ވިޔަފާރި / ޓޫރިޒަމް

ފަތުރުވެރިކަމަށް ބޮޑެތި ބަދަލުތަކެއް! އިންޑަސްޓްރީ މި ދަނީ ކޮން ދިމާއަކަށް؟

ރިސޯޓެއް: އެއާޕޯޓް ތަރައްގީ ކުރުން ޕްލޭނާ އެއްގޮތަށް ނިންމަން ޖެހޭ ކަމަށް ބުނޭ.

ރާއްޖޭގެ އިގްތިސާދު ބިނާވެފައިވާ، ފަތުރުވެރިކަމުގެ ސިނާއަތަށް މި ވަނީ ބޮޑެތި ބަދަލުތަކެއް އަންނަން ފަށައިފަ އެވެ. ގާނޫނުތަކާއި ގަވާއިދުތަކަށް ވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ އެވެ. އައު އެތައް ރިސޯޓެއް ހުޅުވައިފި އެވެ. ގެސްޓްހައުސްތައް އިތުރުވެ، ލޯކަލް ޓޫރިޒަމް ފުޅާވެއްޖެ އެވެ.

މައިގަނޑު ގޮތެއްގައި މި ދެކެވެނީ އިންޑަސްޓްރީގެ އިންފްރާސްޓްރަކްޗާ ވަރުގަދަވެ، ގިނަ ތަންތަން ހުޅުވިގެން ދާ ވާހަކަ އެވެ. އަދި މިކަމާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތައް ހަރުދަނާ ކުރާ ވާހަކަ އެވެ. ނުވަތަ އާ ކަންކަމަށް ފުރުސަތުދޭން ސިޔާސަތުތަކަށް ގެންނަ ބަދަލުތަކުގެ ވާހަކަ އެވެ.

މި ހުރިހާ ބަދަލަކާ އެކު މިހާރު މި އިންޑަސްޓްރީ މި އޮތީ ކޮން ހިސާބެއްގައި ހެއްޔެވެ؟ ކުރިމަގުގައި ގެސްޓުން އަންނަ ވަރު ބަދަލުވެގެން ދާނީ ކޮން ގޮތަކަށް ހެއްޔެވެ؟ މުޅި ޓޫރިޒަމް އިންޑަސްޓްރީ މިސްރާބު ޖަހާފައި މިވަނީ ކޮން ދިމާލަކަށް ހެއްޔެވެ؟

ވިޔަފާރިވެރިންގެ އިތުރުން އާންމުންގެ ހިތްތަކުގައި ވެސް މި ހުރިހާ ސުވާލެއް ވެސް އުފެދޭނެކަން ޔަގީނެވެ. އެހެންކަމުން މި ލިޔުމުގައި މި ބަލާލަނީ މި ސުވާލުތަކާ ގުޅޭ ގޮތުން ތަޖުރިބާކާރުން ދެކެމުން އަންނަ ގޮތްތަކާއި، އެ މީހުންގެ ވިސްނުންތަކުގެ މައްޗަށެވެ. އަދި ވޭތުވެދިޔަ ދެ އަހަރު ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރި މިންވަރާއި، ތަފާސްހިސާބުތަކުން ފެންނަ ބަދަލުތަކުގެ މައްޗަށެވެ.

ތަޖުރިބާކާރުން ދެކޭ ގޮތް

މި ރިޕޯޓް ތައްޔާރު ކުރުމަށް ވާހަކަ ދެއްކި ތަޖުރިބާކާރުން ދެކޭ ގޮތުގައި، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ މިއޮތީ ވަރަށް ބޮޑު ގޮންޖެހުންތަކެއްގެ ތެރޭގަ އެވެ. އަދި އިންޑަސްޓްރީ ކުރިއަރާނީ ވަރަށް ބޮޑަށް ޕްލޭން ކުރެވިގެން، ރޭވުންތެރިކަމާ އެކު ބޮޑެތި މަސައްކަތްތަކެއް ކުރެވިގެން ކަމަށް ވެސް އެ ފަރާތްތަކުން ދެކެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި ހިމެނޭ، އަދި ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މި އިންޑަސްޓްރީ އިތުރަށް ތަރައްގީ ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި ކުރިން މިފަދަ ކަންކަން ކުރަމުން އައީ މާސްޓާ ޕްލޭނެއް އެކުލަވާލެވިގެން، އެ ޕްލޭންގެ މައްޗަށް ކަމަށާއި މިހާރު އެކަން އެހެން ކުރިއަށް ނުދާ ކަމަށް ވެސް ޑރ. މައުސޫމް ވިދާޅުވި އެވެ.

