ރިޕޯޓް

އުފަންވީ މާ އަވަހަށް: އުއްމީދު އަދި އެތައް ފިލާވަޅެއް

އައިޖީއެމްއެޗުގައި ދުވަސް ނުފުރާ އުފަންވެ، މިހާރު ބޮޑުވަމުން އަންނަ ކުދިންތަކެއް: މިފަދަ ކުދިންގެ އާއިލާތަކަށް ދިމާވާ އުނދަގޫ ދަޑިވަޅުގައި އެހެން މީހުންގެ އޯގާތެރިކަން ވަރަށް މުހިއްމު. ފޮޓޯ: އައިޖީއެމްއެޗް

ބަނޑަށް 24 ހަފްތާގައި އަހްޔާން އުފަންވި އިރު ބަރުދަނުގައި ހުރީ އެންމެ 642 ގްރާމެވެ. ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުން ފަރުވާ ދޭން ޖެހި ތިން މަސް ވަންދެން އެންއައިސީޔޫގައި އޭނާ ބޭއްވި އެވެ. މިހާރު އަހްޔާންއަކީ ލަވަ އަޑުއަހަން ލޯބިކުރާ، ފީކޯތް ކުޅެން ފޯރި ހުންނަ، އުފާވެރި ކުއްޖެކެވެ. އޭނާގެ މަންމަ ޝާހިދާގެ ބަހުން ނަމަ "ދުވަހަކު ވެސް އުއްމީދު ކަނޑާނުލައި ﷲއާ ވަކީލުކުރަން އަޅުގަނޑުމެންނަށް ދަސްކޮށްދިން، އަޖައިބެއް ފަދަ ކުއްޖެކެ"ވެ.

ދުވަސް ނުފުރާ ވިހެއުމާ ބެހޭ ގޮތުން ހޭލުންތެރިކުރުމުގެ ދުވަސް މިއަދު ފާހަގަކުރަނީ ވެސް އުއްމީދުގެ ނަޒަރުންނެވެ. މިއަދުގެ ޝިއާރު ބުނަނީ އެފަދަ ކުދިންނާއި އެ ކުދިންގެ މައިންބަފައިންނަށް "މާދަމާ ދޭށޭ" އެވެ. އެއީ އެފަދަ އާއިލާތަކަށް ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކުގައި އެހީއެއްގެ ގޮތުން ކޮންމެ މީހަކަށް ވެސް ވަރަށް ފަސޭހަ އިން ކުރެވިދާނެ ކަމެކެވެ.

އެކަމަކު އޭގެ ބަދަލުގައި، އެ މީހުންގެ އިހުސާސްތަކާ މެދު ފަރުވާލެއް ނުބަހައްޓައި ދެއްކޭ ވާހަކަތަކުންނާއި ކުރެވޭ ކަންކަމުން ހިތްދަތިކަން ތަހައްމަލްކޮށްފައިވާ އެތައް ބަޔަކު އެބަތިއްބެވެ.

ހާސްކަން، އުފާވެރިކަން، ކެތްތެރިކަން، ހިތްދަތިކަން

ޝާހިދާ ފަދަ މައިންބަފައިން ކިޔައިދޭ ވާހަކަތަކުން ސިފަވަނީ އަސަރުގަދަ އަދި އިބްރަތްތެރި ތަޖުރިބާތަކެކެވެ.

ޝާހިދާ އާއި ފިރިމީހާ، ދަރިފުޅު އަހްޔާންއާ އެކު (ކ) އަދި އަހްޔާން ތުއްތު އިރު (ވ) އެންއައިސީޔޫގައި

ދުވަސް ނުފުރާ ވިހެއުމާ ބެހޭ ދުވަސް އައިޖީއެމްއެޗުން މި އަހަރު ކުލަގަދަކޮށް ފާހަގަކުރަމުން އަންނަނީ ދުވަސް ނުފުރާ ކުދިން ލިބިފައިވާ އާއިލާތަކުގެ ޝުއޫރުތަކާ އެކުގަ އެވެ. އެ ހޮސްޕިޓަލުގައި އުފަންވެފައިވާ އެފަދަ ކުދިންނާއި އެ ކުދިންގެ މައިންބަފައިންގެ ފޮޓޯއާ އެކު ހަދާފައިވާ ޕޯސްޓަރުތަކުގައި އެ އިހުސާސްތައް ބަޔާންކޮށްދީފައިވެ އެވެ. އެ ވާހަކަތަކުން އެނގެނީ ކުއްޖަކު މާ އަވަހަށް އުފަންވުމަކީ އެއްފަހާރާ އެތައް ކަމެއް ތަހައްމަލްކުރަން ޖެހޭ ވަރުގަދަ ޖަޒުބާތީ އިމްތިހާނެއް ކަމެވެ.

އިޒީ ތުއްތު އިރު (ވ) އަދި މިހާރު އޭނާގެ މަންމަ އާއި ބައްޕައާ އެކު. ފޮޓޯ: އައިޖީއެމްއެޗް

"އެންމެ 1.48 ކިލޯގެ ކުޑަކުޑަ ދަރިފުޅު އެންމެ ފުރަތަމަ އަޅުގަނޑުމެންގެ އަތްލެވުނު ދުވަހުން ފެށިގެން މި ފާއިތުވެދިޔަ ފަސް އަހަރަކީ އަޅުގަނޑުމެންގެ ހަޔާތުގައި ގިނަ އިހުސާސްތަކެއް ތަޖުރިބާކުރަން ލިބުނު ފަސް އަހަރު---ހާސްކަމާއި އުފާވެރިކަން، ކެތްތެރިކަމާއި އަދި ބައެއް ދުވަސް ދުވަހު ހިތްދަތިކަން،" ހަތް މަސް ނުފުރެނީސް އުފަންވި ކުއްޖެއް ކަމަށްވާ އިޒީގެ މަންމަ ނީނާ ކިޔައިދިނެވެ.

ބަނޑަށް ހަތް މަހުގައި އުފަންވި ވާއިލް އަށް މިހާރު 11 އަހަރު ފުރެނީ އެވެ. އޭނާގެ ފުރަތަމަ އަހަރުތަކުގައި ވާއިލްގެ މައިންބަފައިންނަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު އިރު ލިބުނު ފިލާވަޅުތައް ވެސް ގިނަ އެވެ.

ވާއިލް ތުއްތު އިރު (ވ) އަދި މިހާރު އޭނާގެ މަންމަ އާއި ބައްޕައާ އެކު. ފޮޓޯ: އައިޖީއެމްއެޗް

"އަޅުގަނޑު ފަދަ އެހެން ބައްޕައިންނަށް ދޭން ބޭނުންވާ މެސެޖަކީ އަޅުގަނޑުމެންގެ އިޚްތިޔާރުން ބޭރުގައި ވަރަށް ގިނަ ކަންތައްތަކެއް ވާނެ ކަމާއި އެކަމަކު އެފަދަ ކޮންމެ ހިނދުކޮޅެއްގައި ވެސް އުއްމީދު ކަނޑާނުލާ، ހިތްވަރުކުރުމަކީ ވަރަށް މުހިއްމު ކަމެއްކަން،" ވާއިލްގެ ބައްޕަ ހަމްދޫން ބުނެފައިވެ އެވެ.

ހައިފާ އޭނާގެ ދަރިފުޅު ޒިޝޫ ވިހެއީ ބަނޑަށް 30 ހަފްތާގަ އެވެ. ކުޑަކުޑަ ޒިޝޫގެ ބަރުދަނުގައި ހުރީ 1.3 ކިލޯ އެވެ.

"ފުރަތަމަ ދުވަސްކޮޅު ޒިޝޫ ވަރަށް ބަލިވި. ވަރަށް ހިތްވަރުކުރަން ދަތި ކަންތައްތަކަކާ ދިމާވި، މިހާ ކުޑަކޮށް އޮތް ބޭބީއެއް ލިބުނީމަ. އެހެން ނަމަވެސް މިހާރު ޒިޝޫ ސިއްހަތު ސަލާމަތްކޮށް ފެނުނީމަ އިހުސާސްކުރެވޭ ދުނިޔެމަތީ ކިތަންމެ ބޮޑު ކަމެއް ކުރިމަތިވިޔަސް އެކަމަކާ ކުރިމަތިލުމުގެ ހިތްވަރު މާތްﷲ ދެއްވަވާނެކަން،" ހައިފާ ކިޔައިދިނެވެ.

