މިއަންމާ ސިފައިންގެ ސަބަބުން ރޮހިންޖާ ރެފިއުޖީންނަށް ވަނީ އެތައް އަނިޔާއެއް ލިބިފައި. --ފޮޓޯ:ރޮއިޓާސް
30 ސެޕްޓެމްބަރ 2017 - 14:27
ވޮޝިންޓަން (ސެޕްޓެމްބަރު 30) - މިއަންމާގެ އަސްކަރީ އޮފިޝަލުންނަށް ދައުވާ ކުރަން އެމެރިކާ އިން ގޮވާލައިފި އެވެ.
އދ. އަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ ސަފީރު ނިއްކީ ހޭލީ ތުހުމަތު ކުރެއްވި ގޮތުގައި މިއަންމާގެ ވެރިން ގެންދަނީ އެ ގައުމުގެ ބައިމަދު ނަސްލެއް ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ.
އެމެރިކާ ސަފީރު މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ރޮހިންޖާ މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހު ބާއްވާފައި ވަނިކޮށެވެ. އެކަމަކު އެ ބައްދަލުވުމުން މިއަންމާއާ ދެކޮޅަށް އެއްވެސް ގަރާރެއް ފާސްކޮށްފައެއް ނުވެ އެވެ. މިއީ 2009 ވަނަ އަހަރުގެ ފަހުން މިއަންމާއާ ބެހޭ ގޮތުން ސަލާމަތީ މަޖިލީހުން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.
ހޭލީ ވިދާޅުވީ މިއަންމާގެ ސަލާމަތީ ފަރާތްތަކުން ހިންގަމުންދާ ޖަރީމާތަކަށް އެ މީހުންނަށް އަދަބު ދިނުމަށް ވިސްނަން ޖެހޭ ކަމަށެވެ. މިއީ މިއަންމާގެ އަސްކަރީ ލީޑަރުންނަށް އަދަބު ދިނުމަށް އެމެރިކާ އިން ގޮވާލި ފުރަތަމަ ފަހަރެވެ. ނަމަވެސް މިއަންމާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާ ސަފީރު ގޮވާލައްވައިފައެއް ނުވެ އެވެ. މިއަންމާއާ ދެކޮޅަށް އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ސަސްޕެންޑް ކުރީ ރައީސް ބަރަކް އޮބާމާގެ ސަރުކާރުންނެވެ.
ހޭލީ ވިދާޅުވީ މިއަންމާގެ ރަކީން ސްޓޭޓުގައި އަނިޔާވެރި އަމަލުތައް ހިންގި ސިފައިން ވަޒީފާ އިން ވަކިކޮށް އެ މީހުންގެ މައްޗަށް ދައުވާ ކުރަން ޖެހޭނެ ކަމަށެވެ. އަދި އދ.ގެ އެހީދޭ އެޖެންސީތަކުގެ މީހުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މީހުން ރަކީން ސްޓޭޓަށް ވަނުމުގެ ހުއްދަދީ މިއަންމާ ދޫކޮށް ދިޔަ ރެފިއުޖީން އަނބުރާ އެ މީހުންގެ ވަޒަނަށް ދިއުމުގެ ފުރުސަތު ދިނުމަށް ވެސް ހޭލީ ގޮވާލެއްވި އެވެ.
ނޯބެލް ސުލްހައިގެ އިނާމު ހާސިލް ކުރައްވާފައިވާ އަން ސަން ސޫކީ އަށް އިޝާރާތް ކުރައްވާ ހޭލީ ވިދާޅުވީ ބަރުމާ (މިއަންމާ) އަށް ޑިމޮކްރެސީ ގެނައުމަށް ގުރުބާންވި ލީޑަރުން މިއަދު އެ ހިންގާ ޖަރީމާތަކާ މެދު ލަދުގަންނަން ޖެހޭނެ ކަމަށެވެ.
