ރިޕޯޓް / ރިޔާސީ އިންތިޚާބު 2018

އެއް ކެންޑިޑޭޓް ފޯމިއުލާ - ފަސޭހައެއް ނުވާނެ

ގާސިމާއި ނަޝީދު: ރިޔާސީ އިންތިޚާބަށް ދެ ބޭފުޅުންގެ ވެސް ޝައުގުވެރިކަން ހުރި ކަމަށް އަރިސް ބޭފުޅުން ވިދާޅުވޭ.

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށް އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް، އެ ހަރަކާތުގެ އިސް ހަތަރު ލީޑަރުން ގާތްގަނޑަކަށް އެއްބަސްވެވަޑައިގަންނަވަ އެވެ. މިހާތަނަށް އެންމެ ސާފުކޮށް އެކަން އިއުލާން ކޮށްފައި ވަނީ އެމްޑީޕީން ކަމަށް ވާއިރު، އަދާލަތު ޕާޓީން ނިންމާފައި ވަނީ ކޯލިޝަން ސަރުކާރަކަށް ތާއީދު ކުރުމަށެވެ. ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދުކުރާ ފަރާތްތަކުން އަދި މި މައްސަލާގައި އެއްވެސް ގޮތެއް ނުނިންމަ އެވެ.

ނަމަވެސް ފެންނަ ފެނުމާއި އިވޭ އަޑުތަކަށް ބަލާއިރު، އެއް ކެންޑިޑޭޓަކު ނެރުމުގައި އުނދަގޫތަކެއް ކުރިމަތި ނުވެ ނުދާނެ އެވެ. ސަބަބަކީ ރައީސް ޔާމީނާ އިދިކޮޅުން ވާދަކުރާނެ ކެންޑިޑޭޓަކަށް ވުމަށް ވަރުގަދަ ދެ ލީޑަރެއްގެ ނަން ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ ބަޔަކު ސަޕޯޓް ކުރާ ބައެއްގެ ލިސްޓުގައި ހިމަނާފައިވާތީ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް އިންތިޚާބަށް ޝައުގުވެރިވެވަޑައިގަންނަވާ ކަން އެ ޕާޓީތަކުގެ އިސް ވެރިން ފާޅުގައި ވިދާޅުވަމުން ގެންދަވާއިރު، މިއީ ނިންމަން ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެމްޑީޕީން ވެސް ނަޝީދު ނޫން ކެންޑިޑޭޓެއް ދައްކާނީ އެ ފުރުސަތު ޝަރުއީ ނިޒާމުގެ ތެރެއިން ނުލިބޭނެކަން ޔަގީންވުމުންނެވެ. ގާސިމްގެ ސަޕޯޓަރުން ވެސް ތިބީ ހަމަ އެގޮތުގަ އެވެ.

ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު މި ރިޔާސީ އިންތިޚާބުގައި ނުކުންނާނެ ކަމުގެ ޔަގީންކަން އެ ޕާޓީގެ ލީޑަޝިޕުން ދޭތާ ކިތަންމެ ދުވަހެކެވެ. އަދިވެސް ޖުމްހޫރީ ޕާޓީގެ އެ ސްޓޭންޑް ބަދަލެއް ނުވެ އެވެ. އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ގާސިމްގެ "ބަސް" އިއްވާ ބޭފުޅެއްގެ ގޮތުގައި ސިޔާސީ ދާއިރާގައި މަޝްހޫރު ވެފައިވާ އަމީން އިބްރާހީމް ދާދި ފަހުން ވީޓީވީގައި ދެއްކެވި ވާހަކަތަކުން ވެސް އެކަން ވަރަށް ސާފެވެ. އޭނާ ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ވެސް އެ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ރިޔާސީ ކެންޑިޑޭޓަކަށް ވާން ޖެހޭނީ ގާސިމް ކަމަށެވެ. އެހެންވެ އެ ފުރުސަތު އެހެން ބޭފުޅަކަށް ދޭނީ ގާސިމަށް އެއްކޮށް މަގު ބަންދުވުމުންނެވެ. ގާސިމަށް މަގު ބަންދު ވިޔަސް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއް ނެރުމުގެ ވިސްނުން ހުރި ކަމަށް ބެލެވެ އެވެ.

