އަލީ ނަސީރު:
18 ސެޕްޓެމްބަރ 2017 - 15:18
ރާއްޖޭން އދ.ގައި ދޭ ވޯޓަށާއި ބުނާނެ ބަހަކަށް އެހެން ގައުމަކަށް ނުފޫޒު ނުފޯރުވޭނެ ކަމަށް އެ ޖަމާއަތަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، އަލީ ނަސީރު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުގައި ހިންގަމުންދާ ގަތުލު އާންމުތަކާއި އެފަދަ ލާއިންސާނީ އަމަލްތައް ހުއްޓުވުމުގެ ބަހުސް އދ. ގެ ޖެނެރަލް އެސެމްބުލީގެ އެޖެންޑާއަށް ލުމާ މެދު ނެގި ވޯޓުގައި ރާއްޖޭން ބައިވެރިނުވީ، ހާރިޖީ ސިޔާސަތު ވިކިފައިވާތީ ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ނަސީރު ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އދ.ގެ މަޖިލީހުގައި ބުނަން ޖެހޭ އެއްޗެއް ބުނާށާއި ކުރަން ޖެހޭ އެއްވެސް ކަމެއް ކުރަން ރާއްޖޭން ފަސްނުޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އުސޫލުތައް ދުނިޔޭގެ ގައުމުތަކަށް ވަރަށް ސާފުވެފައި ހާމަކަން ބޮޑެވެ. އެހެންކަމުން އދ.ގައި ރާއްޖެ އިން ދޭ ވޯޓަކަށް އެހެން ގައުމަކަށް ނުފޫޒު ނުފޯރުވޭނެ ކަމަށް ވިދާޅުވި އެވެ.
އެކަމަކު މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސިފައިން ހިންގަމުން އަންނަ ލާއިންސާނީ އަނިޔާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެފަދަ ވޯޓެއްގައި ރާއްޖެ އިން ބައިވެރިނުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބޭރު ގައުމުތަކަށް ވިއްކާލެވިފައިވާ ކަމަށް ބުނެ އެތައް ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ނަސީރު ވިދާޅުވީ އދ.ގެ ޖެނެރަލް އެސެމްބްލީގައި ނެގީ ރޮހިންޖާ މުސްލިމުންނާ ގުޅޭ ވޯޓެއް ނޫން ކަމަށެވެ. އަދި ރޮހިންޖާ މުސްލިމުންގެ ހައްގުގައި ދިވެހި ސަރުކާރުން އަބަދުވެސް އަންނަނީ އދ. ގައި އަޑުއުފުލަމުން ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރޮހިންޖާ މުސްލިމުންނަށް ކުރާ އަނިޔާތައް ދުނިޔޭގެ ސަމާލުކަމަށް އައިތާ މިވީ ދެތިން މަސް ތެރޭގައި، އދ. ގައި ރާއްޖެއަށް ލިބުނު ކޮންމެ ފުރުސަތެއްގައި އެމީހުންގެ ހައްގުގައި އަޑުއުފުލާފައިވާނެ އެވެ. އަދި އޮކްޓޯބަރު 27 ގައި އދ. ގައި ރޮހިންޖާ މުސްލިމުންގެ ހައްގުތަކާ މެދު އޮންނަ ބަހުސްގައި ރާއްޖެ އިން ބައިވެރިވެ އަޑުއުފުލާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައިނަލްއަގްވާމީ މަސްރަހުގައި ރާއްޖޭން ކުރަމުން އަންނަ މަސައްކަތްތަކަށް އެހެން ގައުމުތަކުގެ އިހްތިރާމް ލިބޭ ކަމަށެވެ.
"އދ. މަޖިލީހުގައި ބުނަން ޖެހޭ އެއްޗެއް ބުނުމަށް އަދި ކުރަން ޖެހޭ އެއްވެސް ކަމެއް ކުރުމަށް ރާއްޖެއަކުން ފަހެއް ނުޖެހޭނެ އެވެ،" ޕީއެސްއެމް އަށް ނަސީރު ދެއްވި އިންޓަވިއުގެ މައްޗަށް ބިނާކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުހުތާނު
19 September 2017
ހަމަ މިހެން ނުފޫޒެއް ނެތި ގަތަރާއި އީރާނާއި ގުޅުން ކަނޑާލީވެސް. އެ ގައުމުތަކުން ރާއްޖެއާ ދެކޮޅުވީމަ.
އޭނަ މީނަ އައްޑޫ ސިޓީ
19 September 2017
އެހެން ވީމާ ވޯޓު ނުދިނީ ހަމަ ގަސްތުގައިތާ!!
އަލީ ނަސީރު
19 September 2017
ދެން ކޮންކަމެއް ވެގެންތަ ވޯޓު ނުދިނީ؟ ނޭނގުނީތަ ހަދަންވީގޮތް؟ ގަމާރީތަ މިނައްވުރެ؟
ހޭކެނޑޭ
19 September 2017
މިވެރިން ދައްކާ ވާހަކަތައް އަނޑު އަހާނީ ޗައިނާގެ ރައްޔިތުން. ދިވެހި އެއްވެސް ދަރިއެއް މިވެރިން ދައްކާ ވާހަކަ ތަކެއް އަނޑެއް ނާހާނެ. ސަބަބަކީ ހިސާބަށްވުރެ މަކަރާއި އަޅުވާލުންތައް ހުރީމާ. ގެއްލިފައިވާ އިތުބާރެއް ދެނެއް ނުހޯދޭނެ.