ޒިޝޫ ތުއްތު އިރު (ވ) އަދި މިހާރު އޭނާގެ މަންމައާ އެކު. ފޮޓޯ: އައިޖީއެމްއެޗް

އައިޖީއެމްއެޗުގެ އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ ޑިޕާޓްމެންޓްގައި އިސްކޮށް މަސައްކަތްކުރައްވާ އަންހެނުންގެ ޑޮކްޓަރު އަސީލް ޖަލީލް ފާހަގަކުރެއްވި ގޮތުގައި، ދުވަސް ނުފުރާ ވިހެއުމުގެ މިފަދަ ތަޖުރިބާތައް ހިއްސާކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

"ރާއްޖޭގައި ވަރަށް ގިނަ މީހުންނަށް މި ކަމަށް ރަނގަޅަށް ތައްޔާރެއް ނުވެވޭ،" އަސީލް ވިދާޅުވި އެވެ. ސަބަބަކީ މިއީ ކިހާ ވަރެއްގެ ކަމެއްކަން މީހުންނަށް ނޭނގޭތީ އެވެ.

އެއް މަންމައަކު އައިޖީއެމްއެޗަށް ކިޔައިދިން ގޮތުގައި ދުވަސް ނުފުރާ ވިހެއުމުގައި އޭނާ އަށް ދިމާވި އެންމެ ބޮޑު ހުރަހަކީ އެކަމާ ބެހޭ އާއްމު މައުލޫމާތު ލިބިފައި ނެތުމެވެ.

"ދުވަސް ނުފުރާ ކުދިން ވިހާ ވާހަކަ އަބަދުވެސް އަޑުއަހަން. އެކަމަކު މިއީ މިހާ ގޮންޖެހުން ބޮޑު، އުނދަގޫ ކަމެއް ކަމަކަށް ދުވަހަކު ވެސް ހިއެއް ނުކުރަން،" ވިހޭ ގޮތަށް ދަރިފުޅު ހޮސްޕިޓަލުގައި ބާއްވައިގެން ދެ މަސް ދުވަސް ހޭދަކޮށްފައިވާ މަރިޔަމް ލިއުޝާ ކިޔައިދިނެވެ.

ޑރ. އަސީލް ސިފަކުރެއްވި ގޮތުގައި ދުވަސް ނުފުރާ ވިހެއުމަކީ މަންމަ އާއި ބައްޕަގެ ހުރިހާ ވަގުތެއް، ހުރިހާ ހަކަތައެއް އަދި ހުރިހާ ޖަޒުބާތުތަކެއް ކުއްޖާ އަށް ހުސްވެގެންދާ ކަހަލަ ކަމެކެވެ. ހޮސްޕިޓަލުގައި ހޭދަކުރަން ޖެހޭ މުއްދަތު ދިގުވުމާއި ހޮޅިތައް ގުޅައި އެންއައިސީޔޫގައި ދަރިފުޅު ބާއްވާފައި އޮންނަ މަންޒަރު ފެނުނީމާ އެ ކުރެވޭ އިހުސާސްތަކާއި ބަރުދަން އިތުރުވުން ލަސްވުމާއި ކުއްޖާ އަށް ގާތުން ކިރު ދިނުމުގެ ގޮންޖެހުންތައް ފަދަ ކަންކަން އޭނާ ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން، ދުވަސް ނުފުރާ ވިހެއުމަކީ ނުކުޅެދުންތެރިކަމަށް ދަރިފުޅު ހިނގައިދާނެ އަދި ކުއްޖާގެ ފުރާނަ އަށް ވެސް ނުރައްކާވެދާނެ ކަމަކަށް ވާ އިރު އެއީ ވެސް އެނގިފައި ހުރުން މުހިއްމު ކަންތައްތަކެއް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ދުވަސް ނުފުރާ ވިހޭ ކުއްޖަކު އައިޖީއެމްއެޗުގައި. ފޮޓޯ: އައިޖީއެމްއެޗް

ރައްކާތެރިވުމުގެ ފިޔަވަޅުތަކެއް އެޅިދާނެ

ދުވަސް ނުފުރާ ވިހެއުމަކީ ތުއްތު ކުދިން އެންމެ ގިނައިން މަރުވާ ސަބަބެވެ. ދުނިޔޭގައި ކޮންމެ 10 ކުއްޖަކުން އެއް ކުއްޖަކު އުފަންވަނީ މާ އަވަހަށެވެ. އެއީ ބަނޑަށް 37 ހަފްތާ ފުރުމުގެ ކުރިން ވިހެއުމެވެ. ފުރިހަމައަށް ދުވަސް ފުރުމަކީ ބަނޑަށް 40 ހަފްތާ ވުމެވެ.

އައިޖީއެމްއެޗުގެ ތަފާސްހިސާބުތަކަށް ބަލާއިރު ދުވަސް ނުފުރާ ވިހެއުމުގެ އެންމެ އާއްމު ސަބަބަކީ މާ އަވަހަށް ފެން ދުލި ފަޅައިގެންދިޔުމެވެ. އެއީ އެފަދަ ކޭސްތަކުގެ 30 ޕަސެންޓެވެ. އެކަމަކު 25 ޕަސެންޓް ކޭސްތަކުގައި ސަބަބަކީ ކޮބައިކަމެއް ނޭނގެ އެވެ. ލޭ ފޭބުމާއި (20 ޕަސެންޓް) ލޭގެ ޕްރެޝަރު މަތިވުމަކީ (14 ޕަސެންޓް) ވެސް ދުވަސް ނުފުރާ ވިހެއުމުގެ ބައެއް ސަބަބުތަކެވެ.

ސިއްހީ މާހިރުން ފާހަގަކުރައްވާ ގޮތުގައި ދުވަސް ނުފުރާ ވިހެއުން ހުއްޓުވުމަކީ ނުކުރެވިދާނެ ކަމެކެވެ. އެކަމަކު ދުވަސް ފުރާ ހިސާބަށް ދިޔުމުގެ ފުރުސަތު ބޮޑުކުރުމަށާއި މާބަނޑު ދުވަސްވަރު ދުޅަހެޔޮކަންމަތީ ދެމިހުރުމަށް ގިނަ ކަންތައްތަކެއް ކުރެވިދާނެ އެވެ. އޭގެ ތެރޭގައި ގަވާއިދުން ޑޮކްޓަރަށް ދެއްކުމާއި ފައިދާހުރި ކާނާ ކެއުމާއި ދުންފަތާއި މަސްތުވާތަކެތި ފަދަ ގެއްލުން ހުރި އެއްޗެހި ބޭނުން ނުކުރުމާއި އެއްވެސް ބާވަތެއްގެ ބޭހެއް ބޭނުންކުރާ ނަމަ ޑޮކްޓަރުގެ ލަފާ ހޯދައި ފަރުވާތެރިވުން ހިމެނެ އެވެ.

ދުވަސް ނުފުރާ ވިހެއުމުގެ ތަޖުރިބާއެއް ކުރިން ކުރެވިފައިވާ ނަމަ ޚާއްސަ ގޮތެއްގައި ސަމާލުވެ، ޑޮކްޓަރުގެ އިރުޝާދާ އެކު ފިޔަވަޅުތައް އަޅަން ޖެހެ އެވެ. އޭގެ އިތުރުން ލޭ މައްޗަށް ދިޔުމާއި ހަކުރުބަލި ފަދަ ސިއްހީ މައްސަލަތަކަކީ ދުވަސް ނުފުރާ ވިހެއުމުގެ ނުރައްކާ ބޮޑުވާ ސަބަބުތަކަކަށް ވާތީ އެފަދަ ކަންކަން ކޮންޓްރޯލްކުރަން ޖެހެ އެވެ.

ޑރ. އަސީލް ފާހަގަކުރެއްވި ގޮތުގައި ހުރިހާ ގޮތަކުން ވެސް އެންމެ ރަނގަޅު ވާނީ ދުރާލާ ރާވައިގެން ބަލިވެއިނުމެވެ.

އެންމެ ހިތްދަތިވާ ކަންތައް: މީހުން ކިޔާ އެއްޗެހި

އަލަތު ދަރިފުޅު އެންއައިސީޔޫގައި ބާއްވައިގެން، އޭނާގެ ފުރާނަ ސަލާމަތްވޭތޯ ބަލަބަލައި ތިބުމަކީ މުހައްމަދު އަބްދުﷲ އާއި އޭނާގެ އަންހެނުންނަށް ހަޔާތުގެ ވެސް އެންމެ ހިތްދަތި ދަނޑިވަޅެވެ. އެކަމަކު އެކި މީހުންގެ ފަރާތުން ކޮންމެ ދުވަހަކު އަޑުއަހަން ޖެހުނު ވާހަކަތަކާއި ފާޑުކިޔުންތަކާ ހެދި އެ ހިތްދަތިކަން އަދި ވީ އެއަށް ވުރެ ވެސް ބޮޑެވެ.

"އާއިލާގެ އެކަކު ބުނި، މިހެން މިވީ އަހަރެމެން ރޭގަނޑު ސައިކަލު ދުއްވާލަން ނުކުންނާތީއޭ ވެސް،" ދުވަސް ނުފުރާ އުފަންވުމަށް ފަހު މިހާރު އެއް އަހަރު ފުރިފައިވާ ކުއްޖަކު ހުރި މުހައްމަދު ބުންޏެވެ.

"މި ކަހަލަ އެތައް ވާހަކައެއް އަބަދު، އަބަދު އަޑުއިވިއިވި އެންމެ ފަހުން ބައެއް ފަހަރު ހިތަށް އަރަން ފަށާ އެއީ ތެދަކަށް ވެދާނެއޭ ވެސް. އެއީ އެންމެ ހިތްދަތިވާ ކަމަކީ."

އަސީލް ވެސް ފާހަގަކުރެއްވި ގޮތުގައި މިފަދަ މައިންބަފައިންނަށް ވެދެވޭނެ އެންމެ ބޮޑު އެއް އެހީއަކީ ހިތުގައި ޖެހޭ ފަދަ ވާހަކަތައް ނުދެއްކުމެވެ.

"ވަރަށް ގިނަ ފަހަރު މަންމަ ކުށްވެރިވެގެން އެބަދޭ. ކުއްޖާ ކުޑަ ވިޔަސް، ބޮޑު ވިޔަސް، މީހުން މި ދެކެނީ އެއީ މަންމަގެ މައްސަލައެއް ކަމަށް،" އޭނާ ވިދާޅުވި އެވެ.

"ރައްޓެހިންނާއި އާއިލާގެ މީހުން ގޮސް 'އަދިވެސް ހާދަ ކުޑައޭ، ބޮޑެއް ނުވެއޭ، އަދިވެސް ދުލެއް ނުކޮށްލާހޭ'، މި ކަހަލަ ވާހަކަތައް ދެއްކީމަ ހަގީގަތުގައި ވަރަށް އުނދަގޫވާނެ. އަދި އޭގެ އިތުރުން ކުއްޖާ ގެންގުޅެންވީ ގޮތާ ބެހޭ ގޮތުން ވެސް ޕްރޮފެޝަނަލް ނޫން އެކި ކަހަލަ ޚިޔާލުތައް ދިނީމަ ވެސް އުނދަގޫވާނެ. އޮޅުން އަރާ ގޮތްވާނެ."

ދަރިފުޅު ބޮޑުވަމުން އަންނަ އިރު މުހައްމަދުމެންނަށް އެންމެ ބޮޑަށް ފިކުރުކުރެވެނީ ހެދިބޮޑުވުމުގައި އޭނާ އެހެން ކުދިންނަށް ވުރެ ފަހަތުގައި އުޅޭތީ އެވެ. އެ އަށް ވުރެ މާ ހަގު ކުދިންނަށް ކުރެވޭ ކަންކަން އޭނާ އަށް ނުކުރެވޭތީ ދެރަވާ ފަހަރުތައް އާދެ އެވެ. އެކަމަކު މުހައްމަދު ބުނަނީ "މި މުޅި ދަތުރަކީ އަހަންނަށް މިހާތަނަށް ދިމާވި އެންމެ ރަނގަޅު ކަންތައް" ކަމަށެވެ.

"މީގެ ތެރެއިން އަހަންނަށް ވަރަށް ގިނަ ކަންކަން ދަސްވެއްޖެ. ދިމާވި އެއްވެސް ކަމެއް ނެގެޓިވްކޮށެއް އަހަރެން ނުނަގަން،" އޭނާ ބުނެލި އެވެ.

މިފަދަ ވާހަކަތަކުން އެހެން މައިންބަފައިންނަށް ހިތްވަރު ހޯދިދާނެ އެވެ. މި ޝުއޫރުތަކުން އެނގެނީ، ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުން މަރުވާ ކުދިން ގިނަޔަސް، މި ކަން ތަޖުރިބާކުރާ ކޮންމެ މީހަކަށް ވެސް އުއްމީދަކީ ކިހާ މުހިއްމު އެއްޗެއް ކަމެވެ.

ބަނޑަށް އެންމެ 23 ހަފްތާގައި އައިޖީއެމްއެޗުގައި އުފަންވި ކުއްޖަކު ވެސް ވަނީ ސަލާމަތްވެފަ އެވެ. އުފަންވި އިރު އެންމެ 610 ގްރާމް ހުރި އެ ކުއްޖާ އަށް މިހާރު 10 މަސް ފުރިފައިވާ އިރު ހާލު ރަނގަޅެވެ.

