އޭލެވެލް އިމްތިހާނުގައި މި އަހަރު އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހިމެނޭ ބައެއް ކުދިން ފޮޓޯއަކަށް ހުއްޓިގެން-- މިހާރު ފޮޓޯ
26 އޮކްޓޯބަރ 2017 - 14:15
މަތީ ސާނަވީ އިމްތިހާނުގައި އެންމެ މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް ދިނުމުގައި އަމަލުކުރަމުން އައި އުސޫލަށް ގެނައި ބަދަލާ މެދު ބައެއް ބެލެނިވެރިން ހިތްހަމަނުޖެހި ޝަކުވާ ކުރަން ފަށައިފި އެވެ.
ބޭނުން ގައުމަކުން ހިލޭ ކިޔެވުމުގެ ފުރުސަތު ދޭ މި ސްކޮލަޝިޕް ލިބޭނީ އޭލެވެލް އަދި އެސްއެސްއީ އިމްތިހާނުގައި ހުރިހާ މާއްދާއަކުން އޭ ޕްލަސް ހޯދާ ދަރިވަރުންނަށް ކަމަށް ކަނޑައަޅައި، މިދިޔަ މެއި 22ގައި ވަނީ އުސޫލެއް ގެޒެޓްކޮށްފަ އެވެ. ގެޒެޓުގައިވާ ގޮތުން ހަމަ އެ ދުވަހުން ފެށިގެން އެ އުސޫލަށް އަމަލު ކުރާނެ އެވެ.
އެކަމަކު ޖެހިގެން އައި ޖޫން 13ގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ސޮއި ކުރައްވައި، އާއްމުކޮށްފައިވާ އެހެން އުސޫލެއްގައި ބުނީ އެއަށް އަމަލު ކުރަން ފަށާނީ 15 ޖޫން އަށް ފަހުގައި ކަމަށާއި، އެ އުސޫލާ އެއްގޮތަށް ސްކޮލްޝިޕް ދޭނީ އޮކްޓޫބަރު އަދި ނޮވެމްބަރުގެ ސާނަވީ އިމްތިހާނުން ފެށިގެން ކަމަށެވެ.
ބެލެނިވެރިންގެ ކަންބޮޑުވުމަކަށް ވެފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން މި ގޮތަށް އުސޫލު އާއްމު ކުރުމަށް ފަހު، މެއި/ ޖޫންގެ އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ނަތީޖާ ވެސް އެންމެ ފުރަތަމަ އާއްމު ކުރި އުސޫލާ އެއްގޮތަށް ބަދަލު ކުރަން ނިންމުމެވެ.
"އަޅުގަނޑުގެ ދަރިފުޅު ބައެއް ޕޭޕަރުތައް ހެދި މި އަހަރުގެ ޖެނުއަރީ މަހުގައި ވެސް. އަދި މެއި މަހު އެ އުސޫލު ގެޒެޓްކުރިތާ މާގިނަ ދުވަހެއް ނުވެ، އިމްތިހާނު ފަށައިފި. އެ ދޭތެރޭގައި ލިބުނީ ވަރަށް މަދު ދުވަސްކޮޅެއް. އެހެންވެ، ދިވެއްސާއި އިސްލާމުން އޭ ޕްލަސް ހޯދަން އެ ކުދިންނަށް އެކްސްޓްރާ އެފާޓެއް ނުލެވުން،" މި އަހަރު މަތީ ސާނަވީ އިމްތިހާނު ހެދި ދަރިވަރެއްގެ މަންމަ ބުންޏެވެ.
އޭލެވެލް އިމްތިހާނުން އެންމެ މޮޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި ބައެއް ދަރިވަރުން ބައިވެރިވަނީ-- މިހާރު ފޮޓޯ
އޭނާ ބުނީ ހުރިހާ މާއްދާއަކުން ދަރިފުޅަށް އޭ ފާސް ލިބުނު ނަމަވެސް ރައީސްގެ ސްކޮލަޝިޕް ނުލިބުނީ ދިވެއްސާއި އިސްލާމުން އޭ ޕްލަސް ނުލިބުމުން ކަމަށެވެ. އަދި ސްކޮލަޝިޕް ނުލިބޭކަން އެނގުނީ ވެސް އެ ކޯހާ ގުޅޭ މައުލޫމާތު ހޯދަން މިނިސްޓްރީ އަށް ދިޔުމުން ކަމަށް އެ ބެލެނިވެރިޔާ ބުންޏެވެ.
"ކުރީގައި އޮންނަ ގޮތުން އޭ އަދި އޭ ޕްލަސް ބަލަނީ އެއް ގްރޭޑެއްގެ ގޮތުގައި. މާކްސް ދޭއިރު ވެސް ބަލަނީ އެގޮތަށް. އެކަމަކު އަޅުގަނޑުގެ ދަރިފުޅަށް ރައީސްގެ ސްކޮލަޝިޕް ނުލިބުނީ އެއް މާއްދާ އިން އޭ ޕްލަސް ނުލިބިގެން. ކުރިން އެކަން އެނގުނު ނަމަ އެކަމަށް އަޅުގަނޑުމެން ތައްޔާރުވީމުސް،" ގްރޭޑް 12 ނިންމި އެހެން ދަރިވަރެއްގެ ބެލެނިވެރިޔަކު ބުންޏެވެ.
އެނގިފައިވާ ގޮތުގައި 40 ދަރިވަރަކަށް މި މައްސަލަ ދިމާވެގެން އެޑިއުކޭޝަނުގައި ވަނީ މައްސަލަ ޖައްސާފަ އެވެ.
މިކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ރައީސްގެ ސްކޮލަޝިޕް ދޭ ގޮތް ބަދަލުކުރަން ނިންމާފައިވާ ކަން، 2015 ވަނަ އަހަރު، ނޫސްވެރިންނާ ބައްދަލު ކުރައްވައި މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވެފައިވާ ކަމަށެވެ. އަދި އޭގެ ފަހުން، އެ އުސޫލު މި އަހަރު ގެޒެޓް ކުރި އިރު ވެސް، އެ އާއްމު ކުރާ ދުވަހުން ފެށިގެން އެ އަށް އަމަލު ކުރަން ފަށާނެ ކަމަށް ބުނެފައިވާނެ ކަމަށް ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވި ގޮތުގައި ސްކޮލަޝިޕަށް ބަދަލު އަންނަ ކަމަށް 2015 އަހަރު އިއުލާންކޮށް، މި އަހަރު އެއަށް އަމަލު ކުރަން ފެށުމުން ދަރިވަރުން އެކަމަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ވަނީ ދެވިފަ އެވެ.
އޭނާ ވިދާޅުވީ އޭލެވެލް ހަދާ އެހެން ގައުމުތަކުގައި ވެސް މާކްސް ދެނީ އޭ ޕްލަސް ވަކި ގްރޭޑެއްގެ ގޮތުގައި ބަލައިގެން ކަމަށާއި އެއް ގްރޭޑެއްގެ ގޮތުގައި ބަލައިގެން ރާއްޖޭގައި މީގެ ކުރިން މާކްސް ދޭތީ ބެލެނިވެރިންގެ ގިނަ ޝަކުވާތަކެއް ލިބޭ ކަމަށެވެ.
"ބެލެނިވެރިންގެ ޝަކުވާއަކަށް ވެފައި އޮންނަނީ ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން އޭ ޕްލަސް ހޯދާ ކުދިންނާއި ހަމައެކަނި އޭ ގްރޭޑު ހޯދާ ކުދިންނަށް އެއް ހަމައެއްގައި ބެލުން. އެއީ އިންސާފެއް ކަމަކަށް ބެލެނިވެރިން ނުދެކޭ،" ނަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެ ކުރިން ސްކޮލަޝިޕް ލިބެނީ ހަމައެކަނި އެއް ވަަނަ ހޯދާ ދަރިވަރުންނަށް ކަމަށާއި އެކަމަކު މިހާރު ދެ ވަނައަށް ދިޔަޔަސް، ސާކް ރީޖަންގެ ގައުމުތަކުން ހިލޭ ކިޔެވުމުގެ ފުރުސަތު އެ ދަރިވަރުންނަށް ލިބޭނެ ކަމަށެވެ. އަދި ދަރިވަރުން އެހެން ގައުމަކަށް ދާން ބޭނުން ވިޔަސް އެއާ އެއްވަރުގެ ލޯނު އެހީ ދަރިވަރުންނަށް ދޭނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫސްވެރިޔާ
08 November 2017
13 ޖޫންގަ ނެރެފައިވާ ސަރކިއުލަރގައި ސްކޮލަރޝިޕާ ބެހޭ ވާހަކައެއް ނެތް. އެއީ ޓޮޕް 10 ކްރައިޓީރިއާ ބަދަލުކުރި ސަރކިއުލަރއެއް. މިހާރު އޭލެވެލް ނިންމާ ކުދިންނަށް ދެސްކޮލަރޝިޕް ސްކީމްގެ ފުރުޞަތު ލިބޭނެ. އެއީ 5އޭ* ހޯދާ ދަރިވަރުންނަށް ލިބޭ ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕާއި، 5އޭ ނުވަތަ އެއަށްވުރެ މަތިން (5އޭ* ނުހިމެނޭ) ލިބޭ ދަރިވަރުންނަށް ލިބޭ ހައި އެޗީވަރސް ސްކޮލަރޝިޕް. 13 ޖޫންގެ ސަރކިއުލަރގައި އޮތީ އާ ޓޮޕް ޓެން ކްރައިޓީރިޔާއަށް ޢަމަލުކުރަން ފަށާނީ މިނޮވެމްބަރު މަހުގެ އިމްތިހާނަށް ފަހުގައޭ. އެއަކު ނެތް އެއްވެސް ސްކޮލަރޝިޕެއްގެ ވާހަކައެއް. އަދި ސްކޮލަޝިޕަކަށް ޢަމަލުކުރަން ފަށާނޭ ދުވަހެއްގެ ވާހަކައެއްވެސް. މެއި މަހު ނެރުނު ސްކޮލަޝިޕް ޕޮލިސީތަކަށް ޢަމަލުކުރަން ފެށީ އެޕޮލިސީތައް ގެޒެޓުކުރި ދުވަހުން ފެށިގެން. ނޫސްވެރިން މިއަށްވުރެ ޒިންމާދާރުވާންޖެހޭ.
ރޯނުއެދުރު
27 October 2017
ކީއްކުރާ ސްކޮލާރޝިޕެއްތަ. އިތުރު ކޯޑިނޭޓަރުންނަށް މުސާރަދީފަ ސަރުކާރު ދިފާއުކުރަން ބޭތިއްބުން މަމެންނަށް މާ މުހިންމު.
Hshhsh
27 October 2017
ގައުމަކުނެތް އިންޑަސްޓްރަލައިޒޭޝަނަކަށް ފުރުސަތެއް، މަސްވެރިކަން ޕުރެޑިކްޓިބަލް އެއްނުން، ޓޫރިޒަމްޕީކުވެފަ އަދި ޕުރެޑިކްޓިބަލް އެއްނުން، ސަރުކާރަކަށް ނޮލެޖް އިކޮނޮމީ އެއްގެ މުހިއްމުކަން ނުވިސްނޭ. ނޮލެޖް އިކޮނޮމީ ކުރިއަރުވަންބޭނުން ނުވާތީ ރައީސްގެ ސްކޯލަޝިޕު މަދުކުރަން ހިފަނީ. އިކޮނޮމިސްޓެއް އެފަދަ ކަންތަށް ނުކުރާނެ. ބައެއްމީހުން ބުނާނެ ތިމީހުން ކިޔަވައިގެން ރާއްޖެނާންނާނޭ، ކީއްކުރަންހޭ ހަރަދުކުރަނީ. މޮޅެތި ދިވެހިން ކޮންމެތަނެއްގަތިއްބަސް ގައުމަށް ފައިދާ ކުރާނެ. މިފަދަމީހުންނަށް ފުންކޮށް ވިސްނަން ހަމަ ނުކުޅެދެނީ.
