މިއީ ޕެރަމައުންޓުން ހިންދީ ފިލްމެއް ޑިސްޓްރިބިއުޓް ކުރާ ފުރަތަމަ ފަހަރު.
"ޕަދްމާވަތީ" ގެ މަންޒަރެއްގައި ދީޕިކާ.
03 ނޮވެމްބަރ 2017 - 05:36
ޑިސެމްބަރުގެ 1 ގައި ރިލީޒްކުރާ ސަންޖޭ ލީލާ ބަންސާލީގެ ތާރީހީ ލޯބީގެ ފިލްމް "ޕަދްމާވަތީ" އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ދެއްކުމުގެ ޒިންމާއާ ހޮލީވުޑްގެ މަޝްހޫރު އަދި ވަރުގަދަ ސްޓޫޑިއޯ ޕެރަމައުންޓް ޕިކްޗާސް ހަވާލުވެއްޖެ އެވެ.
މިއީ ބޮލީވުޑްގެ ފިލްމެއްގެ ޑިސްޓްރިބިއުޝަނާ ޕެރަމައުންޓުން ހަވާލުވި ފުރަތަމަ ފަހަރެވެ. "ޕަދްމާވަތީ" އަކީ ބަންސާލީ ޕްރޮޑަކްޝަނާއި ވަޔަކޮމް 18 މޯޝަން ޕިކްޗާޒް ގުޅިގެން އުފައްދާފައިވާ ބޮޑު ބަޖެޓް އަދި އެހާމެ އުންމީދީ ފިލްމެކެވެ.
ޕެރަމައުންޓްގެ ވޯލްޑް ވައިޑް ޑިސްޓްރިބިއުޝަން އެންޑް މާކެޓިން ޕްރެޒިޑެންޓް މެގަން ކޮލިގަން ބުނީ "ޕަދްމާވަތީ" އިންޓަނެޝަނަލް މާކެޓްތަކުގައި ދައްކަން އެ ސްޓޫޑިއޯ އަށް ލިބުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށެވެ. އޭނާ ބުނީ އެ ފިލްމަކީ ކާމިޔާބު ފިލްމަކަށް ވާނެ ހުރިހާ ރަހައެއް އެކުލެވޭ ބަންސާލީގެ ރަހަގަނޑު ވަރަށް ހެޔޮވަރު ފިލްމެއް ކަމަށެވެ.
"އަދި މިއީ ބޮލީވުޑްގެ ފިލްމެއްގެ ޑިސްޓްރިބިއުޝަނާ އަހަރެމެން ހަވާލުވި ފުރަތަމަ ފަހަރު ވެސް މެ. އެހެންވެ މިއީ ވަރަށް ތާރީހީ ކަމަކަށްވާނީ." މެގަން ބުންޏެވެ.
ވަޔޮކޮމް 18ގެ ސީއޯއޯ އަޖިތު އަންދަރޭ ބުނީ ޕެރަމައުންޓާ އެކު "ޕަދްމަތީ" ބޭރުގެ މާކެޓަށް ނިކުތުމަކީ އެ ފިލްމަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބޭނެ ކަމެއް ކަމަށެވެ.
ވަޔަކޮމް އާއި ޕެރަމައުންޓުން އެކުގައި މަސައްކަތް ކުރަމުން އަންނަނީ 2011 އިން ފެށިގެންނެވެ. އެގޮތުން އިންޑިއާގައި ޕެރަމައުންޓްގެ ފިލްމްތައް މާކެޓް ކުރުމުގެ ޒިންމާ ވަޔަކޮމް އިން އަންނަނީ ނަގަމުންނެވެ. އެގޮތުން "ޕަދްމާވަތީ" ގެ ބަތަލާ ދީޕިކާ ޕަދްކޯންގެ ފުރަތަމަ ހޮލީވުޑް ފިލްމް "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" އިންޑިއާގައި ޑިސްޓްރިބިއުޓް ކުރީ ވަޔަކޮމް 18 އިންނެވެ.
ތޭރަ ވަނަ ގަރުނުގެ ރަސްކަމެއްގެ ތެރޭގައި ހިނގާ ހާދިސާތަކެއް ދައްކުވައިދޭ "ޕަދްމާވަތީ" ގެ ލީޑް ރޯލް ކުޅެފައި ވަނީ ދީޕިކާ އާއި ޝާހިދު ކަޕޫރްގެ އިތުރުން ރަންވީރް ސިންގް އެވެ.
މި ފިލްމުގެ ޓްރެއިލާ ވެސް މިހާރު ބެލުންތެރިންނަށް ދޫކޮށްލާފައިވާ އިރު، ގިނަ ބަޔަކު ބުނަނީ މިއީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމަށް ވާނެ ކަމަށެވެ. އަދި ފިލްމް ވަރަށް ފުރިހަމަ ވާނެކަމާ ދޭތެރޭ ޝައްކެއް ނެތް ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައިސާ
03 November 2017
ހޯޕް ސޯ