ދިވެހި ހައްޖާޖީން މިދިޔަ އަހަރު އަރަފާތު ބިމުގައި -- ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު
01 ސެޕްޓެމްބަރ 2017 - 05:41
އީދަކާ ކުރިމަތިލާ އިރު، ވަރަށް ފަހަކާ ޖެހެންދެން ދިވެހިން ދަމަހައްޓަމުން އައި ވަރަށް ހާއްސަ ތިން އާދައެއް އޮތެވެ. ގޯއްޗަށް ދޮންވެލި ލުމާއި އީދުގައި ކަތިލާނެ ކުކުޅު ހާ ހޯދުމާއި އީދު ހެދުމެއް ހޯދުމެވެ. އީދު ހެދުން ލައިގެން އީދު ކުޅިވަރު ކުޅެ މަޖާ ކުރުމެވެ. ސަގާފީ ކުޅިވަރުތަކާއި ޒަމާނީ އެކި ކުޅިވަރުތައް ކުޅުމެވެ.
އެ ހަނދާންތަކާއި އެ އާދަތަކާ މާ ދުރުގައި، މައްކާގެ މާތް ބިމުގައި އީދު ފާހަގަ ކުރާއިރު ހުރިހާ ކަމެއް މިވަނީ ބަދަލުވެފަ އެވެ. ދޮންވެލި ލާނެ ގޯއްޗެއް ނެތެވެ. ކަތިލާނެ ކުކުޅު ހާލެއް ނެތެވެ. ކުޅޭނެ ކުޅިވަރެއް އަދި ކުޅިވަރު ކުޅޭނެ މާހައުލެއް ވެސް ނެތެވެ. ނަލަ ހެދިގެން ބައްދަލުކުރަން ދާނެ ތިމާގެ މީހަކު ނެތެވެ.
ވަށައިގެން ވަނީ މުގައްދަސް ތަންތަނެވެ. ވަގުތުތައް ހުސްވެފައި ވަނީ އަޅުކަމަށެވެ. ދުލުން ކިޔާން އޮތީ ތަކުބީރެވެ. ލިބޭ ހުރިހާ ވެސް އުފަލަކީ، ﷲގެ އަމުރުފުޅަކަށް އިޖާބަދީ، ގެފުޅަށް ހައްޖުވުމަށް އާދެވުމުގެ އުފަލެވެ.
ކުޅިވަރު ކުޅެ މަޖާ ކުރުމަށް ވުރެ، ﷲ މާތް ކުރެއްވި އެންމެ މާތް ބިމަށް އައިސް ތިބެ، ﷲގެ ހަޒްރަތަށް ކުއްތަންވެ އަޅުކަން ކުރުމުން ލިބޭ އުފަލާއި ހިތްހަމަޖެހުން މާ ބޮޑު ކަމުގައި އެންމެން ވެސް ގަބޫލުކުރެ އެވެ. އާއިލާއާ ކިތަންމެ ދުރުގައި ތިއްބަސް، ﷲގެ ހަޒްރަތާ ކުއްތަންވެވޭ ކަން ކަށަވަރުވުމުން ކުރެވޭ އެކަނިވެރިކަމުގެ އިހްސާސެއް ނެތެވެ.
އީދު ދުވަހަށް އިރު އަރައިގެން އައި އިރު، ހުރިހާ ހައްޖުވެރިން ވެސް ދަތުރު ކުރަމުން އައީ މުޒްދަލިފާ އިން މިނާ އަށެވެ. އޭގެ ތެރެއިން އެއް ބަޔަކު ބޮޑު ޖަމްރާ އަށް ހިލަ އުކާފައި އިހުރާމް ކަނޑައިގެން މިނާގައި މަޑު ކުރާނީ އެވެ. އަދި އަނެއް ބަޔަކު ޖަމްރާ އަށް ހިލަ އުކާފައި ދާގޮތަށް ގެފުޅަށް ގޮސް ޠޮވާފުލް އިފާޟާ ކުރާނީ އެވެ. އެނބުރި މިނާ އަށް އަންނާނީ އެއަށް ފަހު އެވެ.