ރޮހިންޖާ މުސްލިމުންނަށް މިއަންމާ ސިފައިން އަނިޔާދޭ މައްސަލާގައި ބައިނަލްއަގުވާމީ ގޮތުން ފާޑުކިޔުންތައް އަމާޒުވި ނަމަވެސް ޗައިނާ އާއި ރަޝިޔާ އިން ވަނީ މިއަންމާގެ ހައްގުގައި ބަސް ބުނަން ފަށައިފަ އެވެ.
ޗައިނާގެ މަންދޫބު ވޫ ހައިޓާއޯ ވިދާޅުވީ މިއަންމާ ސަރުކާރަށް ކުރިމަތިވެފައިވާ އުނދަގޫތައް ބައިނަލްއަގުވާމީ މުޖްތަމައުން ގަބޫލް ކުރަން ޖެހޭނެ ކަމަށާއި ކެތްތެރިކަމާ އެކު ތިބެ އެ ގައުމަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. ރަޝިޔާގެ ސަފީރު ވަސިލީ ނެބެންޒިއާ ވިދާޅުވީ ރަކީންގައި ހަމަނުޖެހުން ހިންގާ، އަވަށްތަކުގައި ހުޅުޖަހަނީ ރޮހިންޖާ މީހުން ކަމަށެވެ. އޭނާ ވިދާޅުވީ މިއަންމާ ސަރުކާރަށް އިތުރަށް ޕްރެޝަރު ކުރުމުން ހާލަތު ހައްތަހާދާނީ ގޯސްވަމުން ކަމަށެވެ.
މިއަންމާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޔޫ ތައުންގް ޓުން ވިދާޅުވީ ރަކީން ސްޓޭޓުގައި ހިނގަނީ ދީނީ ކަމަކާ ގުޅިފައިވާ ކަމެއް ނޫން ކަމަށާއި އެއީ ޓެރަރިޒަމް ކަމަށެވެ. އަދި ހާލަތު އިތުރަށް ގޯސްވާނެ ފިޔަވަޅެއް ނޭޅުމަށް އޭނާ ވަނީ އދ.ގެ ސަލާމަތީ މަޖިލީހަށް ގޮވާލައިފަ އެވެ.
"ނަސްލެއް ނެތިކޮށްލުން އަދި ގަތުލްއާއްމެއް ވެސް މިއަންމާގައި ނުހިންގާ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާލީމާ
01 October 2017
ގޮވާލަންވީކީ ނޫން! އެކަން އެގޮތަށްކުރުވަންވީ! އާރާއި ބާރުހުރެ އެކަން ނުކޮށް ތިތިބެނީ އެކަމާ ތިމީހުންވެސް ހިތްހަމަޖެހޭތީ! މިހާރު ތިޔަދައްކަނީ ދަޅައެއް! -އިބްރާހީމް-
ސަޅިބައިސާ
01 October 2017
ތިއޮތީ ތިއަ ފީކުދާނު އޮތް ހާލަތު. ސިންގާއާއި މިނިކާވަގާއި ހިޔަޅާއި އެތިބީ އެކަތި އަނެކައްޗާ ދިމާ އިދިކޮޅަށް. ދެން މިޔަންމާގެ ވެރިން ހިތުހުރި ގޮތަކަށް އުޅޭނެއްނު. މުސްލިމު ވެރިންތިބީ އިޒްރޭލާއެކު ޑީލުހަދާ ނަގޫފިތިފަ.
ލާމޭ
30 September 2017
އެހެންވީމަ މިސަރުކާރުންވާނެ ޗައިނާއާ އޮންނަަގުޅުން އިތުރައް ވަރުގަދަކުރަން .. ދެންއަތްޖަހާ ބާރައްޖަހާތި..
ގެދާނޯމޮސް
30 September 2017
އެމެރިކާއިން އެވަނީ ބަނދެފައި އޮތް ކުށްތާއެއް މިއައްމާޔާ ގެ ސިފައިންނާ ދެކޮޅަށް ވައްވައް ޖެހުމަށް ބާއްވާފައެވެ.