ފިނޭންސް މިނިސްޓަރު މުނައްވަރު، މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅުއްވަނީ. - ފޮޓޯ: މަޖިލިސް
13 ނޮވެމްބަރ 2017 - 14:26
އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ފޮނުވީ ހަމައެކަނި ޖުމްލަ އަދަދު ޖަހާފައި ކަމަށާއި އޭގައި އެއްވެސް ތަފްސީލެއް ނެތް ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ބަޖެޓު ފޮނުވިކަން އެންގީ ހަމައެކަނި ސިޓީއެއްގެ ޒަރީއާ އިންނެވެ. އެ ސިޓީގައި އޮތީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގެ ޖުމްލަ އަދަދު އެކަންޏެވެ.
ސަރުކާރުން ބަޖެޓް ފޮނުވާ އިރު ސިޓީއާ އެކު އޭގެ މުޅި ތަފްސީލް ހިމެނޭ ގޮތަށް ބަޖެޓް ފޮތް ވެސް މަޖިލިހަށް ފޮނުވަ އެވެ. އެހެންކަމުން މިއީ ހަމައެކަނި ޖުމްލަ އަދަދެއް ޖަހައި، ސިޓީއަކުން ބަޖެޓް ހުށަހެޅި ފުރަތަމަ ފަހަރު ކަމަށްވެ އެވެ.
ބެލެވޭ ގޮތުގައި ސަރުކާރުން އެގޮތަށް ކަންތައް ކުރީ ގާނޫނުގައި ބުނެފައިވާ ތާރީހުގެ ކުރިން މަޖިލިހަށް ބަޖެޓް ހުށަހެޅިކަން ރަސްމީކޮށްލާށެވެ.
ސިޓީގައި ހިމަނާފައިވާ އަންނަ އަހަރުގެ ބަޖެޓްގެ ޖުމްލަ އަަދަދު އެނގޭ ގޮތެއް ނުވި އެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މަޖިލީހަށް ބަޖެޓް ފޮނުވާނީ ހުރިހާ ތަފްސީލްތަކާ އެކުގައި ކަމަށެވެ. އެކަމަކު އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ފޮނުވިއިރު، ތަފްސީލް ހިމެނި ކަމެއް ނުވަތަ ނޫން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
"މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުމުގެ ޖަލްސާ ނުބޭއްވި ލަސް ވަނީ ފިނޭންސް މިނިސްޓްރީން ބަޖެޓުގެ ތަފްސީލްތައް ނުފޮނުވައިގެންނެވެ.
އާންމު ގޮތެއްގައި މަޖިލީހަށް ބަޖެޓު ފޮތެއް ފޮނުވުމުން، މަޖިލީހުގެ މެމްބަރުންނަށް ފޮތުގެ ކޮޕީ ތައްޔާރު ކުރަނީ މަޖިލީހުގެ އިދާރާއިންނެވެ. އެކަމަކު މިހާތަނަށް އައިއިރު، އޭގެ ކޮޕީ ތައްޔާރުކުރެވިފައެއް ނުވެ އެވެ.
ސަރުކާރުގެ ބަޖެޓު ހުށަހެޅުމުގެ ޖަލްސާ ބޭއްވުމަށް މިދިޔަ ބުރާސްފަތި ދުވަހު ތާވަލް ކުރި އެވެ. އެކަމަކު، އެ ޖަލްސާ މި ހަފްތާއަށް ފަސް ކުރީ ވެސް ފިނޭންސް މިނިސްޓްރީން ބަޖެޓުގެ ތަފްސީލް ނުފޮނުވުމުންނެވެ. އެކަމަކު، އެ ޖަލްސާ ބާއްވާނެ ދުވަހެއް މަޖިލީހުން އަދިވެސް އިއުލާނެއް ނުކުރެ އެވެ.
އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގެ ޖުމުލައެއް އަދި ސާފެއް ނުވެ އެވެ.
މި އަހަރަށް ލަފާކޮށް، މަޖިލީހުން ފާސްކޮށްފައި ވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ފާސްކުރި އަދަދާ އެކު މި އަހަރުގެ ބަޖެޓުގެ އަދަދު 27.3 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ. އަދި 2016 އަށް މަޖިލީހުން ފާސްކޮށްދިނީ 27.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ފަހު ދައުރުގައި މައިގަނޑު ކަމެއްގެ ގޮތުގައި އޮންނާނެ ކަމަށް ބެލެވެނީ ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް އެކަންޏެވެ. އެއީ މި މަސް ނިމުމާއެކު، މެމްބަރުން ޗުއްޓީ އަށް ވަޑައިގަންނަވާނެތީ އޭގެ ކުރިން ބަޖެޓާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަން ޖެހޭނެތީ އެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ކޮންމެ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނެ ކަމަށް ލަފާ ކުރެވޭ ހަރަދާއި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް ހުށަހަޅަންވާނެ އެވެ. މާލިއްޔަތު ގާނޫނު ބުނާ ގޮތުން އޮކްޓޯބަރުގެ ނިޔަލަށް މަޖިލީހަށް ބަޖެޓު ހުށަހަޅަން ޖެހެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫނު
14 November 2017
ރާއްޖޭގައި ގުޑްގަވަރނަންސް އޮޔާދިޔައީ. ގާނޫނެއް ގަވައިދެއް އުސޫލެއް ހަމައެއް ލަމައެއް ބޭނުމެއްނޫން. ހަމައެކަނި ބޭނުންވަނީ '' އާދެ! މަސާހިބު'' ކިޔާ އަތް ޖަހާބަޔަކު. ކުރުމުއްދަތަކަށް ތިޔަ ގޮތަށް ކަންކަން ކުރެވިދާނެ. އެކަމަކު ދިގު މުއްދަތަށް ބަލާއިރު ތިޔަ ޑިޒާސްޓަރ އެއް
ޒުވާނުން2018
14 November 2017
މަޖިލީހުގެ ބާރެއްނެތޭ ، އެމީހުންނަކީ ދައުލަތުގެ ބާރެކޭ ބުނަންވެސް ލަދުގަންނަ ވަރަށް ސައިޒްކޮށްފަ ތިބީ. ރަބަރު ސްޓޭމްޕެއް.
ަރައްޔިތު
14 November 2017
މިހާރުނޫސް މީހުނަށް ބަޖެޓު އަދަދު ނޭގި ދެންހުރި ހުރިހާ މައުލޫމާތު މުޢުތަބަރުކޮށޯ ލިބުނީ އެކަމު ހަމަ ބަޖެޓު އަދަދަކީ ކިހާވަރެއްކަން ނޭގުނު. މަ ހައިރާން ވެއްޖެ.
އަހަން
14 November 2017
ސިވިލް ސާރވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރޭ ތޯ ބަޖެޓްގަ!
ކުލި
14 November 2017
ހައްހައްހާ ބަޖެޓް ފޮނުވުންވެސް ރޮކެޓް ސްޕީޑްގަ ދެއްތޯ އުދުހިފަ މަޖިލީހަށް ހައްހައްހާ
މުނޭ
13 November 2017
ހައްހައްހާ. ހަމަ ނަމަކަށް ތި ފޮނުވާލީ
ލޮލީޒި
13 November 2017
ޕްލޭނެއް ނެތޭ ސަރުކާރުގެ. ކީއްކުރާނީ.
އަބްދުއްލާ
13 November 2017
އެމްޑީޕީ ވެރިކަމުގާ ބަޖެޓް ހަދަން ނޭގިގެން ފުރަތަމަ އަހަރު 3 މަސް ދުވަހުގެ ފައިސާދީފަ ބުނީ ބަޖެޓް ހަދައިގެން ނެންނާށޭ ، ދެން އެމްޑީޕީން ވަޒީފާ އިންވަކިކުރި މައުމޫނުގެ 30 އަހަރުގެ ބަޖެޓް ހެދި މީހާ ކޮންޓެކްޓަށް ގެނެސްގެން ބަޖެޓް ހެއްދީ ބަޖެޓް ވާހަކަދައްކަން އެމްޑީޕީން ލަދުގަންނަންޖެހޭނެ.ދެން ދަތިކުރަނީ އޭ ކިޔާ މަޖިލީހާ ދެކޮޅަށް ކުރީ މުޒާހަރާ ނޫންތަ ؟ ހަދާނެއް ނެތް ދޮތަ ؟
ހަވޫރު
14 November 2017
އެމްޑީޕީން ބަޖެޓް ލަސްވީ ބަޖެޓު ހަދަން ނޭގިގެން... މިސަރުކާރުން ލާރިކޮޅެއް ކާލެވޭތޯ ތަފްސީލު އާމުނުކުރަނީ....
މަރީ
14 November 2017
ބަލަ ސަރުކާރު އޮންނަނީ އެމް.ޑީ.ޕީ ވިޔަސް އަދި އެހެން ޕާޓީއެއް ވިޔަސް ހަމައެކަނި ވަކި ޕާޓީއަކަށް ޖަވާބުދާރީ ވާކަށެއް ނޫނޭ! އެމީހުން ޖެހެނީ ފުރަތަމަ ރައްޔިތުންނަށް ޖަވާބުދާރީވާން! ދެން މިކަހަލަ ބޯގަޅި ކަންތައް ކޮއްފަ މީ މިވެނި ޕާޓީއެއް މިވެނި ދުވަހަކުވެސް ހެދި ގޮތެކޭ ކިޔައިގެން އޭގެ ފަހަތުގަ ފިލާ ތިބީމަ ލަދުގަންނަން ޖެހެނީ ސަރުކާރު ދޯ! ރައީސަކަށްވެސް އަދި މިސަރުކާރުގެ އިސް ވެރިންނަކަށްވެސް އަދި މިތާ މިކޮމެންޓުކުރާ ސަރުކާރުގެ ސަޕޯޓަރުންނަކަށްވެސް ހަމަޖެހޭ ވާހަކައެއް މިހާރަކު ނުދެއްކޭ. މުޅިން ޑިފެންސަށް ކުޅެން ޖެހެނީ ދޯ!
ރއނ
13 November 2017
އަހަރެން ހިތަށްއަރާ ވީހާއަވަހަކަށް ވޯޓް ކަރުދާސްކޮޅު ލިބޭނެނަމައޭ. ހުވާ މި ހުންނަނީ ކެެއްމަދުވެފަ. ތަރައްޤީގެ ކުލަވަރު ދައްކައިގެން ދިވެހިން ދިވެހިންގެ ބިމުގައި މިދަނީ މަޑުމަޑުން އަޅުވެތިވަމުން. މިހާރު މިސްރާބުހުރީ އަނެއްކާވެސް ބޮޑު ފަރެއް ކޮންމެވެސް އަރަބި މުއްސަންޖަކަށް ވިއްކާލަން. ވިސްނާލާ ރާއްޖޭގެ ގައުމީ ޓީވީގައި ރައްޔިތުންނާ ޗެލެންޖް ކޮށް ބުނޭ ތިމަންނާ ބިންވެސް ވިއްކާނަމޭ. މިކަމުން ވެސް ރައްޔިތުން ނިކަމެތިވެފައިވާވަރު ހާމަވޭ. އުތުކޮރެއާއަކީވެސް ބުރިޖަތަކާއި މަގުތަކާއި ނިއުކުކިއަރ ހަތިޔާރު ހުރި ގައުމެއް. އެކަމަކު ރައްޔިތުންބަޑަށް
ބެއްޔާ އައްޑޫ
13 November 2017
އަދަދެއް ފޮނުވި ކަމަށްޓަކައިވެސް ޝުކުރުވެރިވާނ ދިވެހިންނަކަށް ނޭގުނު. އަޑުގެ ކޮޅަށް ޝުކުރިއްޔާއޭ ކިޔަމުން އަތްޖަހާބަލަ. ތިޔަ ބަޖެޓެއްގައި ތަފުސީލު ޖެއްސަސް ވާ ކަމެއް ހަރާމުން ހަރާން. ފާއިތުވެ ދިއަ އަހަރު ތަކުގެ ބަޖެޓުގައި ތަފުސީލުކޮށް ބަޖެޓު ކުރެވި ސަރުކާރުން ނުހިންގާ ހުރި މަސައްކަތްތަކުގެ ވާހަކަ ދައްކާނެ ބަޔަކު ނެތް ތަނަކަށް ކީއްކުރާ ތަފުސީލެއް. ޝުކުރިއަްޔާ އިގުތިސާދީ. 2018 އަކީ ކެމްޕެއިން އަަހަރު. ޢަރާ ކޮންމެ ރަށެއްގައި ކަޑަޖެހޭނީ ތަފުސީލު ނުދިނުމުން ކަން ޔަގީން