ދެރަ
27 October 2017
ތަމެންނަށް ތިފެންނަނީ މިސްކޫލްތައް. ނިކަން ބަލާލބަ އަރބިއްޔާ ސްކޫލަށް. ކްރައިޓީރިއާ ހަމަވާ ދަރިވަރުންގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާގެ ސްކޯލަރޝިޕް ލިބެނީ އެންމެ ދަރިވަރކަށް. އކުއްޖަު ބޭނުން އެއްޗެއް ކިޔަވަން. އިތރު އެހެން ސްކޯލަރޝިޕެއް ނުލިބޭ އޭޝިޔާތގެއގައމުތަކުންވެސް. ކުރިން ވަހީއދީންވެސް 4 ކޯސް ދެއްވަން ވައުދުވެފަ އެވެސް ކެންސަލް ކޮށްފި. ސަރުކާރު އެހެން ސްކޫލްތަކުގެ ކުދިން ގިންވެގެން 8 މާއްދާ ކިޔަވާއިރު އަރބިއްޔަ ދަރިވަރން 14 ، 15 މާއްދާ ކިޔަވާ... އެކަމަކުވެސް ދައލަތުން ދެނީ އެންމެ ކޯހެއް.....
ސްޓަރ
27 October 2017
މިހާރު އެއް * މާދަމާ ** އަނެއް ދުވަހު ***. ދަންނަވަންތޯ އޯ ލެވެލް އަދި އޭ ލެވެލް ޙާޟިލު ކުރާ ކުދިންގެ އެކަންޏެއް ތަފާތު ހުންނާނީ. ޑިގްރީ، މާސްޓަރސް އަދި ކީތްކުރަންންތޯ ޕީއެޗްޑީ ހާސިލް ކުރާ ފަރާތްތަކުގައިވެސް ހުންނާނެ ތަފާތު ތަކެއް. އެ އެންމެންނަށްވެސް ސްޓަރ އިން ދަރަޖަ ކުރަންފެނޭ. އަދި އެއް ލެވެލް އެއްގެ ވަޒީފާ އާދާކުރިޔަސް ސްޓަރ ރޭންކިންއަށް ބަލައިގެން މުސާރަ އާއި ހިނާޔަތްތައްވެސް ތަފާތުކުރަންވީ. މިސާލަކަށް ޕީއެޗްޑީ*، ޕީއެޗްޑީ** ރޭންކް ކުރަންފެނޭ.
ނަގޫރޯޅި
26 October 2017
މޮޅެތި ގިނަކުދިންއުފެދޭ ވަރަކައް ވާދަވެރިކަން ބޮޑުވާނެ. ދަރިންނައް ވިސްނައިދޭންވީ ވީވަރަކުން އެންމެގިނަމާއްދާއިން އެންމެމަތީ މާކްސްލިބޭތޯ ގަދައަޅާ މަސައްކަތްކުރުމައް. ދެތިންމާއްދާއިން އޭޕްލަސް ހޯދަން ގަދައަޅާފަ ދެންހުރިމާއްދާތަކުން އެވަރަނުލިބުނަސް ރަގަޅުވާނޭ ބުނާބުނުން ހުއްޓާލަންވީ. މިހާރުމީ 2000 ވަނަ އަހަރުތަކެއްނޫން ދެމާއްދާއިން އޭފާސް ދެންހުރި މާއްދާތަކުން ކިރިޔާފާސްވިޔަސް އެސްއީސީއައް ނުނީ މަތީތައުލީމު ހާސިލްކުރަންދާން ހޮވޭކައް. ޒަމާނައް އަންނަބަދަލު މައިންބަފައިންވެސް ހެޔޮގޮތުގަ ދަރިންނައްވިސްނާދެވޭތޯބަލާ
މަރީނު
27 October 2017
ދެން 6 މާއްދާއިން އޭ ޕްލަސް ހޯދާ ދަރިވަރުން ނުވަތަ 05 މާއްދާއިން އޭ ޕްލަސް ހޯދާ ދަރިވަރުން ސަރުކާރުގެ އިނާޔަތުން ކެނޑުނީތޯ؟ އެމީހުންނަށް އެއްވެސް ގޮތެއް އޮންނަ ކަހަލަ ޕޮލިސީއެއް ސަރުކާރުން ތަންފީޒް ކުރެވެން ނެތީތޯ؟ ނުވަތަ އެކުދިން ކިޔެވުން ހުއްޓާލާފަ މަހައްތޯ ދާންވީ؟ ސަރުކާރުން އެކުދިންގެ މަތީ ތަޢުލީމާއި ދޭތެރޭގައި ގޮތެއް ނިންމަން ނުވޭތޯ؟ އެންމެނަކަށް އޭ ޕްލަސް އޭ ސްޓަރ ނުގެނެވޭނެ!
