ޚަބަރު / އައިޖީއެމްއެޗު

"ގައުމީ ކަމެއް، އެތައް ބައެއްގެ ފުރާނަ ސަލާމަތް ވާނެ"

އެންޖިއޯޕްލާސްޓީ ހެދި މުހައްމަދު "މިހާރު"އާ ވާހަކަ ދައްކަނީ: އޭނާ ހުރީ އުފަލުން .-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެއީ މިދިޔަ ހަފުތާގެ ކުރީކޮޅެވެ. އެ ރޭ ވެސް އޭނާ ހޮސްޕިޓަލަށް ދިޔައީ އަންހެނުން ގޮވައިގެން ޑަޔަލިސިސް ހަދާށެވެ. އަންހެނުން ބޭއްވުމަށް ފަހު، އާދައިގެ މަތިން މަޑު ހިނގުމެއްގައި އަމީނީމަގުން ގެއާ ދިމާ އަށް ދަނިކޮށް މެ އަށް އެރީ ކުއްލި ތަދެކެވެ. ނޭވާ ހާސްވާން ފެށުމުން ދަރިއަކަށް ގުޅައި ބަލާ އަންނަން ވެސް އޭނާ އެދުނެވެ. އެކަމަކު، ފަހުން މާ ބޮޑު ކަމެއް ނުވުމުން، އެއީ ވައިގެ ސަބަބުން ވީ ކަމެއް ކަމަށް ނިންމައި ހިނގާލާފައި ގެ އަށް ދިޔައީ އެވެ.

އޭގެ ތިން ދުވަސް ފަހެވެ. ތަރާވީހުން ނިމިގެން ގެ އަށް ވަން ތަނާ އަނެއްކާވެސް އެއްކަހަލަހެން މެ އަށް އެރީ ކުއްލި ތަދެކެވެ. ސިފައިން ގޭގައި އުޅޭ އޭނާގެ ދަރިއަކު ކައިރި ބުނުމުން އޭނާ ގެންދިޔައީ އަސްކަރީ ހޮސްޕިޓަލް، ސެނަހިޔާ އަށެވެ. އެ ތަނުން ބުނީ ލޭ މަތި ކަމަށެވެ. ވަޔަށް ވެސް ބޭހެއް ދިނެވެ. އެ ބޭސް ކައިގެން ވެސް މޭގައި ރިއްސުމަކަށް އެއްވެސް ލުުޔެއް ނުލިބުނެވެ. އެހެންވެ، އަންހެނުން ބުނި ބުނުމަކަށް އޭގެ އަނެއް ރޭ އައިޖީއެމްއެޗަށް ގޮސް އިމަޖެންސީ އަށް ދެއްކީ އެވެ.

"ޓެސްޓެއް ހަދާފައި ދަރިން ކައިރި ވެސް ބުނެފި ބައްޕަ ގެ އަށް ފޮނުވޭކަށް ނެތޭ. އަދި އިތުރު ޓެސްޓުތަކެއް ހަދަން ޖެހެއޭ. ހިތުގެ ޓެސްޓެކޭ، އެ އަށް ހަތަރު ގަޑިއިރު ވާނެއޭ،" މިދިޔަ ހަފުތާގެ ކުރީކޮޅު މެ އަށް ވާން ފެށި ތަދަކާ އެކު އޮޕަރޭޝަން ކުރަން ޖެހުނު ގޮތް ކިޔައި ދެމުން މުހައްމަދު އަބްދުއްރަހީމް، 59، ބުންޏެވެ.

އެންޖިއޯޕްލާސްޓީ ހެދި މުހައްމަދު "މިހާރު"އާ ވާހަކަ ދައްކަނީ: އޭނާ މިހާރު ވަނީ ގެ އަށް ދޫކޮށްލާފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ޓެސްޓަށް ފަހު އޭނާ ކައިރި ޑޮކްޓަރުން ބުނީ ބިރުވެރި ވާހަކައެކެވެ. ހިތާ ގުޅިފައިވާ ލޭ ހޮޅިއެއްގައި ސަރުބީ ޖަހައި އެއްކޮށް ބެދެން ކައިރި ވެފައިވާ ކަމުގެ އިންޒާރެވެ. މެ އަށް ތަދު ވާ ސަބަބަކީ އެއީ އެވެ. އޮޕަރޭޝަނެއް ކުރަން ޖެހޭ ވާހަކަ ވެސް ބުންޏެވެ. އެކަމަކު، ދެން ބުނީ އެ އަށް ވުރެ ވެސް ހައިރާން ކުރުވަނިވި ވާހަކައެކެވެ؛ މިއީ ރާއްޖޭގައި މި އޮޕަރޭޝަން ކުރާ ފުރަތަމަ ފަހަރެވެ.

