މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި މުނައްވަރު ވާހަކަ ދައްކަވަނީ. އިދިކޮޅު ގިނަ މެމްބަރުން ވަނީ މުނައްވަރަށް އަމާޒު ކުރައްވައި ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
20 ނޮވެމްބަރ 2017 - 11:42
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ރާއްޖޭގެ އެއްވެސް ރަށަކާ ދޭތެރޭގައި ތަފާތު ކުރުންތަކެއް ނުގެންގުޅުއްވާ ކަމަށާއި ކުރީގެ ސަރުކާރުތަކުން "ނުލަފާކަން ދެއްކިޔަސް" މި ސަރުކާރުން އެކަން ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރޭ ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މުނައްވަރު އެހެން ވިދާޅުވިއިރު، ދައުލަތުގެ ބަޖެޓަށް ވޯޓު ނުދެއްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދާއިރާތަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގަން ދަތިވާނެ ކަމަށް، މި އަހަރުގެ ބަޖެޓް ކޮމެޓީގައި ވިދާޅުވުމާ ގުޅިގެން އޭނާ އަށް އިދިކޮޅު މެމްބަރުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. ޚާއްސަކޮށް ކުރީގެ ފިނޭންސް މިނިސްޓަރުންނާ ޚިލާފަށް، ބަޖެޓް ކޮމެޓީގައި މުނައްވަރުގެ ވާހަކަތަކުގެ ހަރުކަށިކަން އިދިކޮޅު މެމްބަރުން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.
ޓީވީއެމްގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ، ބަޖެޓު ދިރާސާ ކުރި ކޮމެޓީގެ ދެ ބައްދަލުވުމަކަށް ހާޒިރުވެވަޑައިގެންނެވިއިރު، އިދިކޮޅު މެމްބަރުންގެ ފަރާތުން ފެނުނީ ބިނާ ކުރުވަނިވި ޚިޔާލުތަކެއް ނޫނެވެ. އަދި ބަޖެޓުގެ މަސައްކަތް ކުރިއަށް ނުގެންދިއުމުގެ ބޭނުމުގައި ފެނިވަޑައިގަތީ ސަރުކާރަށް ފާޑު ކިޔުންތަކެއް އަމާޒު ކުރި ތަން ކަމަށް އޭނާ ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަން އޭނާ ވަޑައިގަތީ އަމިއްލަ އެޖެންޑާއެއް ހާސިލް ކުރެއްވުމުގެ ބޭނުމުގައި ނޫން ކަމަށެވެ. އަދި މަޖިލީހަށް ވަޑައިގަތީ ރައްޔިތުންގެ ބޭނުންތަކެއް ހިއްޕަވައިގެން ކަމަށާއި ބަޖެޓު ހުށަހެޅުއްވުމުގައި ވެސް ދަތިތަކެއް ކުރިމަތިވެވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުއްވުމުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން ވަނީ އިހުތިޖާޖުކޮށް އަޑުގަދަކޮށްފަ އެވެ.
"އަޅުގަނޑު ކުރީ ޗެލެންޖެއް އެބޭފުޅުންނަށް. އެކަމަކު ނުބައި ގޮތަކަށް މާނަ ނަގައިގެން މީޑިއާތަކުގައި ދަނީ ފަތުރަމުން. އެބޭފުޅުން ވޯޓު ދިން ކަމުގައިވިޔަސް، ނުދިން ކަމުގައިވިޔަސް، ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންތައްތަކުގައި މި ސަރުކާރުން ފަހަތަކަށް ނުޖެހޭނެ،" ބަޖެޓް ކޮމެޓީގައި އޭނާ ދެއްކެވި ވާހަކަތަކަށް އައި ފާޑުކިޔުންތަކާ ގުޅޭ ގޮތުން މުނައްވަރު ވިދާޅުވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި، ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި، ބަޖެޓަށް ވޯޓު ނުދެއްވާ މެމްބަރުންގެ ދާއިރާތަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގަން ދަތިވާނެ ކަމަށް މުނައްވަރު ވިދާޅުވި ނަމަވެސް ފަހުން ވަނީ އެ ވާހަކަ އެހެން ގޮތަކަށް ބަދަލުކުރައްވައިފަ އެވެ.
އިދިކޮޅު މެމްބަރުންގެ ފާޑުކިޔުންތަކާ ގުޅިގެން މުނައްވަރު، ބޮލުގެ އިޝާރާތުން އެހެން ވިދާޅުނުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، ހިނިފުޅުވަޑައި، ވާހަކަ ދިފާއު ކުރެއްވި އެވެ. ފަހުން މުނައްވަރު ރާގު ބަދަލު ކުރައްވައި ވިދާޅުވީ ބަޖެޓަށް ވޯޓު ނުދީފިނަމަ، މެމްބަރުންގެ ދާއިރާތަކުގައި ޕްރޮޖެކްޓުތައް ނުހިންގާނެ ކަމަށް ވިދާޅުނުވާ ކަމަށެވެ. އެ ޖަވާބާ ގުޅިގެން އިދިކޮޅު މެމްބަރުން ވަގުތުން ރައްދު ދެއްވައި އެއީ "އިތުރުފުޅެއް" ކަމަށް ވިދާޅުވި އެވެ.
ޓީވީއެމްގެ ޕްރޮގްރާމްގައި މުނައްވަރު ވިދާޅުވީ ގދ. ތިނަދު އަށް މި ފަސް އަހަރުގެ ތެރޭގައި އެއް ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އައްޑޫގައި 765 މިލިއަން ރުފިޔާގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު މެމްބަރުން ބަޖެޓަށް ވޯޓު ނުދެއްވިޔަސް، ރައްޔިތުންނަށްޓަކައި ކޮށްދޭން ޖެހޭ ކަންކަން ސަރުކާރުން ކުރާނެ އެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ ދައުލަތުގެ ބަޖެޓެއް ފާސްކުރުމަކީ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ވާޖިބު ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ހިތްހަމަނުޖެހޭ ކަމެއް އޮވެއްޖެނަމަ، އެކަމުގެ ހައްލު ގެންނަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ނިހާނު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ހަތަރު އަހަރު މަޖިލީހަށް ހުށަހެޅި ބަޖެޓު އޮތީ ތަފާތު ކުރުމެއް ނެތި އެވެ. އެގޮތުން މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނަށް ގިނަ ވޯޓު ނުލިބޭ ރަށްތަކުގައި ވެސް މުހިންމު މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ބަޖެޓުގައި ފައިސާ ހިމަނާފައިވާ ކަމަށް ވިދާޅުވި އެވެ.
ނިހާނު ވަނީ ބަޖެޓު ފާސް ކުރުމަށް ނަގާ ވޯޓުތަކުގައި އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިނުގަންނަވާތީ އެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ސަރުކާރުގެ ބަޖެޓު ފާސްކުރުމަށް ޕީޕީއެމުން ދުވަހަކުވެސް، ތްރީލައިން ވިޕެއް ނެރެފައި ނުވާނެ ކަމަށް ނިހާނު ފާހަގަކުރެއްވި އެވެ. އެކަމަކު، އިދިކޮޅު މެމްބަރުން ބޭނުންވި ގިނަ މަޝްރޫއުތައް ކުރިން ބަޖެޓުގައި ހިމަނަދީފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރިންބެ
20 November 2017
ކުރިންބުނީ ވޯޓްނުދޭ މެމްބަރުންގެ ދާއިރާތަކަށް ތަރައްގީގެ ފުރުސަތެއްނެތޭ! މިހާރުތިޔަބުނަނީ ތަފާތުކުރުމެއްނެތޭ! ކިޔޭނުކިޔޭ އެއްޗެއް އެބައެނގޭތޯއެވެ!
އަންވަރު
20 November 2017
ތަފާތު ނުކުރާނަމަ ކީއްވެހޭ ހެންވޭރު އާޓިފިޝަލް ބީޗް ކުނިނުކަހަނީ. އެއްގަމަށް ވެލިއަރާ ނުހިނގޭވަރުވިޔަސް ފެންނަމީހަކު ނުހުރޭ. މީއަދި މާލޭ ދެފަރާތުގެ ހާލު. ގަލޮޅުދެކުނު ސިޓީޕާކް ނުހުޅުވި ވީރާނާވީ ކީއްވެހޭ. މަހުލޫފު ގެ ދާއިރާވީމަތޯ.
މެންޓަލިސްޓް
20 November 2017
މުނައްވަރު ސުކޫލްގައި އުޅުއްވިއިރު ކިޔާއަޑުއެހީންތޯ " މިރިނުވެގޮބަޅިކާށިނުވާށޭ " .. އަޅުގަނޑަށް ހީވަނީ އެހަނދާޏްތަށް ނެތިގެންހެންތިޔައުޅެނީ ،،،، ރާޢްޖޭގެ ސިޔާސީ މަޝްރަހްއަކީ ވަރަށްވެސް ހަލަބޮލި އަދި ސްޓްރީޓްލެވެލްގައިވެސް ހިނގަމުންދާކަމެށް ،،، އަޅުގނޑުގެ ނަސޭހަތަކީ މަޑުމައިތިރިކޮށް ގައުމަށް ތެދުވެރިވެގެން ތިޔަކަން ކުރެއްވުން ،،، ބަޔަކުމީހުންގެ ސިޔާސީ ފައިދާއަށްޓަކައި ތިޔަޅައުމުރުގައި ގުރުބާންވާނެކަމެށްނެތް ،،، ކަނޑައެޅިގެން އަލިފާންކަން އެނގިހުރޭ އެއަށް އަޅުދާސްވާކަށްނުވާނެ ،،، މިބުނިއެއްޗެއް ފަހުންވާނެކަމަށް ހީއްކުރަން ،،، ވަރަށްވެދުން
ޗިކުސް
20 November 2017
ކިޔޭ ނުކިޔޭ އެއްޗެއް އެބަ އިގޭތަ؟
ޒޯރޯ
20 November 2017
ތަފާތު ކުރުން ނުގެންގުޅޭނަމަ 20 އަތޮޅު އޮތް އިރު ބަޖެޓްގެ ނިސްބަތުން އެ އަތޮޅަކަށް ޖެހަެވަރު އެ އަތޮޅެއްގެ ކައުންސިލާއި ހަވާލު ކުރާށެވެ. ޢެ އަތޮޅެއްގެ ތަރައްގީއަށް ބޭނުންވާ އެންމެ މުހިއްމު ކަންތައް އެނގޭނީ އެއަތޮޅު ރއްޔިތުންނަށެވެ. މާލޭ މީހުންނަކަށް އަތޮޅު ރައްޔިތުންގެ ބޭނުންތައް ނޭގޭނެއެވެ.
ނަސީމް
20 November 2017
އަތޮޅުތައް ހަމަހަމަކޮށް ތަރައްގީވާނެ އުސޫލެއް ހުށަނާޅާ ޕާޓީއަކަށް ދެންވޯޓު ނުދޭތި.
މުސްތަފާ މުހައްމަދު
20 November 2017
ބަަލަ ބަލަ މިވަނީ ކިހިނެއް މިހާރު؟ ލައިވް ޓީވީގަ ރާއްޖޭގެ ރައްޔިތުން ކުރިމަތީގަ ނޫންތޯ ވިދާޅުވީ ބެޖްޓަށް ވޯޓް ނުދޭ މެމްބަރުންގެ ދާއިރާތަކަށް ކަންކަން ކޮށް ނުދެވޭނެ ވާހަކަ. މަނިކުފާނަށް ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގުނަސް މަނިކުފާނު ދެއްކި ވާހަކަ ރައްޔިތުންނަށް ފަހުމުވޭ. ހީނުކުރައްވާ ހިތުހުރި އެއްޗެއް ހެދޭނެކަމަށް. ޒިމްބާބްވޭގަ ވެސް ތިގޮތަށް ކަންކަންކުރި. މިހާރު ކިހިނެއްތޯ؟؟؟
ނަދީމު
20 November 2017
މިމީހުންނަށް ބަޔަކު ވަރަށް ސާފްކޮށް ބުނެދޭންޖެހޭ ސަރުކާރަށް ފައިސާލިބޭގޮތް އަދި މިމީހުންންނަށް ކާރުލިބި ފުލެޓްލިބޭގޮތް، ޓެކުސް ފައިސާއާއި ބެހޭގޮތުްނ މީނާއަށް ކިޔަވައިދޭން އެބަޖެހޭ، އެއީ ކޮންބައެއްގެ އޮތްދަލުން ލިބޭ އެއްޗެއްކަން، ރާއްޖޭގެ ސަގާފަތް އަދިވެސް ބުނެދެނީ ސަރުކާރަކީ ހަމަ އެއީ އެވަގުތެއްގެ ރައީސްކަމަށް އަދި ފައިސާވެސް ދެނީ އޭނާކަމަށް، މިކަން އެބަޖެހޭ ބަދަލުކުރަން
ޢާޖުފާޖު
20 November 2017
މިކަން ރަނގަަޅުވާނީ މިހާރު މިއަމަލުކުރާ 5 އަހަރުގެ ޕްލޭން 20 އަހަރަށް ނޫނީ 30 އަހަރަށް ބަދަލުކޮށް ގާނޫނީ ބާރު ލިބިދީގެން. ކޮންމެ އަތޮޅެއްގަ ކުރާނެކަންކަން ލިޔެދުރު ޕްލޭންކޮށްގެން.
އުމަރު
20 November 2017
މަގާމު ނުލިބެންވި މީހަކަށް މަގާމު ލިބުނީމަ މިހެންވާނެ، ތަޖްރިބާ ހަމަ މަދީ، އަމިއްލައަށް ސިޔާސީ ކެރިޔާ ހަލާކުކުރަނީ އެއީ ޔާމީނުގެ މުޅި ކެބިނެޓުގެ ހާލަތަކީ، އެއީ ޔާމީނު އެމީހުން އެއްކޮށްގެން ދައްކާ ވާހަކަތަށް ޕަބްލިކާއި ހިސާބަށްވެސް އަންނަނީ އެއީ އެވާގޮތަކީ
މޮހޯ
20 November 2017
ފިނޭސް މިނިސްޓަރު ގެ ފައިސާނަމަ މިނިސްޓަރު އެބުނާގޮތައްކަންތައްކަން ކުރެވިދާނެ ޤާރީ އަހްމަދު ރަސީދު އެތްބާރުލުން ނުދޭތީތޯ ބަޖެޓުގަ އިސްދޫއަށް އެވެސް ކަމެއް ކޮއްނުދެވުނީ! ހަތަރު އަހަރުވެގެންދިޔާއިރު އިސްދޫ އަށް އެއްވެސްކަމެއް ސަރުކާރަކުން ނުކޮއްދެވުނު؟
މޮހޯ
20 November 2017
ފިނޭސް މިނިސްޓަރު ގެ ފައިސާނަމަ މިނިސްޓަރު އެބުނާގޮތައްކަންތައްކަން ކުރެވިދާނެ ޤާރީ އަހްމަދު ރަސީދު އެތްބާރުލުން ނުދޭތީތޯ ބަޖެޓުގަ އިސްދޫއަށް އެވެސް ކަމެއް ކޮއްނުދެވުނީ! ހަތަރު އަހަރުވެގެންދިޔާއިރު އިސްދޫ އަށް އެއްވެސްކަމެއް ސަރުކާރަކުން ނުކޮއްދެވުނު؟