ހިމޭން
27 October 2017
ކޮން މައެއް ނުވަތަ ބައްޕަ އެއްތޯ ބޭނުން ވެގެން އުޅެނީ އެމީހުންގެ ދަރިން ކިރިޔާ ފާސްވުމަށް. އެމީހުން މިހާރު ކަންބޮޑުވާ ކަންބޮޑުވުމުންވެސް އެބަ ދޭހަވޭ އެމީހުން ބޭނުންވަނީ އެމީހުންގެ ދަރިން ތައުލީމީ ގޮތުން ޙާޞިލުކުރެވެން އޮތް އެންމެ މަތީ މިންވަރު ޙާޞިލު ކުރުންކަން. ދިމާވެގެން އުޅޭ މައްސަލައަކީ އަދި ކަންބޮޑުވުމަކީ، ޖޫން 2017 ގައި އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން އޭލެވެލް 5 މާއްދާއިން އޭ ފާސް ހޯދާ ކުދިންނަށް ކުރިންވެސް ދެމެން އައި އުސޫލުން ސްކޯލަރޝިޕް ހަމަޖައްސާނެކަމަށް ޚުދު އެޑިޔުކޭޝަން މިނިސްޓަރުވެސް ވިދާޅުވެ ސަރކިއުލަރތައް ނެރުއްވާފަ މިހާރު އެހެންގޮތަކަށް ވާހަކަފުޅު ދައްކަވާ ދެއްކެވުން. ކޮމެންޓް ކުރައްވާއިރު އަސްލު މަޢުޟޫއަށް އެޑްރެސް ކުރުން ރަގަޅުވާނެ.
އަތްފުނާ
26 October 2017
ސަރުކާރުގެ ނިއްމުން ތާއިދު.އޭލެވެލް އަދި އެސްއެސްއީ އިމްތިހާނުގައި އޭ ފާސް ހޯދާ ކުދިން ގުނާ އަދަދު ނުކުރެވޭހާ ގިނަ.ވީމާ އެ ހުރިހާ ކުދިންނަށް ބޭނުން ކޮންމެ ގައުމަކަށް ކިޔަވަން ފޮނުވުމަކީ އެއްވެސް ސަރުކާރަކަށް އޮބި އޮންނާނެ ކަމެއް ނޫން.އެހެންވެ ހަރުދަނާ ފިޔަވަޅެއް މިކަމުގައި އަޅަންޖެހޭ.ދުވަސް ކޮޅަކުން އޭ ޕްލަސް ހޯދާ ކުދިން ގިނަވާނަމަ ދެންޖެހޭނީ ގުރު ލައިގެން ވަކި އަދަދަކަށް ކުދިން ހޮވައި ސްކޮލަށިޕް ދޭން.ނުވަތަ މަލްޓި ޗޮއިސް ޕޭޕަރު ނުހިމެނޭ ޔުނިވަސިޓީއެއްގެ ސިލަބަސް ބާއްވަން.
އަތުކުރި
27 October 2017
އޯލެވެލް އަދި އޭލެވެލް އިން އޭ ފާސް ހޯދާ ކުދިން އިތުރުވުމަކީ އަތްފުނާ ހާދަ ކަންބޮޑުވާކަމެކޭ. އެކަމަކު ގައުމު ބޭނުންވަނީ އޭ ފާސްހޯދާކުދިން އިތުރުވާން. އަދި އެކުދިންނަށް މަތީ ތަޢުލީމުގެ ފުރުސަތު ހޯދާދިނުންވެސް އެއީ ގައުމު ބޭނުންވާނެގޮތް. އަދި އެކުދިން މަތީ ތަޢުލީމް ޙާޞިލުކޮށް އެބުރި އައުމުން އެކިވި ދާއިރާއަކުން ޚިދުމަތްކުރުމުގެ ފުރުސަތު އިތުރުވުންވެސް އެއީ ގައުމު ބޭނުންވާނެގޮތް. އެކަން ކުރުމަށް ސަރުކާރެއް މިއޮތްނަނީ. އެކަން ނުކުރެވެންޏާ މާދަމާ ކަންބޮޑުވާނެ ޕީއެޗްޑީ ހާޞިލުކުރާމީހުން އިތުރުވާތީވެސް.