"ލާރި އަށް ވުރެ ބޮޑަށް ކިހާ ގިނަ ބަޔަކަށް، ކިހާ ބޮޑު ފައިދާއެއް، ކިހާ ބޮޑު ފަސޭހައެއް މިއީ. އެތައް ބައެއްގެ ފުރާނަ ވެސް ސަލާމަތް ވާނެ." - މުހައްމަދު

އައިޖީއެމްއެޗުގައި އަލަށް ގާއިމްކޮށްފައިވާ ހިތުގެ ބަލިތަކާ ބެހޭ ޚާއްސަ ސެންޓަރުގައި އެ އޮޕަރޭޝަން ކުރަނީ އަލަށް ނަމަވެސް އޭނާގެ ފަރުވާލެއް ނެތެވެ. އައިޖީއެމްއެޗުގެ ވަސީލަތްތަކަށާއި ހާއްސަކޮށް ދިވެހި ޑޮކްޓަރުންނަށް އިތުބާރު ވެސް އޮތެވެ.

"މަރު ވާނީ އެއްފަހަރު ނޫންތޯ؟ އަނެއްކާ މި ބޭފުޅުން ވަރަށް ރަނގަޅު. ހިއެއް ނުވޭ ކަމެއް ކުރި ހެންނެއް ވެސް. މެ އަށް ފާޑެއްގެ ފިންޏެއް ވާހެން އެކަނި ހީވަނީ،" ގަޑިއެއް ހާއިރުގެ އޮޕަރޭޝަނާ ބެހޭ ގޮތުން މުހައްމަދު ބުންޏެވެ.

އައިޖީއެމްއެޗުގަައި ހިތުގެ ބަލިތަކަށް ފަރުވާ ދޭ ސެންޓަރު: މިއީ އެންޖިއޯގްރާމާއި އެންޖިއޯޕްލާސްޓީގެ ހިދުމަތް ރާއްޖޭގައި ފެށި ފުރަތަމަ ފަހަރު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގައި އެންޖިއޯގްރާމާއި އެންޖިއޯޕްލާސްޓީގެ ހިދުމަތް މިދިޔަ ހުކުރު ދުވަހު ފެށިއިރު، އެންމެ ފުރަތަމަ އެ އޮޕަރޭޝަން ކުރި ހަތަރު މީހުންގެ ތެރޭގައި މުހައްމަދު ހިމެނެ އެވެ. އޮޕަރޭޝަން ތިއޭޓަރުގައި ފުރަތަމަ އެނދުގައި އޮތީ އޭނާ އެވެ. ޑޮކްޓަރު ކައިރި ވަރަށް ގަދަ އަށް ކިޔައިގެން ދެ ވަނަ އަށް އޮޕަރޭޝަން ކުރަން ވެއްދި މީހާ އަށް މުހައްމަދު ވި އެވެ. އެއީ، އޭނާ ސިފަކުރި ގޮތުގައި، ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ.

ހޮސްޕިޓަލުގައި އޮންނަން ޖެހުމުން އެ ލިބޭ ހާސް ކަމަށް ވުރެ ބޮޑަށް މުހައްމަދު ހުރީ އުފަލުންނެވެ. ދެ ދުވަސް ފަހުން އިއްޔެ އޭނާ ހޮސްޕިޓަލުން ދޫކޮށްލިއިރު، އޭނާ އަށް ކުރެވެނީ ހިތްހަމަޖެހުމުގެ އިހުސާސެވެ. އޮޕަރޭޝަން އެހާ ކާމިޔާބުކަމާ އެކު ކުރިއަށް ދިޔައިމަ އެވެ. އަމިއްލަ ގައުމުގައި، އޭނާގެ އަށް ފިރިހެން ކުދިންނާއި އަށް އަންހެން ދަރިންގެ އަޅާލުމާއި ލޯބި ލިބޭ ހިސާބުގައި، ހުރެގެން އެ ވަރުގެ ބޮޑު ކަމެއް ކުރެވުމުންނެވެ.

އެންޖިއޯޕްލާސްޓީގެ އިތުރުން އެންޖިއޯގްރާމްގެ ހިދުމަތް ވެސް އައިޖީއެމްއެޗުން ވަނީ ފުރަތަމަ ފަހަރަށް ފަށާފަ އެވެ. އެ ހޮސްޕިޓަލުން ބުނި ގޮތުގައި 24 ގަޑިއިރު ހިތުގެ ބަލިތަކަށް ފަރުވާ ދޭއިރު، ހުކުރު ދުވަސް ފިޔަވާ އެހެން ކޮންމެ ދުވަހަކު އޯޕީޑީން އެޕޮއިންޓްމަންޓް ހެދޭނެ އެވެ. އައިޖީއެމްއެޗުން ބުނެފައިވާ ގޮތުގައި އެ ހޮސްޕިޓަލުން މަސައްކަތް ކުރަނީ ހިތުގެ ހުރިހާ ބަލިތަކަށް ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފަރުވާ ދޭން ފެށުމަށް ކަމަށެވެ.

މި ހުރިހާ ކަމަކާ އެކު، މުހައްމަދު ފަދަ އާ މި ހިދުމަތްތަކުގެ ފައިދާކޮށްފައިވާ ބަލިމީހުން ދެކެނީ މިއީ ގައުމީ ކަމެއްގެ ގޮތުގަ އެވެ؛ "ލާރި އަށް ވުރެ ބޮޑަށް ކިހާ ގިނަ ބަޔަކަށް، ކިހާ ބޮޑު ފައިދާއެއް، ކިހާ ބޮޑު ފަސޭހައެއް މިއީ. އެތައް ބައެއްގެ ފުރާނަ ވެސް ސަލާމަތް ވާނެ."

7 ކޮމެންޓް, 142 ރިއެކްޝަންސް

icon happy icon happy 97%
icon sad icon sad 1%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބޫ

05 July 2016

ރަނގަޅު ކުރިއެރުމެއް އެކަމު އަދި ކާޑިއޮލޮޖިސްޓުން މަދީ ދޯ، އެޕޮއިންޓްމެންޓް ކިޔޫ ލައްވާލަނީ 500 އިްނ މަތިން މިކަމަށް އަވަސް ހައްލެއް ބޭނުން

The name is already taken The name is available. Register?

ވިސްނާލީމާ

05 July 2016

24 ގަޑިއިރު މަސައްކަތްކުރަންޏާ ދެން ވަރަށް ސަޅި! އެކަމަކު ސީޓީސްކޭންއެއް ހަދަން ހަފްތާ ދެހަފްތާ ނެގީމާވެސް ކަމަކު ނުދާނެ! އެކަމަށްވެސް 24 ގަޑިއިރުގެ ޚިދުމަތް ބޭނުންވޭ! ބަލިމީހާޔަކަށް ޓެސްޓެއް ހަދަންޖެހެޔޭކިޔާފާ ބަލިނުވެއެއް ނުހުރެވޭ! މީހާގެ ބަލިބޮޑުވެ ހަނާވާފަހުން އެޕޮއިންޓްމަންޓުލިބި ސްކޭންކުރެވޭގޮތް ވީމާވެސް ކަމަކުނުދާނެ! ސިއްޚި ޚިދުމަތަކީ ހުރިހާކަމެއްވެސް 24 ގަޑިއިރު ވޭވޭ ހުންނަންޖެހޭ ކަންތައް! -އިބްރާހީމް-

The name is already taken The name is available. Register?

ގައި

05 July 2016

ރަނގަޅު ކަމެއް. އިރާދަކުރެއްވިއްޔަ ހިތުގެ ބަލިތައް ކުރީބައިގައި ދެނެގަނެ އެކަހަލަ ބަލިން ސަލާމަތް ވުމަށް އެޅުނު ރަނގަޅު ފިޔަވަޅެއް. ހިދުމަތް އިތުރަށް ރަނގަޅުކޮށް ފުޅާކުރާނެކަމަށް އުއްމީދުކުރަން.

The name is already taken The name is available. Register?

ދޮންބެ

05 July 2016

މުޙައްމަދު މާފު ނުދިނަސް މައްސަލައެއްނެތް. ކޮންމެ ރަށަކުން ތިކަން ކުރެވޭނެ ގޮތެއް ހެދުން އެއީ ނާދިރު ކަމެއް. މިހާރު އެބަހުރި ވަސީލަތްތައް. އަވަހަށް އާދެވޭނެ. ދަތުރު ފަތުރު ސީ އެމްބިއުލެންސް. ހެލިކޮޕްޓަރު. ވައިގެ ދަތުރުފަތުރު. ލާންޗުފަހަރު. ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް މިހާރު އަށާރަ ގަޑިއިރަށްވުރެ އަވަހަށް މެޝިނާ ހަމައަށް އާދެވޭނެ. ހަމަ ގައިމުވެސް ރާއްޖޭން ބޭރަށްވުރެ އަވަހަށް މިގައުމުގެ މެޝިނާ ހަމައަށް އާދެވޭނެކަން ޔަގީން. ލަހުން އަންނަ ކަންކަންވެސް ހުންނާނެ. ރާއްޖެއަކީ މެޝިނަރީ އުފައްދާ ތަނަކަށް ނުވާތީ އެވާ ލަސްވުން ވަނީ. މުޙައްމަދާ މާތްﷲ ވޮޑިގެންވަނީ ކެތްތެރީންނާ އެކުގައިކަން ކަށަވަރު.

The name is already taken The name is available. Register?

މުޙައްމަދު

05 July 2016

1980 އަހަރުތަކަށް ބަލާލާއިރު ކަމެއް ވާ އިރަށް ދާންމިޖެހެނީ ކޮންމެސް ބޭސްވެރިއެއް ކައިރިޔަށް. ޢރު ދުނިޔޭގައި ބޭސްވެރިންވެސް މިޔަށް ވުރެ މޮޅޭ ދެންނެވޭނީ..ދުނިޔޭގައި މިހާރު ބޭސްވެރިކަން ކުރިއަރާފައިވާ ލެއް ވަރަށް ހަލުވި..ނަމަވެސް ހިތާމައަކީ ރާއްޖެއަށް މިކަންވެސް މި އައީ ކޮންދުވަހަކުން ބާއޭ...ރާއްޖެ ތެރޭގައި ހުންނަ މީހަކު ހިތަށް ގޮތް ވެލާއިރަށް ކިހިނެއް މާލެ ދާނީ..ތީގެ ވެސް ފައިދާ އޮތީ މާލެ މީހިންނަށް.އަހަރެމެން ނިކަމެތި ރާއްޖެތެރޭ ރައްޔިތުން ވެލާގެން ހޯދާ ލާރި ކޮޅު މާލެ މީހުންނަށް ފަސޭހަ ކޮއްދިނީމަ ވާނެ ކޮންފައިދާއެއް...ކަލޭމެން ހަނދާން ކުރާތި މިނޫވެސް ދުވަހެއް އެބައޮތް.އެދުވަހުން އަހަރެމެންވެސް މާފެއްނުދޭނަން..

The name is already taken The name is available. Register?

މާލެ މީހާ

05 July 2016

ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ޙިދުމަތްތައް ދޭންޖެހޭނެ. ނަމަވެސް ވިސްނަބަލަ. 100 މީހުން ހަމަނުވާ ކުދި ކުދި އާބާދީ އޮތް ރަށްރަށުގައި ބޮޑެތި ހަސްފަތާލުތަކާ ޔުނިވަރސިޓީތަކާ ބޮޑު ހިލަ ބަނދަރު ހަދާނެ ފުދުންތެރިކަން މިދައުލަތުގަ އެބަހުރިބާ! ހުރި ނަމަވެސް، އެއީ އިކޮނޮމިކަލީ ކިހާ ވައިބަލް ކަމެއްކަމާ ދޭތެރޭ އެއްވެސް ވަރަކަށް ފިކުރުހިންގާލެއްވިންތޯ؟ ހުރިހާވެސް މައްސަލައަކީ ގިނަ ރަށްރަށުގެ މީހުންގެ ގޮތްދޫނުކުރުމުގެ ސިޔާސަތު. އާބާދީ އެއްފަސްކުރުމަށް ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތުތަކަށް ތާއީދުނުކޮށް، ކާބަފައިންގެ ތަރިކަ މުދާ ދޫކޮށްފަ އާބާދީ ބޮޑެތި ރަށްރަށަށް ބަދަލުނުވެ، ބޯހަރުވުން. ޤައުމުތަކުގެ ތަރައްޤީއަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ކާބަފައިންގެ ބޯދާ ގޮތްތަކުގައި ހިފަހައްޓައިގެން އޭގައި ބަގުޑި ބެއްދުމުގެ ނަތީޖާ!

The name is already taken The name is available. Register?

އަލީ

05 July 2016

އެންޖިއޯ ޕްލާސްޓީ އަކީ ހަގީގަތުގައި އޮޕަރޭޝަނެއް ނުވަތަ ސާޖަރީއެއްގެ ކެޓަގަރީއަށް ފެތޭ ފަރުވާއެއް ނޫން. މިއީ އެންޑޯ ވަސްކިއުލާރ ޕްރޮސީޖަރ އެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454