ވިޔަފާރި

ޓޫރިސްޓުންގެ އަދަދުތަކުން ބުނެދޭ ހަގީގަތް

ސަން އައިލެންޑް ރިސޯޓުގެ މުވައްޒަފަކު، އެ ރިސޯޓުގެ ރެސްޓޯރެންޓު ބޭރުގައި ދެ ޓޫރިސްޓަކަށް ޚިދުމަތް ދެނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަދަދުތަކުން ދައްކައިދެނީ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނަ ތަނެވެ. މި އަހަރުގެ މިހާތަނަށް 1.1 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ހަ ޕަސެންޓްގެ ކުރިއެރުމެކެވެ. އެއް ބަޔަކަށް މިއީ ހަމަ ރަނގަޅު ކުރިއެރުމެކެވެ.

އެކަމަކު ރާއްޖެއަށް ޓޫރިސްޓުން އަންނަ މައިގަނޑު މާކެޓްތަކަށް ބަލާއިރު، ޓޫރިޒަމް ދާއިރާގެ ބައެއް ފަރާތްތަކުން، ތިބީ އެހާ ހިތްހަމަޖެހިފައެއް ނޫނެވެ. އެ މާކެޓްތަކުން، އެ އެމީހުން ބޭނުންވާ ވަރުގެ ކުރިއެރުމެއް ނުފެންނާތީ، ކޮންމެވެސް ވަރެއްގެ ކަންބޮޑުވުންތަކެއް ވެސް އެބަ ހުއްޓެވެ. ހާއްސަކޮށް ޗައިނާ އާއި އިނގިރޭސިވިލާތުގެ މާކެޓަށް ލޮޅުންތަކެއް ވަނީ އަރައިފަ އެވެ.

ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ގިނަވަނީ ރަޝިއާ، އިޓަލީ، ސްވިޓްޒަލެންޑް އަދި ފްރާންސް ފަދަ ގައުމުތަކުގެ ޓޫރިސްޓުން މަޑުމަޑުން އިތުރުވާތީ އެވެ. އަދި ތުރުކީ، ސްޕެއިން، ސްވިޑްން، ޔުކްރެއިން ފަދަ ގައުމުތަކުން އަންނަ ޓޫރިސްޓުންގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ޗައިނާ މާކެޓް، މަހުން މަހަށް ދަށަށް!

ރާއްޖޭގެ ޓޫރިޒަމްގެ 22 ޕަސެންޓް މިހާރު ހިއްސާކުރަނީ ޗައިނާއިންނެވެ. އެކަމަކު ޗައިނާއިން އަންނަ ޓޫރިސްޓުންގެ އަދަދު މިހާރު ދަނީ މަހުން މަހަށް ދަށްވަމުންނެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި މިދިޔަ އޮކްޓޯބަރު މަހުގެ ތަފާސްހިސާބުތަކުން ވެސް ފެންނަނީ އެ މަންޒަރެވެ.

އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮކްޓޯބަރު މަހު އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 2.2 ޕަސެންޓް ދަށްވެފަ އެވެ. އަދި މުޅި އަހަރު ދުވަހަށް ބަލާއިރު ޗައިނާ މާކެޓްގެ ވެއްޓުން އުޅެނީ 8.2 ޕަސެންޓްގަ އެވެ.

ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ ޗައިނާއިން އަންނަ ޓޫރިސްޓުން މަދުވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އަދި އެކަމަށް މަސައްކަތްތަކެއް ނުކޮށްފި ނަމަ ޓޫރިޒަމަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ރާއްޖެ އައި ޗައިނާ ޓޫރިސްޓުންތަކެއް ރިސޯޓެއްގެ ރެސްޓޯރަންޓެއްގައި: ޗައިނާ އިން އަންނަ ޓޫރިސްޓުންގެ އަދަދު މަހުން މަހަށް ދަނީ ދަށްވަމުން.

"ޗައިނާއިން އަންނަ އެއާލައިންތައް އިތުރުވެއްޖެ. އެކަމަކު އެ ގައުމުން އަންނަ މީހުން އިތުރުނުވުމަކީ މައްސަލައެއް. ތަފާސްހިސާބުތަކުން ފެންނަނީ މަދުވަމުން އަންނަ ތަން. މިކަމަށް ހާއްސަ މަސައްކަތްތަކެއް ކުރަން ވަނީ ޖެހިފައި،" އެ ތަޖުރިބާކާރު ވިދާޅުވި އެވެ.

