ޚިޔާލު / ޕްރޮފެސަރު އުގެއިލްގެ ކޮލަމް

ޕްރޮފެސަރު އުގެއިލްގެ ހަދިޔާ: ނިދުމާއި ސިކުނޑީގެ ދުޅަހެޔޮކަން

މިއީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރެވިދާނެ ގޮތާ ބެހޭ ގޮތުން މި އަހަރުގެ ޖެނުއަރީ މަހު ޕްރޮފެސަރު ހަސަން އުގެއިލް، އޭނާގެ އަމިއްލަ ދިރާސާ އާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް ލިއުއްވި ފޮތް "ސިއްހީ ހަދިޔާ"ގެ ބައެއް ބައިތަކެވެ. މި ފޮތް ނެރުނީ ސޮނީ ހާޑުވެއާގެ ހެޔޮ އެދުންތަކާ އެކު އެވެ. ކޮންމެ އަންގާރަ އަދި ބުރާސްފަތީގައި މި ބައިތައް ޖަހަމުން ދާނެ އެވެ.

ހަމަ ނިދި ހޯދުމަކީ ހަށިގަނޑަށް މުހިންމު ކަމެއް

ހަސަން އުގެއިލް

30 ޖޫން 2016 - 08:07

2 comments

އާންމު ގޮތެއްގައި ގިނަ މީހުންގެ މުޅި ދިރިއުޅުމުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ގިނަ ވަގުތު ހޭދަކުރަނީ ނިދުމުގަ އެވެ. މީގެ މާނައަކީ އުމުރުން 90 އަހަރު ވަންދެން ދުނިޔޭގައި އުޅެފައިވާ މީހެއް ނަމަ، އޭގެ ތެރެއިން 32 އަހަރު އޭނާ އެ ހޭދަކުރީ ނިދުމުގަ އެވެ. އެހެންކަމުން ނިދުމަކީ އިންސާނަކަށް ކިހާ މުހިއްމު ކަމެއްކަން އިހުސާސް ކުރެވޭނެ އެވެ.

އެކަމަކު އެގޮތަށް ނުވިސްނޭ މީހަކަށް ނިދުމަކީ ބޭކާރު ގޮތުގައި ވަގުތުތަކެއް ހޭދަކުރުމޭ އިހުސާސްވުން އެކަށީގެންވެ އެވެ. ސުވާލަކީ އެއީ ބޭކާރުކުރެވޭ ވަގުތުތަކެއް ހެއްޔެވެ؟

އެއްވެސް އިންސާނަކަށް ނުނިދާ ހުރުން ކުޅަދާނައެއް ނޫނެވެ. ނުނިދާ ހޭލާ ހުންނަން ޖެހޭ ކަހަލަ ކަމެއް މަދު ފަހަރަކު ކުރިމަތިވެދާނެ އެވެ. އެކަމަކު އާންމު ހާލަތްތަކުގައި ކިތަންމެ މުހިއްމު ކަމެއް ކުރަން ހުއްޓަސް އިސްކަން ދެވެނީ ނިދާށެވެ. ނިދުމާ މެދު ގިނަ ފަހަރަށް ފިކުރުކުރާކަން ވެސް ނުޖެހެ އެވެ. މިހެން ދެންނެވި ނަމަވެސް ފިކުރު ބޮޑުވާ ހާލަތްތަކުގައި ނިދަން އެހާ ފަސޭހަނުވެދާނެ އެވެ.

ދުނިޔެއަށް އައިސްފައިވާ ބަދަލާ އެކު މީގެ ޒަމާންތަކެއް ކުރިއާ ޚިލާފަށް، އިންސާނުންގެ ނިދުމުގެ ވައްޓަފާޅިއަށް ވެސް ވަނީ ނޭދެވޭ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.

މީގެ ގާތްގަނޑަކަށް 400 އަހަރު ފަހަތަށް ބަލާލަމާ ހިނގާށެވެ. އޭރު ވެސް ބައެއް މީހުންނަށް ވިސްނިފައި އޮތީ ނިދުމަކީ ތިމާގެ ހަޔާތުން ބޭކާރުކުރެވޭ މުހިއްމު ވަގުތުތަކެއްގެ ގޮތުގަ އެވެ. ހަމައެހެންމެ، 1980 ގެ އަހަރުތަކަށް ބަލައިލިޔަސް ކަން އޮތީ އެހެންނެވެ.

މިސާލަކަށް 20 ވަނަ ގަރުނުގެ ތެރޭގައި އޭރުގެ މިކަމުގެ މާހިރުންނަށް ވެސް ގަބޫލުކުރެވިފައި އޮތީ ނިދުމަކީ ކުރިމަތިވާ ބައްޔެއްގެ ގޮތުގަ އެވެ. ނިދި ކޮންޓްރޯލް ކުރެވޭނެ ގޮތްތައް ހޯދަން ބައެއް ފަރާތްތަކުން މަސައްކަތް ވެސް ކުރި އެވެ. ނަމަވެސް ނިދުމަކީ ބައްޔެއް ކަމަށް ބުނުމަކީ ފާޑެއްގެ ޖޯކެއް ނޫން ބާއޭ އަޅުގަނޑުގެ ހިތަށް އަރަ އެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ ނިދުމާ އިންސާނާ ދުރުކުރެވޭނެ ގޮތެއް ހޯދަން އެ ފަރާތްތަކުން އޭރު މަސައްކަތް ކުރީ ކީއްވެގެން ބާވަ އެވެ؟ މީގެ ޖަވާބު ވަރަށް ވެސް ކުރެވެ. ނިދުމަކީ ކިހާ މުހިއްމު ކަމެއްކަން އޭރުގެ ސައިންސްވެރިންނަށް ވިސްނިފައި ނެތުމެވެ.

އޭރު އެ މީހުންނަށް ގަބޫލުކުރެވުނީ ނިދުމުގައި ހޭދަކުރަނީ ދިރިއުޅުން ކުރިއަރުވަން އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ނުކުރެވި ބޭކާރުކުރެވޭ ވަގުތުތަކެއްގެ ގޮތުގަ އެވެ. ނިދާއިރު ކައިބޯ ހަދާކަށް ނުޖެހެ އެވެ. އެހެންކަމުން އެއީ ހަމަ ހަގީގަތުގައި ވެސް މީހާގެ އުމުރުން ބޭކާރުވާ ވަގުތުތަކެއް ބާވަ އެވެ؟ މި ސުވާލުގެ ޖަވާބު މި ޒަމާނުގެ ސައިންސްވެރިން ވަނީ ވަރަށް ފުރިހަމަ އަށް ހޯދައިފަ އެވެ.

މާލެ:6 ޖޫން 2016، ލޯކަލް މާރުކޭޓު ސަރަހައްދުގައި މީހަކު މަސް ޓައްޕުތަކެއް ހިފައިގެން ދަނީ. މިރޯދަމަހާ ދިމާކޮށް،ވަކި ގަޑިތަކެއްގައި ބައެއް މަގުތަކަށް ދުއްވާ އެއްޗެހި ވެއްދުން ފުލުހުން ވަނީ މަނާކޮށްފައި--. ފޮޓޯ:ނިޝާން އަލީ/ މިހާރު

ފެންނަ ފެނުމަށް ބިނާކޮށް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ނިދާ ވަގުތުތަކުގައި އަޅުގަނޑުމެން މާ ބޮޑު ކަމެއް ނުކުރާ ކަމެވެ. ތެދެކެވެ. ފެންނަ ފެނުމަށް ހީވާނީ އެހެންނެވެ. ނަމަވެސް ހަގީގަތަކީ ނިދަން ހޭދަކުރާ ވަގުތުތަކުގައި މީހާގެ ސިކުނޑީގެ ވަކި ބައިތަކެއް، އެމީހާ ނުނިދާ ހުންނަ ވަގުތުތަކުގައި ކުރާ މިންވަރަށް ވުރެ އިތުރަށް މަސައްކަތް ކުރާ ކަމެވެ.

ނިދަން ޖެހެނީ ކީއްވެ؟

ދުވާލުގެ ބުރަ މަސައްކަތުގައި ހަށިގަނޑުން އުނިވާ ހަކަތަ އިއާދަކޮށްދެނީ، އާންމު ގޮތެއްގައި، ރޭގަނޑު ނިދާ ވަގުތުތަކުގަ އެވެ. އެހެންކަމުން ފުރަތަމަ ވެސް އެކަމަށް ބަލައިލާނަމެވެ. ދުވާލު ގަޑީގައި ހަށިގަނޑުން ބޭރުވާ ހަކަތަ އާއި ކެވޭ ކާނާއިން ހަށިގަނޑުގައި އިތުރު ހަކަތަ އުފައްދައިދެނީ ރޭގަނޑު ނިދާ ވަގުތުގަ އެވެ.

ދެވަނަ ކަމަކީ، މީހާގެ ހަށިގަނޑުން އިތުރަށް ހަކަތަ އުފައްދައި ހަށިގަނޑުގައި ވަރުޖެއްސުމެވެ. އާންމު ގޮތެއްގައި ނިދާ ގަޑީގައި މީހާގެ ހަށިގަނޑުން ކެލެރީ ނުވަތަ ހަކަތަ އަންދާ މިންވަރު ދަށްވާނެ އެވެ. ރޭގަނޑުގެ ނިދާ ވަގުތު މީހާގެ ގައިން 110 ކެލެރީ ރައްކާކޮށްދެވެ އެވެ. މިއީ އާދައިގެ ބަނަހަކުން ކެލެރީ ލިއްބައިދޭ މިންވަރެވެ.

ތިން ވަނަ ކަމަކީ، ނިދާ ގަޑީގައި، ހޭލާ ހުންނަ ވަގުތަށް ވުރެ ސިކުނޑީގެ މަސައްކަތް ހަލުވިވެ، ސިކުނޑީގައި މައުލޫމާތު ރައްކާކުރުމުގެ މަސައްކަތް ކުރިއަށް ދިއުމެވެ. މިސާލަކަށް، ހަމަ ނިދި ނުލިބި ނުވަތަ ނުނިދާ ހޭލާ ހުރެ އެއްޗެއް ދަސްކުރަން މަސައްކަތް ކޮށްފި ނަމަ، ސިކުނޑިއަށް އެ އެއްޗެއް އެންމެ ފުރިހަމައަށް ނަގައިގަންނަން ދަތިވެ އެވެ. އަދި ސިކުނޑިއަށް އެ އެއްޗެއް ނަގައިގަތް ކަމަށް ވިޔަސް، އެހާ ފަސޭހައިން ސިކުނޑީގައި ހަރުނުލާ ކަމަށްވެ އެވެ. ރޭގަނޑުގެ ނިދި ހަމަކުރުމަކީ މީހާގެ ވިސްނުން ތޫނުވުމާއި އުފެއްދުންތެރި މީހަކަށް ވާން ވަރަށް ބޮޑަށް އެހީވެދޭ ކަމެކެވެ.

އާންމު ގޮތެއްގައި ދުވާލު ގަޑީގައި ކުރާ މުހިއްމު ބޮޑެތި ކަންކަން، ނިދާ ގަޑީގައި ސިކުނޑީގައި ރައްކާކުރެވެ އެވެ. އެކަންކަން ގިނަ ދުވަސް ވަންދެން ހަނދާނުގައި ހަރުލާފައި ހުރުމަށް މަގުފަހިވެ އެވެ. ހަމަ އެހެންމެ ތިމާއަށް މުހިއްމު ނޫން ކަންކަމުގެ ހަނދާންތައް ނިދާ ގަޑީގައި ސިކުނޑިން ފޮހެލަދެ އެވެ.

ނިދުމަކީ ކިހާ މުހިއްމު ކަމެއްކަން މިހާރު ތިބާ އަށް ސިފަކުރެވޭނެ ކަމަށް އުންމީދުކުރަމެވެ. އަދި ނިދުމަކީ ތިމާ ބޭނުންވާ އިރަކުން ކުރެވޭ ކަމެއް ވެސް ނޫނެވެ. ބައެއް ފަހަރަށް ކިތަންމެ ނިދަން ބޭނުންވި ނަމަވެސް ސިކުނޑި އެކަމަށް ތަން ނުދޭ ފަހަރު ވެސް އާދެ އެވެ. މުހިއްމު ކަމެއް ދިމާވެގެން ނުނިދާ ހުންނަން މަޖުބޫރުވި ނަމަވެސް އެގޮތަށް ހުރެވޭނީ ވެސް ވަކި ވަރަކަށެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާއިޝާ

05 July 2016

ނިދުމަކީ ފާޑެއްގެ ކަމެއް. މަގޭ ފިރިމީހާ އަށް އެންމެ ދޮޅުގަޑީއިރު ނިދިލިބިއްޖިއްޔާ އުނދަގުލަކާ ނުލާ އެ ދުވަހު އެއްކޮށް އުޅެވޭ އިރު މަށަށް ފަސްގަޑީ އިރު ނިދި ނުލިބިއްޖިއްޔާ ވަރަށް އުނދަގޫވޭ ކިހާ ދެރަ . މަވެސް ބޭނުން ވަރަށް މަދުން ނިދައިގެން ފަތިސް ނަމާދަށް ތެދުވާ ގޮތަށް ނިދިނައިސް މުލި ދުވާލު އުޅެން.. ކިހިނެއްތަ މިވަނީ ؟؟؟

The name is already taken The name is available. Register?

ސުވާލު

04 July 2016

ދެންކީއްވެތޯ ދުނިޔޭގެ ވަރުގަދަ ސަހުސިއްޔަތުތައް ނިދާމިންވަރު އެހާމަދުވަނީ . ޑޮކްޓަރ ޒާކިރުނައިކް ، ބަރަކު އޮބާ އަދިވެސް ..... އުގޭލް ޖަވާބެއް ދީބަ ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454