ރިޕޯޓް / ރިޔާސީ އިންތިޚާބު 2018

އިދިކޮޅު ފަރާތްތަކަށް އިންސާފުވެރި ޕްރައިމަރީއަކަށް ދެވޭނީ ކިހިނެއް؟

މާލޭގައި 2015 ގައި ބޭއްވި ސިޔާސީ އެއްވުމެއްގައި ޖޭޕީގެ ލީޑަރު ގާސިމް (މ) އަދި ކުރީގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ: އިދިކޮޅު ހަރަކާތުގެ އެއް ކެންޑިޑޭޓަކަށް ވުމަށް ދެ ބޭފުުން ވެސް ބޭނުންވޭ. ފޮޓޯ: އެމްޑީޕީ

ޖަރުމަނުގައި މިހާރު ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ހަރަކާތުން ނުކުންނަ ކެންޑިޑޭޓަކަށް ހަދަން އެ ޕާޓީން ބޭނުންވާ ގާސިމް އިބްރާހީމާ ބައްދަލުކުރެއްވުމަށް ފަހު، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އެ ވިދާޅުވީ، އެއް ބަޔަކަށް، ވަރަށް މުހިންމު ވާހަކައެކެވެ. އެއީ އިދިކޮޅު ހަރަކާތަށް ރިޔާސީ އިންތިޚާބު ކާމިޔާބުވުމާއި ނުވުމާ ގުޅުން ހުރި ވާހަކައެކެވެ. އިދިކޮޅު ހަތަރު ޕާޓީއަށް އިންސާފުވެރި، ހަމަހަމަ، ޑިމޮކްރެޓިކް ޕްރައިމަރީއަކުން ގައުމީ ކެންޑިޑޭޓަކު އިންތިޚާބު ކުރުމުގެ މައްސަލަ އެވެ. މިއީ އިދިކޮޅު ހަރަކާތުން އަދި ފުޅާ ދާއިރާއެއްގައި މަޝްވަރާ ނުކުރާ އެކަމަކު ކުރިމަތީގައި އޮތް އެންމެ މުހިންމު ކަންތަކެވެ.

އިދިކޮޅު ހަރަކާތުން އެއް ކެންޑިޑޭޓަކު ނެރުމަށް އުސޫލެއްގެ ގޮތުން ގާސިމްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ތާއީދުކުރައްވަ އެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓަކީ ނަޝީދު، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކީ ގާސިމް ކަމަށް އެ ދެ ޕާޓީން ބުނާއިރު، އިދިކޮޅު ހަރަކާތުގެ ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ޖުމްހޫރީ ޕާޓީންނާއި މައުމޫން އަދި އަދާލަތު ޕާޓީން ޕްރައިމަރީއަކަށް ތާއީދުކުރުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ. ނަމަވެސް ހަތަރު ޕާޓީއަށް އިންސާފުވެރި ހަމަހަމަ، ޑިމޮކްރެޓިކް ޕްރައިމަރީއަކުން ގައުމީ ކެންޑިޑޭޓެއް އިންތިޚާބު ކުރަން ގާސިމް ތާއީދުކުރެއްވީތީ ވެސް އުފާކުރައްވާ ކަމަށް ވިދާޅުވެ އަލީ ވަހީދު އެ ދެއްވީ މެސެޖެއް ކަމަށް ބެލެވެ އެވެ. އެމްޑީޕީގެ އިތުރުން ގާސިމް ވެސް ޕްރައިމަރީއަކުން އެއް ކެންޑިޑޭޓަކު ކަނޑައަޅަން ތާއީދު ކުރައްވަނީ އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން އިދިކޮޅު ހަރަކާތުގެ ބައެއް ބޭފުޅުން މިދިޔަ ހަފުތާގެ ބުދަ ދުވަހު ގާސިމާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، ގާސިމާއި އަލީ ވަހީދު ސަލާމް ކުރައްވަނީ.

އެކަމަކު އަލީ ވަހީދު ވިދާޅުވާ، "ހަތަރު ޕާޓީއަށް އިންސާފުވެރި، ހަމަހަމަ، ޑިމޮކްރެޓިކް" ވާހަކައެއް އެމްޑީޕީގެ ގަރާރުގައި ނެތެވެ. އެއް ކެންޑިޑޭޓަކު ކަނޑައަޅާނީ "ސިޔާސީ ޕާޓީތަކުން އެއްބަސްވާ އުސޫލެއްގެ ޕްރައިމަރީ" އަކުން ކަމަށް އެމްޑީޕީގެ ގަރާރުގައިވެ އެވެ. މާނައަކީ ފަހުން އެ އުސޫލު ކަނޑައަޅަން ހަތަރު ލީޑަރުންނަށް ޖެހިވަޑައިގަންނަވާނެ އެވެ.

އެ އުސޫލު އިންސާފުވެރި، ހަމަހަމަ އަދި ޑިމޮކްރެސީގެ އިމުގެ ތެރެއިން ކަނޑަނާޅައިފި ނަމަ، އޭގެ ހިތި ނަތީޖާ އިދިކޮޅު ހަރަކާތަށް ކުރިމަތިވުމުގެ ބިރު ބޮޑު ކަމަށް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. އެހެންވެ ސުވާލަކީ އެކަން ކުރާނެ ގޮތަކީ ކޮބައި ހެއްޔެވެ؟

އިދިކޮޅު ހަރަކާތުގެ ބައެއް ބޭފުޅުންގެ ވިސްނުމުގައި އޮތީ ތިން ގޮތެކެވެ. އެއީ ހަތަރު ފިކުރުގެ އެންމެން [އިދިކޮޅު ހަތަރު ފަރާތުގެ ހުރިހާ މެމްބަރުން] ހިމެނޭ ގޮތަށް ޕްރައިމަރީއެއް ބޭއްވުމާއި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ހަތަރު ފިކުރުން ކަނޑައަޅާ އަދަދަކަށް އެ ކޮންގްރެސްގައި، އެއް ކެންޑިޑޭޓަކު ހޮވަން ވޯޓު ދޭން ފުރުސަތު ދިނުމެވެ. މިސާލަކަށް ކޮންމެ ޕާޓީއަކުން ޕްރައިމަރީގައި ވޯޓުދޭނެ 50 މީހުން ހަމަހަމަކޮށް ކަނޑައެޅިދާނެ އެވެ. ކޮންގްރެސްގައި ވޯޓު ދޭނީ އެ ޕާޓީއަކުން ކަނޑައެޅި 50 މީހުންނެވެ.

ތިން ވަނަ ގޮތަކީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އެއީ ޕްރައިމަރީއެއް ކަމަށް އިދިކޮޅު ހަރަކާތުން އެއްބަސްވެ، އެ ބުރުން އެންމެ ގިނަ ވޯޓު ހޯދާ އިދިކޮޅު ކެންޑިޑޭޓަކީ އެއް ކެންޑިޑޭޓް ކަމަށް ކަނޑައަޅައި ދެވަނަ ބުރުގައި އޭނާގެ ފަހަތަށް އެރުމެވެ.

"މީގެ ތެރެއިން އެންމެ ފެއާ ވާނެ ގޮތެއް ކަމަށް ފެންނަނީ ދެވަނަ ގޮތް. އެއީ ކޮންމެ ޕާޓީއަކުން ކަނޑައަޅާ އަދަދަކަށް ވޯޓު ދޭން ޕްރައިމަރީގައި ފުރުސަތު ދިނުން. އޭރުން އެއްވެސް ބަޔަކަށް ގެއްލުމެއް ނުވެ، ހަމަހަމަކޮށް މިކަން ނިމޭނެ،" އިދިކޮޅު ހަރަކާތުގެ ކަންކަން ކައިރިން ބައްލަވަމުން ގެންދަވާ ބޭފުޅަކު، މަސްލަހަތަށްޓަކައި މި ވަގުތު ނަން ނުޖަހަން އެދިވަޑައިގެން، ވިދާޅުވި އެވެ.