ޗައިނާއިން އަންނަ ޓޫރިސްޓުން މަދުވަނީ ކޮން ސަބަބަކާ ހެދި ކަމެއް މިހާތަނަށް ދެނެގަނެވިފައެއްނުވެ އެވެ. އިންޑަސްޓްރީގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އޭގައި އިގްތިސާދީ މައްސަލަތަކެއް އުޅެފާނެ އެވެ. އެކަމަކު އެ ވާހަކަ މުޅިން ގަބޫލެއްނުކުރެވެ އެވެ. ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދުގެ ގޮތުގައި ބަލާ ގައުމުން ދުނިޔޭގެ އެހެން މަންޒިލްތަކަށް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ހިސާބުތަކުން ދައްކަ އެވެ.

ރާއްޖޭގެ މަޝްހޫރު ޓްރެވަލް އެޖެންސީއެއްގެ އިސް ވެރިއަކު ވިދާޅުވީ ޗައިނާ އިން އަންނަ ޓޫރިސްޓުން އިތުރުކުރަން އެކަށީގެންވާ މިންވަރަށް ޕްރޮމޯޝަނަލަށް ހަރަކާތްތައް ނުހިންގޭ ކަމަށެވެ.

"މުޅި އިންޑަސްޓްރީ ގުޅިގެން އެ ގައުމުގައި ޕްރޮމޯޝަނަލް ހަރަކާތްތަކެއް ހިންގަން އެބަ ޖެހޭ. ރާއްޖޭގެ ޓޫރިޒަމް މިހާރު ހިފެހެއްޓެނީ އެ ގައުމުން އަންނަ ޓޫރިސްޓުންނާ ހެދި،" އޭނާ ވިދާޅުވި އެވެ.

"އެހެން އެއްވެސް ގައުމަކުން ނާންނަ ވަރަށް އެ ގައުމުން އެކަނި އެބަ އާދޭ. އެއަށް ބިނާކޮށްގެން ރާއްޖޭގެ ޓޫރިޒަމް ތަރައްގީކުރަމުން މިގެންދަނީ ވެސް. އެހެންވީމަ އެ މާކެޓް ދަށްވަމުންދާ ނަމަ ރާއްޖޭގެ އިގްތިސާދަށް ވެސް އޭގެ ނޭދެވޭ އަސަރުކުރާނެ."

އެނދު އިތުރުވި މިންވަރަށް ޓޫރިސްޓުން އިތުރެއް ނުވޭ

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މިވަގުތު ޓޫރިސްޓުންނަށް 40،169 އެނދު ރަޖިސްޓްރީކޮށްފައި އެބަ ހުއްޓެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 11.4 ޕަސެންޓް ކުރިއެރުމެކެވެ. އެކަމަކު އެނދު އިތުރުވި ނިސްބަތަށް ބަލާއިރު އަންނަ ޓޫރިސްޓުންގެ އަދަދު މަދު ކަމަށް އިންޑަސްޓްރީގެ ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ.

އެއް ބަޔަކު ދެކޭ ގޮތުގައި އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޖާގަ ކުޑަވުމެވެ.

"މިހާރު އެއާޕޯޓް ހިންގަމުން ގެންދަނީ މެކްސިމަމް ކެޕޭސިޓީގައި. އެއާޕޯޓުގެ ޖާގަ އިތުރުނުވެ ޓޫރިޒަމް އިންޑަސްޓްރީ ފުޅައެއް ނުކުރެވޭނެ. މިއީ މީގެ ދިހަ އަހަރު ކުރިން އާ ރަށްތަކެއް މާކެޓަށް ދޫކުރިއިރު އަޅުގަނޑުމެން ދެއްކި ވާހަކަ،" ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުވަނީ މިހާރަށް ފުދޭ މިންވަރުގައި ނޫން ކަމަށެވެ. މިހާރު ރާއްޖޭގެ އެނދު ހުރި މިންވަރަށް ބާލައިރު އަހަރަކު މަދުވެގެން 1.5 މިލިއަނާއި 1.8 މިލިއަނާ ދެމެދުގެ އަދަދަކަށް ޓޫރިސްޓުން އިތުރުވާން ޖެހޭނެ ކަމަށް އެ ތަޖުރިބާކާރު ދެކެވަޑައިގަންނަވަ އެވެ.

ރާއްޖެ އައި ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލުން ނުކުންނަނީ: ޔޫރަޕުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އިތުރުކުރަން ޖެހޭ.

"ވަރަށް ކުޑަކުޑަ ހިތްވަރެއްލައިގެން އެ މިންވަރު މިހާރު ވެސް ހާސިލްކުރެވިދާނެ އެއާޕޯޓު ތަރައްގީކުރުން ލަސްވި ނަމަވެސް. ފުރަތަމަ ކަމަކަށް ޗައިނާ އާއި އިނގިރޭސިވިލާތް އަދި ޖަރުމަން ފަދަ މާކެޓްތަކުން އިތުރަށް މީހުން ގެނެވޭނެ ގޮތްތަކެއް ހޯދަންވީ. އޭރުން އެ ޓާގެޓް ހާސިލްކުރުމަކީ މާ ބޮޑު ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ޗައިނާ ފިޔަވައި ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޖަރުމަނުންނެވެ. އެ ގައުމުން މިދިޔަ މަހު 15،007 ޓޫރިސްޓުން އައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 15 ޕަސެންޓްގެ ކުރިއެރުމެކެވެ. އެކަމަކު ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އިނގިރޭސިވިލާތުން އައި މިންވަރު އިތުރުވީ އެންމެ 0.7 ޕަސެންޓަށެވެ.

"އިނގިރޭސިވިލާތުން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުކުރަން ހާއްސަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. މިފަހަރުގެ ޑަބްލިއުޓީއެމްގައި ވެސް އަޅުގަނޑުމެންނާ ދިމާވި އޮޕަރޭޓަރުން ކައިރީގައި އަޅުގަނޑުމެން އެދުނިން އެ ގައުމުން އަންނަ ޓޫރިސްޓުން އިތުރުކުރަން ހާއްސަ މަސައްކަތްތަކެއް ކޮށްދިނުމަށް. އެ މީހުން ވެސް ވަރަށް ބޮޑަށް އެބަ މަސައްކަތްކުރޭ މިފަހަރުގެ ސީޒަންގައި އަންނަ މީހުން އިތުރުކުރަން،" ޓްރެވަލް އެޖެންސީއެއްގެ އިސް ވެރިއަކު ވިދާޅުވި އެވެ.

ހިސާބުތަކުން ފެންނަން އޮތީ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނަ ތަނެވެ. އެއާއެކު ޓޫރިސްޓު އެނދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެކަމަކު ޓޫރިސްޓް އޮކިއުޕަންސީ ރޭޓް އަންނަނީ ދަށްވަމުންނެވެ. މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ އޮކިއުޕަންސީ ރޭޓް 64.8 ޕަސެންޓަށް ވަނީ ވެއްޓިފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެ ޕަސެންޓްގެ ދަށްވުމެކެވެ.

ޓޫރިސްޓް ގިނަ އެނދުތައް ހުސްކޮށް ހުރުމަކީ އިންޑަސްޓްރީގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

"ރިސޯޓު ނުވަތަ ހޮޓާ، ގެސްޓްހައުސް ހިންގާ ބަޔަކަށް އެއްވެސް އެނދެއް ހުސްކޮށް ހުރުމަކީ ގެއްލުމެއް. މުޅި އަހަރު ދުވަހު އޮކިއުޕަންސީ 64 ޕަސެންޓްގައި ހުރުމަކީ މާ ބޮޑު މައްސަލައެއް ނޫން. އެކަމަކު އެނދު އިތުރުވި ނިސްބަތަށް ބަލާއިރު އެއީ ވަރަށް ދަށް އަދަދެއް. އެންމެ ދަށްވެގެން 70 ޕަސެންޓްގައި އުޅެންވާނެ،" އެއް ތަޖުރިބާކާރު ވިދާޅުވި އެވެ.