ނަޝީދާއި ގާސިމް ވެސް ތިއްބެވީ ގާތްގަނޑަކަށް އެއް ހާލަތެއްގަ އެވެ. އެއީ ދިގު މުއްދަތުގެ ޖަލު ހުކުމެއްގަ އެވެ. އެ ދެ ބޭފުޅުންގެ މައްޗަށް އައިސްފައިވާ ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރުން ނޫން ގޮތެއް ނެތެވެ.

ރައީސް ޔާމީން ކޮންމެވެސް "ރަހުމަތަކުން" ނަޝީދާއި ގާސިމަށް މާފު ދެއްވިޔަސް ގާނޫނުތައް ހުރި ގޮތުން، ފަސް އަހަރު ފަހުން ނޫނީ އިންތިޚާބަށް ކުރިމައްޗެއް ނުލެވޭނެ އެވެ. އެހެންވެ އެ ދެ ބޭފުޅުންނަށް ވެސް ރާއްޖޭގެ އެންމެ މަތީ ކޯޓު ތެރެއިން ގޮތްތަކެއް ނިމެން ޖެހެ އެވެ.

ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް މައުމޫނާއި ގާސިމް ސަލާމް ކުރައްވަނީ.---މިހާރު ފައިލް ފޮޓޯ

ނަޝީދުގެ އިތުރުން ގާސިމަށް އަދި އެހެން ގޮތަކުން ވެސް ފުރުސަތު ހަނިވެ އެވެ. އެއީ އުމުރުގެ މައްސަލަ އެވެ. ގާސިމަށް 65 އަހަރު ވެފައިވާއިރު، ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ ގުޅިގެން އޭނާ އަށް ރިޔާސީ އިންތިޚާބުން ފުރުސަތެއް ލިބިވަޑައިނުގަންނަވާނެ އެވެ. އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރިޔާސީ އިންތިޚާބަށް ވާދަނުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައީ ވެސް ގާސިމަށް ފުރުސަތު ބަންދު ކުރުމަށް ކަމަށް އޭރު ވެސް ކިޔަމުން އައެވެ. އެހެންވީމާ ގާސިމަށް ކުރިމަތިލެވޭނީ އެ އިސްލާހު ރައްޔިތުންގެ މަޖިލީހުން ނުވަތަ ސުޕްރީމް ކޯޓުން ބާތިލް ކުރުމަށް ފަހު އެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު ވެސް ދެ ބޭފުޅުން ވެސް ތިއްބެވީ ހަމަ އެއް ހާލަތެއްގަ އެވެ. އިންތިޚާބަށް ކުރިމަތިލައްވަން ނިންމެވިޔަސް އަދި އެ ފޯމިއުލާއިން ކިތަންމެ ގިނަ ވޯޓެއް ދެ ބޭފުޅުން ހޯއްދެވިޔަސް އިތުރު މަރުހަލާތައް ގިރާ ކުރައްވައިގެން ނޫން ގޮތަކަށް ވޯޓު ކަރުދާސްކޮޅުން ދެ ބޭފުޅުންނަށް ޖާގައެއް ނުލިބޭނެ އެވެ. ސުވާލަކީ ނަޝީދާއި ގާސިމަށް ޝަރުއީ ނިޒާމުގެ ތެރެއިން އެ ފުރުސަތު ލިބޭނީ ކޮން ގޮތަކުން ބާވަ އެވެ؟ ދެ ބޭފުޅުންނަށް ހުކުމް އައި ގޮތަށް ބަލާއިރު ކާމިޔާބުވެދާނެ ބާވަ އެވެ؟

"ރައީސް ނަޝީދާއި ގާސިމަށް ވެސް އިންތިޚާބަށް ކުރިމަތިލުމަށް މަގުފަހިވާން ޖެހޭ ކަންކަން ތަފާތު. ގާސިމަކީ ޖުޑިޝަރީ އާއި ސިފައިންނާއި ފުލުހުންގެ ސިމްޕަތީ [ކޮންމެވެސް ވަރަކަށް] ލިބޭ ބޭފުޅެއް ކަމަށް ވެފައި މި އޮންނަނީ. އެހެންވީމާ ގާސިމަށް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ލިބުމަކީ ވަރަށް ކައިރި ކަމެއް،" އިދިކޮޅު ހަރަކާތުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު، ނަން ހާމަނުކުރުމަށް އެދިވަޑައިގެން، ވިދާޅުވި އެވެ.

"މި ރާއްޖޭގައި ކަމެއް ބަދަލުވާން ނަގާފާނެ ބައި ގަޑިއިރު ވެސް. މި ދެންނެވި ސިމްޕަތީގެ ތެރެއިން ގާސިމަށް ފުރުސަތު ފަހިވެދާނެ ކަމަށް އޭނާގެ އަރިސް ބޭފުޅުން ދެކެވަޑައިގަންނަވާ."

އޭނާގެ ވިސްނުމުގައި ގާސިމާ ތަފާތުުކޮށް، ނަޝީދަށް އިންތިޚާބުން ފުރުސަތެއް ލިބިވަޑައިގަންނަވާނީ ބައިނަލްއަގްވާމީ ފިއްތުންތައް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ކުރިމަތި ކޮށްގެންނެވެ. އެ ފިއްތުންތަކަކީ ނަޝީދު ގެންގުޅުއްވާނެ ވަރަށް މުހިންމު ހަތިޔާރެއް ކަމަށް "މިހާރު"އާ ވާހަކަ ދެއްކެވި، އިދިކޮޅު ހަރަކާތުގެ އިސް މެމްބަރު ވިދާޅުވި އެވެ.

"ޚާއްސަކޮށް ސައޫދީ އަރަބިއްޔާގެ ސިޔާސީ މަސްރަހަށް އެ އަންނަ ބަދަލާއި މެދުއިރުމަތީގެ ސިޔާސީ ކަންކަމަށް މި އަންނަ ބަދަލު މިހާރު ވަރަށް މުހިންމު ދައުރެއް ކުޅޭނެ. ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރައްވާ، ދުނިޔޭގެ މުއްސަނދި ވިޔަފާރިވެރިންނާއި ނުފޫޒު ގަދަ ފަރާތްތަކުން ސައޫދީއާ އޮންނަ ގުޅުން ބަދަހި ކުރާ ވަރަކަށް ރައީސް ނަޝީދުގެ އުއްމީދު ދާނީ މައްޗަށް. އެ ޕްރެޝަރު ރައީސް ޔާމީންގެ މައްޗަށް ކުރިމަތި ކޮށްގެން، އިންތިޚާބުން ފުރުސަތު ހޯއްދަވަން ރައީސް ނަޝީދު މަސައްކަތް ކުރައްވާނެ،" އޭނާ ވިދާޅުވި އެވެ.

"އެކަމަކު ރައީސް ނަޝީދަށް ދިވެހި ސިފައިންނާއި ފުލުހުންނާއި ޖުޑިޝަރީ ވާނީ ވަރަށް ބޮޑު ގޮންޖެހުމަކަށް. އަދި ރައީސް ޔާމީން ކޮންމެވެސް ގޮތަކުން ބޭނުންފުޅުވެގެން ރައީސް ނަޝީދަށް ފުރުސަތު ދެއްވަން އުޅުއްވިޔަސް އެ ގޮންޖެހުން [ސިފައިންނާއި ފުލުހުންނާއި ޖުޑީޝަރީ] ކުރިމަތިވާނެ ކަމަށް ބެލެވޭ."

ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު ޕްރިންސް މުހައްމަދާއި އިނގިރޭސި ވިލާތުގެ މަޝްހޫރު ވާޖިން ގްރޫޕުގެ ޗެއާމަން ބިލިއަނާ ރިޗަޑް ބްރެންސަން ދާދި ފަހުން ބައްދަލުކުރައްވަނީ: ތިމާއްޓަށް މަސައްކަތްކުރާ މިފަދަ މުއްސަނދިންނާ ސައޫދީއާ އޮންނަ ގުޅުން ބަދަހިވުމަކީ ނަޝީދަށް ފުރުސަތު ފަހިވާނެ ކަމެއް ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ބުނޭ.

ނަޝީދާއި ގާސިމަށް ވެސް އިންތިޚާބާ ހަމައަށް ވަޑައިގެންނެވޭނީ ބޮޑެތި ގުރުބާނީތަކެއް ވެގެންނެވެ. ރައީސް ޔާމީން އަދި ސަރުކާރުގެ ވިސްނުން ގެންގުޅޭ ގޮތަށް ބަލާއިރު، ނަޝީދާއި ގާސިމަށް ފުރުސަތު ދިނުމަކީ ދުރުގައިވާ ކަމެއް ކަމަށް ދެކޭ އެތައް ބަޔަކު އެބަ ތިއްބެވެ. ވެރިކަންކުރާ ޕާޓީގެ ތެރެއިން މިހާރު ވެސް ފާޅުގައި އެ ބުނަނީ ނަޝީދަށް ފުރުސަތު ނެތް ވާހަކަ އެވެ. ގާނޫނުތައް ތަން ނުދޭ ވާހަކަ އެވެ.

އިދިކޮޅު ހަރަކާތުގެ އިސް ބޭފުޅަކު ވިދާޅުވީ ނަޝީދު ރިޔާސީ އިންތިޚާބަށް ނުކުންނަވާ ނަމަ ހަމަ އެ ފުރުސަތު ގާސިމަށް ވެސް އޮންނަން ޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަޝިޕުން ދެކޭ ކަމަށެވެ. ހަމަ އެ ވިސްނުން މައުމޫނަށް ތާއީދުކުރާ ފަރާތްތަކުން ވެސް ގެންގުޅޭ ކަމަށް ވެ އެވެ.

"ރައީސް ނަޝީދު ބޭނުންފުޅުވަނީ އިދިކޮޅުން ނުކުންނަ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށް ކޯލިޝަންގެ ވޯޓުން ހޮވުން. ބޭނުމަކީ އެއީ އިދިކޮޅު ކެންޑިޑޭޓު ކަމަށް ބައިނަލްއަގްވާމީ ދުނިޔެ އަށް ދެއްކުމަށް ފަހު، ސަރުކާރަށް ޕްރެޝަރު ކޮށްގެން ހުކުމުން ސަލާމަތްވުން،" އިދިކޮޅު ހަރަކާތުގެ އެތެރޭގެ ކަންކަން އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.

"އެކަމަކު އެކަމަށް ވަގުތު ދީ، ކާމިޔާބު ނުވެއްޖެ ނަމަ އެހެން ކެންޑިޑޭޓަކަށް ފުރުސަތު ދޭކަށް ރައީސް ނަޝީދު ދެކޮޅެއް ނުހައްދަވާނެ. ބެލެވޭ ގޮތުން ފުރަތަމަ ކަމަކީ މިނިވަންވުން. ރައީސް ނަޝީދު ކުރިމަތިލައްވާތީ، ގާސިމްގެ ސަޕޯޓަރުން ވެސް ގާސިމް ނުކުމެވަޑައިގަތުމަށް އަޑު އުފުލަނީ."

ނަޝީދާއި ގާސިމާ ހަމައިން ވެސް އަދި މިކަން ނިމޭނެ ކަމަކަށް ނުބެލެވެ އެވެ. މައުމޫނަކީ ވެސް ސިޔާސީ ގޮތުން ވަރުގަދަ އަދި ކޯލިޝަންގެ ތެރޭގައި ބަސްވިކޭ، އިސް ލީޑަރެއް ކަމުން އެމަނިކުފާނު ބޭނުންފުޅުވާ ގޮތް ވެސް އޮންނާނެ އެވެ. ސިޔާސީ މަސްރަހުގެ ކަންކަން ބަލާ ފަރާތްތަކުން ބުނާ ގޮތުގައި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނަށް ނައިބު ރައީސްކަން ލިބިވަޑައިގަންނަވާ ގޮތަށް މައުމޫން މަސައްކަތްޕުޅު ކުރެއްވުމަކީ ވެސް ވުން ކައިރި ކަމެކެވެ. އެކަމަކު އެކަމާ ގުޅޭ ގޮތުން މިހާތަނަށް މައުމޫން ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ކެންޑިޑޭޓަކު ކަނޑައަޅާނެ ރަނގަޅު ފޯމިއުލާއެއް ހޯދިދާނެތަ؟