ޕޮކަންޑިމޭން
19 September 2017
މިއީ ނަޝީދު މޫދުއަޑީގައި ހިންގި ކަހަލަ ގޮނޑިކޮއްކޮ ސަރުކާރެއް ނޫން. ދުނިޔޭގެ ނިސްބަތުންވެސް އެންމެ ގަޓް ސަރުކާރު. ދިވެހިރާއްޖެ އޮތް ކަނޑުގެ ނަމަކަށް "އިންޑިއާ ކަނޑު" ކިޔާތީ ނަޝީދުއަށް ހީވެފައި އޮތީ އަހަރެމެންނަކީ އިންޑިއާ ސަރުކާރުގެ އަޅުންނޭ. އަދި ޤަރުނެއް ކުރިން އިނގިރޭސިން ރާއްޖެ އިސްތިއުމާރު ކޮށްގެން އުޅުނީއޭ ކިޔާފަ ނަޝީދުއަށް ބަހެއް އަދި ކަމެއް ކުރެވޭ ވަރެއްނުވޭ އިނގިރޭސިން ކައިރީގައި އަހާ އެމީހުން ހިތްޕުޅާވޭތޯ ބަލާފަ ނޫނިއްޔާ. މިއީ އެދުވަހެއް އެޤައުމެއް އެސަރުކާރެއް ނޫން.
ނަގޫރޯޅި
18 September 2017
ހީލަތްތެރިކަން ބޮޑުވީމަ ސާހިދުމެންކަހަލަމީހުން މިކަހަލަ ކޮންމެ ޓޮވީޓެއްލިޔާނީ ދިވެހިބަހުން އޭރުންތާ އެއްކަލަގުރޫޕައް އަދި މިކިޔަނީ ކޯޗެއްކަންނޭގޭނީ، އަނެއްކޮޅުން ސާހިދުމެންވެސް ޗައިނާގެ އެހީނުލާހިކުބޭނުންވޭވިއްޔަ.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
18 September 2017
ޔާމީން އަބުދުލް ޤައްޔޫމް އޭނާގެ ނައިބް ގެ ގޮތުގައި ކަޑައެޅިމީހާ އެމްއެމްޕީއާރުސީ ތެރެއިންނާއި އެހެނިހެން ގޮތް ގޮތުން ވެސް ވައްކަން ކުރަމުންދާކަމަށް ޝެއިޙް އިމްރާން ޔާމީން އަށް ދެންނެވުމުން ޔާމީން ވިދާޅުވީ "އެއީ ހާލިދު ބިން ވަލީދު ފަދަ ބޭފުޅެއް" ކަމަށް. . . . . މަޝްހޫރު ޓީވީ ޗެނަލް އަލް ޖަޒީރާ އިން ދެއްކި ސްޓީލިންގ ޕެރަޑައިސް ގައި ބުނާ "ކަޅުފައިސާ" ރާއްޖޭގެ މަރުކަޒީ ބޭންކަށް ވެެއްދި ކަމަށް ބުނެ ސުވާލު ކުރުމުން އޭރުގެ ޤަވަރު ނަރަކަށް ހުރިމީހާ ވެސް ދެއްވީ ހަމަ އެއްކަހަކަ ޖަވާބެެއް.
އަތްފުނާ
18 September 2017
''' ރާއްޖޭން އދ.ގައި ދޭ ވޯޓަށާއި ބުނާނެ ބަހަކަށް އެހެން ގައުމަކަށް ނުފޫޒު ނުފޯރުވޭނެ ''' ތާއިދުކުރަން.އެކަމަކު ވޯޓަށް ހާޒިރު ނުވި ސަބަބެއް ރައްޔިތުންނަށް ބުނެދޭންޖެހޭނެ އެހެން ނޫނީއްޔާ ހަމަ ރަނގަޅަށްވެސް ތިހިރީ ގައުމުތަކަކަށް އަޅުވެތިވެވިފައި.
ގޮހޮޑާ
19 September 2017
ނުފޫޒެއް ނުފޯރުވޭކަން ޔަގީންތާ އަދި ކިޔެއްތަ ގަމާރުންނަށް މިވީ އަހަރުމެން
އިބުރޭ
18 September 2017
ހަމަ ތިހެން ބުނޭ މިތާ ބަންޑާރަ ނައިބުވެސް، ނުފޫޒެއްވާ ނުފޯރުވާ...
ހަމަހޭ
18 September 2017
ތިޔަކަން ނޭގިތިއޮތީ ހަމައެކަނި މަނިކުފާނައް. ހުރިހާ ދިވެހި ރައިއްޔަތުންނައް އެގޭ މަނިކުފާނުގެ ދޫފުޅުން ވިދާޅުވެވޭ ބަސްފުޅަކީ މިހާރު މުޅިން އެހެން މީހެއްގެ އިޚްތިޔާރާ ބާރުގެ ދަށުގައިވާކަމެއްކަން.
އޭނަ މީނަ އައްޑޫ ސިޓީ
19 September 2017
އެހެން ވާނެތާ އަމިއްލަ ނަފްސު ވެސް ތިޔަވަނީ ބޮޑު މަޤާމެއްގެ ދަށުވެ ފިތިފައި ވިއްޔާ. އެހެން ކަމާއެކު ތިމާގެ އަމިއްލަ ދުލަށްވެސް ތިމާގެ އަމިއްލަ ބާރެއް ނުފޯރުވޭ ހިސާބަށް ނިކަމެތި އަޅުވެތިވެފައި މި ވަނީ.