ދަރިވަރުންނަށް ޓެބްލެޓް ބަހަން ފަށައިފި

ސްކޫލުތައް ޑިޖިޓައިޒްކޮށް ދަރިވަރުންނަށް ބޭނުންވާ ޓެބްލެޓްތައް ބަހަން އެޑިއުކޭޝަން މިނިސްޓްރީން ފަށައިފި އެވެ.


މި އަހަރުގެ ދެ ވަނަ ޓާމުގެ ކިޔެވުން މިއަދު ފެށިއިރު، މިނިސްޓްރީން ވަނީ ދަރިވަރުންނަށް ބޭނުންވާ ޓެބްލެޓްތައް މާލޭގެ ބައެއް ސްކޫލުތަކާ ހަވާލުކޮށްފަ އެވެ. އެގޮތުން އެ ސްކޫލުތަކުން، ދަރިވަރުންނާ ޓެބްލެޓްތައް ހަވާލުކުރާނީ މިއަދެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ކުރިން ވިދާޅުވެފައި ވަނީ ޑިޖިޓައިޒް މަޝްރޫއަށް ރާއްޖޭގެ ހުރިހާ ސްކޫލެއް ވައިފައިކޮށް ނިންމާފައިވާ ކަމަށެވެ. ދަރިވަރުންނަށް ޓެބްލެޓް ބަހައި ދެ ވަނަ ޓާމުގައި އެ ބޭނުންކޮށްގެން ކިޔަވައިދޭން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ގްރޭޑް 1-12 އަށް ކިޔަވައިދޭ 8،459 ޓީޗަރުންނަށް ޓެބްލެޓް ހަވާލުކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ދަރިވަރުންނަށާއި ޓީޗަރުންނަށް ދޭން ހަމަޖައްސާފައިވަނީ ވާވޭ ބްރޭންޑުގެ ޓެބްލެޓެވެ. އެ މަޝްރޫއުގެ ދަށުން 70،000 އަށް ވުރެ ގިނަ ޓެބްލެޓް ރާއްޖެ ގެނަ އެވެ.