މިސްރުގެ ކުރީގެ ބޮޑު ވަޒީރު އަހުމަދު ޝާފިގު ބަޔާން ދެއްވަނީ. --ފޮޓޯ:އޭއެފްޕީ
30 ނޮވެމްބަރ 2017 - 14:08
އަބޫ ދާބީ (ނޮވެމްބަރު 30) - ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ފުރުން މަނާކޮށްފައިވާ ކަމަށް މިސްރުގެ ކުރީގެ ބޮޑު ވަޒީރު އަހުމަދު ޝާފިގު ވިދާޅުވެއްޖެ އެވެ.
މިސްރުގައި 2012 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު މުރްސީއާ ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި ފަހުން ޝާފިގު ދިރިއުޅުއްވަނީ ޔޫއޭއީގަ އެވެ. އޭނާ ވަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް އަބްދުލް ފައްތާހު ސީސީއާ ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފަ އެވެ.
ވީޑިއޯ މެދުވެރިކޮށް އޭނާ ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޔޫއޭއީ އިން ފުރުން މަނާކުރި ސަބަބެއް ނޭނގޭ ކަމަށެވެ.
"ޔޫއޭއީ އިން ފުރުން މަނާކުރުމުން އަޅުގަނޑު ވެސް މިހުރީ ހައިރާންވެފައި. ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގޭ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑު މިހާރު ވާނީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައި. އަދި ވަރަށް އަވަށް މިސްރަށް ގޮސް ކެމްޕޭން ފަށަން ބޭނުންވޭ."
ޝާފިގު ވަނީ އޭނާ އަށް ދަތުރު ކުރުމުގެ ހުއްދަ ދިނުމަށް ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފަ އެވެ.
ދެހާސް ބާރަ ވަނަ އަހަރުގެ އިންތިޚާބުން ބަލިވުމާ އެކު އޭނާ ވަނީ ޔޫއޭއީ އަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އަދި އޭނާގެ ޣައިރު ހާޒިރުގައި ޝަރީއަތްކޮށް ވަނީ ކޮރަޕްޝަނުގެ ކުށް ސާބިތުކޮށްފަ އެވެ. އެކަމަކު ފަހުން ވަނީ ޝާފިގުގެ ކުށެއް ނެތް ކަމަށް ނިންމައިފަ އެވެ.
މިސްރުގައި ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި ދުވަސްވަރު ޝާފިގު ވަނީ 2011 ވަނަ އަހަރު، މަހެއްހާ ދުވަހަށް ބޮޑު ވަޒީރުކަން ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy