ވަކީލުންތަކެއް ގުޅިވަޑައިގެން ކުރިން ބޭއްވި ކޮންފަރެންސެއް. - ފޮޓޯ: މިހާރު
26 ސެޕްޓެމްބަރ 2017 - 16:33
ޝަރުއީ ދާއިރާއާ މެދު ކަންބޮޑުވުން ފާޅުކޮށް، ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅި މައްސަލައިގައި ސަސްޕެންޑްކުރި ވަކީލުންގެ ސަސްޕެންޝަން އުވާލަން އިންޑިއާގެ ބާ އެސޯސިއޭޝަނުން ގޮވާލައިފި އެވެ.
ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ މިނިވަން ކަމަށް ހުރަސް އެޅޭ ގޮތަށް ޣައިރު ގާނޫނީ ގޮތެއްގައި އެއްވުމާއި ޣައިރު ގާނޫނީ ލިޔުމެއްގައި ސޮއިކުރި ކަމަށް ބުނެ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 54 ވަކީލަކު ސަސްޕެންޑް ކުރި އެވެ. އޭގެ ތެރެއިން 13 ވަކީލެއްގެ މައްސަލަ ބެލުމަށް ފަހު، ޑީޖޭއޭ އިން ވަނީ އެ ވަކީލުންގެ ސަސްޕެންޝަން އުވާލައި، ކޯޓުތަކުގައި ވަކާލާތު ކުރެވޭނެ ކަމަށް އަންގައިފަ އެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮންނަ ހަމައެކަނި ވަކީލުން ހިމެނޭ ބާ އެސޯސިއޭޝަނުން ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ފޮނުއްވި ސިޓީގައި ބުނީ ސަސްޕެންޑް ކުރި ވަކީލުން ފާހަގަކޮށްފައިވަނީ ޝަރުއީ ދާއިރާގައި ހުރި ސީރިއަސް މައްސަލަތަކެއް ކަމަށެވެ. އެހެންވެ، އުއްތަމަ ފަނޑިޔާރު އެކަމާ ވިސްނަވަން ވާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އެ ސިޓީގައި ބުނި ގޮތުގައި ސަސްޕެންޑް ކުރި ވަކީލުންނަކީ ހަމައެކަނި ވަކީލުންގެ ގޮތުގައި މަސައްކަތް ކުރައްވާ ބައެއް ނޫނެވެ. އެއީ ފަނޑިޔާރުންނާއި ކްލައިންޓުންގެ ދިފާއުގައި މަސައްކަތް ކުރައްވާ ބައެއް ކަމަށާއި ރާއްޖޭގެ ތިން ބައިކުޅަ އެއްބައި ވަކީލުން އެއް ވާހަކައެއް ދެއްކެވީމަ، އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް ބާ އެސޯސިއޭޝަންގެ ސިޓީގައިވެ އެވެ.
އެހެންވެ، ބާ އެސޯސިއޭޝަނުން ވަނީ ސުޕްރީމް ކޯޓުން އިސް ނަގައިގެން މި މައްސަލަތައް ސީރިއަސް ކަމާއެކު ބެލުމަށް ގޮވާލައިފަ އެވެ. އަދި ވަކީލުންގެ ހައްގުތައް ހިމާޔަތް ކޮށްދިނުމަށާއި މި މައްސަލައިގައި އެކަށީގެންވާ ރަނގަޅު ފިޔަވަޅުތަކެއް އެޅުމަށް ވެސް ގޮވާލައިފަ އެވެ.
ވަކީލުންގެ ސަސްޕެންޝަން އުވާލުމަށް އެދި ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ހިމެނިވަޑައިގަންނަވާ ގޮތަށް 34 ވަކީލުން ވަނީ ސުޕްރީމް ކޯޓަށް ސިޓީއެއް ހުށަހަޅައިފަ އެވެ.
ފާއިޒުގެ އިތުރުން ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާއި ޚާއްސަ މަޖިލީހުުގެ ނައިބު ރައީސް އަދި މަޝްހޫރު ވަކީލު ޝާހީން ހަމީދު ވެސް ވަނީ ސަސްޕެންޑްކުރި ވަކީލުންގެ ހައްގުގައި އެ ސިޓީގައި ސޮއި ކުރައްވައިފަ އެވެ.
ސަސްޕެންޑް ކުރި މަޝްހޫރު ވަކީލުންގެ ތެރޭގައި ހުސްނުއް ސުއޫދު، މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އަދި ހިސާން ހުސެއިންގެ އިތުރުން ނާޒިމް އަބްދުއްސައްތާރާއި އިބްރާހިމް ރިއްފަތާއި މަހްފޫޒު ސައީދާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރާއި އަބްދުﷲ ހަސީނާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ހިމެނިވަޑައިގަންނަވަ އެވެ.
މީގެ ތެރެއިން ގިނަ ވަކީލުންނަކީ ސިޔާސީ ބޮޑެތި ބޭފުޅުންގެ މައްސަލަތަކުގައި ވަކާލާތު ކުރެއްވި، އަދި މިހާރު ވެސް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ. މި ސަސްޕެންޝަން ދެމިއޮތްހާ ހިނދަކު މިއިން އެއްވެސް ބޭފުޅަކަށް ކޯޓަށް ވަޑައިގެން ދެން ވަކާލާތެއް ނުކުރެއްވޭނެ އެވެ. މިއީ ރާއްޖޭގެ ގާނޫނީ ހަޔާތުގައި މިހާ ގިނަ ވަކީލުންތަކެއް އެއްފަހަރާ ސަސްޕެންޑްކުރި ފުރަތަމަ ފަހަރެވެ.
އެއްފަހަރާ ގިނަ އަދަދެއްގެ ވަކީލުން ސަސްޕެންޑް ކުރުމުން ބައިނަލްއަގްވާމީ ބައެއް ޖަމާއަތްތަކާއި އިދިކޮޅު ޕާޓީތަކުން ވެސް ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ. އެކަމަކު ވެރިކަން ކުރާ ޕީޕީއެމުން ވަނީ އެ ނިިންމުމަށް ތައުރީފްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަނަމަނަ
26 September 2017
އިންޑިއާގައިއުޅޭ ހުރިހާ ރޭޕްކުރާ މީހުންނާ ދެކޮޅަށް ތި އެސޯސިއޭޝަން ކިތަންމެ ބަލަސް, މަސައްކަތް ކުރުމަށް ގޮވާލަމޯ ބުނީ.
ގުރާ
26 September 2017
ޕީޕީއެމްއާ ޚިޔާލު އެއްގޮތް ޤައުމަކުން ބަޔާނެއް ނުނެރޭތަ ސަސްޕެންޝަނަށް ތައުރީފުކޮށްފައި؟ ސޫދާން، އެރިޓްރިއާ އަދި އިތިއޯޕިއާ ފަދަ ޤައުމަކުން؟
މަޒް
26 September 2017
އިންޑިއާގެ ހުރިހާ ވަކީލުން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރަން ނިންމައިފިން
އަަހަރެން
26 September 2017
ހާދަ ބާ ތަނެކޭދޯ