"ހަތަރު ޕާޓީގެ ހުރިހާ މެމްބަރުންނަށް ޕްރައިމަރީގައި ވޯޓުލާން ފުރުސަތު ދީފިއްޔާ އެއިން ގެއްލުމެއް ކުރިމަތިވެދާނެ. އެއީ ރައީސް ޔާމީންގެ ސަޕޯޓަރުން ވެސް ވޯޓުލުމާއި ހަތަރު ޕާޓީގެ ސައްހަ ދަފްތަރެއް އެކުލަވާލަން ފުރުސަތު ނެތުމުން."

ޕްރައިމަރީއެއް ބާއްވާއިރު، އިދިކޮޅު ހަރަކާތަށް އެންމެ އުނދަގޫވެގެން މިއުޅޭ ކަމަކީ އެމްޑީޕީން ނަޝީދު އެއް ކެންޑިޑޭޓަކަށް ހަދަން ބޭނުންވާއިރު، އެހެން ހުރިހާ ޕާޓީތަކާ ނުބައްދަލު އަދަދަކަށް އެމްޑީޕީގައި މެމްބަރުން ތިބުމެވެ. ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އެމްޑީޕީ އޮތީ 40،000 އަށް ވުރެ ގިނަ މެމްބަރުންނާ އެކު ކަމަށް ވާއިރު، ބާކީ ޕާޓީތަކުގެ މެމްބަރުންގެ އަދަދު މައިގަނޑު ގޮތެއްގައި 20،000 އަށް ވެސް ނާރަ އެވެ. އިދިކޮޅު ހަރަކާތުގެ އިސް އެއް ލީޑަރު މައުމޫނަށް ސަޕޯޓްކުރާ މީހުންގެ އަދަދު އެނގޭނެ ލިސްޓެއް ނުވެސް ނެތެވެ.

މި ހާލަތުގައި ހަމަހަމަ، އިންސާފުވެރި ޕްރައިމަރީއަކަށް ނުގޮސްފި ނަމަ، ނަޝީދު ނޫން ބޭފުޅަކަށް ޖާގައެއް ނެތެވެ. މައްސަލައަކަށް ވެގެން މިއުޅެނީ މިކަމެވެ.

ގާސިމާއި ނަޝީދު: އިދިކޮޅު ހަރަކާތުގެ އެއް ކެންޑިޑޭޓަކަށް ވުމަށް ވާދަކުރެއްވުން ގާތް.

މިހާރު އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކަށް ބަލާއިރު، އެއް ކެންޑިޑޭޓަކަށް ވުމަށް މަސައްކަތް ކުރައްވަނީ ނަޝީދާއި ގާސިމެވެ. ދެ ބޭފުޅުންނަށް ވެސް ގާނޫނީ ހުރަސްތަކެއް ހުރި ކަމުގައި ވިޔަސް ކޮންމެ ބޭފުޅަކު ވެސް އަދި އެ ބޭފުޅެއްގެ ސަޕޯޓަރުން ވެސް ތިބީ އެ ހުރަސްތައް ފަހު ވަގުތު ނެތިގެންދާނެ ކަމުގެ ހުވަފެނެއްގަ އެވެ.

މީގެ ތެރެއިން ވެސް އެމްޑީޕީ އަށް ހުރި ގޮންޖެހުންތައް ވަކިން ބޮޑެވެ. އެއީ ނަޝީދަކީ އެންމެ ގިނަ ބަޔަކު އެ ބޭފުޅަކަށް ތާއީދު ކުރާ ލީޑަރު އަދި އެމްޑީޕީއަކީ އެންމެ މެމްބަރުން ގިނަ ޕާޓީ ކަމަށް ވާއިރު، ނަޝީދަށާއި އެމްޑީޕީ އަށް ފަހު ވަގުތު ފުރުސަތު ގެއްލިއްޖެ ނަމަ، ދެން ހަދާނެ ގޮތަކާ މެދު އުފެދޭ ސުވާލެވެ. އެހެންވެ ވަގުތު އޮއްވައި އެއާ މެދު ވެސް އެމަނިކުފާނު ގޮތެއް ކަނޑައަޅުއްވަން ޖެހިވަޑައިގަތުމުގެ ޕްރެޝަރު އެބަ އޮތް ކަމަށް އެމްޑީޕީގެ އެތެރޭގެ ބައެއް ކަންކަން އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.

"ނަޝީދު ކުރިމަތިލައްވާނެ ކަމަށް ވިދާޅުވާހާ ހިނދަކު، އެމްޑީޕީގެ ތެރެއިން އެހެން މީހަކު އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރައްވާނެ. އެހެންވެ ބައެއް ބޭފުޅުން ތިއްބަވަނީ ދަނޑިވަޅަށް ބަލަބަލައި. ގާނޫނީ ހުރަސްތައް ފަހު ވަގުތު ނެތިގެންދާނެ ކަމުގެ ޔަގީން ކަމެއް ބައެއް ބޭފުޅުންނަކަށް ނެތް. އެކަން ކުރިން ކަށަވަރުކޮށް، ވަގުތު އޮއްވައި ރައީސް ނަޝީދު ވެސް ގޮތެއް ކަނޑައަޅުއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް އެމްޑީޕީގެ ތެރެއިން ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން މިހާރު ވެސް ގެންދަނީ މިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންނެވެ. އެއް ކެންޑިޑޭޓަކު ނެރުމާ ގުޅޭ މަޝްވަރާތައް އެ ޕާޓީގެ އެތެރޭގައި މިހާރު ވެސް ކުރިއަށް އެބަދެ އެވެ. ނަޝީދު މިވަގުތު ސްރީ ލަންކާގައި އުޅުއްވާއިރު، އެ މަޝްވަރާތައް އެމްޑީޕީގެ އެކި ފެންވަރުގައި ކުރިއަށްދާ ކަމަށް އެނގިފައިވެ އެވެ.

ގާސިމާއި އަލީ ވަހީދު އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ޖަރުމަނުގައި ކުރެއްވި މަޝްވަރާތަކާ ގުޅޭ ގޮތުން ނަޝީދު އަދި މައުމޫން ވެސް މިހާތަނަށް ފާޅުގައި އެއްވެސް އެެއްޗެއް ވިދާޅެއް ނުވެ އެވެ. ތިއްބެވީ ހިމޭނުންނެވެ. މީގެ ތެރެއިން ވެސް މައުމޫންގެ "ހިމޭންކަން" ވަކިން ބޮޑެވެ. އެއް ކެންޑިޑޭޓަކު ކަނޑައެޅުމާ ގުޅޭ ގޮތުން އަނެއް ތިން ޕާޓީން އެކި ފެންވަރުގައި ގޮތްތައް ނިންމައި މީޑިއާގައި ވެސް ވާހަކަ ދައްކަމުން އަންނައިރު، މައުމޫން މިހާތަނަށް ހަމަ އެކައްޗެއް ވެސް ވިދާޅެއް ނުވެ އެވެ.

ކުރީގެ ރައީސް މައުމޫން، ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބައްދަލުކުރައްވަނީ: އިދިކޮޅު ހަރަކާތުން އެއް ކެންޑިޑޭޓަކު ނެރުމުގެ މައްސަލާގައި އަދި ހުންނެވީ ހިމޭނުން.

"ބެލެވޭ ގޮތުން ރައީސް މައުމޫން އަދި އެ ހުންނެވީ އަދި އެއްވެސް ސައިޑެއް ނުނަންގަވައި. އެކަމަކު ޔަގީންވާ ކަމަކީ ރައީސް މައުމޫން ހުންނެވީ އިސްލާހީ މަސައްކަތުގެ ބައިވެރިންނާ އެކު ކަން. އެ ޔަގީންކަން އަދި އޮތީ،" އިދިކޮޅު ހަރަކާތުގެ އެހެން މެމްބަރަކު ވިދާޅުވި އެވެ.

މައުމޫން ފާޅުގައި މި މައްސަލާގައި ވަކި އެއްޗެއް ވިދާޅުނުވި ނަމަވެސް، އިދިކޮޅު ހަތަރު ލީޑަރުން ހިމެނިވަޑައިގަންނަވާ ސޯޝަލް މީޑިއާގެ ގުރޫޕްގައި ޚިޔާލު ފާޅުކުރައްވާ ކަމަށްވެ އެވެ. އަދި މިކަމުގައި ގޮތެއް ކަނޑައަޅުއްވަން ހަތަރު ބޭފުޅުންގެ "ސަމިޓް" އެއް ބޭއްވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އެނގިފައިވެ އެވެ.

