ނަޕޯލީގެ ޖޯގީނިއޯ (ވ) އަތުން ބޯޅަ ހޯދަން އިންޓަގެ މިރާންޑާ މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
22 އޮކްޓޯބަރ 2017 - 10:03
ނޭޕްލްސް (އޮކްޓޯބަރު 22) – އިންޓަ އިން ރޭ ނަޕޯލީއާ ލަނޑެއް ނުޖެހި އެއްވަރުކޮށް، އެ ޓީމުގެ މޮޅުވުމުގެ ސިލްސިލާ އަށް ނިމުން ގެނެސްފި އެވެ.
ލީގުގައި އެންމެ ފުރަތަމަ ކުޅުނު އަށް މެޗުން މޮޅުވެފައިވާ ނަޕޯލީއާ ރޭ އިންޓަ އިން އެއްވަރުކުރީ ނަޕޯލީގެ ސްޓޭޑިއަމުގަ އެވެ. އެކަމަކު އަދިވެސް ނަޕޯލީ އޮތީ ދެ ޕޮއިންޓުގެ ލީޑަކާ އެކު ލީގުގެ އެއް ވަނައިގަ އެވެ. އެ ޓީމަށް 25 ޕޮއިންޓް ލިބިފައިވާއިރު އިންޓަ ދެ ވަނައިގައި އޮތީ 23 ޕޮއިންޓާ އެކު އެވެ. ޔުވެންޓަސް 19 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު މިރޭ އުދިނޭޒީ އަތުން މޮޅުވެގެން އިންޓައާ އެއް ޕޮއިންޓަށް ގާތްކުރެވޭނެ އެވެ. މިރޭ ކަލިއާރީއާ ދެކޮޅަށް ނުކުންނަ ލާޒިއޯ އޮތީ 19 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ހަތަރު ވަނައިގަ އެވެ.
ރޭގެ މެޗަކީ މި އަހަރުގެ ފެބްރުއަރީ މަހު އެޓަލާންޓާ އަތުން 2-0 އިން ބަލިވި ފަހުން ނަޕޯލީ އަށް ގޯލެއް ޖަހާ ނުލެވުނު ފުރަތަމަ މެޗެވެ. ރޭގެ މެޗުގައި އިންޓަގެ ގޯލްކީޕަރު ސާމިރު ހެންޑަނޮވިޗް ވަނީ މުހިއްމު ސޭވްތަކެއްކޮށްފަ އެވެ. އިންޓަގެ ބޯޖާ ވަލޭރޯގެ ހަމަލައެއް ނަޕޯލީގެ ގޯލްކީޕަރު ޕެޕޭ ރެއިނާ ސަލާމަތްކުރިއިރު މަޓިއަސް ވެސިނޯ ފޮނުވާލި ބޯޅައެއް ނަޕޯލީގެ ރައުލް އަލްބިއޮލް ވަނީ ގޯލް ރޮނގު މަތިން ސަލާމަތްކޮށްފަ އެވެ.
އިންޓަގެ ކޯޗު ލޫސިއާނޯ ސްޕެލެއްޓީ ބުނީ ވަރުގަދަ ނަޕޯލީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ ކަމަށާއި އެކަމަކު މި މެޗުން އިންޓަ އަށް މޮޅުވުމުގެ ފުރުސަތު އޮތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިދާން
23 October 2017
ނަޕޯލީގެ ހައްޤުމަޤާމަށް ވެއްޓޭކަށް މާގިނަދުވަހެއްނެތް، ޔުވެންޓަސް މޮޅުވީމަ އެވާހަކަ ޖަހާލަންވެސް ނުކެރުނީ މޭކަރާވަރުންތަ؟
ރަދީފް
22 October 2017
މަރުހަބާ އިންޓަ.މިމެޗް ޑްރޯވުން އެއީ ކުރިންވެސް ބޭނުންވި ގޮތް.އިރާދަކުރެވިޔާ މިރޭ ޔުވެންޓަސް މޮޅުވާނެ. #ފޯޒާޔުވޭ