އޭ ލެވެލްގެ ގަދަ 10 ގައި ހިމެނެނު ދަރިވަރުންނަށް އެވޯޑު ހަވާލުކުރަން ބޭއްވި ހަފުލާގެ ތެރެއިން: ދަރިވަރުންނަށް އާ ފުރުސަތެއް ފަހިކޮށްދިނުމަށް މިއަހަރު ވަނީ ހައި އެޗީވާސް ނަމުގައި ސްކޮލަޝިޕެއް ތައާރަފުކޮށްފައި.-- ފޮޓޯ: ހުސެން ވަހީދު/ މިހާރު
28 ނޮވެމްބަރ 2017 - 13:25
މިއަހަރު އަލަށް ތައާރަފުކުރި ހައި އެޗީވާސް ސްކޮލަޝިޕުން ކިޔެވުމަށް، އެ ފުރުސަތަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުން ކުރިމަތިލާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުުﷲ ނަޒީރު ވިދާޅުވީ އިއްޔެގެ ނިޔަލަށް މުއްދަތު ހަމަވި އިރު، އެ ސްކޮލަޝިޕުގެ ދަށުން ކިޔަވަން ޝަރުތު ހަމަވާ 41 ދަރިވަރުން ކުރިމަތިލާފައިވާ ކަމަށެވެ. އަދި އަންނަ ހަފުތާގެ ހޯމަ ދުވަހު އެ ދަރިވަރުންނަށް ލިޔުން ހަވާލުކުރާނެ ކަމަށް ނަޒީރު ވިދާޅުވި އެވެ.
މި ސްކޮލަޝިޕް ލިބޭނީ މި އަހަރުން ފެށިގެން، ޖީސީއީ އޭލެވެލް އިމްތިހާނުގެ ތިން މާއްދާގެ އިތުރުން ދިވެއްސާއި އިސްލާމް މާއްދާ އިން ދަށްވެގެން އޭ ފާސް ހޯދާ ދަރިވަރުންނަށެވެ.
ހައި އެޗީވާސް ފުރުސަތުގެ ދަށުން ކިޔެވޭނީ ސާކްގެ ގައުމުތަކުގެ އިތުރުން މެލޭޝިޔާ އާއި ތައިލެންޑާއި ޕިލިޕީންސް އަދި ޗައިނާއިންނެވެ. ނަމަވެސް އެ ގައުމުތަކުގައި ދަރިވަރު ކިޔަވަން ބޭނުންވާ ކޯހެއް ނުހިންގާ ނަމަ އެހެން ގައުމަކުން ވެސް މަތީ ތައުލީމް ހާސިލްކުުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެކަމަކު އެއީ ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަން (ޑީއެޗްއީ)ގެ ލިސްޓުގައި ހިމެނޭ ގައުމުތަކަށް ވުރެ އަގު ހެޔޮ ނުވަތަ އެއާ އެއްވަރުގެ ހަރަދުތަކެއް ހިނގާ ނަމަ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
މީގެ އިތުރުން މި ސްކޮލަޝިޕުގެ ދަށުން ކިޔަވާއިރު އިތުުރު ހަރަދެއް ހިނގާ ނަމަ، ޑީއެޗްއީގެ ސަޕްލިމެންޓްރީ ލޯނުގެ ތެރެއިން އެ ހަރަދުތައް ދައްކަން ނުވަތަ އަމިއްލަ ފައިސާއިން އެކަމާ ޒިންމާވާނެ ކަމުގެ ބޭންކް ގެރެންޓީއެއް ހުށަހެޅުމުން ވެސް ހުއްދަ ދޭނެ ކަން ނަޒީރު ވިދާޅުވި އެވެ.
ހައި އެޗީވާސް ސްކޮލަޝިޕާއި ރައީސްގެ ސްކޮލަޝިޕަކީ ތަފާތު އެއްޗެކެވެ. ހައި އެޗީވާސް ސްކޮލަޝިޕް ލިބޭނީ ފަސް މާއްދާ އިން އޭ ހޯދާ ދަރިވަރުންނަށެވެ. ނަމަވެސް ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ކިޔެވޭ ގޮތަށް އޮންނަ ރައީސްގެ ސްކޮލަޝިޕް މި އަހަރުން ފެށިގެން ލިބޭނީ، ފަސް މާއްދާ އިން އޭ ސްޓާ ހޯދާ ދަރިވަރުންނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތާމައިގެކޮޅުނުފެނޭ
29 November 2017
ތާކުންތާކުން ނުޖޭހޭ ގައުމުތަކުން ސްކޮލަޝިޕް ދިނީމަށްވުރެ، ރަނގަޅުތަނަކުން އެކުދިންނަށް ތައުލީމު ލިބޭނެގޮތް މަގުފަހިވާނީ ކޮންދުވަހަކުންބާ!!!! ގައުމު އުފެދުނީއްސުރެ ދަނީ ކައްޗަށް.