ފަރު
26 October 2017
މިސަރުކާރުން ތައްލީމަށް ދޭއަހައްމިޔަތް މިއެގެނީ. ދިވެހި އިސްލާމުން އޭ ސްޓާ ހޯދާފަ ގައުމީ ޔުނިވާސިޓީން މެޑިސިން ހެދީމަ ދުނީގެ އެއްމެ މަތީ ފަންތީގެ ޑޮކްޓަރަކަށް ވެވޭނެ. ވައްކަން ކުރެވޭނެ ކޮންމެވެސް ޕުރޮޖެކްޓަކަށް ނުން ގޮތަކަށް މިސަރުކާރުން ހަރަދެއް ނުކުރާނެ.
ބެލެނިވެރިޔާ
26 October 2017
ބެލެނިވެރިން ދަރިންނަށް ތިޔަ ވިސްނަދެނީ މަތީ މާކްސް ހޯދަންވާނީ އެއްޗެއް ލިބޭ ކަމުގައި ވަންޏާއޭ. ކިޔަވަންވީ ވަކި އެއްޗެއް ނުވަތަ އިނާމެއް ލިބޭނެ ކަމަށް ބަލައިގެނެއް ނޫން. އެކަމަކު ބެލެނިވެރިންގެ މައިގަނޑު ޝަކުވާއެއްކަމުގައި މި ލިޔުމުގައި އޮތީ އޭ ޕްލަސްގެ ވާހަކަ ކުރިން ބުނި ނަމަތާއޭ އިތުރު ހިތްވަރެއް ލިބޭނީ މަތީ މާކުހެއް ހޯދަން. މިއީ ކުދިންނަށް ދެވޭ ވަރަށް ހަޑި މެސެޖެއް. އެކުދިންނަށް އޭގެ ބަދަލުގައި ވިސްނަދެވިދާނެ އޭ ޕްލަސް އަށް ޓާގެޓް ކުރާށޭ. ކޮންމެހެން ސްކޮލަޝިޕް ލިބޭނީ އޭ ޕްލަސް ލިބިގެންނޭ ބުނެގެން ދަރިންނަށް އެދެވެނީ ވަރަށް ބޮޑު ޕްރެޝަރެއް. ރާއްޖޭގެ ގިނަ ބެލެނިވެރިންގެ ވިސްނުން ހުންނަނީ އޮފީހެއް ނުވަތަ ސަރުކާރުގެ އިސް މަޤާމެއް ދަރިން ފުރުން. ނަމަވެސް އޭ ޕްލަސް ހޯދާ ކުއްޖާވެސް ފަންނީ ދާއިރާ އަކުން ކުރިޔަށްދާން ހިޔާރުކޮށްފައި އޮވެދާނެކަން ވިސްނަން ޖެހޭ.
މަރީނު
26 October 2017
މިކަހަލަ ގައުމެއް މި އޭޝިއާގައި ނޯންނާނެ، ކިޔަވަންދާން ކުއްޖަކު ބޭނުންވެއްޖެއްޔާ ދާންޖެހެނީ އެޑިއުކޭޝަނުން ކަނޑަައަޅާ ގައުމަކަށް،، އެހީއެކޭ ކިޔާފައި ބޮލުގައި އަޅުވަނީ ބޮޑު ލޯނެއް.. ސްކިލް ޝޯޓޭޖްލިސްޓެކޭ ކިޔާފަ އޭގައި ހުރި ކޯހަކަށް ނޫނީ ލޮނު ގަނޑެއްވެސް ނުލިބޭ! އަދި އެލޯނަކީ 10 ޕަސެންޓްގެ އިންޓަރެސްޓްލާފައި ދޫކުރާ ލޯނެއް.. އެކަމަކު މިމީހުން ބޭސްކުރަން އަޗާތަޅަން ސިންގަޕޫރަށް ދާންވީމަ އަހަރުމެންގެ ލާރި ހިފައިގެންދަނީ، މިހާރުވެރިޔަކަށް ހުރި މީހާ ބޭނުންވަނީ ކޮންކުރިޓް ތަރައްޤީ، ވަރިހަމަ ވަންނާނެ ގެދޮރު ނެތަސް، ބަޔަކު ކިޔެވިޔަސް ނުކިޔެވިޔަސް، އަހަރުމެންގެ ފައިސާ މިމީހުން ގޯނި ގޯންޏަށް އަޅައިގެން ބަހާ ހުސްކުރަނީ