ހައްޖުވެރިން ޖަމްރާ އަށް ހިލަ އުކުމުގެ ކަންތައް ކުރިއަށް ގެންދާ އިރު، އުޟުހިޔާ ކަތިލުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ އެވެ. މިހާރު ހަމަޖެހިފައި އޮންނަ ގޮތުން، އުޟުހިޔާ ކަތިލާނީ، ސައޫދީ ސަރުކާރުގެ ފަރާތުން އެކަމަށް ހަމަޖައްސާފައި އޮންނަ އިދާރާތަކުންނެވެ. ހައްޖުވެރިންގެ ފަރާތުން ހުންނާނީ ކަތިލަން ބޭނުންވާ އެއްޗެހީގެ އަގަށް ވާ ފައިސާ އެ އިދާރާތަކަށް ދީފަ އެވެ.
ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ ބަޔަކު މައްކާގައި -- ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު/ މިހާރު
އީދު ދުވަހު ހައްޖުވެރިން ކުރާ އެންމެ މުހިންމު އެއް ކަމަކީ އުޟުހިޔާ ކަތިލުމެވެ. އެއީ ގެރި، ބަކަރި، ޖަމަލު ފަދަ އެއްޗެކެވެ. އެފަދަ އެއްޗެހި ލިބުން ދަތިކަމުން ރާއްޖޭގައި ކުކުޅު ހާލާއި އަސްދޫނި ކަތިލައި އުޅުނީ އެވެ. ނަމަވެސް މިހާރު ވީވަރަކުން ކަތިލަނީ ބަކަރި އެވެ.
ކީރިތި ގުރްއާނުން ސާބިތުވާ ގޮތުގައި ސަލާމްލެއްވި އިބްރާހީމްގެފާނަށް ހުވަފެންފުޅެއްގައި ފެނިވަޑައިގަތީ ދަރިކަލުން އިސްމާއީލްގެފާނު ގުރުބާން ކުރައްވާ ތަނެވެ. ނަބީބޭކަލުންގެ ހުވަފެންފުޅަކީ، ﷲގެ ހަޒްރަތުން އަންގަވާ އެންގެވުމެއް ކަމަށްވާތީ، އެ އަމުރުފުޅު ތަންފީޒު ކުރެއްވުމަށް ބައްޕާފުޅުގެ އަރިހުން އިސްމާއީލްގެފާނު އެދިވަޑައިގެންނެވި އެވެ.
ދެން އިބްރާހީމްގެފާނު ތުއްޕުޅު ދަރިކަލުން ގުރުބާން ކުރެއްވުމަށް ދަރިކަލުން ގޮވައިގެން ޚަންޖަރު ހިއްޕަވައިގެން ވަޑައިގެންނެވި އެވެ. މިނާގެ ވާދީ ތެރެއަށް އެކަލޭގެފާނު ދަތުރު ކުރައްވަމުން ވަޑައިގަންނަވަނިކޮށް، ﷲ ލައުނަތް ލެއްވި ޝައިޠާނާ، އިންސާނެއްގެ ސިފައިގައި އިބްރާހީމްގެފާނުގެ ކުރިފުޅު މައްޗަށް ފާވިއެވެ. އިސްމާއީލްގެފާނަކީ އެކަލޭގެފާނު މުސްކުޅިފުޅުވީ ދުވަހު ލިބިވަޑައިގެންނެވި ހަމައެކަނި ދަރިކަލުން ކަމާއި، އެ ދަރިކަލުން ގުރުބާން ކުރައްވައިފި ނަމަ، އިތުރު ދަރިކަލަކު ލިބިވަޑައިނުގެންފާނެ ކަމަށް އެ ޝައިޠާނާ އިބްރާހީމްގެފާނަށް ވަސްވާސް ދެމުން ދިޔަ އެވެ.
ނަމަވެސް، އެއީ ﷲ ލަޢުނަތް ލެއްވި ޝައިޠާނާ ކަން އިބްރާހީމްގެފާނަށް އެނގިވަޑައިގެންނެވި އެވެ. އެހެންކަމުން އެ ދެބަފައިކަލުންނަށް ހުރަސްއެޅިޔަ ނުދެއްވުމުގެ ގޮތުން ބިންމަތިން ހިލަކޮޅުތަކެއް ނަންގަވައި އެ ޝައިޠާނާގެ ގައިގައި ޖައްސަވައި އެ ތަނުން ފައްސައިލެއްވި އެވެ.