"ޓޫރިޒަމް އިންޑަސްޓްރީ ތަރައްގީ ކުރުމުގެ ވާހަކަ ދައްކާއިރު ވަރަށް ބޮޑަށް އެބަޖެހޭ ޕްލޭނެއް ހެދިގެން އޭގެ ތެރެއިން މަސައްކަތް ކުރަން. ކުރިން ކޮންމެ ފަސް އަހަރަކުން މާސްޓާ ޕްލޭނެއް ހަދާނެ. އޭގައި އަޅުގަނޑުމެން އޮންނާނެ މިވެނި ހިސާބަކުން ބެޑް އިތުރުވާނީ މިވެނި އަދަދަކަށް ކަން ވެސް،" ދާދި ފަހުން ސަން އައިލެންޑް ރިސޯޓުގެ ޖެނަރަލް މެނޭޖަރުކަމުން ވަކިވި ޑރ. މައުސޫމް ވިދާޅުވި އެވެ.

"އަސްލު ޓޫރިޒަމް އިންޑަސްޓްރީގައި ވަރަށް މުހިންމު ކަމެއް ބެޑް އިތުރުވާނެ އަދަދު މުއްދަތާ އެކު އެނގިފަ އޮތުން. މިހާރު އާންމުކޮށް ކުރިން ދިޔަ ގޮތަކަށް ނޯވޭ އެކަން ބަލާފައެއް. ސަރުކާރުން އަބަދުވެސް އަންދާޒާ ކުރެވޭ ވަރޭ ކިޔަނީ، ސީދާ އަދަދެއް އެނގޭކަށް ނޯވޭ،"

ޑރ. މައުސޫމްގެ އިތުރުން ގެސްޓްހައުސް އެސޯސިއޭޝަނުގެ ރައީސް އަހުމަދު ކަރަމްގެ ބޮޑެތި ކަންބޮޑުވުންތަކެއް ވެސް އެބަހުއްޓެވެ.

"ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސިޔާސަަތުތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް މި ވަނީ އައިސްފަ. މިއީ އަސްލު އަޅުގަނޑުމެންނަށް ވަރަށް ބޮޑު ދައްޗަކާ ކުރިމަތިވާ ކަމެއް. ގެސްޓްހައުސް މާކެޓް އިތުރަށް ތަރައްގީވާން، މި ދަތިތަކުން އަރައިގަނެ، ގިނަ ކަންކަން ކުރަން އެބަޖެހޭ،" ގްރީން ޓެކްސް ފަދަ ކަންކަމަށް އިޝާރަތް ކުރަމުން ކަރަމް ވިދާޅުވި އެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމްގެ ދަށުން ތަރައްގީކުރާ ގެސްޓްހައުސް އައިލެންޑާ ގުޅިގެން ވެސް ކަރަމްގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އޭނާ ދެކޭ ގޮތުގައި އެއީ ގެސްޓްހައުސް މާކެޓަށް ވަރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ ކަމެކެވެ. އަދި ރިސޯޓުތަކަށް ވެސް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމެކެވެ.

"ގެސްޓްހައުސްތަކަށް މީހުން މި އަންނަނީ ބަޖެޓްކޮށް އައިސް، ހޮލިޑޭ ހަދާލާފައި ދެވޭތީ. އެކަމު ހަމަ މިގޮތަށް ބަޖެޓުކޮށް އާދެވޭ ގޮތަށް މިކަމަށް ހާއްސަ ރަށްރަށް ހެދީމަ ދެން ހުރި ތަންތަނަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ. ގެސްޓްހައުސް އައިލެންޑުގައި ރިސޯޓުތަކުގައި ހުންނަ ފެސިލިޓީތައް އެބަހުރޭ. ބަޖެޓުކޮށް މިފަދަ ތާކަށް ދެވެންޏާ ގެސްޓްހައުސް ހިންގާ މީހުންގެ އިތުރުން ރިސޯޓުތަކަށް ވެސް ވަރަށް ބޮޑަށް މީގެ ނޭދެވޭ އަސަރު ކުރާނެ،" ކަރަމްގެ ކަންބޮޑުވުންތައް ހިއްސާކުރަމުން ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ވާހަކަ ދެއްކި ގިނަ ބޭފުޅުން ވިދާޅުވަނީ ގޮންޖެހުންތައް ގިނަ ކަމަށެވެ. ނަމަވެސް އެ ގޮންޖެހުންތަކާއި އެކު ވެސް، އެއާޕޯޓް ތަރައްގީ ކުރުން ފަދަ ޕްރޮޖެކްޓްތައް ކަނޑައެޅިފައިވާ މުއްދަތަށް ނިމިއްޖެނަމަ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރި އަރާނެ ކަމަށެވެ. އަދި އެފަދަ ބޮޑެތި ޕްރޮޖެކްޓްތައް ލަސްވާ ނަމަ، އެ ލަސްވުންތަކާ އެކު ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރާ ދުވެލި ވެސް ދައްވާނެ ކަމަށް މި ހުރިހާ ބޭފުޅުން ވެސް ދެކެ އެވެ.

ބޭރު ގައުމުތަކުން ލޯނު ނަގައިގެން ކުރިއަށް ގެންދާ ބިޔަ މަޝްރޫއުތައް ނިމޭއިރު، މިހާރު ނަގަމުން އަންނަ ފީތައް ބޮޑުވެއްޖެނަމަ އެކަމުގެ ނޭދެވޭ އަސަރު ޓޫރިޒަމަށް ކުރާނެ ކަމަށް ވެސް މި ހުރިހާ ބޭފުޅުން ވެސް ދެކެ އެވެ. އަދި އިތުރު ފީތައް ނަގަން ފެށުމަކީ ވެސް ނޭދެވޭ އަސަރު ކުރާނެ ކަމެށް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

މައިގަނޑު ގޮތެއްގައި ފާހަގަ ކުރާ ކަންކަން:

- އިންފްރާސްޓްރަކްޗާ އަދި ދަތުރުފަތުރު: ގިނަ ރިސޯޓުތަކެއް ހުޅުވެމުން އަންނަ އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީގެ މަސައްކަތްތައް ވެސް ޕްލޭންކުރެވިފައި އޮތް ގޮތަށް ނިންމަން ޖެހޭނެ އެވެ. އަދި ވެލާނާ އެއާޕޯޓުގެ އިތުރުން ވެސް، އަތޮޅުތަކުގައި ހުރި އިންޓަނޭޝަނަލް އެއާޕޯޓްތައް ވެސް ތަރައްގީކޮށް، ބައިނަލްއަގުވާމީ ދަތުރުތަކަށް ފުޅާ ދާއިރާއެއްގައި ހުޅުވައިލުން މުހިންމެވެ. ހަމަ އެއާ އެކު އެތެރޭގެ ދަތުރުފަތުގެ ނިޒާާމަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސް، އިތުރު ފަސޭހަތަކާއި ލުއިތައް ދޭން ޖެހެ އެވެ..

- މާކެޓިން: ރާއްޖޭގެ ޑެސްޓިނޭޝަން މާކެޓިން ވަރަށް ބޮޑަށް ހަރުދަނާ ކުރަން ޖެހެ އެވެ. އަދި މިކަމަށް ބޭނުންވާ ބަޖެޓު ވެސް އިތުރު ކުރަން ޖެހެ އެވެ. މިއީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅު ކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއް މަސައްކަތެވެ.

- ކޮމިއުނިކޭޝަން ނެޓްވޯކް ވަރުގަދަ ކުރުން: މިހާރަށް ވުރެ އިންޓަނެޓްގެ ސްޕީޑް ފާސްޓް ކުރުން ވަރަށް މުހިންމެވެ. އަދި އިންޓަނެޓްގެ ހަރަދު އެހެން ގައުމުތަކާ އެއް ހަމައަކަށް ތިރިކުރަން ޖެހެ އެވެ.

- ރެގިއުލޭޓް ކުރުމާއި އެޗްއާރު: ކުރިން ސަރުކާރުން އޮތީ ރިސޯޓުތަކުގެ އިސް މަގާމުތައް ވީހާ ވެސް ގިނައިން ދިވެހިންނަށް ދޭން ނިންމައިފަ އެވެ. ބޭރު މީހުން ގެންގުޅޭނީ ދިވެހިން ނުލިބޭ މަގާމުތަކަށް އާންމު ގޮތެއްގައި ދަށް ފަންތީގެ ވަޒީފާތަކުގައި ކަމަށް ކަނޑައެޅި ނަމަވެސް މިހާރު އެކަން އޮތީ އެގޮތަކަށް ނޫނެވެ. އެފަދަ ކަންކަމާއި، އަދި ގުޅުން ހުރި އެހެނިހެން ކަންކަން ވެސް ރެގިއުލޭޓް ކުރުމަށް ހަރުދަނާ ގޮތްތަކެއް އެކުލަވާލަން ޖެހެ އެވެ.

- އާންމުންނާ ގުޅިގެން ޓޫރިޒަމް ކުރިއަށް ގެންދިއުމާއި، ސުލްހަވެރިކަން: ރިސޯޓް ހަދަން ރަށްތަކާއި ފަޅުތައް ދޫކުރާއިރު އާންމުންގެ ބޭނުންތަކަށް ދަތުރު ގޮސްހަދާނެ ތަންތަން ހެދިފައި ހުންނަން ޖެހެ އެވެ. ނޫންނަމަ، އާންމުންގެ ތެރޭގައި ފަތުރުވެރިކަމަށް އޮތް ލޯބި ހިނގައިދާނެ އެވެ. އެހެންވެއްޖެ ނަމަ ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ވާނެ އެވެ. އޭގެ އިތުރުން ސުލްހަވެރި ގައުމެއްގެ ގޮތުގައި އޮތުމަކީ ވެސް ފަތުރުވެރިން ގެނައުމަށް ލިބޭނެ ކުރިއެރުމެކެވެ.

- ޑޮމެސްޓިކް ޓޫރިޒަމް ސެކްޓާ: މިއީ ރާއްޖޭގައި އުޅޭ މީހުން ޗުއްޓީ ހޭދަކުރުމުގެ ވާހަކަ އެވެ. ބޭރު ގައުމުތަކުގެ ބަދަލުގައި، ރާއްޖޭގެ ތަންތަނަށް ގޮސް ޗުއްޓީ ހޭދަކުރާ ވަރު އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ. މިއީ ވެސް ވަރުގަދަ މާކެޓަކަށް ވާނެ އެވެ.

- ވޭސްޓް މެނޭޖްމަންޓް: ކުނި ނައްތާލުމަކީ ރާއްޖޭގެ ގިނަ ރަށްރަށަށް ވެސް ކުރިމަތިވެފައިވާ ބޮޑު ހަރަދެއް ހިނގާ އަދި ބުރަ މަސައްކަތެކެވެ. މިކަމަށް ވަރަށް އަވަސް ހައްލެއް އެބަ ބޭނުންވެ އެވެ. މިހާރު ވެސް މިފަދަ މަސައްކަތެއް ކުރެވެ އެވެ. އެކަމަކު އެކަން ވެސް މާ ބޮޑަށް މިހާރު އޮތީ ލަސްވެފަ އެވެ. މިއީ ރިސޯޓުތަކުގެ އިތުރުން ގެސްޓްހައުސްތަކަށް ވެސް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

ތަފާސްހިސާބުތަކުން ފެންނަ ބަދަލުތައް

މަރުކަޒީ ބޭންކާއި، ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ނިމި ދިޔަ އަހަރު އެންމެ ބޮޑަށް ފާހަގަ ކުރެވެނީ އޭޝިޔާ އަދި ޕެސިފިކް ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވާން ފަށާފައިވާ ކަމެވެ. އަދި ޔޫރަޕް ގައުމުތަކުން ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިން އަދަދު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމެވެ.

އޭޝިޔާ އަދި ޕެސިފިކް ގައުމުތަކުން ރާއްޖެ އަށް ޒިޔާރަތް ކުރި މީހުން މަދުވެފައިވަނީ، ޗައިނާ މާކެޓް ދަށްވުމުންނެވެ. އެގޮތުން 2017 ވަނަ އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް ޗައިނާ އިން ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ، 2016 ވަނަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 8.2 ޕަސެންޓް ދަށްވެފަ އެވެ.

ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމު ކަމަށްވާ ޗައިނާގެ މާކެޓް ދަށްވުމުން މުޅި އޭޝިޔާ އަދި ޕެސިފިކް މާކެޓަށް ބަލާއިރު އެއީ 0.9 ޕަސެންޓްގެ ދަށްވުމެކެވެ. ޗައިނާ މާކެޓް ބޮޑުތަނުން ދަށްވި ނަމަވެސް، މުޅި އޭޝިޔާ އަދި ޕެސިފިކް މާކެޓް ވެއްޓުނު ވަރު ކޮންޓްރޯލް ކުރެވިފައިވަނީ އިންޑިއާ އާއި ކޮރެއާ އިން ޒިޔާރަތް ކުރި ވަރު ވަރަށް ބޮޑުތަން އިތުރު ވެފައިވާތީ އެވެ.

ޔޫރަޕް ގައުމުތަކުން ފަތުރުވެރިން ޒިޔާރަތް ކުރިވަރު ވަނީ 10.7 ޕަސެންޓް އިތުރުވެފަ އެވެ. މިއީ އަދަދުގެ ގޮތުން ބަލާއިރު ގާތްގަޑަކަށް 50،000 ޓޫރިސްޓުންގެ ކުރިއެރުމެކެވެ. ބޮޑު ކުރިއެރުމެއް ޔޫރަޕް މާކެޓަށް ލިބުނީ ރަޝިޔާ، އިޓަލީ، ސްޕެއިން، އޮސްޓްރިޔާ އަދި ނެދަލޭންޑްސް އިން ޒިޔާރަތް ކުރި ވަރު ވަރަށް ބޮޑަށް އިތުރުވުމުންނެވެ.

2016 އަދި 2017 ވަނަ އަހަރު އެންމެ ގިނައިން ރާއްޖެ އަށް ފަތުރުވެރިން ޒިޔާރަތް ކުރި ގަައުމުތައް.

މާކެޓުތަކަށް އައި ބަދަލުތަކާ އެކު، މިދިޔަ އަހަރު ނިމުނު އިރު ރާއްޖެ އަށް ފަތުރުވެރިން ޒިޔާރަތް ކުރި ޖުމްލަ އަދަދު ވަނީ އިތުރު ވެފަ އެވެ. އެގޮތުން ސަރުކާރުން ކުރިން ލަފާކޮށްފައި އޮތް ގޮތަށް 1.4 މިލިޔަން ފަތުރުވެރިން ޒިޔާރަތް ކުރި ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފަ އެވެ. މި އަދަދު 2016 ވަނަ އަހަރު އުޅުނީ 1.3 މިލިޔަނުގަ އެވެ.

ސަރުކާރުން ވެސް ބުނެފައިވާ ގޮތުގައި ފަތުރުވެރިން ޒިޔާރަތް ކުރާ މިންވަރު އިތުރު ކުރެވޭނީ އެއާޕޯޓް ޕްރޮޖެކްޓް ނިމުމުންނެވެ. އަދި އާ ރިސޯޓުތަކާ އެކު، އިންޑަސްޓްރީ ވަރަށް ބޮޑަށް ވަރުގަދަ ކުރާނެ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

މިއީ ދިވެހިންގެ އެތައް ބަޔަކާ ގުޅިފައިވާ ކަމަކަށް ވާއިރު، މި އިންޑަސްޓްރީ ކުރިއެރުމަކީ ކޮންމެ ދިވެއްސަކު ވެސް ދެކޭނެ ހުވަފެންކަން ޔަގީނެވެ. އަދި މި މައުލޫމާތުތަކާ އެކު ކޮންމެ މީހަކު ވެސް އަމިއްލަ އަށް ވިސްނާލާ، އިންޑަސްޓްރީގެ ކުރިމަގު އެ މީހަކަށް ފެންނަ ގޮތެއްގެ ތަސައްވުރު ސިފަ ކޮށްލުމަކީ މުހިންމު ކަމެކެވެ.

31 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 42%
icon sad icon sad 16%
icon angry icon angry 42%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

11 January 2018

ޤާނޫނު އަސާސީގައި ބުނަނީ “ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާންވާނީ ލާލަރުމަކީ އުސޫލުން” ކަމަށް. އެހެން ކަމުން ޓްއަރިޒަމް މިނިސްޓްރީ އަކީ ރެގިއުލޭޓް ބޮޑީ އަކަށް މުޅިން ބަދަލުކޮށް ރިސޯޓް އޯނަރުންގެ ނުފޫޒު މިނިސްޓްރީގެ މައްޗަށް ހިންގައިގެން ކުރާކަންކަން މިނިމައިޒް ކުރާންޖެހޭ. އަދި “މާލެ އަކީ ދިވެހި ރާއްޖެނޫން” ކަން ޤަބޫލުކޮށް “ރާއްޖޭގެ އެންމެެ އުތުރާއި އެންމެ ދެކުނުގައި އުޅޭމީހުންނަކީވެސް ދިވެހިން” ކަން ޤަބޫލުކޮށް “ރޭސިޒަމް ދޫކޮށްލާ “ އެމީހުންނަށް ވެސް ޤައުމީ މުއްސަނދިކަމުގައި ބައިވެރިވުމުގެ ހަމަހަމަ ހައްޤު ދިނުމަށް ގޭން އެއަރޕޯޓާއި ހަނިމާދޫ އެއަރޕޯޓް ފުލްފްލޭޖް ގައި އޮޮަރޭޝަނަށް ގެނެސް ހުވަދޫ އަތޮލުން މަދުވެގެން 50 ރަށް އަދި ހއ އަތޮޅުން 10 ރަށް ޓެކްސް ފްރީ ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށއ ބައިނަލް އަޤުވާމީ ބާޒާރަށް ހުޅުވާލުމަށް ޕްރޮވިންސް ތަކުގެ ރައްޔިތުން އިންތިހާބު ކޮށްފައިވާ ކައުންސިލް ތަކަށް ބާރު ދޭންޖެހޭ. ރާއްޖޭގެހާލަތު ގޯހުން ގޯހަށް ނުދަނީސްމިއީގެންނާންޖެހޭ ބަދަލެއް. ޤަބޫލު ކުރޭ.

The name is already taken The name is available. Register?

އައްޑޫސިޓީ/ މޮޔައިންގެސިޓީ

22 April 2018

މާލެޔަކީ ދިވެހިރާއްޖެ! ކަލެޔައް ކޯއްޗެއްތަ ތިއެނގުނީ ؟ ކަލެޔައް އިނގޭނީ އެމްދީޕީން ޑީއާރުޕީން ޖޭޕީން ޖީޕީން ދެމެން ފައްކާ ދެފުއްކެހެރިއެއް! ކަލެޔާހެދި އައްޑޫމީހުނައްވެސް ހުތުރުދޯ! ވަރައް ވެދުން !

The name is already taken The name is available. Register?

މަރީ

11 January 2018

އިންޑަސްޓްރީ ދަނީ އޭރަކު އެހުރި ޓުއަރިޒަމް މިނިސްޓަރަށް އެންމެ ފައިދާބޮޑު ދިމާލަކަށް. މުޅި އިންޑަސްޓްރީ އޮޅުން ބޮޅުންވެ ނިމިއްޖެ. އެއްވެސް އެއްޗަކީ ތާއަބަދު ދެމިއޮންނާނެ އެއްޗެއް ނޫން. މިވަރުގެ ރަންގަޅު ރިޒްގެއް މާތްﷲ ދެއްވީމަ، ކޮރަޕްޝަނުންގޮސް މުޅި ގައުމަށް މީގެން ލިބެން އޮތް މަންފާއާއި ފައިދާ މިދަނީ ހަމަ ގެއްލިގެން. ހެޔޮނުވާނެ މިސަރުކާރު ބަދަލުކުރަން ވޯޓުދީ. މިވެރިންދާނީ މިހުރިހާ ދުވަހު އެއްކުރި ފައިސާ ހިފައިގެން ބޭރަށް، ނިކަމެތި ރައްޔިތުން ތިބޭނީ ގޮތެއް ނެތިފަ. މިކަން ހުއްޓުވާ!

The name is already taken The name is available. Register?

ރަގޅު

12 January 2018

ކޮރަޕްޓީ ސަރުކާރު ެެއކަނި އެއް ނޫން.މީހުން ވެސް ކޮރަޕްޓް އެހެނ ވެތާ ސަރުކާރު އަށް އެ ކޮރަޕްޓް ލާރި އެލިބެނީ

The name is already taken The name is available. Register?

ހުދުކާފޫރު

11 January 2018

ޓޫރިޒަމް އިންޑަސްޓްރީ ކޮންމެ މިސްރާބަކަށް ދިޔަޔަސް، ޤައުމުގެ ވެރިންގެ މިސްރާބު ވަރަށް ސާފު. އެއީ ކޮރަޕްޝަން. އެދިމާއަށް ހަމަ ބާރު ސްޕީޑްގަ އެބަދޭ. ރިޒޯރޓް ބިޒޯރޓް އޭތި މީތި ކިޔައިގެންވިއަސް އިންވެސްޓަރުން އަތުން އެތިކޮޅެއް ކަޓުވާލުން އެންމެ މުހިއްމީ

The name is already taken The name is available. Register?

ލޯބި މާމަ

11 January 2018

ރާއްޖެއަކީ މިފަދަ ދެވަނައެއްނެތް ވަރަށްވެސް ޔުނީކް ޕްރޮޑަކްޓެއް.. މި ޕްރޮޑަކްޓަށް ބޭނުންވަނީ ފަސޭހަ ޓްރާންސްޕޯރޓް ޓްރާންސްފާ ފެސިލިޓީއެއް، ސެކިއުރިޓީ ވަރުގަދަ މުއާސަލާތީ ފަސޭހަތަކެއް އެނިމުނީ މީ ހަމަ ބޫމްއެއް.. އެމްބޫދޫ ސަހަރާއި ވެލާނާ އަޕްގްރޭޑާއެކު ހީވެސް ނުކުރާ ކުރިއެރުމެއް ތިލަވެގެންދާނެ.. މިކަމަށް ރޮކެޓް ސައިންޓިސްޓެއް ބޭނުމެއްނުވޭ

The name is already taken The name is available. Register?

ޝީލާ

11 January 2018

ހުރިހާ ބަދަލަކާ އެކު މިހާރު މި އިންޑަސްޓްރީ މި އޮތީ ކޮން ހިސާބެއްގައި ހެއްޔެވެ؟ މިހާރު އިންޑަސްޓްރީ އޮތް ހިސާބެއް އެނގޭ އެކަކުވެސްނެއް، މޯލްޑިވްސް ޓޫރިޒަމް އިންޑަސްޓްރީ މަޓީއަކަށްވެސް ނެއެނގޭ އޮތް ހިސާބެއް، އެތަނުގެ ވެރިންތަށްވެސް މިހާރު ރިސޯޓްތަށް ބޭރުގެ ކުންފުނިތަކަށް މެނޭޖުމަންޓްތަކަށްދީގެން އެތިބީ ކޭޝްކައު އެއްގެ މަތީގައި އެމީހުންނަށް ދެން ވަރިހަމަ ކޮންމެގޮތެއް ވިޔަސް، އެމީހުން އެތިބީ 99 އަހަރަށް ރަށްތަށް މިލްކުކޮށްގެން، ކުރިމަގުގައި ގެސްޓުން އަންނަ ވަރު ބަދަލުވެގެން ދާނީ ކޮން ގޮތަކަށް ހެއްޔެވެ؟ ކުރިމަގުގައި ރާއްޖޭގެ މުޅި ޓޫރިޒަމް އިންޑަސްޓްރީ އަމިއްލަ ކުރާނީ ބިދޭސީން، ބިދޭސީންގެ އަތަމައްޗަށް ރާއްޖޭގެ ޓޫރިޒަމް ދިޔައީ އެފްރިކާގެ ގައުމުތަކުގެ ރަނާއި ރިހި، އަދި ޖުވެލަރީ ނަގާ ބިންތަށް ޔޫރަޕްގެ ގައުމުތަކަށް ދިޔަހެން، މުޅި ޓޫރިޒަމް އިންޑަސްޓްރީ މިސްރާބު ޖަހާފައި މިވަނީ މާލެ ސަރަހައްދު ތޮތްޖައްސައި ތިމާވެށިހަލާކުވާގޮތަ އަދި ފަޅުތަށް ނައްތާލާގޮތަށް،

The name is already taken The name is available. Register?

އުމަރު

11 January 2018

ޓޫރިޒަމް ސެކްޓަރު ދަނީ ދާނެ ދިމާލަކަށް، ސަރުކާރުގެ އެއްވެސް އަމާޒެއްނެއް، ސަރުކާރުގެ ވިސްނުމަކީ ވީހާވެސް ގިނަ ފަޅުތަކާއި ރަށްތަކާއި ގިރިތަށް ދީގެން ކެމްޕޭނަށް ފައިސާކޮޅެއް ހޯދޭތޯ؟ ފަޅުތަށް ކުއްޔަށްދީ އެފަޅުތަކުގައި ރަށްތަށް ހެދުމަށާއި، ފަޅުތަށް ދީގެން އެފަޅުތަކުގައި މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާ ފެންވަރަށްތުރެން މަތީގެ ޑިއުޓީ ފުރީކަހަލަ ފިހާރަ ހަދަން ހުއްދަދިނުމަށާއި، ބޭނުން ކޮންސެޕްޓަކަށް ރަށްތަށް ޑިޒައިންކުރުމަށާއި، ފަޅުތަށް ހިއްކުމުގައި ބޭނުންކުރާ ވަސީލަތަށްވެސް ބެލުމެއްނެތި އެއްވެސް އަމާޒެއްނެތި ރަށްތަކެއް ބާޒާރަށް ނެރުމާއި، ވީހާވެސް ގިނަ ދިވެހިން ޓޫރިޒަމާއި ދުރަށް ފޮނުވައި ދިވެހިންނަކީ ހަމައެކަނި ގެދޮރު ކުއްޔަށްދިނުމާއި މާލޭގެ ކެފޭތަކާއި ބެންކޮކުގެ މުދާވިއްކާ ބަޔަކަށް ބަދަލުކުރުން، ޓޫރިޒަމްގެ އެއްވެސް މާސްޓާރޕްލޭނަކާއި އެއްގޮތަކަށްނޫން ޓޫރިޒަމް އެގެންދަނީ، އެހެންވެ ކޮމިއުނިޓީތަކަށް އޭގެ ފައިދާނުކުރަނީ، އެހެންވެ މީހުން ދިއިރުޅޭ ރަށްތަކަށް ފައިދާނުކުރަނީ

The name is already taken The name is available. Register?

ޖޭމް

11 January 2018

ޓުވަރިޒަމް ސެކްޓާގައި ދިވެހި މުވައްޒިފުން ބޭނުންކުރާ އަދަދު ނިސްބަތުން އެއްދުވަހުން އަނެއް ދުވަހަށް ދަނީ މަދުވަމުންނެވެ. ދިވެހިން ގެ މުސާރަ އުޅެނީ އެވްރެޖްކޮށް 3 ހާހާއި 5 ހާހާއި ދެމެދުގައެވެ. ބޭރު މީހުންނާއި ދިވެހިންނާ މެދު ތަފާތުކުރުން އިންތިހާއަށް ބޮޑެވެ. މުސާރައިގެ ގޮތުންނާއި އިނާޔަތުގެ ގޮތުންވެސްމެއެވެ. އަމިއްލަ ގައުމުގައި ބޭރު މީހުންނަށްވުރެ ދިވެހިން ނިކަމެތި ކުރާތީ ދެރެވެއެވެ. މިގައުމުގެ ގާނޫނާއި ގަވާއިދުތައް ޓުވަރިޒަމް ސެކްޓާ އަށް ހިނގާބާއޭވެސް ހިތައް އަރައެވެ. އެންމެ ކުޑަމިނުން ސާވިސްޗާޖު ކޮޅުވެސް ހަމަޔަށް ދޭތޯ ބަލާ ބަޔަކު އުޅޭ ހެނެއް ހީއެއް ނުވެއެވެ. ރާއްޖޭގެ އާބާދީ ބޮޑަތި ސަރަހައްދު ތަކުގެ ރައްޔިތުންނަށް ޓުވަރިޒަމްގެ ފައިދާ އެކަށިގެންވާ މިންވަރަކަށް ނުކުރައެވެ. ރިސޯޓްތައް ހިންގާ ކުންފުނިތައް މުއްސަދި ވުމަކީ ޓްވަރިޒަމް ސެކްޓާ ކުރިއެރުން ކަމުގައި ހަމައެކަނި ބަލައިގެން ފުދޭތޯއެވެ ؟

The name is already taken The name is available. Register?

އަލިހޮއްކޮ

11 January 2018

ކިތައްމެ ވަރަކަށް އަހަރުމެން ކަރުން ލޭ އަންނަންދެން "ފެލުނަސް" ދިވެހިންނަށް ރަނގަޅުވާ ގޮތަކަށް އެއްވެސް ސަރުކާރަކުން ރިޒޯޓްތަކުގެ ކަމެއް ނުނިންމާނެ. އެއި ރިޒޯޓްތައް ހިންގާ ވިޔަފާރިވެރިން އޮންނަނީ އެއިރެއްގެ އޮންނަ ސަރުކާރު ގަނެފަ.މިދިޔަ އަހަރު މަޖިލިހަށް ހުށަހެޅި ރިޒޯޓްތަކުގެ އެޗްއާރުގެ އެއްމެ މަތީ މަގާމުގަ ހުރެވޭނީ ދިވެއްސެއްކަމަށް ލާޒިމްކުރާ ބިލެއް. އެބިލް ހުށަހަޅާ ނުނިމެނީސް ހައެއްކަ މެެމްބަރުން ފިޔަވައި ދެންތެބި އެއްމެން ވެގެން އެ ބޭރު ކޮށްލީ އެއްބަސް ކިޔާފަ.

The name is already taken The name is available. Register?

ބޮޮނޑިބަތް

11 January 2018

ޓޫރިޒަމް ކުރިއަރުވަން މިހާރު ކުރަންޖެހޭ ކަމަކީ ކޮންމެ ޓޫރިސްޓަކުވެސް ކ.މާލޭ ގެއެއްގެ ދަފްތަރުގައި ޖެހިގެން މާލޭމީހަކަަށް ކުލިދައްކާފަނޫނީ ރާއްޖެއަށް އެތެރެ ނުވެވޭގޮތް ހަދަންޖެހެނީ.

The name is already taken The name is available. Register?

އެކްސް

11 January 2018

ޓޫރިޒަމް އިންޑަސްޓްރީ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބޭރުމީހުންގެ އަތްމައްޗަށް މިއިންޑަސްޓްރީގެ މުގޫދިއުން. މާނައަކީ، ރިސޯޓުތަކުގެ އެންމެ އިސް މަގާމުތަކަށް ބޭރުމީހުން ތިބުން. ވަކި ޑިޕާޓްމަންޓަކަށް ނަން ނުބުންޏަސް ގިނަ ރިޒޯޓުތަކުގެ ހާލަތުހުރީ މިހެން. މިއީ ސަރުކާރުން އެކަމާމެދު ފިޔަވަޅު އަޅައި، ބަދަލުކުރަންޖެހޭކަމެއް. މީގެ ސަބަބުން އިގުތިސާދީގޮތުން ރާއްޖެއަށް ނުހަނު ބޮޑު ގެއްލުންތަކެއްލިބޭ. އަހަރަކު އެތައްމިލިއަން ޑޮލަރެއް ގައުމުން ބޭރުވޭ. އަދި އިންޖިނިއަރިންގ އަދި ޕަރޗޭސިން ޑިޕާޓްމަންޓުތަކުގައި އުޅޭ ބިދޭސީން އެމީހުންގެ އަމިއްލަ ވިޔަފާރި ކުރާކަމީވެސް ހަގީގަތެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454