބޮޑު އީދުގައި ޔާރާ އާއިލާގެ ޓީމުން ހަތަރު ރަށެއްގައި ޝޯ ދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި ފަހަރު ޝޯތައް ދޭން ހަމަޖެހިފައި ވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ރޭ މ. މަޑުއްވަރީ، ދެވަނަ ދުވަހުގެ ރޭ މ. މުލި. ތިން ވަނަ ދުވަހުގެ ރޭ ޅ. ހިންނަވަރު އަދި ހަތަރު ވަނަ ދުވަހުގެ ރޭ ލ. ފޮނަދޫގަ އެވެ.
ޝޯތަކުގައި މި ފަހަރު، ޔާރާ އާއިލާ އަށް ނިސްބަތްވާ މަޝްހޫރު ދެ ބަތަލާއިން ކަމަށްވާ އައިޝަތު ރިޝްމީ އާއި ބަތަލާ މަރިޔަމް އައްޒަ ބައިވެރިވާ އިރު، ރިޝްމީގެ ކުރީގެ ފިރިމީހާ އަދި އެކްޓަރު އަހުމަދު އަޒްމީލް (އަޒޭ) އާއި އައްޒަގެ ކުރީގެ ފިރިމީހާ އަދި އެކްޓަރު އިސްމާއީލް ޖުމައިހް (ޖުމާ) ވެސް ބައިވެރި ވާނެ އެވެ.
މީގެ އިތުރުން މަޝްހޫރު އެކްޓަރު އަލީ ސީޒަން ވެސް ޝޯތަކުގައި ޔާރާގެ ޓީމާ އެކު މި ފަހަރު ބައިވެރިވެ އެވެ.
އީދު ޝޯތަކާ ބެހޭ ގޮތުން ރިޝްމީ ބުނީ މަޑުއްވަރީގައި އޮންނަ ޝޯގައި ބަތަލާ ނިއުމާ މުހައްމަދާއި ބަތަލާ އައިމިނަތު ރިޝްފާގެ އިތުރުން ކުރީގެ ބަތަލާ އަދި ނެށުންތެރިޔާ ވަލީދާ ވަލީދު ވެސް ބައިވެރި ވާނެ ކަމަށެވެ.
އަދި މަޑުއްވަރީ ނޫން އަނެއް ތިން ރަށުގައި ދޭ ޝޯތަކުގައި ކުރީގެ ބަތަލު އަދި ލަވަ ކިޔުންތެރިޔާ ހުސައިން ސޮބާހާއި ލަވަ ކިޔުންތެރިޔާ ނާޝިދާ ވެސް ބައިވެރި ވާނެ އެވެ.
ރިޝްމީ ބުނީ މި ފަހަރު ޝޯތަކަށްދާ އިރު ރިޝްމީ އާއި އައްޒަ އެކުގައި ބައިވެރިވާން ރަށްރަށުން ވަރަށް ބޮޑަށް ރެކްއެސްޓް ކުރި ކަމަށެވެ.
ޔާރާ ޓީމުން މި ފަހަރު ހަތަރު ރަށެއްގައި ޝޯ ދޭނެ.
"އެހެންވީމަ މި ޝޯތަކަށް އިންތިޒާރު ކުރާ މީހުން ހިތްހަމަޖެހޭ ކަހަލަ ފޯރި ގަދަ އަދި ސަޕޯޓަރުން ވެސް ބޭނުންވާ ކަހަލަ ލަވަތަކަށް އަހަރެމެން ޕަފޯމް ކުރާނަން،" ޝޯތައްދޭތާ 13 އަހަރުވެފައިވާ ރިޝްމީ ބުންޏެވެ.
އޭނާ ބުނީ ކޮންމެ އަހަރަކު ވެސް ކުޑަ އީދާއި ބޮޑު އީދުގައި ރަށްރަށުގައި ޝޯތައް ދެމުން އަންނަ އިރު، ކޮންމެ ރަށަކުން ވެސް ޝޯތަކަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށެވެ.
"އެކަމަކު ކުރިއަށް ވުރެ ޝޯތައް ދެވޭ ރަށްރަށް މިހާރު މަދު. އެކަމަކު ޝޯތައް ދޭ ރަށްރަށުން ލިބޭ ތަރުހީބު ހަމަ ވަރަށް ބޮޑޭ ބުނެވޭނީ،" ރިޝްމީ ބުންޏެވެ.
ޔާރާ ޓީމް ބޮޑު އީދުގެ ޝޯތަކަށް މާލޭން ފުރަން ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy