އަންނަ ހަފުތާގައި ހުރިހާ ސްކޫލެއްގައި ޓެބްލެޓް ބޭނުންކުރަން ފަށާނެ: އެޑިއުކޭޝަން

އަންނަ ހަފުތާގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.


އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ރަށްރަށުގެ ހުރިހާ ސްކޫލަކަށް ޓެބްލެޓް ބަހައި ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި އަދިވެސް ގިނަ ތަންތަނުގައި އެ ބޭނުންކޮށްގެން ކިޔަވައިދޭކަށް ނުފަށަ އެވެ.

ނަޒީރު ވިދާޅުވީ ޓެބްލެޓް ބޭނުންކޮށްގެން މިހާރު ކިޔަވައިދެމުން އަންނަނީ ގްރޭޑް 9 އަދި 10ގެ ދަރިވަރުންނަށް އެކަނި ކަމަށެވެ. ނަމަވެސް އަންނަ ހަފުތާއިން ފެށިގެން ހުރިހާ ދަރިވަރުންނަށް ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށާނެ ކަމަށް ވިދާޅުވި އެވެ.

"ރަށްރަށުގެ ހުރިހާ ސްކޫލަކަށް ޓެބްލެޓް ފޮނުވާލެވިފައިވަނީ. އެ ބޭނުންކުރަމުން އަންނަނީ މަތީ ގްރޭޑްތަކުން ފެށިގެން ދަށަށް. އެގޮތުން ވައިފައި ޓެސްޓުކޮށް އަންނަ ހަފުތާގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދަރިވަރުން ޓެބްލެޓް ބޭނުންކުރާނެ،" ނަޒީރު ވިދާޅުވި އެވެ.

މިއަހަރުގެ ދެ ވަނަ ޓާމުން ފެށިގެން ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުރިން ބުނެފަ އެވެ. ނަމަވެސް ދެ ވަނަ ޓާމުގެ ކިޔެވުން ޖޫން 18ގައި ފެށި ނަމަވެސް ޓެބްލެޓުން ކިޔަވައިދެމުން އަންނަނީ މަދު ސްކޫލުތަކެއްގަ އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ބޭނުންކުރާނެ ވާވޭ ޓެބްލެޓް ގަންނަން މިނިސްޓްރީން ހަވާލުކުރީ މެކްސްކޮމް ކުންފުންޏާ އެވެ. އެގޮތުން ޓީޗަރުންނަށާއި ދަރިވަރުންނަށް ދިނުމަށް 70،000 އަށްވުރެ ގިނަ ޓެބްލެޓް ރާއްޖެ ގެނެސްފައި ވެ އެވެ.

ޑިޖިޓައިޒް މަޝްރޫއަށް ސަރުކާރުން 154 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވެ އެވެ.