އެއް ކެންޑިޑޭޓަކު ނެރޭނެ ފޯމިއުލާ މިހާތަނަށް ކަނޑައަޅާފައި ވަނީ އެމްޑީޕީން އެކަންޏެވެ. އެ ޕާޓީން ނިންމާފައިވާ ގޮތުން ނަމަ އެކަން ކުރާނީ އިދިކޮޅު ހަރަކާތުގެ މެދުގައި ނަގާ ޕްރައިމަރީއަކުންނެވެ.

އެކަމަކު މިއީ މި ހަރަކާތުގައި ދެން ތިބި ސިޔާސީ ފަރާތްތަކުން އެއްބަސްވާނެ ކަމެއް ކަމަކަށެއް ނުބެލެވެ އެވެ. މިހާރު ވެސް ނުރަސްމީ ފޯރަމްތަކުގައި އެ މަޝްވަރާތަކުގައި އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުގެ ވިސްނުން ތަފާތެވެ. އެބޭފުޅުންގެ ވިސްނުމުގައި އެއީ ކަމުދާ ފޯމިއުލާއެއް ނޫނެވެ.

"އެއީ އެމްޑީޕީގެ ތެރެއިން ރައީސް ނަޝީދަށް ގޮންޖެހުމެއް ކުރިމަތިވެދާނެތީ ނެރެގެން އުޅޭ ފޯމިއުލާއެއް. އެއީ މި ކޯލިޝަންގެ ތެރޭގައި ހިނގާނެ ފޯމިއުލާއެއް ނޫން،" އިދިކޮޅު ހަރަކާތުގެ ކަންކަން އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.

އެމްޑީޕީ ފިޔަވައި އިދިކޮޅު ހަރަކާތުގައި ދެން މަސައްކަތް ކުރައްވާ އިސް ބޭފުޅުންގެ ވިސްނުމުގައި އެއް ކެންޑިޑޭޓަކު ކަނޑައަޅަން ވާނީ ނަޝީދާއި ގާސިމާއި މައުމޫން އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މެދުގައި ކުރާ މަޝްވަރާއަކުންނެވެ. މާނައަކީ ސިޔާސީ ހުރިހާ ދިމާއަކަށް ވެސް ނަޒަރު ހިންގައިގެން، ލީޑަރުން ގޮތް ދޫކުރައްވައިގެންނެވެ.

"ފޯމިއުލާ ނެރޭނީ ޕާޓީތަކުގެ ލީޑަރުންނާއި ޕާޓީތަކުގެ ނުފޫޒު ގަދަ ފަރާތްތަކުގެ މެދުގައި ކުރާ މަޝްވަރާއަކުން. އެއް ކެންޑިޑޭޓެއްގެ ފޯމިއުލާ އަންނާނީ އެއްގޮތަކަށް ވެސް އެމްޑީޕީން ނެރޭ ފޯމިއުލާއަކުންނެއް ނޫން،" އިދިކޮޅު ހަރަކާތުގެ އިސް އެހެން ބޭފުޅަކު ވިދާޅުވި އެވެ.

އިދިކޮޅު ހަތަރު ލީޑަރުން: އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅުން ނެރޭނެ ކެންޑިޑޭޓަކާ މެދު އަދި ގޮތެއް ނުނިންމާ.

އެމްޑީޕީގެ ވިސްނުމަކީ ވެސް އެއީ އެވެ. އެއް ކެންޑިޑޭޓް ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށް އެމްޑީޕީން ނިންމާފައި ވިޔަސް އެކަމުގައި އެންމެ ފަހުގެ ނިންމުން ނިންމަން އެ ޕާޓީން ވެސް ބޭނުންވަނީ އިދިކޮޅު ހަރަކާތުގެ އެހެން ފަރާތްތަކާ އެކު ކުރާ މަޝްވަރާގެ އަލީގަ އެވެ.

ޕްރައިމަރީއަކުން އެއް ކެންޑިޑޭޓަކު ކަނޑައަޅާ ނަމަ، ޕާޓީގެ މެމްބަރުންގެ އަދަދަށް ބަލާއިރު، އެކަން އެންމެ ފަސޭހައިން ވާން އޮތީ އެމްޑީޕީ އަށެވެ. އެއީ އެންމެ މެމްބަރުން ގިނަ ޕާޓީ ކަމަށް ވުމުންނެވެ. ޖުމްހޫރީ ޕާޓީ އާއި އަދާލަތު އެއްކޮށްލީމާ ކިރިޔާ 20،000 މެމްބަރުން ހަމަވަނީ އެވެ. މައުމޫންގެ ފަހަތުގައި ތިބި މެމްބަރުންގެ އަދަދު އެނގޭނެ ލިސްޓެއް ވެސް ނެތެވެ. އެހެންވެ ޕްރައިމަރީ ބޭއްވުމުގެ ފޯމިއުލާއާ މެދު ވެސް ސުވާލުތަކެއް މިހާރު ވެސް އެބަ އުފައްދަ އެވެ.

ރައީސް ޔާމީން އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުން ބަލިކުރުމަކީ އިދިކޮޅު ފަރާތްތަކުން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ބުނާއިރު، އެ މަގުން ދަތުރުކުރުމުގެ ފުރަތަމަ ބައި ވެސް ގިރާކޮށް އަދި ނުނިމެ އެވެ. އެކަމަކު އޭގެ މާނަ އަކީ ގޮތެއް ނުފެނި މަގު ބަންދުވުން ކަމަށް ބުނުން މާ އަވަހެވެ.

57 ކޮމެންޓް, 57 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 11%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަ

11 December 2017

އިނގިރޭސިންގެ ހިމާޔަތުގަހުރި ނަޝީދުއަށް ޓިކެޓް ނުލިބެންޔާ ތި ފަނި ކޮށްލާނެ. އޭނަ އެހުރީ އަދިވެސް ވެރިކަން ކޮށްލާހިތުން، އެކަމަކު އެކަމެއްދެން ނުވާނެ. ބޭރުގަ ހުރެގެން ޔާމީންއާ ބެހުނީމަ ނިމުނީނު. މުޅި ޤައުމުގެ އަގުވައްޓާލުމުން އޭގެ ދެރަވާނީ ޔާމީން އަކަށްނޫން. އެންމެންނަށް. އަހަރުންނަށް ވަރިހަމަ ޔާމީން ކާލިޔަސް، ކަލެއަކަށް ޔާމީންއަކަށް ދޭނެ ވޯޓެއް ނެތް.

The name is already taken The name is available. Register?

ވަހީދު

22 November 2017

ކޮންކަމެއްތޯ ފަސޭހައީ. ސިޔާސީ ޕާރޓީ ހެދުންވެސް ހަމްދޫނުމެންނަށް ފެނުނީ ތިޔަގޮތަށް. ޕާރޓީ އެއް ނުހެދުނުތޯ؟ މިހާރުގެ ހުށައެޅުމަކީ ރައީސް ނަޝީދުގެ ހުށައެޅުމަށް ކަމަށް ވާނަމަ ތިޔަކަންވެސް ވާނެ. ތޯތޯ ނުކުރަނި.

The name is already taken The name is available. Register?

hahthari

20 November 2017

ސިޔާސީ "މުފައްކިރުން" ކައިގެންނޭ ފުރާނީ ނުކައި ނުފުރާނަމޭ ކިޔަން ތިއްބާ ޔާމީނު ކައިގެން ފުރާތަން ފެންނާނީ. ތި ވާހަކަ ކޮޅުން ނުލާނެ ދުވަހަކުވެސް. ކަލޭމެން ނިންމާ ނިންމުންތަކާ ނެރޭ ކެނޑިޑޭޓުންނާ ބަލާކަށް އަމުދަކުން ދިވެހި ރައްޔިތުންނެއް މިހާރަކު ނޫޅޭ. ސިޔާސީ މީހުން މަތިން ފޫހި ވެފަ މިތިބީ. ވަކި ބަޔަކު މީހަކު ނެރެފަ މީނައަށްލާށޭ ބުނީމަ އެއީ މާމޮޅު ވާހަކައަކަށް ހަދައިގެން އެޅިހާ ބަތަކަށް ރިހަ އެއް ނުވާނެ މިފަހަރު. މިކަން ނިންމަންވީ ގޮތް އިނގޭނީ އަހަރެމެންނަށް. ކެރިގެން ވެރިކަމާ ކުރިމަތިލާނެ ނަޒާހާތްތެރިޔަކު ހުރިއްޔާ އަމިއްލައަށްވެސް ލާންވީ. ކެމްޕޭނުވެސް ކުރާނެ ކަމެއް ނެތް. ގަނޑުކޮޅުގަ ހުރި ނަންތަށް ބަލާފަ ގޮތް ނިންމާނީ ރައްޔިތުން.

The name is already taken The name is available. Register?

އަލްމާސް

20 November 2017

މިހާރު ތިބި ކެންޑިޑޭޓުންނަށް ބަލާއިރު އެންމެ ރަނގަޅީ ޔާމީން. އެއީ އަމިއްލަ ވިސްނުން ގެންގުޅޭތީ. ވަކި ބަޔެއްގެ ޕަޕެޓަކަށް ނުވެ ހުރީތީ. ޔަހޫދީންނާއި ނަސާރާއިންގެ ބްލެސިން ލިބިގެން ރާއްޖޭގެ ވެރިކަމަށް މީހަކު ގެނައުން ބުއްދިވެރިއެއް ނޫން. އެއިރުން ތަންފީޒުވާނީ ދިވެހިންގެ އެޖެންޑާއެއް ނޫން. ނަސާރާއިންނާއި ޔަހޫދީންގެ އެޖެންޑާ. މިބައިމީހުންނަކީ ދުނިޔޭގެ ގައުމުތަކުގެ ރައްޔިތުންނަށް ހެޔޮއެދޭ ބައެއްނަމަ އެތަންތާނގައި ޚާއްސަކޮށް މިވެރިން އިސްތިއުމާރުކުރި ކުރި ގައުމުތަކުގައި ފަގީރުކަމާއި ބަނޑުހައިހޫނުކަމާއި ލޭއޮހުރުވުންތައް ނުއޮތިސް. މިގައުމުތަކުން ރެފިޔުޖީންތައް ޔޫރަޕް ގައުމުތަކަށް ނުދިޔައީސް. ރާއްޖޭގެ ރައީސްކަމަށް ގެންނަ މީހަކު ނިންމާނީ ދިވެހިން ވޯޓް ލައިގެން ހޮވޭ މީހަކު. މިނިވަން އިންތިޚާބެއްގައި. ދިވެހިންގެ ކަންތައް ނިންމާނީ ދިވެހިން. މިއީ އެބުނާ ދިވެހިވަންތަ ކަމަކީ.

The name is already taken The name is available. Register?

ހޭކެނޑޭ

20 November 2017

ލޯކަލް މާރުކޭޓު ގޮޅި އެއްގެ ތެރޭން ނަމަވެސް މާހަކު ހޯދާ އެމީހަކީ 2018 ގައި ރިޔާސީ ކެނޑިޓޭތަކަށް ހަދައިގެންވެސް މި ވެރިކަން ރައްޔިތުން އެނބަޖެހޭ ނިމުމަކަށް ގެންނަން. ސަބަބުތައް ވަރަށް ގިނަ.

The name is already taken The name is available. Register?

ޤާދިރު

20 November 2017

ސަބަބު ވަރަށް ގިނަ. އެއްވެސް ސަބަބެއް ނުދެއްކޭ.. ހަމައެކަނި އޮތް ސަބަބަކީ ޒާތީ ހަސަދަ. އިތުރު އެއްވެސް ސަބަބެއްނެތް. އެހެންވެ ސަބަބު ނުދެއްކެނީ..

The name is already taken The name is available. Register?

މަ

11 December 2017

ވެލިޑް އެއް ސަބަބު؟

The name is already taken The name is available. Register?

މަންޑޭލާ

19 November 2017

އަދިވެސް ގެންނަންވީ ރައިސް ޔާމިން އެއީ މިރާއްޖެ ތަރައްގީ ވާތީވެ.

The name is already taken The name is available. Register?

ބަލަންތިބޭ

19 November 2017

ބަލަންތިބޭ ނިކުންނާނީ އެއްކެންޑިޑޭޓް! އެއީ ދިވެހިންގެ ލޯތްބާއި އިހްތިރާމާއި އިލްމާއި ހިލްމާއި ލިބިގެންވާ ބޭފުޅެއްކަމަށް ބެލެވެނީ!

The name is already taken The name is available. Register?

މަ

11 December 2017

އެއީ ކާކު؟ ލަދުން ބޯހަލާކު.....

The name is already taken The name is available. Register?

އަނގަމަތިމަސްދޯނި

19 November 2017

ޕާރޓީތައް އެކުވެ ފުރަތަމަ ކުރަންވި ކަމަކީ 04 ލީޑަރުން މިނިވަން ކުރުމަށް ގާނޫނު އަސާސީ ބަދަލްކުރުމަށް މަސައްކަތް ކުރުމެވެ އެއަށްފަހު ވާދަ ކުރާނީ ކޮންމެ ކެންޑިޑޭޓެއް ވަކިންނެވެ ނަމަވެސް އެއީ ކޯލިޝަންގެ 4 ލީޑަރުން ގެ ގޮތުގަ އެވެ ކޯލިޝަންގެ 4 ލީޑަރުން ގުޅިގެން ވާދަކޮށް އެންމެ ގިނަ ވޯޓު ލިބޭ ލީޑަރަކަށް އަނެއް 3 ކެންޑިޑޭޓުން ތައީދު ކުރާނީ އެވެ

The name is already taken The name is available. Register?

ހުސޭނުބެ

20 November 2017

އަނގަމަތިމަސްދޯނީގައި ލަނޑާ ނަގަން ތިހަތަރު މީހުން ފޮނުވާ!!! ލަނޑަޔާ ވާނީ ހަމަ ލަނޑަޔަށް!! ފުރަތަމަވެސް ނިޔަތް ގޯސްތިވީ!!! ކުށްކޮށްގެން ހައްޔަރުގައި ތިބި ބައެއް ގާނޫނު އަސާސީއަށް ބަދަލުގެނަސްގެން ބަދަލުކުރާ ވާހަކަ ތިދައްކަނީ!!! އާންމުކޮށް ރީނދޫ ހުމަށް ބޭސްކާ މީހުން ދައްކާނީ މުޅިންވެސް ގާނޫނުތަކާ ދުރު ދޯހަޅި ވާހަކަ!!! އެކަން އެނގޭތަ؟؟

The name is already taken The name is available. Register?

ބޮޑުތިލަދުންމަތި3

19 November 2017

ޢެއް ކެނޑިޑޭޓަކު ނެރުމުގެ ފުރުސަތު ވަރަށް ހަނި. ރައީސް ނަޝީދު ހުރީކީ ޝާހިސަކަށްވެސް އިބޫ އަކަށްވެސް ފުރުސަތު ދޭ ގޮތަކަށް ނޫން. އަންނި އަކީ މައުމޫނަކަށް ގާސިމަކަށް ކަމުދާ މީހެއްނޫން ޕްރެޑިކްޝަން 2018 މައުމޫން / ޖޭޕީ / އަދާލަތު/ އެމްޑީޕީ ދެފަޅިވެ - ޕްރޮފެސަރ އުގޭލު ރާއްޖޭގެ 2018 ގެ ރިއާސީ ރޭސް ކާމިޔާބު ކުރުން

The name is already taken The name is available. Register?

ޢަސްލު

19 November 2017

އުގައިލު 2018

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454