މިއަދުގެ އީދު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ސަރަހައްދުގައި ސަރުކާރާ ދެކޮޅަށް ދުއާ ކުރަން އުޅުމުން ފުލުހުން ހުރަސް އަޅަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
06 ޖުލައި 2016 - 08:49
ސަރުކާރު ބަދަލުވުމަށް އެދި އިދިކޮޅު އިއްތިހާދުން އީދު ނަމާދަށް ފަހު ދުއާ ކުރަން އުޅުމުން ފުލުހުން ދެންމެ ހުއްޓުވައިފި އެވެ. އެއާ އެކު، ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ސަރަހައްދުގައި ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުފާ އަށް ގޮވާލާފަ އެވެ.
އިދިކޮޅު އިއްތިހާދުން ވަނީ އީދު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ސަރަހައްދުގައި ހާއްސަ ދުއާއެއް ކުރާނެކަން އިއްޔެ އިއުލާންކޮށްފަ އެވެ.
އެއާ އެއްގޮތަށް، އިއްތިހާދުގެ ތަރުޖަމާނު އަހުމަދު މަހުލޫފް އިސްކޮށް ހުންނަވައި ދުއާ ކުރައްވަން ފެއްޓެވުމުން ފުލުހުން ވަނީ އެ ކަމަށް ހުރަސް އަޅާފަ އެވެ. އަދި އެ ސަރަހައްދުން އެންމެން ދުރުކޮށް، މުޅި ސަރަހައްދު އެއްކޮށް ބަންދު ވެސް ކުރި އެވެ. އެކަމަކު، އެއްވެސް ވަރަކަށް ހަމަނުޖެހުމެއް ނުހިނގަ އެވެ.
މިއަދުގެ އީދު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ސަރަހައްދުގައި ސަރުކާރާ ދެކޮޅަށް ދުއާ ކުރަން އުޅުމުން ފުލުހުން ހުރަސް އަޅަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ދުއާ ކުރަން ހުރަސް އެޅުމުން، އެ ސަރަހައްދުގައި ތިބި ގިނަ އަދަދެއްގެ މީހުން ވަނީ ރައީސް ޔާމީންގެ އިސްތިއުފާ އަށް ގޮވާލާފަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިިދިޔަ އަހަރު ހައްޔަރުކުރި ފަހުން، އިދިކޮޅު ފަރާތްތަކުން އަންނަނީ ނަޝީދަށް ރައްކާތެރިކަން ދެއްވުމަށާއި ސަރުކާރުގެ "އަނިޔާވެރިކަން" ނިމުމަކަށް ގެނެސް ދެއްވާތޯ ކޮންމެ ހުކުރު ނަމާދަކަށް ފަހު އިސްލާމީ މަރުކަޒު ބޭރުގައި ދުއާ ކުރަމުންނެވެ. މިއަދު ވެސް އެ ގޮތަށް ދުއާ ކުރަން އުޅުމުން ފުލުހުން ހުރަސް އެޅިއިރު، މިސްކިތްތަކާއި މިސްކިތްތައް ހިމެނޭ ސަރަހައްދުގައި ސިޔާސީ އެއްވެސް ހަރަކާތެއް ހިންގަން ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ރޭ ބުނެފަ އެވެ.
ރައީސް ޔާމީން މިހާރު ގެންދަވަނީ އިސްލާމީ މަރުކަޒު ސަރަހައްދުގައި އީދު ސަލާމް ކުރައްވަމުންނެވެ. އެ ތަނަށް ގޮސް، ރައީސްއާ ދެކޮޅަށް އަޑު އުފުލާނެ ކަމަށް އިދިކޮޅު އިއްތިހާދުން އިއްުޔެ ބުންޏެވެ. އެކަމަކު، އަދި އެކަހަލަ އެއްވެސް ކަމެއް ނުހިނގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަޒުމް
08 July 2016
އަނިޔާލިބޭ މީހާގެ ދުޢާ އާއި، ﷲ އާ ދެމެދު އެއްވެސް ހުރަހެއްނެތްކަން ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އަހަރުމެންނަށް އަންގަވާފައެވެ. ވީއިރު ދުޢާކުރަން ވަކިތަނެއް ވަކި މަކާނެއް ނޯނާނެއެވެ. ﷲއީ ކުއްތަންވެ ވޮޑިގެންވާ ބައްލަވައި ވޮޑިވެގެންވާ އަދި އައްސަވައި ވޮޑިގެންވާ ރަސްކަލާނގެ އެވެ. ދުޢާދެކެ ބިރުގަންނާނީވެސް މިކަން ރަނގަޅަށް އެނގޭ ދަންނަ މީހުންނެވެ. މިކަން ނުދަންނަ މީހަކު ބިރެއްނުގަންނާނެވެ.
ސީނުކަރަ
07 July 2016
ހައްގު މަގުގައި ތިބިމީހުންނަށާއި ރިވެތި އަޙުލާގެއްގެ ވެރީންނަ ލިބޭފައިދާގެ ވާހަކަ އަޑުއެހިންތަ؟
އަހުމަދު
07 July 2016
ނުހައްގުން އަނިޔާ ލިބޭ މީހާ ކުރާ ދުއާ ގެ ވާހަކަ އަޑު އެހިން ހެއްޔެވެ؟
އަލްމުދިޝް
07 July 2016
ހެޔޮކަންތަކަށް އެދި ދުއާ ކުރާފަދައިން އިންސާނާ ނުބައިކަންތަކަށްވެސް އެދި ދުއާކުރާނެ ވާހަކަ ކީރިތި ގުރުއާނުން އެނގެން އެބައޮތެވެ. އަދި އިންސާނާއީ ކަންކަމުގައި ކެތްތެރިކަން ކުޑަމީ ހަކަށް ވާސަބަބަކީ މީކަންވެސް އެފަދަ އާޔަތްތަކުން އެނގެއެވެ.
ޢަބްދުﷲނާފިޒު
06 July 2016
ކޮންމެވެސް އެއްކަމެއްވެއްޖެތާ، ކުރިއަށް އޮތްތަނުގައިވެސް ތިގޮތަށް ކުރިއަށް ގެންދާނެކަމަށް އުއްމީދު ކުރަން.
ޢަބްދުﷲނާފިޒު
06 July 2016
ދުޢާކުރުމަކީ ސިޔާސީ ހަރަކާތެއްކަމަށް ކަނޑައަޅައި ދިނުމަށް އެދި އެންމެ މަތީކޯޓަށް ހުށަހަޅަންފެނޭ، އެކޯޓުން އެގޮތަށް ނިންމާފިއްޔާ އެއްވެސް ޝައްކެއްނެތް މިންވަރަށް ކަށަވަރުވީ، އެއީ ފަހުބަސް ބުނާ ފަރާތްކަމަށް ވާތީވެ، މިހާރު މިއުޅެނީ ޝައްކުތަކެއް ވާތީވެ.
އެމްސް
06 July 2016
އިސްލާމީ އެއްވެސް ޝަރީޢަތަކުން ﷲ ގެ ޙަޒުރަތުގަ ދުޢާ ދެންނެވުމެއް ނުހުއްޓެވޭނެ. ކުރީގެ އިސްލާމިކް މިނިސްޓަރަކުވެސް ރައީސް ނަޝީދުގެ މައްޗަށް ބަދު ދުޢާއެއް ކުރިކަމަށްވެސް ވަނީ އިޢުތިރާފުވެފަ. އެކަމަކު އެ މިނިސްޓަރަކާއި ދޭތެރޭ އެއްވެސް ސަރުކާރަކުން އެއްވެސް ފިޔަވަޅެއް ނާޅާ. މިސްކިތްތަކާއި މިސްކިތްތައް ހިމެނޭ ސަރަހައްދުގައި ސިޔާސީ އެއްވެސް ހަރަކާތެއް ހިންގަން ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ރޭ ބުނެފަ ވަނިކޮށް މިއަދު ރައީސް ޔާމީން ވަނީ އެކަމަށް ގޮންޖައްސަވައި އިސްލާމީ މަރުކަޒު ސަރަހައްދުގައި އީދު ސަލާމް ކުރައްވާހައްދަވާފަ!
މެންޓަލިސްޓް
06 July 2016
މިސްކިތެއްގައި ދުއާކުރުމެށް ފުލުހުންނަކަށް ނުހުއްޓުވޭނެ ، މިސްކިއްތަކަކީ ﷲގެ ތަންތަން ، އެތަނުގައި އެބަޔަކު ބޭނުންދުއާއެއްކުރެވޭނެ ، ދުއާއިޖާބަކުރެއްވުން އޮންނަނީ ﷲގެ ފަރާތުގައި ، ދެންރައީސްޔާމިން އަނިޔާވެރިނުވާކަމަށް ވަނީނަމަ ބަޔަކުދުއާކުރިއަސް އަޅައިލާނެކަމެށްނެތެއްނޫންތޯ ؟ ﷲ ސަލާމަތްކުރައްވާނެނޫންތޯ ؟ ދުއާއިޖާބަކުރައްވާފާނެތީވެ ތިހާބިރަކުން ތިޔައުޅުއްވަނީ ރައްޔަތުންނަށް އަނިޔާވެރިވެ ކޮރަޕްޝަންވެސް ހިންގާފައި އޮތީމައިތޯ؟
ހުދުކުލަ
06 July 2016
ހާދަ ބިރެކޭ ރަސްގެފާނު . ފުލުސް ކުދިންކޮޅު ބޭނުންކޮށްގެން އަނިޔާވެރި ރަސްކަން ދިފާއު ކުރެވޭނީ ވަގުތު ޖެހެންދެން.
ޙާލަތު
06 July 2016
މުސްލިމުންގެ އުފާވެރި ބަރަކާތްތެރި ޢީދު ދުވަހު މިސްކިތުން ތަކުބީރުގެ އަޑު ގުގުމުގެ ބަދަލުގައި އިވެންމިފެށީ ޝަޢިޠާނީ ފިތުނައަށް ގޮވާލާ އަޑެވެ. ހިތާމަހުއްޓެވެ. މިއީ އިސްލާމްދީން ގެނެސްދިން ރިވެތި ޑިމޮކްރަސީ ހެއްޔެވެ؟ ނޫނީ ދީން ހަލާކުކުރުމަށް ޣައިރުދީން ތަކުން ގެނެސްދިން ފަނާކުރާ ޑިމޮކްރަސީ ހެއްޔެވެ.؟؟