ވެމްކޯގެ ކުނި އުކާމީހުން މަސައްކަތުގައި: ރަޖިސްޓްރީނުކޮށް މިހާރު ކުނި ނޫކޭނެ: މިހާރު ފޮޓޯ: ހުސެން ވަހީދު
14 ސެޕްޓެމްބަރ 2017 - 12:52
ރަޖިސްޓްރީ ނުކޮށާއި ވެމްކޯ މެދުވެރިކޮށް އަދި އަމިއްލަ އަށް ކުނި އުކާ ފަރާތްތައް ދެނެގަތުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މާލޭގެ ހުރިހާ ގެއަކަށް ޒިޔާރަތް ކުރަން ނިންމައިފި އެވެ.
ރަޖިސްޓްރީ ނުކޮށް ކުނިއުކުން މިދިޔަ މަހު އެކަކުން ފެށިގެން މަނާކޮށްފައިވާ އިރު، ވެމްކޯ މެދުވެރިކޮށް ކުނި އުކަން މިހާތަނަށް 17،180 ގޭބިސީއަކުން އެ ކުންފުނީގައި ރަޖިސްޓްރީ ކޮށްފައިވެ އެވެ. އަދި އަމިއްލަ އަށް ކުނި އުކާލަން 1100 އަށް ވުރެ ގިނަ ގޭބިސީން ވަނީ ރަޖިސްޓްރީކޮށްފަ އެވެ. މާލޭގައި 27،000 ގޭބިސީ ހުންނައިރު، ރަޖިސްޓްރީކޮށްގެން އަދި ނުކޮށް ކުނި އުކާ މީހުން ދެނެގަތުމަށް، މި މަހުގެ ތެރޭގައި މި ސާވޭ ފަށާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ވެމްކޯގެ އޮފިޝަލަކު ވިދާޅުވީ އެތަނުގެ މަގްސަދަކީ ވެމްކޯގައި ރަޖިސްޓްރީ ކުރުވައިގެން ކުނި އުކުން ނޫން ކަމަށާއި އެކަން ވަކި ސިސްޓަމެއްގެ ތެރެއަށް ވެއްދުން ކަމަށެވެ.
"އަޅުގަނޑުމެންގެ މައްސަލައެއް ނެތް ރަޖިސްޓްރީކޮށްގެން އަމިއްލައަށް ކުނި އުކިޔަސް. ބައެއް ގެތަކުން ބޭނުންވޭ ގޭގައި ހުންނަ ކުނިކޮޅު އެ މީހުން އަމިއްލައަށް އުކާލަން. އެކަމަކު ގެތަކުން މިކަން ކުރާގޮތް އެނގުނީމައި، ސިސްޓަމްގެ ތެރޭގައި އެގޮތް ހިމަނަން އެނގޭނީ،" އޮފިޝަލް ވިދާޅުވި އެވެ.
ރަޖިސްޓްރީ ނުކޮށް ކުނި އުކާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ވެމްކޯއިން ވަނީ ނިންމާފަ އެވެ. މި ފިޔަވަޅު އަޅަނީ އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފައިވާ އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދުގެ ދަށުންނެވެ.
މި ގަވާއިދާ ހިލާފުވާ ފަރާތްތައް 750ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
ވެމްކޯ އިން ބުނި ގޮތުގައި މިިދިޔަ މަހު އެ ކުންފުނިން ފެށި ކުނި އުކުމުގެ ހިދުމަތާ މެދު އާއްމުންގެ ޝަކުވާ ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އެކަމަކު ގަވައިދުން ކުނި ބަލާ ނުދާ ކަމަށް ބުނެ އާންމުން އަދިވެސް ޝަކުވާ ކުރެ އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމެއްގައި އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޝިފާއު ވިދާޅުވީ މިހާރު ކުނި ނުނެގި ދަނީ ދުވާލެއްގެ މައްޗަށް 100 ވަރަކަށް ގެއިން ކަމަށެވެ. ނަމަވެސް އެކަން ހައްލުކުރަން ގޮތްތަކެއް ރާވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާފިއު ވިދާޅުވި ގޮތުގައި މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުނި ބަލައި ދާއިރު ގޭގެއަށް ވަންނަން ދިމާވާ ދަތިތަކާއި ކަސްޓަމަރުންނާ ބައްދަލު ނުވުމެވެ.
ކުރިމަގުގައި ރޭގަނޑު 11:00 ގެ ކުރިން ހުރިހާ ގޭބިސީއަކަށް ކުނި ބަލައި ދާނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ވެމްކޯ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
15 September 2017
ކުނިއުކާލުމުގައި މައްސަލައެއްނެއް އެކަމަކު ދެނެގަތުމަށް ވެމްކޯއިން ބެލުން އެއީ މައްސަލައެއްނޫން، އަހަރުމެން އުފާވޭ ދިވެހިކުދިން އެކަން ކުރާތީ، އަދި ކުރަނީވެސް ހަމަ ރަނގަޅަށް، އެކަމަކު އެކުދިންގެ އަތަށް އަންގިދީފައި، ތަންކޮޅެއް އަލިކުލައިގެ ޔުނިފޯމެއް ދިނުން މުހިންމު، ނުވަތަ ޓްރަފިކް އަށް ދިއްލޭކަހަލަ ޔުނިފޯމެއް ލައިގެން ތިބޭނަމަ ރޭގަނޑުގެ ވަގުތުގައި ކުނިއަޅާ ޑަސްބިން ހިފައިގެން އުޅޭއިދު ދުރުންވެސް ވެހިކަލްތަކަށް އެމީހުންގެ ހަރަކާތްތަށް ފެންނާނެ، އެކުދިންގެ މަސައްކަތް ހަމަ ބަރާބަރު، އަދިވެސް އެފިޝެންޓްކުރުމަށް ކުރެވިދާނެ ކަންކަން ހުންނާނެ، މަޑުމަޑުން ބަލައިގަނެ ރަނގަޅުވާނެކަމަށް އުއްމީދުކުރަނީ
ހަސނު
15 September 2017
ކުނިބަލާ ދެދުވަހުން އެއްދުވަހުވެސް ނާދޭ. މާލޭގެ ބަލާލި ކޮންމެ ދިމާލަކުން މިހާރު ފެންނަނީ ކުނި ކޮތަޅުތައް. ކުނިއުކަން އެއް ކުންފުނި އޮންނާތީވެ ވާގޮތް. ކުރީގަ ކުނިއުކި ގޮތް މިއައްވުރެ ރަނގަޅުވެފަ އަގުހެޔޮ
ހުޅުމާލެ މީހާ
14 September 2017
ވެމްކޯއިން ކުރަނީ ވަރައްރަނގަޅު ކަމެއް. އަސްލު ބަންގާޅީން އަހަރެމެންގެ އެންމެކުދިކުދި ކަންތައް ކޮށްދޭ ހިސާބައް ކަންތައް ދިޔައީމަ އެމީހުންނައް ބަރޯސާވާން ޖެހެނީ.
ޝާއިރާ
14 September 2017
ބައްޔެއްތާ. ކަލޭމެން ތިއުޅެނީ ކުނި ނަގަން ދާން ޖެހޭ ގޭގެތަކަށް ބަރާބަރަށް ކުނި ބަލާ ނުދެވިގެން. އެވަރުންވެސް ދެންތިބި މީހުން ހަދަނީ ކޯއްޗެއްތޯ ބަލަން ތަ ތިޔަ އުޅެނީ. މީހަކު މޮޔަވެދާނެ. ކަލޭމެންގެ ކުދިން މާސްކު އަޅުވާފަ ކުނިބަލާ ފޮނުވަބަލަ. އެކުދިން އެ އުފުލަނީ ވަރަހަށް ހެލްތް ހެޒާޑަސް ކުނި. ވަރަށް ސަލާމް
ބައްޔެއްނޫން
14 September 2017
ކޮންމެ ކަމެއްވެސް އަލަށް ފަށައިގަންނަ އިރު އެކަހަލަ ސާރވޭ ކުރުން އެއީ ޚިދްމަތް ވަރަށް ހަރުދަނާވާނެ ކަމެއް. އެކަހަލަ ސާރވޭއެއް ކުރުމަކީ ކުނި ބަލާ ނުދާ މައްސަލަ ހައްލުކުރަން އެޅޭ ހުރަހެއް ނޫން. އެކަމަށް ވެވޭ އެހީއެއް. ޚިދްމަތެއް އެންމެ ފުރިހަމަކޮށް ދޭން ބޭނުންނަމަ ޚިދްމަތް އަލަށް ދޭން ފަށާތާ ކުރީކޮޅު ސަރވޭކުރުމަކީ ވަރަށް މުހިއްމުކަމެއް. ވެމްކޯއިން ކުރާ ބުރަ މަސައްކަތަށް ސާބަސް ހައްގު.