މިއަދު ހުރިހާ ހައްޖުވެރިން ޖަމްރާތަކަށް ހިލަ އުކަނީ، އިބްރާހީމްގެފާނާއި އިސްމާއީލްގެފާނަށް ކުރިމަތިކުރެއްވި އެ އިމްތިހާނުގެ ހަނދާން އައު ކުރުމުގެ ގޮތުންނެވެ. ހަމަ އެހެންމެ، ޝައިޠާނާއަކީ އިންސާނުންގެ އަދާވާތްތެރިއެއް ކަމަށާއި ޝައިޠާނާއަކީ އަދާވާތްތެރިއެއްގެ ގޮތުގައި ބަލައިގަތުމަށް ﷲ ސުބްހާނަހޫ ވަތައާލާ ކުރައްވާފައިވާ އަމުރުފުޅަށް ބޯލަނބައި ކިޔަމަންގަތުމުގެ ރަމްޒެއްގެ ގޮތުންނެވެ.
ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ ބައެއް މީހުން މައްކާގައި.---މިހާރު ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު
އުޟުހިޔާ އަސްލަކީ، ސަލާމްލެއްވި އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިކަލުން އިސްމާއީލްގެފާނު ގުރްބާން ކުރެއްވުމުގެ ހާދިސާ އެވެ. އެ ކަން ހަނދާން ކުރުމުގެ ގޮތުން އިސްލާމީ އުންމަތުގައި ވެސް ވަނީ ހައްޖުގެ އަޅުކަމުގެ ތެރޭގައި އެކަން ހިމެނިފަ އެވެ.
ޝައިޠާނާ ރަޖަމް ކުރުމަށް ފަހުގައި، ދަރިކަލުން ގުރްބާން ކުރެއްވުމަށް އިބްރާހީމްގެފާނު ތައްޔާރުވެވަޑައިގަތެވެ. އަދި ތުއްޕުޅު ދަރިކަލުން ނިތްކުރި ވަތަށް ބާއްވަވައި އެ ދަރިކަލުންގެ ކަރުފުޅުގައި ޚަންޖަރު ހިންގަވައި ލެއްވި އެވެ. ނަމަވެސް، އަލިފާންގަނޑުން އިބްރާހީމްގެފާނަށް ގެއްލުމެއް ލިބިވަޑައިނުގެންނެވި ފަދައިން، އެ ޚަންޖަރުން އިސްމާއީލްގެފާނު ކަތިލެއްވޭ ގޮތެއް ނުވި އެވެ. އެ ހިނދު، މާތް ﷲ އެކަލޭގެފާނަށް ނިދާ އިއްވެވި އެވެ؛ "އޭ އިބްރާހީމްގެފާނެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ހުވަފެންފުޅު ތެދު ކުރައްވައިފީމު އެވެ."
އަދި އިސްމާއީލްގެފާނުގެ ބަދަލުގައި، ﷲ އަށް ގުރުބާން ކުރެއްވުމަށްޓަކައި، އެ ތަނަށް މާތް ﷲގެ އަމުރުފުޅަށް ކަންބަޅި ބަކަރިއެއް ފޮނުއްވެވި އެވެ. ކީރިތި ގުރްއާނުގެ ޞާއްފާތު ސޫރަތުގެ 107 ވަނަ އާޔަތުގައި އެކަން ބަޔާން ކުރައްވައި ﷲ އަންގަވާފައިވަނީ، ގަދަރު ބޮޑުވެގެންވާ ކަންބަޅި ބަކަރިއެއް ކަތިލައްވައިގެން، އިސްމާއީލްގެފާނު ސަލާމަތް ކުރެއްވެވީ ކަމުގަ އެވެ.
މިއަދު މައްކާ އަށް އައިސް ތިބި ހުރިހާ ހައްޖުވެރިންނާއި ރަށުގައި ގާއިމުވެ ތިބި މީހުން ވެސް އުޟުހިޔާ ކަތިލަނީ، ސަލާމްލެއްވި އިބްރާހީމްގެފާނު އެ ދުވަހު އެ ކުރެއްވެވި މަތިވެރި ގުރްބާނީގެ ރަމްޒެއްގެ ގޮތުންނެވެ. އިންސާނުން ކިޔަމަންގަނެ ބޯލަނބަން ޖެހެނީ އަދި ކޮންމެ ގުރުބާނީއެއް ނިސްބަތް ކުރެވޭނީ ހަމައެކަނި ﷲ އަށް ކަން ފާޅުކުރުމުގެ ގޮތުންމެ އެވެ.
ދިވެހި ހުރިހާ ހައްޖުވެރިން ވެސް މިއަދު މަޝްޣޫލުވެ ތިބީ މިފަދަ އެތައް އަޅުކަމެއްގަ އެވެ. ކުޅިވަރު ކުޅެ މަޖާ ކުރުމަކަށް ވަގުތެއް ނެތެވެ. ނަމަވެސް ތިބީ ވަރުބަލިކަމާއި ކަންނެތް ކަމަކު ނޫނެވެ. ފޯރި އާއި ޖޯޝްގައި އުފަލުން އެ އަޅުކަންތަކުގައި ބައިވެރިވަމުން އެދަނީ، ދެ ދުނިޔޭގައި ވެސް ލިބޭނެ ހިތްހަމަޖެހުމާއި އުފަލަށްޓަކަ އެވެ. އާއިލާއާ ވަކިން ތިބި ކަމެއް، ބީރައްޓެހި ގައުމެއްގައި އުޅެން ޖެހިފައިވާ ކަމުގެ އިހްސާސެއް ނެތެވެ. މި ކަމުގައި އަލަށް ހައްޖަށް އައި މީހުންނާއި ތަކުރާރުކޮށް ހައްޖަށް އައިސްފައިވާ މީހުންނާ ތަފާތެއް ނެތެވެ.
އާއިލާއާ ވަކިން އަދި ރަށުން ބޭރުގައި އީދު ފާހަގަ ކުރަން ޖެހުމަކީ އާދަމް އަބްދުއްރަހްމާން (އުތީމު އާދަމްބެ) އަށް އާ ކަމެއް ނޫނެވެ. އަދި މައްކާގެ ބިމުގައި އީދާ ބައްދަލުކުރާ މިއީ ފުރަތަމަ ފަހަރެއް ވެސް ނޫނެވެ.
"އާންމުކޮށް ދިވެހިންނަށް އީދު މި ފެންނަނީ ވެސް ކުޅިވަރެއްގެ ތެރޭގައި. އީދެއް ވިއްޔާ ވަރަށް އުފާވެރިކޮށް އަންނާނީ. އާންމު ދިރިއުޅުމުގެ ހަމަތަކުން ބެއްޔަސް އެއީ އުފާވެރިކަމުގެ ދުވަހެއްގެ ގޮތުގައި ބެލެވޭނީ. އެކަމަކު ރޫހާނީ މިންގަނޑަކުން ބަލައިފިއްޔާ ކުޅިވަރެއް ނެތް ނަމަވެސް، މި ލިބެނީ ހަމަ ވަރަށް އުފާވެރި އީދެއް. މިއީ މަދުން ނޫނީ ނުލިބޭ ކަހަލަ އީދެއް. އަޅުގަނޑުމެން ރަށުގައި ތިބެގެން އެ ލިބޭ އީދަކީ ކޮންމެ އަހަރަކު ވެސް ތަކުރާރުވަމުންދާ އީދެއް. މި ކަހަލަ އީދެއް ލިބުމަކީ ވަރަށް މަދު ކަމެއް. މި އުފާ ލިބުނު ގޮތަށް ބަލައިގަތުން އަޅުގަނޑުމެންނަށް އޮތީ. އެ ގޮތަށް ބަލައިގަނެވިއްޖެއްޔާ މި އީދުގެ އުފާވެރިކަން މާ ބޮޑުވެގެންދޭ."
އާދަމްބެ ވިދާޅުވި ގޮތުގައި ހައްޖަކީ އަޅުކަމަކަށް ވިޔަސް ދިރިއުޅުމުގެ އެތައް ކަމަކާ ގުޅިފައިވާ ފިލާވަޅުތަކެއް ލިބިދޭ އަޅުކަމެކެވެ. އެއް ކަމަކީ ގިނަ ތަކުލީފުތަކެއް ކެތްތެރިކަމާ އެކުގައި ތަހައްމަލު ކުރަން ޖެހުމެވެ. އޭގެ ތެރެއިން އެއް ކަމަކީ އާއިލާއާ ވަކިވެ ދާންޖެހޭނެ ކަން ހަނދާނުގައި ބެހެއްޓުމެވެ.
"އީދު ދުވަހެއް އާއިލާއާ ވަކިން ހޭދަ ކުރަން ޖެހުނަސް، ހަނދާނުގައި ބަހައްޓަންވީ ކޮންމެވެސް ދުވަހެއް އެބަ އަންނަކަން އާއިލާއާ އަބަދަށް ވަކިވާންޖެހޭ. ހައްޖުގައި ތިބޭ އިރު އާއިލާއާ ވަކިން ތިބެން ޖެހުމަކީ މުޅިން ވަކިވާ ވަކިވުމެއް ނޫން. އެނބުރި ދެވޭނެ ރަށަށް. އެކަމަކު އެނބުރި ބައްދަލުވުމެއް ނެތް ވަކިވުމަކުން ވަކިވާންޖެހޭ ދުވަހެއް އަންނާނެ. އެ ދުވަހާ ބައްދަލު ކުރުމަށްޓަކައި ހޯދަންޖެހޭ ޒާދުތައް (ކޮއްތުތައް) ހޯދުން މި އީދުގައި އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ. އެހެންވީމާ މި ބިމުގައި ތިބޭ އިރު، އާއިލާއާ ވަކިން ތިބުމަކީ ހިތްދަތިކަމެއް ނޫން. އެއީ ލިބޭ އުފަލެއް،" އާދަމްބެ ވިދާޅުވި އެވެ.
ދިވެހި ހައްޖުވެރިންނާ އުތީމް އާދަމްބެ ވާހަކަ ދައްކަވަނީ -- ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު
މުޅި ހަޔާތް އާއިލާއާ އެކުގައި އީދު ފާހަގަ ކޮށް ފުރަތަމަ ފަހަރަށް ބީރައްޓެހި ބައެއްގެ ތެރޭގައި މި ބިމުގައި އީދު ފާހަގަ ކުރަންޖެހިފައިވާ ކިތަންމެ ބަޔަކު މިއަދު ވެސް މި ބިމުގައި އެބަތިއްބެވެ. ނަމަވެސް އެ މީހުންގެ ހިތުގައި ނުތަނަވަސްކަމެއް، މޮޅިވެރިކަމެއް ނެތެވެ. އެއަށް ވުރެ މާ ބޮޑު އުފާވެރިކަމެއް ވަނީ އެމީހުން ވަށާލައިފަ އެވެ.
ރ. މަޑުއްވަރީ އަލަނާސިގޭ އަބްދުﷲ މޫސާ، 68، އޭނާގެ ހަޔާތުގައި ވެސް ރަށުން ބޭރުގައި އާއިލާއާ ވަކިން އީދަކާ ބައްދަލު ކުރި މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް އީދުގެ ކުޅިވަރުތަކާ ދުރުގައި ހުންނަން ޖެހުމުން އޭނާގެ ހިތުގައި ނުތަނަވަސްކަމެއް ނެތެވެ. އެއަށް ވުރެ އޭނާ އަށް މި ބިމުގައި ލިބޭ ހިތްހަމަޖެހުން މާ ބޮޑެވެ.
"ކުޅިވަރުތަކާ ދުރުގައި އާއިލާއާ ވަކިން މުޅިން އަޅުކަމުގައި އީދު ފާހަގަ ކުރަން ޖެހުނަސް އެއްވެސް ދެރައެއް ނުވޭ. ވަރަށް އުފާވޭ މި ތަނަށް އާދެވުނީމާ ވެސް. މި ފަދަ މަތިވެރި އަޅުކަމެއް ފުރިހަމަ ކުރަން ފުރުސަތު ލިބުނީމާ، ކުޅިވަރާ މަޖަލުގައި އީދު ފާހަގަ ކުރުމަށް ވުރެ ލިބޭ އުފާވެރިކަން މާ ބޮޑު. މިއީކީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ނަސީބެއް ނޫން. ދެން ކޮން ކަމަކާ ދެރަ ވާންވީ." އަބްދުﷲ މޫސާ ބުންޏެވެ.
ރަށުގައި އެންމެންހެން ނަލަ ހެދި، އީދު ހެދުން ލައިގެން އެ ދަނީ އީދު ނަމާދަށެވެ. ނަމަވެސް ހައްޖުވެރިން ހުދު ދެ ފޮށާ ގައިގައި އޮޅާލައިގެން ފައިމަގުގައި ހިނގާފައި އެ ދަތުރު ކުރަނީ މުޒްދަލިފާ އިން މިނާ އަށް ދިއުމަށެވެ. ރަށުގައި އީދު ނަމާދުން ފައިބައިގެން އެކަކު އަނެކަކާ ބައްދަލުކޮށް އީދުގެ ތަހުނިޔާ އާއި ހަދިޔާބަދިޔާ ބަދަލުކުރާ އިރު، ބައެއް ހައްޖުވެރިން އެ ދަނީ، ކުދިކުދި ހިލަކޮޅުތަކެއް ހިފައިގެން ޖަމްރާ އަށް ހިލަ އުކާށެވެ. އަނެއް ބަޔަކު އެ ދަނީ ޠަވާފް ކުރަން ގެފުޅަށެވެ.
ނަމަވެސް ހަގީގީ އުފާވެރިކަމުން މަހުރޫމްވާ ބަޔަކު ނެތެވެ. ރަށުގައި އީދު ދުވަސް ފެށިގެން އެ ދިޔައީ، ﷲ ދެއްވި ނިއުމަތްތަކަށް ހަމްދާއި ޝުކުރު ކުރުމުގެ ގޮތުން ކުރި އީދު ނަމާދުންނެވެ. ހައްޖުވެރިން އީދު ދުވަހާ ކުރިމަތިލީ ތަކުބީރުގެ އަޑު މުޅި ޖައްވުގައި ގުގުމަމުންނެވެ. އެއް ބަޔަކު ރަށުގައި އާއިލާއާ އެކު އުފާ ކުރާ އިރު، ހައްޖުވެރިން މިނާގައި ތިބެ، ﷲގެ ހަޒްރަތުގައި ދަންނަވަމުން އެދަނީ، ހައްޖުގައި ބައިވެރިވެވުނު މީހުންނަށާއި ބައިވެރި ނުވެވުނު މީހުންނަށް ވެސް، ދުނިޔެ އާއި އާޚިރަތުގައި ވެސް، ހެޔޮކަން ދެއްވައި ނަރަކައިގެ އަޒާބުން މިންޖު ކުރެއްވުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
02 September 2017
އާއިލާއާ ވަކިން އިންޑިއާ ލަންކާ އަދި އެހެނިހެން ޤައުމު ތަކުގަ ގޮސް 3 މަސްވަންދެން ދެން ތިއްބަސް އޯކޭ ފުރާދުވަހު ރޯނެ ބަޔަކުވެސް ނުތިބޭ އެކަމަކު އެމާތް ބިމަށް ﷲ އަށްޓަކައި ހެޔޮ ދަރުމަހޯދަން ކުރާ އެއްމެ މަހެއްގެ ދަތުރު ދާއިރު ރޮއެ ރޮއެ ހީވާނީ އެހެންކަމެއްހެން އެއީ އުފާކުރަންވީ ދަތުރަކީ އެކަމަކު ކަންއޮންނަނީ އެހެން ގޮތަކަށް އަނެއްކާ މުއާސަލާތީ ގޮތުން މުޅިދުނިޔެ މިއޮތީ ގުޅިލާމެހިފަ ހުރިހާޚަބަރެއްބަރާބަރަށް ލިބޭ އަނެއްކާ ނޫސްތަކުންނާއި ޓީވީތަކުން ހައްޖުވެރިންގެ ޚަބަރުތައް ވަރަށް ބޮޑު އަހުމިއްޔަތުކަމެއްދީގެން ގެނޭ ދެންބުނާނެ ބުރަ ކަމެކޭ ހައްޖުވުން އެއީ އެއްމެ ހަތަރު ފަސްދުވަސް ބުރަކޮށްދަނީ މާބޮޑުކަމަކަށް ހަދައިގެން ދިވެހިން އުޅެނީ ކޮންމެކަމެއްވެސް އޮންނަ ވަރަށްވުރެ ބޮޑުކޮށްލައިގެން
މުޙައްމަދު
01 September 2017
ربنا تقبل منا ومنهم ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! އަޅަމެންނާ އެއުރެންގެ ކިބައިން ހެޔޮ ޢަމަލުތައް ޤަބޫލު ކުރައްވާނދޭވެ!
އިޔާ
01 September 2017
ކޮން މޮޔައެއް ޑިސްލައިކްދެނީ.
ކީކޭ ބުނާނީ
02 September 2017
ހަހަހަހަ. ޑިސްލައިކް ދެނީ ދޯ. ވާނުވާ ވެސް ނޭނގެނީ ކަންނޭގެ. އަޖައިބު ވާ ވަރެއް ނޫން ދެން މިހާރު. ފޭސްބުކް ގަ ވެސް ކޮންމެސް ނުކުޅެދޭ ކުއްޖެއްގެ ފޮޓޯއެއް ޖަހާއިރަށް އާމީން ތައްވެސް އޮއްސަން ފަށާނެ. އެކަމް ކައިރި ހިސާބަކުންވެސް ދުޢާ އެއް ކޮށްފައެއް ނޯވެ.