ޓޫރިސްޓް ސީޒަންގެ އެންމެ މުހިންމު ދުވަސްތައް ކަމަށްވާ ކްރިސްމަސް އަދި އާ އަހަރުގެ ދުވަސްވަރު ރާއްޖޭގެ ޑިމާންޑް ބޮޑުވެ އެވެ. އެކަމަކު މަޝްހޫރު ބުކިން ސައިޓްތައް ދައްކާ ގޮތުން ރާއްޖޭގެ ވަރަށް ގިނަ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ އެނދުތައް ހުރީ ހުހަށެވެ. ބައެއް ތަންތަނުން އަގު ހެޔޮކުރުމުގެ އިތުރުން ބޮޑެތި ޑިސްކައުންޓް ވެސް ވަނީ އަޅުވައިފަ އެވެ.

ހަގީގަތަކީ ޓޫރިސްޓުންގެ އަދަދު އިތުރުވާން ޖެހޭ މިންވަރަށް އަދި އެކަން ނުވާ ކަމެވެ. އެހެންކަމުން އަދިވެސް އޮތީ ޕްރޮމޯޝަންގެ މަސައްކަތްތައް އިތުރުކޮށް، ވަރުގަދަކުރުމެވެ.

18 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 37%
icon angry icon angry 30%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތޭންކްސް

28 November 2017

ފަތުރުވެރިން ރާއްްޖެ ނައުމުގެ ހުރިހާ ޝުކުރެއް ހައްގުވަނީ ނަޝީދަށް. އެބޭފުޅާއާ އެބޭފުޅާއަށް ތަބާވާ މީހުންގެ ބުރަ މަސައްކަތް އެއީ. ގައުމުގެ ސިޔާސީ ކަންކަމާ ފަތުރުވެރިކަމާ އެމީހުން ބޭނުންވޭ ގުޅުވަން. އެމީހުންނަށް ސިޔާސީ ދާއިރާއިން ނާކާމިޔާބާ ދެރަ ގޮތްވީމަ މިގައުމަށް މީހުން ނައުމަށް ގޮވާލައި ކެމްޕޭންކޮށްގެން ފަތުރުވެރިކަން ނައްތާލަން އުޅެނީ.

The name is already taken The name is available. Register?

އައިޖޭ

27 November 2017

އެނދު އިތުރު ވެއްޖެ، ދެން އެވަރަށް މަކެޓް ނުކުރާނަމަ، އޮކިޔުޕެންސީ % ދަށްވާނެ ދޯ

The name is already taken The name is available. Register?

12345

27 November 2017

ޓޫރިސްޓުން ގިނައިން ގެންނަށް ބޭނުންނަމަ ރިޒޯޓްތަކުގެ ރޭޓް ދައްކުރަންވީ. އޭރުން މީހުން އަންނާނެ ހެސްކިޔާފަ. އެހެންނަމަވެސް މިހާރު މީރާއަށް އެނެމ ބޮޑު އާމްދަނީ ލިބެނީ ރިޒޯޓްތަކަށްވުރެ ބޮޑަށޤ ރައްޔިތުންގެ އަތުންނަގާ ޓެކްސްތަކުން.

The name is already taken The name is available. Register?

ރަައްޔިތު މީހާ

27 November 2017

މަ ހީކުރީ ސުރުހީ ކިޔާލުމުން ލާރިވަންނަ ވަރު ބުނެދޭނެ ކަމަށް. ރާއްޖެއަށް ވަންނަ ޑޮލަރުތަށް ދަނީ ކޮންތާކަށްތޯ ބަލާފައި، އެކަމަށް ރިޕޯޓެއް ލިޔެލާނަމަ ވަރަށް އުފާވީސް.

The name is already taken The name is available. Register?

މުތުރާ

27 November 2017

ރާއްޖޭގެ ގިނަ ރިސޯޓް ތަކަކީ ބޭރު ކުންފުނިތަކުން ހިންގާ ރިސޯޓުތަށް ... ރާއްޖޭގެ ޤާނޫނުގައި ބުނެފަކައިނެތް ހުރިހާ ލޮޑަރެއް ވަންނަން ޖެހޭނީ ރާއްޖޭގެ ބޭންކަށޭ ( މިއީ އެއްވެސް ޤައުމެއްގައި ކުރާ ކަމެއްވެސް ނޫން ) ... ރިސޯޓު ހިންގާ ބޭރު ކުންފުނިތަކުން ބަރާބަރަށް ޓެކްސްތަށް ދެއްކީމަ އެނިމުނީ ...

The name is already taken The name is available. Register?

އަލިހޮއްކޮ

27 November 2017

މައުމޫނު ދައުރުއްސުރެ ރިޒޯޓްތަކުގަ ބޭރު މީހުން ދިވެހިންގެ ރޭޝިއޯ އަކީ ދިވެހިން %55 ބޭރު މީހުން %45. މިހެން މިކަން އޮއްވާ ވަހީދުގެ ވެރިކަމުގަ އަދީބުގެ ޓުއަރިޒަމް މިނިސްޓަރު ކަމުގަ މިނިސްޓްރީގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް ހުސެއިން ޒަމީލް ކިޔާ ބޭފުޅަކު ސޮއެ ކޮށްފަ ސާކިއުލާއެއް މި ފޮނުވަނީ 21 ޑިސެމްބަރ 2012ގަ ހުރިހާ ރިޒޯޓް ތަކަށް މިހާރުން ފެށިގެން ކޯޓާ ރޭޝިއޯ އަކީ ދިވެހިން %45 އަދި ބޭރު މީހުން %55 ކަމަށް. އަނެއްކޮޅަށް މިޖަހާލީ އިނގޭތޯ. އަދި މިކަން މިގޮތަށް ހަމަޖެއްސިޔަސް ތިމަންމެން ބާރު އަޅަމޭ ވީހާވެސް ގިނައިން ދިވެހިންނަށް ވަޒީފާ ދިނުމަށް (ޔަޢުނީ ވައްކަން ކުރުމަކީ މިހާރު ހުއްދަކަމެކޭ އެކަމަކު ނުކުރުމޭ ތިމަންނަމެން ބާރު އަޅނީ). އޭރުއްސުރެ މިއަދާ ހަމައަށްވެސް މިކަން މިގޮތަށް ކުރިއަށް މިދަނީ. މިކަން ބަދަލް ކުރެވޭތޯ މިނިސްޓްރީއަށް (ޓްއަރިޒަމް އަދި އިކޮނޮމިކް) މަޖިލިސް މެމްބަރުން ކައިރިއަށް ހިނގުނު އަދަދެއް ނޭނގޭ. މިއީ އަދަދުން ބުނެދޭ އަސްލު ހަގިގަތަކީ.

The name is already taken The name is available. Register?

ހަސަންފުޅު

27 November 2017

ކުއްލިއަކަށް ޓޫރިސްޓުންގެ އަތުން ނަގަންފެށި ، ގްރީންޓެކްސްއާއި ޓީޖީއެސްޓީ ރޭޓުބޮޑުކޮށްލުމުން އިންޑަސްޓްރީއަށް ބޮޑުއިމްޕެކްޓެއް އައީ... ޗައިނާ ފަތުރުވެރިންނަކީ ކިތަންމެވަރަކަށް ދަތުރުކުރިއަސް ވަރަށްބޮޑަށް ހަރަދަށް ބަލައިގެން އުޅޭ ޓޫރިސްޓުންކަމަށްވުމުން އެބަދަލު ޗައިނާމާކެޓުން އެފެންނަނީ... ރެސްޓޯރެންޓުން ނުކާންވެގެން ކަޕްނޫޑުލްސް ރަށުން ގެނެސްގެން އުޅޭފަތުރުވެރިންވެސް ޗައިނާމާކެޓުން އާދޭ.... ލަންކާއަށް ޓޫރިސްޓުންދާލެއް އިތުރުވަނީ އަގުހެޔޮކަމުން... ރާއްޖޭގެ ޓޫރިޒަމް އަދިވެސް ޓާގެޓުކުރަންވީ ސީދާ ޔޫރަޕަށް އަދި މިޑްލް އީސްޓުގެ މުއްސަދިގައުމުތަކަށް އޭރުން އަންނަށް ޓޫރިސްޓުން ރަގަޅުވާނެ ، އެމީހުން ވަރަށް ސްޕެންޑްކުރާނެ... ދެންވިސްނަންވީ އަނެއްކަމަކީ ރާއްޖޭގެ ގިނަރިސޯޓުތަކުގެ މެނޭގުމަންޓު މުޅިންވެސް ކޮންޓްރޯލްކުރަނީ ބޭރުމީހުންކަމަށްވުމުން ޓޫރިޒަމް ދާއިރާއިން މިގައުމަށްލިބޭ މަންފާވަރަށްކުޑަ... ރިސޯޓުތަކުގައި ރަގަޅު ވަޒީފާތަކުގައި ތިބެނީ މުޅިން ބިދޭސީން އަދި އެމީހުން ކޮންޓްރޯލްއޮތީ

The name is already taken The name is available. Register?

ޢުލޫމުލް ވަޠަން

27 November 2017

ޤަބޫލެއް ނުކުރެވޭ އެއާރޕޯޓް ހިންގަނީ ފުލް ކެޕޭސިޓީކަމުގައި. ބައެއް ގަޑިތަކުގައި ބާރު ބޮޑުވޭ. އަހަރުމެން ދެކޭ ގޮތުގައި މައްސަލައަކީ އެއާރޕޯޓްގައި އެކި ނަންނަމުގައި ނެގޭ ފީތައް ބޮޑުކަން. މިކަމުގެ ސަބަބުން ޓިކެޓްގެ އަގުތައް އިންތިހާއަށް ވަނީ ބޮޑުވެފައި. ގާއްގަނޑަކަށް %75 ވަނީ ބޮޑުވެފައި. އަދި ބައެއް އެއާލައިންތައް މިހާރު އޮޕަރޭޓްވެސް ނުކުރޭ. އޭގެތެރާގައި "އޮމާން އެއަރ" އަދި "މެލޭޝިއަން އެއާލައިންސް" ހިމެނޭ. މިފަދަ އެއާލައިންތަކަކީ ދުނިޔޭގެ އެކި ބައްރުތަކަށް ދަތުރުކުރާ އެއާލައިންތައް. އެހެންކަމުން ޓޫރިސްޓުން ދަތުރުފަތުރުގެ އުދަގޫވެސް އެބަ ތަހައްމަލް ކުރޭ. އޭގެ ތެރޭގައި ދަތުރުގެ ދިގުކަމާއި ޓްރާންސިޓް ދިގުވުން. މިފަދަ ކަންތައްތަކަކީވެސް އިންޑަސްޓްރީއަށް އޭގެ އަސަރުކުރާނެ. މިފަދަ ކަންތައް ހައްލުނުކޮށް ތިކަމެއް ހައްލުނުކުރެވޭނެ. ވަރަށްވެދުން

The name is already taken The name is available. Register?

އަހުމަދުބެ

27 November 2017

ޓުރިސްޓުން އަންނަ ވަރު އިތުރު ވިއަސް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރާ މީހުންނަށް ރިސޯޓު ތަކުން ސަޕްލައި ކުރުމަށް ލިބެނީ ވަރަށް މަދު ފުރުސަތު ތަކެކެވެ. ސަޕްލައި މާކެޓް ކޮންޓްރޯލް ކުރަނީ އިންޑިޔާ ލަންކާ އަދި ބަންގްލަދޭޝް މީހުންނެވެ. އެފުރުސަތު ހުލުވާދެނީ އެކައުންޓެންޓުންނާއި ސްޓޯރު ބަލަހައްޓަން ތިބޭ ބިދޭސީންނެވެ. ސަރުކާރައް އިތުރު ފައިސާ ލިބޭނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ފުރުސަތު ހޯދައިދީގެންނެވެ. ރާއްޖެ އަންނަ ޓޫރިސްޓުން ގިނަ ވިއަސް ސަރުކާރައްލިބޭ ފައިސާ އަށް ވުރެ ގަވާއިދާ ހިލާފައް ބޭރު ކުރާ ފައިސާ ގިނައެވެ. އެކަން ހުއްޓުވަން ޖެހެއެވެ.

The name is already taken The name is available. Register?

މެންޓަލިސްޓް

27 November 2017

އެއީ މުޅިއެކުން އެކަންޓަންޓުންނާއި އެފްއެންޑބީ ހެޑުންގެ މައްސަލައެއްވެސް ނޫން ،،، ހަގީގީ މައްސަަލައަކީ ރިސޯޓް މެނޭޖްމާންޓް ނޫނީ އޯނަރގެ މައްސަލަ ،،،،، އެމީހުން ދިވެހިންގެ މެދުފަންތީގެ ސަޕްލަަޔަރުންނަށް ޖާހަނުދޭ މައްސަލަ ޖެހޭނީ ބަލަން ،،،، އެމީހުންގެވެސް ހުންނާނެ ޖަސްޓިފިކޭޝަންއަށް ދައްކާނެ ވާހަކަތަށް ،،،، އެވާހަކަތަށް އަޑުއަހާލައިގެން އޭގެވެސް އަސްލެއްއޮތްތޯ ބަަލަންޖެހޭނީ ،،،، ރާއްޖޭގައި އަސްލުގައި ލޭބަރ ޔުނިއަންއެއްވެސް އެބައޮންނަންޖެހޭ ،،، އެކަންވެސް މިއުޅޭ ސިޔާސީ ލީޑަރުން ބޭނުމެއްނޫން ކުރާކަށް ،،، އެކަން ހުއްޓޫވަން ހުރިހާ ކަމެށްވެސް ކޮއްފައިއޮތީ ،،، ދެން ރާއްޖޭގައި ކޮންސިއުމަރ ޕްރޮޓެކްޝަންވެސް އޮންނަންޖެހޭ ،،، އަދި ސްމޯލްއެންޑްމީޑިއަމް ބިޒްނަސް ތަކުގެ ސަލާމަތާއި ރައްކާތެރިކަންވެސް އޮންނަންޖެހޭ ،،،، މިހުރިހާ ކަމެށް ކުރުމަށް ކޮންމެވެސް ބަޔަކު އިސްނަގައި ކުޑާކޮށް ޙަރަދު ބަރަދުކޮއްގެންވާނީ ،،، އަޅުގަނޑު މިހުރީ އެހީވާނެ ،،، ގައުމީ ކޮންމެކަމެއްގައިވެސް ،، ވރށވދނ

The name is already taken The name is available. Register?

މުގޯލި

27 November 2017

ދެންވެސް ހުރޭ ޤައުމުގަ ސިޔާސީ ހަމަޖެހުން ގާއިމުކުރުމަށް މަސައްކަތް ނުކޮށް! ސިޔާސީގޮތުން ގައުމަށް ހަމަޖެހުން ގާއިމުކުރުމަކީ ވަރަށްބޮޑު ކުރިއެރުން ލިބޭނެކަމެއް!

The name is already taken The name is available. Register?

ނިޝާނާ

27 November 2017

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އެންމެ އެދެވޭ މަސައްކަތެއް ކުރެވޭ ތަނެއް ނުފެނޭ. އަދި ވަކި ޗައިނާ މާކެޓް ޑައިލޫޓްވެގެންދާއިރުވެސް އޭގެ ބެކަޕެއް ނުފެނޭ. މިއީ 21 ވަނަ ގަރުނު. މިޒަމާނަކު ކޮންމެހެން ނުޖެހޭ ޑުސޮލްޑޯފުގަޔާއި ފްރޭންކްފުޓްގަ އޮފީސް ހަދައިގެން ރާއްޖެ ޕްރޮމޯޓް ކުރާކަށް. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ %80 އަދިވެސް ބުކިންހަދަނީ އޮފްލައިން ޓްރެވަލް އެޖެންޓްސް މެދުވެރިކޮށް. އޮންލައިން ރޭޓް ބޮޑުވި ނަމަވެސް 20-25 އިންސައްތަ އޮންލައިންކޮށް ބުކްކުރޭ. ރިސޯޓްތަކުން ފޯކަސް ކުރަންވީ ޑައިރެކްޓް ބުކިން އިތުރުކޮށް އޮންލައިން ޕްރެސެންސް ހައިކުރަން. ރާއްޖޭގެ އެނދުތައް ވިއްކުމަށް ބޯދާ އުސޫލު ދޫކޮށް، ޕާފޯރމަންސް މާކެޓިންގ އަށް މިސްރާބުޖަހަންވީ. ރިސޯޓްތަކުގެ އަމިއްލަ އެފިލިއޭޓެޑް ޕްރޮގޮރާމް ރަންކުރަންވީ. އައު މާކެޓްތައް އެކްޕޯސްކުރަންވީ. މިއަދު އެމެރިކާ، ކެނަޑާ އެއީ ވަރަށް ދުރޭކިޔާފަ ފަރުޖައްސާލެވޭކަށް ނެތް. ދިވެހިންނަކީ ޓެކްނޮލޮޖީއަށް ފަރިތަބައެއް،. ދިވެހިންނަށް ވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454