"ދުވަހެއް ދުވަހަކަށް ކަންކަން ފާޅުވަމުން ދާނީ. ބެލެވޭ ގޮތުގައި އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަންޒަރު ސާފުވާން ފަށާނެ،" އިދިކޮޅު ހަރަކާތުގެ އިސް އެހެން ބޭފުޅަކު ވިދާޅުވި އެވެ.

އިދިކޮޅު ހަތަރު ލީޑަރުން: އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ހަރަކާތުން ކެންޑިޑޭޓުން ނެރޭނެ ގޮތާ މެދު އަދި ހުރިހާ ބޭފުޅުން ގޮތެއް ނުނިންމަވާ.

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ހައެއްކަ މަހަށް ވެފައިވާއިރު، ސިޔާސީ ގޮތުން ތަފާތު މަންޒަރުތައް ކުރިމަގުގައި ފެންނާނެ އެވެ. ޚާއްސަކޮށް އިދިކޮޅު ހަރަކާތުންނެވެ. ރައީސް ޔާމީން ސިއްސައިގެންދާވަރުގެ "ސަޕްރައިޒް" ކެންޑިޑޭޓަކު ފެންނާނެ ކަމަށް ވެސް އިދިކޮޅު ހަރަކާތުގެ ބައެއް ބޭފުޅުން ވިދާޅުވެފައިވެ އެވެ. އެހެންވެ މިފަދަ ކިތަންމެ "ސަޕްރައިޒް" އެއް ފެނުމަކީ ނުވެ ނުދާނެ ކަމެކެވެ. ހަމަހަމަ، އިންސާފުވެރި ޕްރައިމަރީއަކަށް ނުދެވިއްޖެ ނަމަ، އެ "ސަޕްރައިޒް" ވަކިން ބޮޑުވާނެ އެވެ.

33 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 3%
icon angry icon angry 52%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝަހާމު

25 December 2017

އިދިކޮޅު 4 ޕާޓީން ޕްލޭން ކުރަމުންދަނީ ނާޝީދާއި، ގާސިމް އަށް ފުރުޞަތު އޮންނަންވާނޭކަމަށް ބުނެ މިޕްރޯސަސް ދިގުކުރުމަށް. އަދި އެންމެ ފަހު ވަގުތު އެބުނާ "ސަޕްރައިޒް" ކެންޑިޑޭޓް ނެރެ ދެއްކުމަށް. ސަޕްރައިޒް ކެންޑިޑޭޓަކަށް ވާން ހުރީ "ޕްރޮފެސަރ އުގައިލް" އެވެ. އެނާގެ އަނގަ މިހާރަކަށް އައިސް ފަޅައިގެން ހަމަނުޖެހޭ ކުދިން ދައްކާކަހަލަ ފާޑު ކިޔުންތައްވެސް ރައީސް ޔާމީނަށް އެބަ ކިއައެވެ. އެކަމަކު ހަމަ ހިލާ އެކަމެއް ކާމިޔާބެއް ނުވާނެއެވެ. ފަހަރުގައި އޭނާ އެނބުރި ދެން ރާއްޖެ ނައިސްވެސް ދާނެއެވެ. ދެން ހުރި ސަޕްރައިސް ކެންޑިޑޭޓަކީ ޢަބްދުﷲ ޝާހިދުއެވެ. ޕިސްޕިސް ޕިސް! ރައީސް މައުމޫނު ދައުރުގެ ފަހު އަހަރުތަކުން ފެށިގެން ފޭލްވަމުންދާ މީހެއް.

The name is already taken The name is available. Register?

މަންޑޭލާ

24 December 2017

އިދިކޮޅު މީހުންނަކީ މިރާއްޖެ ބަދުނާމުކުރާ ބައިގަޑެއް.

The name is already taken The name is available. Register?

ސޮކްތެރެޕީ

24 December 2017

ހަގީގަތަ ބުނަނޏާ ޔާމިނަކީ މިރާއްޖެ ތަރައްގީކުރަމުންދާ ރައިސް.

The name is already taken The name is available. Register?

މަރީ

24 December 2017

ނަސީދަކީ ވެރިކަމަށް ބޫތުކާފަހަހުރި ފެއިލްޑް މީހެއް. އޭނާނޫން އެހެންމީހެއް އެމީހުން ގެންނަން އެއްބަހެއް ނުވާނެ

The name is already taken The name is available. Register?

ހޭލާ

24 December 2017

ނަޝީދަށާއި ގާސިމަށް އަދި އިމްރާނަށް ކުރިމަތިވެފައިވާ ގާނޫނީ ހުރަސް މި ސަރުކާރު ދެމިއޮތްހާ ދުވަހަކު ނެތި ނުދާނެއެވެ. އަދި ފާރިޝް މައުމޫނަށްވެސް އޮތީ އެ ގޮތެވެ. އެ ބޭފުޅުންނަށް ކޮށްފައިވާ ހުކުމްތަކާއި ތުހުމަތު ތަކުން ބަރީއަވެ މިނިވަން ވުމަށްވެސް 2018 ގެ އިންތިހާބުގައި ޔާމީނު ބަލި ކުރަންޖެހެއެވެ. އެކަމަށް އޮތް އެންމެ ފަހި މަގަކީ ރާއްޖޭގެ ހުރިހާ ފަންތިއަކަށާއި ގިންތިއަށާއި ޕްރޮފެޝަން އަކަށް ބަލައިގަންނަން ފަސޭހަ ފަސްބައި ހަޑި ނުވާ މީހަކު ނެރުމެވެ. މާނައަކީ ކުރީގެ އެއްވެސް ސަރުކާރެއްގައި އިސްދައުރެއް އަދާނުކުރާ މީހަކަށް ފުރުސަތު ދިނުމެވެ. ނަމަވެސް އެމްޑީޕީގެ ޕީޖީ ލީޑަރު ފަދަ މަދު މީހަކު އަދިވެސް ސިޔާސީ ކަންކަމުގައި ރައްޔިތުން ބަލައިގަންނަ ބޭފުޅުން އިދިކޮޅު ހަރަކާތުގެ ކުރީ ސަފުން މިހާރުވެސް ފެނެއެވެ.

The name is already taken The name is available. Register?

ޝަހާމު ޝަރީފް

25 December 2017

ނޫނޭ ތިޔަ ކަންކަމުން ބަރީއަތް ވާން ބޭނުންނަމަ ޖެހޭނީ ރައީސް ޔާމީން ހޮވާށެވެ. 2023 އަށް މަޑުކުރާށެވެ. މިހާރުން ސުރެއް ކެންޑިޑޭޓެއް ނަގައިގެން ހިކުމަތް ތެރިކަމާއެކު ދޮންކުރަން ފެށުމެވެ. އެހެންނޫނީ، ތިހުރިހާ ކަމެއްދާނީ ފަނުފުލުންނެވެ.

The name is already taken The name is available. Register?

އަލިމަނިކު

24 December 2017

2018 ގައި ދެން ކުރިމަތިލާނީ ރޮކް ހަސަނު... އެންމެންފަހަތަށް އަރާ ..... 2018 ގައި ޔާމީނު އިތުރު ދައުރަކަށް ހޮވާނެ ބަޔަކުނެތް... ގާސިމުއާއި ، މައުމޫނުއާއި ، ނަޝީދު އަދި އަދާލަތުމީހުންނަށް އެއްކެނޑިޑޭޓަކު ގެންނަން ވާހަކަދެއްކިއަސް ބޭނުންވަނީ އަމިއްލައަށް ވެރިކަމަށްއަރަން.... ތިމާމެންނަކަށްނޭގޭ ރައްޔިތުންގެ ބޮޑުތާއީދެއް ލިބިގެންކަން ތިމަންވެސް ހޮވޭނީ.... ނަޝީދުދެކެ ރުޅިއަންނަށްމީހުން ތިކޯލިޝަނުގެ އިސްކޮށްތިބުމަކީ ނަޝީދަށްވެސް އޮތްހުރަހަކަށްވާތީ ދެންއެހެންމީހަކަށް ފުރުސަތުނުދީ ހީނުވޭ ތިކޯލިޝަނުގެ އެއްބާރުލުންލިބޭނެހެން... ގާސިމު ، މައުމޫނު އަދި އަދި އަދާލަތުބޭނުންވަނީ އެމީހުންދައްކާކެނޑިޑޭޓަކަށް އެހެންމީހުންތާއީދުކުރުމަށް... މިކަހަލަ ދެކޮޅުނުޖެހޭ ބަޔަކުތިބި ކޯލިޝަނަކުން ރަގަޅުމީހަކު ނުލިބޭނެ... ތިކޯލިޝަނުން ބޭރުމީހަކު ޔާމީނުއާވާދަކުރުމަށް ގޮވާލަން... ރައްޔިތުން އެމީހަކަށް ވޯޓުދޭނެ... އެކަމަކު އެމީހަކުވާންޖެހޭނެ ބޯހަމަޖެހޭމީހަކަށް... އެހެންނޫނިއްޔާމު އަނެއްކާ ޑިކްޓޭޓަރު ވެރިކަމަށްއަތުވެދާނެ.

The name is already taken The name is available. Register?

އުމަރު

24 December 2017

މިފަހަރު އިދިކޮޅު 4 ޕާޓީން ރާވަމުންދާ ޕްލޭން ހިއެއްނުވޭ ކާމިޔާބު ވާނެހެން، އެއީ މިވަގުތު އިދިކޮޅުގައިތިބި ގިނަ މީހުން އެތިބީ ނުރަނގަޅުގޮތަކަށްވިޔަސް ރާއްޖޭގެ ކޯޓުތަކުން ހުކުމްކޮށްފައި އަދި ބައެއް މީހުން އަމިއްލައަށް އަރުވާލެވިގެން، އަދި ރާއްޖެ ނައާދެވި، އެހެންކަމުން އެއިން މީހަކަށް ވެރިކަން ހޯދައިދޭން އިދިކޮޅު މީހުން މަސައްކަތްކުރުމަކީ އިދިކޮޅުގެ ޓީމު ބައިބައިވާނެކަމެއް، ހަމަ ޔަގީން އިންތިހާބާއި ހަަމައަށް އަންނައިރު އެއިން މީހަކު ދޫނުކުރާނެކަން، ރައީސް ނަޝީދު މިހާރު އިދިކޮޅު މީހުންނަށް ދެމުންދާ ޔަގީންކަން ކާމިޔާބްވާން ވަގުތު އެބަނަގާ، އަދި އދ. އިންނާއި އީޔޫއިންވެސް ކަނޑައެއް ނައަޅާނެ އެހާ ސީދާކޮށް އިދިކޮޅުގައި ތިބި މީހުންނަށް ފުރުސަތު ދިނުމަށް، އެހެން އެމީހުން ކިޔާތާ މިހާރު 3 އަހަރުވެއްޖެ، ރައީސް ޔާމީނު އޭގެ ފަހުން މަޖިލިސް ހިސޯރުކޮށް ސްޕްރިއަމް ކޯޓް ހިސޯރުކޮށް ޕޮލިހާއި ސިފައިންވަނީ ހިސޯރުކޮށްފައި، އެހެންކަމުން ރައްޔިތުން ބޭނުންވަނީ އާނަމެއް،

The name is already taken The name is available. Register?

ދަރުހޮވާ

24 December 2017

އިދިކޮޅު ފަރާތްތަކަށް އިންސާފުވެރި ޕްރައިމަރީއަކަށް ދެވޭނީ އެއްގޮތެއް ވެސް ނޯންނާނެއެވެ. ސަބަބަކީ ކެނެރީގެ ނަޝީދަކީ އެއީ ދުވަހަކު ވެސް އަތުން ފައިން މަސައްކަތެެއް ކޮށްގެން ކައިގެން ބޮއިގެން އުޅުނު މީހެއް ނޫން އަދި އޭނާ އަކީ އަމިއްލަ އަތުން ފިރިހެން ވަންތަ މަސައްކަތެއް ކުރަން ދަންނަ މީހެއް ވެސް ނޫނެވެ. ކަން މިހެން ހުރުމުން މިފަދަ ކަންކަން ދަނެގަންނަން ޖެހޭނެ ޖޭޕީން ވަރަށް ރަނގަޅަށް. އަދާލަތަކީ އެއީ ފުވައްމުލަކު ގޮލައަކު އެކަނި ހުންނަ ޕާރޓީ އެކެވެ. އަދާލަތުގެ މެމްބަރެއް މަމެން ނުވެސް ދެކެން މާލޭން ވެސް. މިހާރު އެމެންގެ ތެރޭގައި އުޅުނު މުއްލާ މެން ގިނައިން ދޭ ކޮޅު ތަކަށް ގޮސް ހުސްވެއްޖެއެވެ. މުއްލާ އިން ގެ ކަމަކީ ހައްޖަށް ދާން އަދި އުމުރާ އަށް ދާން ވެސް މީހުން އަތުން ފައިސާ ނަގައިގެން ފިލައިގެން އުޅުން ކަމަށް އެގުނެއް ނޫންތޭ އެންމެ ފަހުން އެވައްތަރު މުއްލާ އަކު ސްކޫލެއްގެ ޕްރިންސިޕަލް ކަމުން އިސްތިއުފާ ދޭން މަޖްބޫރު ވުމުން ވެސް. އެމްޑީޕީ އޮޔާ ދިޔާދޯ. ތަމެން ދަގަ ވަލަށް ދަރުހޮވަން ދެން.

The name is already taken The name is available. Register?

ނަރު

24 December 2017

މިރާއްޖޭގެ ސިޔާސީ މަސްރަހުގައި ރައީސް ނަޝީދު ނޫން ރައްޔަތުންނާ ގާތް މީހަކު ނެތް. ވަރަށް ސާފް.

The name is already taken The name is available. Register?

ފުޖިޓިވު

24 December 2017

އިސްތިއުފާދިން ރައީސްއަށް ރިއާސީ އިންތިޚާބުގައި ކުރިމަތިލެވުން އެއީ ވަރަށް ދުރުކަމެކެވެ. އަދި އެއީ ގިނަ ދިވެހި ރައްޔިތުން އެދޭނެ ގޮތެއްވެސް ނޫނެވެ. ބޮޑަށް ބެލެވެނީ އެންޑީޕީން އިންތިޚާބު އިންސާފުވެރި ނޫންކަމަށް ބުނެ ބޯއިކޮޓް ކުރާނީކަމަށެވެ. ބޮޑު ޖަލު ހުކުމެއްގައި ހުރި މީހަކު އިންތިޚާބުގައި ބައިވެރިވެވުން އެއީ އިންސާފު ކަމަށް ރައްޔިތުން ނުބަލާނެއެވެ. ހަމައެންމެ ކުށްވެރިއެއްގެ ދިފާއުގައި އަނެއްކާވެސް އެންޑީޕީއަށް ގެއްލޭ ފަސް އަހަރެވެ. އެންޑީޕީގެ އާއްމު މެންބަރުންގެ ހައްގަކު ނޫނެވެ. ހަމަ އެންމެ މީހެއްގެ އެދުމާއި ހެދިއެވެ. ޑިމޮކުރަޓިކު ޕާޓީއެކޭ ބުނެއެވެ. ވަރަށް ލަދުވެއްޗެވެ.

The name is already taken The name is available. Register?

މައިބަދަ

24 December 2017

ނަޝީދަކީ މޑޕ ގެ ހަލާކު. އޭނަގެ ކިބައިން ތިޔަ ޕާޓީ ސަލާމަތްކުރޭ. މޑޕ ގެ ރައީސްކަން އޭނައަށް ލިބޭ ހައިސިއްޔަތެއް ނުވިސްނޭ. އަދި އޭނާއަކީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތުވެސް ގާނޫނީ ހަމަތަކުގެމަތިން އޮތް މީހެއް ނޫން. މޑޕ މީހުން އަދިވެސް ހޭވެރިވާކަށް ނުވޭތަ؟ އެންމެ ފަހު ވަގުތު ތެޅިގަތަކަސް ނުވާނެ. ވަގުތުއޮއްވަ ތިކަލޭގެ ކިބައިން ސަލާމަތްވޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454