އުއްމީދު ކަނޑާނުލާށެވެ.

9 ކޮމެންޓް, 89 ރިއެކްޝަންސް

icon happy icon happy 81%
icon sad icon sad 15%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

रރީން

28 November 2017

ޟމީ ވަރައް ވޭން ހުރި ތަޖުރިބާއެއް. ޢެމީހަކައް ދިމާވީމަ އެ ހިތި އިހުސާސް ކުރެވޭނީ. މި ފޮޓޯތައްފެނުނީމަވެސް ހިތް ފަޅާގެން ދާވަރުވޭ. 10އަހަރު ފަހުން ލިބުނު މަގޭ އަލަތު ދަރިފުޅުއެވޭނުގައުޅެ ނިއާވީ އެ ދަރި އުލުނު ހާލު އިހުސާސްވެފަ އަދިވެސް ރޮވޭ. ޚކިހިނެއް މިކަހަލަ ލިއުމަކުންދައަކާލާ ވާހަކަަތަކަކުން ފުދޭނި

The name is already taken The name is available. Register?

ފާތުން

17 November 2017

އުންމީދު ކަނޑާނުލާށެވެ!!!

The name is already taken The name is available. Register?

މޯޑު

17 November 2017

ޑަރިން ހޯދަން އުޅުނީމަ ލިބޭނެ

The name is already taken The name is available. Register?

ާއަނާ

17 November 2017

މިހާރު ނޫޙުގެ ތަފާތު ފެނިގެންދިޔަ ލިޔުމެއް.

The name is already taken The name is available. Register?

ވިސްނާމީހާ

17 November 2017

ލިޔުންތެރިޔާއަށް ޝުކުރުދަންނަވަން އަދިވެސް މިކަހަލަ މުޖުތަމައު ހޭލުންތެރި ކުރެވޭނެ ލިޔުންތަށް މުސްތަގުބަލުގައި ގެނެސްދޭނެ ކަމުގައި އުންމީދު ކުރަން

The name is already taken The name is available. Register?

އެެއްކަލަ މީހާ

17 November 2017

ދަރިން ދުވަސް ނުފުރާ ވިހެޔަސް ދަރިން ނުލިބުނަސް އަބަދުވެސް ކުށްވެރިވާނީ އަންހެނުން....

The name is already taken The name is available. Register?

މެންޓަލިސްޓް

17 November 2017

ތިޔަހުންނަނީ ހަމަ އަޖައިބްކަންކަމޭ ދެންނެވޭނީ ،،،، އެއީ މިހާރުގެގޮތުން ބުނާނަމަ ،،،، އުފަންވުމުގައި މިއުޅެނީ ދެ ޓައިމްޒޯނެއް ،،،، އެއީ ބަނޑުގައި ފުރަތަމަ ކުއްޖާ ގަރުބަގަތުމާއި ... ފުރާނަ އެލުމާޢި ،،،،، ވިހައިގެން ނޫނީ ސިޒޭރިއަން ހަދައިގެން ކުއްޖާ މަންމަގެ ބަނޑުން ބޭރުވުން ،، މިވާގޮތަކީ ،،،، ގަސްގަހުގެ އޮށްވެސް އިންދީމައި އެއިންނަނީ ކަނުއަނދިރީޣައި ބިމުގެ އަޑީގައި ،،، އެހެންއިންދެފައި މޫލައިގެން މައްޗަށްއަރަމުން ގޮސް އަލިކަމުގެ ތެރެއަށް ބޯހިއްލާލަނީ ،،، އިންނާނާވެސް ފަނިތަކަކުން އުފެދިގެން އާދަވެގެން 9 މަސްވަންދެން ކަނުއަނދިރީގައި އޮވެގައި އަލިކަމުގެތެރެއަށް ނުކުންނަނީ ،،، ދުނިޔޭގައިވެސް އޮންނަނީ ރޭގައިޑާއި ދުވާލު ،،،، މުޅިކާއިނާތުގައިވެސް އޮންނަނީ ޑާކްމެޓަރ އާޢި ލައިޓް ،،، މިހެންގޮސް މީ ވަރަށްދިގުވާހަަކައެއް،،،، ވަރަށްވެދެުން

The name is already taken The name is available. Register?

މުގުނި11

17 November 2017

ވަރަށް ހަބޭސް ލިޔުންކޮޅެއް

The name is already taken The name is available. Register?

Moosa Rasheed

17 November 2017

ސަޅި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454