ތަފާތު ހިޔާލުތަކާ އެކީ ވެސް ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕާޓީތަކަކީ ތަފާތު ފިކުރުތަކެއްގެ ބައެއް ކަމަށާއި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގައި ވެސް އެ ޕާޓީތަކުގެ ހިޔާލު ތަފާތު ވާނެ ކަމަށެވެ.
"އެހެނަސް އަޅުގަނޑުގެ ނަޒަރުގައި ޑިމޮކްރަސީގެ އަސާސްތަކާ އެއްގޮތަށް ހިޔާލު ތަފާތުވުންތަކާ އެކީގައި ހައްލު ހޯދޭނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އެހެން ވިދާޅުވެފައި މި ވަނީ ނިޒާމުގެ ތެރެއިން ބަންދުން ވީއްލިގެން ރާއްޖެ ވަޑައިގެންނެވުމަށް އެމަނިކުފާނަށް ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފަ ވަނިކޮށެވެ.
ގާސިމް އެގޮތަށް ގޮވާލައްވާފައި ވަނީ އެމަނިކުފާނު ބަންދުން މިނިވަން ނުވި ނަމަވެސް "ވީ ހާލެއްގައި ވާން" އަންނަ މަހުގެ 1 ގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވާތީ އެވެ.
ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް މިއަދު ވިދާޅުވީ، ބަންދުން މިނިވަން ނުވެ، ރާއްޖެ ވަޑައިގެންފި ނަމަ ނަޝީދު ހައްޔަރު ކޮށްފާނެ ކަމަށާއި އެއިރުން ގައުމުގެ އަމަން ގެއްލޭނެ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުމެއް ނުވޭ މި ތަން ހަލަބޮލި ކަމެއްގެ ތެރެއަށް ވައްޓާލައި އަޅުގަނޑުމެންގެ ރައްޔިތުން އަނެއްކާ ޕެނިކް ސިޓުއޭޝަނަކަށް އައިސް ހަމަ އެއްވެސް އިންސާނަކަށް، އެއްވެސް މީހަކަށް ނިކަމެތިކަމެއް ލިބިގެންދާން،" ގާސިމް ވިދާޅުވި އެވެ.
ނިޒާމުގެ ތެރެއިން ބަންދުން ވީއްލިގެން ރާއްޖެ ވަޑައިގަތުމަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ނަޝީދަށް ގޮވާލައްވައި މިއަދު ކުރެއްވި ޓުވީޓު ގާސިމް ވަނީ ރީޓުވީޓު ކުރައްވައިފަ އެވެ. އެހެންވެ ނަޝީދުގެ ސަޕޯޓަރުންގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެކަމާ ގާސިމަށް ފާޑުކިޔައިފަ އެވެ.
އެ މައްސަލައިގައި، ނަޝީދު މިއަދު ގާސިމަށް ފޯނުން ގުޅުއްވި ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފަ އެވެ. އެ ފުރުސަތުގައި ވެސް ގާނޫނީ ގޮތުން ބަންދުން ވީއްލުމަށް މަސައްކަތް ކުރެއްވުމަށް ނަޝީދަށް ދެންނެވި ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ.