ކުޅުދުއްފުށީ ކުޅި: އެ ތަން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުން-- ފޮޓޯ: އަހުމަދު ޝައްފާހު / މިހާރު
26 ޑިސެމްބަރ 2017 - 14:38
އެއާޕޯޓު ހަދަން ހދ. ކުޅުދުއްފުށީގެ ކުޅި ހިއްކާތީ އެކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށް، ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ މެންގްރޯވް އެކްޝަން ޕްރޮޖެކްޓް (އެމްއޭޕީ) އިން ރައީސް އަބްދުﷲ ޔާމީނަށް ސިޓީއެއް ފޮނުވައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު ރައީސަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކުޅުދުއްފުށީގެ ކުޅީގެ ބޮޑު ބަޔަކާއެކު އެ ރަށުގެ އައްސޭރިފަށް ހަލާކުވާ ގޮތަށް 18 ހެކްޓަރު ހިއްކައިގެން އެއާޕޯޓު އަޅާ ކަމުގެ މައުލޫމާތު އެ ޖަމިއްޔާ އަށް ލިބުނީ ވަރަށް ފަހުން ކަމަށެވެ. އަދި ކުޅިއެއް ހިއްކައިގެން އެއާޕޯޓު އަޅާތީ އެކަމާ ވަރަށް ކަންބޮޑުވާ ކަން، އެ ޖަމިއްޔާއިން ފާހަގަކޮށްފައި ވެ އެވެ.
އެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓެއް ހަދަން އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓެއް ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް މަޝްރޫއަށް ތިމާވެށީގެ ގޮތުން ބޭނުންވާ ފާސްތައް ދިނުމާއި ކުޅި ހިއްކަން ފަށާފައިވަނީ ގާނޫނު ލާޒިމް ކުރާ ގޮތަށް ނޫން ކަމަށް ބުނެފައި ވެ އެވެ. އަދި އެކަން ކޮށްފައި ވަނީ އާއްމުންގެ ހިޔާލު ހުށަހެޅުމަށް ދޭން ޖެހޭނެ ކަމަށް ބުނާ އެއް މަސް ދުވަސް ނުދީ ކަން ވެސް ސިޓީގައި ފާހަގަކޮށްފައި ވެ އެވެ.
މީގެ އިތުރުން ސްޕީޑު ބޯޓެއްގައި 25 މިނެޓުން ހަނިމާދޫ އެއާޕޯޓަށް ދެވެން އޮންނައިރު، ކުޅުދުއްފުށީގައި އެއާޕޯޓު އެޅުން ބޭނުންވާ ކަމާ މެދު ވެސް ޝައްކުތަކެއް އުފެދޭ ކަމަށް އެމްއޭޕީން ބުންޏެވެ.
"ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މި ކުޅިއަކީ ނެތިދިއުމުގެ ބިރު ކުރިމަތިވެފައިވާ ދިރުންތަކެއް ހުރި ތަނެކެވެ. އަދި ވާރޭ ވެހޭއިރު ފެން އެއް ތަނަކަށް ޖަމާކޮށް ފެން ބޮޑުވުމުން ރައްކާތެރިކޮށްދޭ ރަށުގެ ގުދުރަތީ ދިފާއީ ނިޒާމުގެ ބައެއް ވެސް މެ އެވެ. އަދި ރަށުގެ އަންހެންވެރިން އާއިލާގެ އާމްދަނީ އިތުރުކުރަން ރޯނު ވެށުމާއި ބޮނބި ފާކުރުމަށް ވެސް ބޭނުން ކުރެ އެވެ،" ސިޓީގައި ފާހަގަކޮށްފައި ވެ އެެވެ.
އެމްއޭޕީން ކުޅުދުއްުފުށީ އެއާޕޯޓު މަޝްރޫއު ސިފަކޮށްފައިވަނީ ވަރަށް ޒިންމާދާރު ކަން ކުޑަ އަމަލެއްގެ ގޮތުގަ އެވެ.
"ކުޅުދުއްފުއްޓާއި އެ ރަށުގެ ރައްޔިތުންނާއި އެ ރަށުގެ ކުޅީގެ ހައްގުގައި އެމްއޭޕީ އިން ކަންބޮޑުވުން ފާޅުކުރަމެވެ. އަދި އާއްމުންގެ ހިޔާލު ހިމަނައިގެން ތިމާވެއްޓަށް ކުރާނެ އަސަރު އަލުން ދިރާސާ ކުރުމަަށާއި އެއާ ހަމައަށް ކުޅި ހަލާކުކުރުމާއި އެ ސަރަހައްދުގައި މަޝްރޫއު އިތުރަށް ކުރިއަށް ގެންދިއުން ހުއްޓާލުމަށް އެދެމެވެ. މި މަސައްކަތް ކުރެވޭނެ ތަފާތު އެހެން ގޮތްތަކާ ބެހޭ މައުލޫމާތު ހޯދުމަށް އެހީތެރިވުމަށް އެމްއޭޕީ އިން އޮތީ ތައްޔާރަށެވެ. އަދި ފަންނީ އެހީ ފޯރުކޮށްދިނުމަށްޓަކައި ކުޅިތަކާ ބެހޭ ދިރާސާކުރާ، ދުނިޔޭގައި ތިބި އެންމެ މޮޅެތި ސައިންޓިސްޓުންނާ މަނިކުފާނާގެ ސަރުކާރާ ގުޅޭނެ ގޮތް ހަދައިދިނުމަށް ވެސް ތައްޔާރަށް ތިބީމެވެ،" އެމްއޭޕީ އިން ފޮނުވި ސިޓީގައި ބުންޏެވެ.
އެމްއޭޕީއަކީ 60 އަށް ވުރެ ގިނަ ގައުމެއްގެ 350 ސައިންޓިސްޓުންނާއި 450 ޖަމިއްޔާއާ ގުޅުން އޮންނަ، ހިލޭ ސާބަހަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާ އެކެވެ.
އެމްޓީސީސީގެ ޑްރެޖަރު ބޭނުން ކޮށްގެން ކުޅި ހިއްކުމުގެ މަސައްކަތް ކުރަމުން ދާއިރު، އެ މަޝްރޫއަށް ހިއްކާނީ ކުޅީގެ ވަކި ބައެއް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. ހިއްކުމުގެ މަސައްކަތް ނިންމައި، އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށުމަށް ފަހު އަންނަ އަހަރުގެ އޮގަސްޓް މަހު އެއާޕޯޓް ބޭނުން ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ
26 December 2017
މި ގައުމުގާ ތަރައްގީ ގެ މަސައްކަތެއް ވިޔަ ނުދޭން ކިތަންމެ ވަރަކަށް ނަސީދު މެން އުޅުނަސް ކުރަން ނިންމައިފިކަމެއް ނުކޮށް ހުއްޓައެއް ނުލާނަން
އަލީ.
26 December 2017
ދެންކީއްވެ ތިޔަމެންގުރޯ ކުޅުދުއްފުށި ރައްޔިތުންނާ ކައިރިރައްތަކުގެ މީހުން ހަނިމާދޫއައް ހިލޭނުގެންގޮސްދިނީ ވާގޮތަކީ އެއީކީނޫން ވާގޮތަކީ ތިތާބޯޓުދުއްވާ ދެމީހަކު މޭބޮޑުވަނީ
ޢަބްދުﷲނާފިޒު
26 December 2017
ތިޔަބުނާ ހުރިހާ ދިރާސާއެއްހަދާ ހުރިހާ ތަހުލީލުތަކެއް ކުރުމަށް ފަހު މިކަން މިކުރަނީ، މީ މަމެންގެ ސަރުކާރެއް މަމެންގެ ސަރުކާރުން ކުރާ އެއްވެސް ކަމެއް ހުއްޓުވޭނެ ދެވަނަ ފަރާތެއް އޮވެގެން ނުވާނެ.
މޯޑް
26 December 2017
ތިޔަ ކުޅި ސަލާމަތުން އެތަކެއް އަހަރު އޮތްއިރު ރާއްޖޭގެ ތިޔަ ކިޔާ ތިމާވެށި ހިމާޔަތްކުރާ ޖަމާޢަތްތަކާ ބޭރުގެ ޖަމާޢަތްތަކާ ކޮބާ؟ ކޮންމެހެން މަޝްރޫޢު އަށް ތާއީދު ކުރާތީއެއްނޫން. އަދިވެސް ރާއްޖޭގައި އެބަހުރި ކިތަންމެ ރަށެއް ކުޅިއާއި ތިމާވެށީގެ ނާޒުކު މާޙައުލު އޮތް. އެތަންތަނަނަށްވެސް ގޮސް ކަންތައްތައްކޮށްދޭން ވީނު!
ބޭކާރު
26 December 2017
ތީވަރުގަދަ ކުޅިއެއް އޮތް ރަށެއްތާދޯ؟. މައްސަލަޔަކީ ތިކުޅީގަޖެހި ރަށުމީހުން ހަލާކުވުމުގެބަދަލުގަ ރަށުންބޭރުމީހުނާ ޖަމްއިއްޔާތައްވެސް ތިޔަކުޅިން ސަލާމަތް ނުވެވިގެން އުޅޭތީ.
އިސްމާއުލް
26 December 2017
ބަލަ ތި ޖަމަިއްޔާ އަކީ ކޮން ހައުސިއްތަތަކުން މި ގައުމުގެ ކަންތަކާބެހެން އައި ޖަމިއްޔާއެއްބާ؟ ބަލަ މި ގައުމު ކުޅިއާ ފަޅާ ރުއްވަލަށް ހަދަން ވާގޮތް އެގޭނީ މި ގައުމުގެ ރައްޔިތުްނނަށް ކަލޭމެންނަކަށްނޫން. ނޫނޭވާ ލަދުހަޔާތް ކުޑަ!
ނުވާނެއޭ
26 December 2017
ކުޅުދުއްފުށި ކުޅި އާއި ބެހޭ ގޮތުން ބޭރުގެ ކަނޑުކޮހުން ތަކެއް ރައީސް އަށް ސިޓީ އެއް ފޮނުވުން އެއީ އެމެންނަށް އޮތް ހައްގެއް. އެކަމަކު ކުޅުދުއްފުށީ ކުޅި ހިއްކާނަމޭ ހިއްކާނަމޭ ހިއްކާނަމޭ ތަމެން އެކަން ހުއްޓުވަން ބޭނުން ނަމަ ސްޕްރީމް ކޯޓުގެ ހުކުމެއް ގެންނަގަ. އެނޫން އެއްވެސް ހާލަތެއް ނޯންނާނެ އެކަން ހުއްޓުވޭނެ ގޮތެއް.