ޚިޔާލު / ދީން

ޖަރީމާތައް ހުއްޓުވުމަށް އިސްލާމް ދީން ހުށަހަޅާ މަންހަޖު

ކުށެއްގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރު ކުރަނީ: ކުށް ކުރުމުން އަދަބު ދިނުމަށް ވުރެ އިސްލާމް ދީނުގައި ބާރު އަޅަނީ ކުށްކުރުމުގެ ދޮރުތައް ބަންދު ކުރުމަށް. -- ފޮޓޯ: ޕޮލިސް

ޑރ. ސަޢުދުﷲ ޢަލީ

20 ޖެނުއަރީ 2018 - 12:09

އިސްލާމީ ނަޒަރުން ބަލާއިރު އިންސާނާ ދިރިއުޅެން ޖެހެނީ ކުށްފާފަތަކުން ދުރުހެލިވެ އެހެން މީހުންގެ ހައްގުތަކަށް ރައްކާތެރިވެ ހުރެގެންނެވެ. އެހެންވެ ހުރިހާ ބާވަތެއްގެ ޖަރީމާތަކާ އިސްލާމް ދީން ވަރަށް އިދިކޮޅެވެ. އެއީ އޭގެ ސަބަބުން ފަރުދުންނަށާއި ޖަމާއަތަށް އެކި ގޮތްގޮތުން ގެއްލުން ލިބޭތީ އެވެ. ރައްކާތެރިކުރަން އިސްލާމް ދީން ބޭނުންވާ މައިގަނޑު ފަސް ކަންތައް ރައްކާތެރި ނުކުރެވި މުޅި މުޖުތަމައު ފަސާދަވެގެން ދާތީ އެވެ.

އަދި މީސްތަކުންގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތްކޮށް އިންސާނީ ކަރާމަތު ދެމެހެއްޓުމަކީ އިސްލާމް ދީނުގެ މުހިންމު އެއް މަގުސަދު ކަމަށްވާތީ އެވެ. އެހެންކަމުން މުޅި އިސްލާމީ ޝަރީއަތް ބިނާވެފައިވަނީ މިކަންކަން ރައްކާތެރި ކުރުމަށެވެ. ފިތުނަތަކާއި ޖަރީމާތަކުން އިންސާނީ ވެށި ސަލާމަތް ކުރުމަށެވެ.

މިކަމުގައި އިސްލާމް ދީނުގެ އެންމެ ޚާއްޞަ ސިފައަކީ ޖަރީމާތައް ހިނގުމުން އެކަން ނައްތާލުމަށްޓަކައި ފަރުވާ ކުރުމަށް ވުރެ ބޮޑަށް ޖަރީމާތައް ހިނގުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދީފައި ވުމެވެ. މިގޮތުން ރައްކާތެރިވުމުގެ މަރުހަލާގައި އެންމެ ފުރަތަމަ އަންނަނީ އީމާންތެރިކަން ވަރުގަދަ ކުރުމެވެ. އީމާންތެރިކަން އޭގެ ހަގީގީ މާނައިގައި ފުރިހަމަވާ ނަމަ ދެން އިތުރު އެހެން އެއްވެސް ކަމަކަށް ބޭނުން ނުޖެހި ޖަރީމާތަކުން ސަލާމަތްވާނެ އެވެ.

ސަބަބަކީ ﷲ އަށާއި ރަސޫލުންނަށާއި ފޮތްތަކަށް ހަގީގީ އީމާންވުމަކުން އީމާންވާ ނަމަ ﷲ އާއި ރަސޫލާގެ އަމުރުފުޅުތަކަށް ތަބާވާނެ އެވެ. މަލާއިކަތުންނާއި އާޚިރަތް ދުވަހަށް އީމާންވާ ނަމަ މި ތަބާވުންމަތީ ދެމިހުރުމަށް އިތުރު ބާރެއް ލިބިގެންދާނެ އެވެ. ރަނގަޅު ސުލޫކަށް ހިތްވަރު ލިބި ނުރަނގަޅު ސުލޫކު ނިކަމެތި ކުރުވާނެ އެވެ. މިންވަރަށް އީމާން ވާނަމަ އަމުރުތަކަށް ކިޔަމަންވެ ނަހީތަކުން ދުރުހެލިވުމުގައި ކެތްތެރިވާން ދަސްވާނެ އެވެ. މިގޮތުން ފުރިހަމަ މުއުމިނަކު ނަމަ ވައްކަމެއް ނުކުރާނެ އެވެ. ދޮގެއް ނަހަދާނެ އެވެ. މީހުންނަށް އަނިޔާއެއް ނުދޭނެ އެވެ. އަމިއްލަ ނަފްސަށް ނަމަވެސް އަނިޔާވެރިއެއް ނުވާނެ އެވެ.

ނަމަވެސް އިންސާނީ ތަބީއަތަށް ބަލާއިރު އީމާންތެރިކަމަކީ ހަމައެކަނި ބުނެލާ ބުނެލުމަކުން ނުވަތަ ކުރެވޭ އަމުރުތަކަކާއި ނަހީތަކަކުން އެކަނި ހާސިލު ވާނެ ކަމަކަށް ނުވާނެތީވެ އީމާންތެރިކަން ވަރުގަދަކޮށް އޭގެ މޭވާ ފެނިގެން ދިއުމަށްޓަކައި އަޅުކަމުގެ ނިޒާމެއް އިސްލާމް ދީނުގައި ވަނީ ރޭވިފައެވެ. މި އަޅުކަންތައްތަކުން އީމާންތެރިކަން ވަރުގަދަ ކުރުމާ އެކު އީމާންތެރިކަން އަމަލީގޮތުން ތަންފީޒު ކުރުމަށް ބާރު ލިބިގެން ދެއެވެ.

ކީރިތި ޤުރްއާނުން އެނގޭ ގޮތުގައި ނަމާދަކީ ފާޙިޝް ކަންކަމާއި މުންކަރާތްތަކުން މީހާ ދުރުކުރުވާ ކަމެކެވެ. (އަލްޢަންކަބޫތު 45). ރޯދައިގެ މަގުސަދަކީ ތަޤުވާވެރި ކުރުމެވެ. (އަލްބަޤަރާ 183). ޒަކާތް ނެރުމުގެ އެންމެ ބޮޑު އަމާޒަކީ ނަފްސުތައް ސާފުކޮށް ތަޒުކިޔާ ކުރުމެވެ. އަދި މުދާ ޠާހިރު ކުރުމެވެ. (އައްތައުބާ 103). ހައްޖުގެ ދަތުރުން ލިބިގަނެވޭ އެންމެ މުހިންމު ޒާދަކީ ތަޤުވާ އެވެ. (އަލްބަޤަރާ 197). މީގެ އިތުރުން ދުޢާކުރުމާއި ކީރިތި ޤުރުއާން ކިޔެވުން ފަދަ ކަންކަމުން ވެސް އީމާންތެރިކަން ވަރުގަދަވެ އަމުރުތަކަށް ކިޔަމަންވުމާއި ނަހީތަކުން ދުރުހެލިވުމަށް ބާރެއް ކަމުގައި ވެއެވެ.

ޖަރީމާތަކުން ރައްކާތެރިވުމުގެ ތިން ވަނަ ފިޔަވަޅެއްގެ ގޮތުގައި އިސްލާމް ދީނުގައި ރޭވިފައިވަނީ ރިވެތި އަޚްލާޤުން އިންސާނާ ޒީނަތްތެރިކުރުމެވެ. އަދި ނުރަނގަޅު އަޚްލާޤުން އިންސާނާ ދޮވެ ސާފު ކުރުމެވެ. މިކަމަށްޓަކައި އިސްލާމް ދީން ގެނެސްދޭ އަޚްލާޤީ ނިޒާމަކީ އެއްވެސް ވަޟުޢީ ނިޒާމެއްގައި ނެތް ފަދަ ފުރިހަމަ ނިޒާމެކެވެ. އަމިއްލަ ނަފްސުން ފެށިގެން މައިންބަފައިންނާއި ގާތްތިމާގެ މީހުންނާއި އަވަށްޓެރިންނާއި މުޖުތަމައުގެ އެންމެންނާއި މުޅި އިންސާނިއްޔަތާ މެދު ދަމަހައްޓަން ޖެހޭ ރިވެތި އަޚްލާޤީ ސިފަތަކެއް މި ނިޒާމުގައި ވެއެވެ.

އަދި މިސިފަތަކާ އިދިކޮޅު ނުރަނގަޅު އަޚްލާޤު ތައް ފާހަގަ ކޮށްފައި ވެއެވެ. ހެޔޮކަމަށް ބާރު އަޅައި އެކަމަށް ހިތްވަރުދީ އުފާވެރި ޚަބަރު ގެނެސްދެއެވެ. ނުބައި ކަންކަން ނަފްރަތުކޮށް އެކަންކަމުން ދުރުހެލިވުމަށް ބާރުއަޅައި ބިރުވެރިކަން ހިތުގައި އުފައްދަ އެވެ. ދުނިޔަވީ އަދި އުޚްރަވީ ގެއްލުންތައް ބަޔާންކޮށްދެއެވެ.

ރައްކާތެރިކަމުގެ ހަތަރުވަނަ ފިޔަވަޅަކީ ހެޔޮކަންތަކަށް އަމުރު ކުރުމާއި ނުބައިކަންކަން ނަހީ ކުރުމެވެ. މި މުހިންމު ކިފާޔަތުގެ ފަރްޟު މުޖުތަމައުގައި އަދާކުރެވޭހާ ހިނދަކު އެއީ ކުށްތަކާއި ޖަރީމާތަކުން މުޖުތަމައު ސަލާމަތް ކުރުމަށް ލިބޭ ވަރަށްބޮޑު ބާރެކެވެ.

މިއީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެވެ. މިހާ ފުރިހަމަކޮށް މި ފިޔަވަޅުތައް ރޭވިފައިވީ ނަމަވެސް އިންސާނާ ހެދިބޮޑުވެގެން އަންނަނީ މިކަންކަމަށް އެންމެ ހެޔޮ ގޮތުގައި ތަރުބިޔަތު ވެގެން ކަމަށް ނުވާތީ އަދި މުޖުތަމައުގައި ހެޔޮކަންކަމަށް އަމުރު ކުރުމާއި ނުބައިކަންކަން ނަހީ ކުރުމުގެ ދައުރު ފުރިހަމަވެގެން ނުދާތީވެ އަދިވެސް ޖަރީމާތަކުން މުޖުތަމައު ސަލާމަތް ނުވެއެވެ. އިންސާނީ އެދުންތަކާއި ޣަރީޒާތަކުގެ ކުރިމަތީ ކެތްކުރުމަކީ އިންސާނުންނަށް އެހާ ފަސޭހަ ކަމެއް ކަމުގައި ނުވެއެވެ. އެއީ އިންސާނީ އެދުންތައް ފުރިހަމަ ކުރުމަށް ހިތްވަރު ލިބޭ އެތައް ކަމެއް މުޖުތަމައުގެ ތެރެއިން ފަހިވެގެންދާތީ އެވެ. ނަތީޖާ އަކީ ޖަރީމާތައް ހިނގުމެވެ.

މިހާ ހިސާބުން ދެން އަންނަނީ ޖަރީމާތައް ހުއްޓުވުމަށް އިސްލާމް ދީނުގައި އޮންނަ ދެ ވަނަ މަރުހަލާ އެވެ. އާދެ، ފަރުވާ ކުރުމުގެ މަރުހަލާ އެވެ. ފަރުވާ ކުރުމުގެ މަރުހަލާގައި ހިމެނެނީ ޖަރީމާތަކަށް ކަނޑައެޅިފައިވާ ޢުޤޫބާތްތަކުން މީސްތަކުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދުމާއި ޖަރީމާތައް ހިންގާ މީހުންގެ މައްޗަށް ޢުޤޫބާތްތައް ތަންފީޒު ކުރުމެވެ.

އެއްވެސް އިންސާނަކު އޭނާގެ މުޖުތަމައުގެ އަދުއްވެއް ކަމުގައިވެ ތަނުގެ އަމަންއަމާންކަން ގެއްލުވާލައި މީސްތަކުންގެ އަސާސީ ހައްގުތަކަށް އަރައިގަންނަ ކަމަށް ވާނަމަ އެފަދަ މީހަކު ހުއްޓުވަން ޖެހެ އެވެ. އެމީހެއްގެ ހަތިޔާރު ނައްތާލަން ޖެހެއެވެ. ބާރު ނިކަމެތިކޮށްލަން ޖެހެއެވެ. ނޫންނަމަ ރިވެތި އަޚްލާޤު ފެތުރިގެންވާ މުޖުތަމައެއް ބިނާ ނުކުރެވޭނެ އެވެ. މުޖުތަމައުގައި ހައްގުތައް ރައްކާ ނުކުރެވޭނެ އެވެ.

އިސްލާމްދީން މިކަމުގައި ހުށަހަޅާ މަންހަޖުގައި އެންމެހާ ހައްގުތައް ރައްކާ ކޮށްދެއެވެ. މިގޮތުން ދިރިހުރުމުގެ ހައްގަށް ބަލާއިރު ނަފްސުގެ މުގައްދަސްކަން ގެފުޅުގެ މުގައްދަސް ކަމަށް ވުރެ މަތިވެރި ކަމަށް އިސްލާމް ދީން ބަލައެވެ. އެހެންވެ އެންމެ ނަފްސެއް ވެސް ހައްގަކާ ނުލައި ނެތިކޮށްލުމަކީ މުޅި އިންސާނިއްޔަތު އެކީ ނައްތާލުން ފަދަ ކަމެއްގެ ގޮތުގައި ކީރިތި ޤުރްއާނުގައި ސިފަ ކުރައްވާފައި ވެއެވެ. (އަލްމާއިދާ 32). އަދި އަމިއްލަ އަށް އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް އެއްލާނުލުމަށް އަމުރު ކުރައްވާފައި ވެއެވެ. (އަލްބަޤަރާ 195)

މިލްކިއްޔަތުގެ ހައްގަށް ބަލާއިރު އެ ހައްގަށް އަރައިގަންނަން އެކަކަށް ވެސް އިސްލާމް ދީން ފުރުސަތެއް ނުދެ އެވެ. ވައްކަމާއި ފޭރުމާއި ޓެކުމާއި ޚިޔާނަތާއި ރިބާ އާއި މަކަރު ހެދުމާއި އޮޅުވާލުން ފަދަ ކަންކަން ޙަރާމް ކޮށްފައި ވެއެވެ. ޝަރީއަތުގައި ހުއްދަ ނުކުރާ ހަމަ އެންމެ މަގަކުން ނަމަވެސް މުދަލެއް ކެއުން އެއީ ބާޠިލު ކަމެއް ކަމުގައި ބަލަ އެވެ. އަބުރުވެރި ދިރިއުޅުމަކަށް މަގު ފަހި ކުރުމުގެ ގޮތުން ހުއްދަ ކޮންމެ މަސައްކަތެއް ކުރަން އިސްލާމް ދީން ހިތްވަރު ދެއެވެ. އަދި މިގޮތަށް މަސައްކަތްކޮށްގެން ކާމިޔާބު ނުވާ ފަރާތްތަކަށް އިޖުތިމާއީ ތަކާފުލުގެ ދަށުން ހައްގުވާ ބައިތައް، އާދެ، ޒަކާތާއި ޞަދަޤާތް ފަރުޟު ކުރެވިފައި ވެއެވެ.

ދަރިފަސްކޮޅާއި އަބުރު ރައްކާ ކުރުމުގެ ހައްގަށް ބަލާއިރު އެއީ ވެސް އިސްލާމް ދީން އެއަށް ރައްކާތެރިކަން ގެނެސްދޭ މުހިންމު ހައްގެކެވެ. މިގޮތުން ބެލުންތައް ތިރިކުރުމަށް އަމުރު ކުރެ އެވެ. ހިލޭ މީހުންނާ އެކު އެކަހެރިވުން ނަހީ ކުރެއެވެ. ހަރާމް ކަންކަން ހިމެނޭ ގޮތުގައި ދެޖިންސުގެ މީހުން މަސްހުނިވުން ހަރާމް ކުރެއެވެ. ޢައުރަ ނިވާކުރުން ލާޒިމު ކުރެއެވެ. ޒީނަތްތެރިކަން ފޮރުވަން އަމުރު ކުރެއެވެ. ކައިވެނީގެ މަގުތައް ފަހި ކުރުމަށް ހިތްވަރު ދެއެވެ. މިކަންކަން ފުރިހަމަ ނުވުމުގެ ނަތީޖާއެއްގެ ގޮތުން މެދުވެރިވާ ބަދު އަޚްލާޤީ ކަންކަމަށް ތަޢުޒީރާއި ހައްދުތައް ކަނޑައަޅާފައި ވެއެވެ. އަދި އެހައްދުތައް ތަންފީޒު ކުރުމަށް ބާރުއަޅާފައި ވެއެވެ.

މުޖުތަމައުގެ ހައްގުގައި މި އުގޫބާތްތައް ތަންފީޒު ކުރިއަސް މުޖުރިމުންނަށް ވެސް އެމީހުންގެ ހައްގުތައް އިސްލާމް ދީން ފޯރުކޮށްދެއެވެ. މިގޮތުން ޝައްކެއް ނެތް މިންވަރަށް ޖަރީމާތައް ސާބިތު ކުރަން ޖެހެ އެވެ. ކިރިޔާވެސް ޝުބުހާއެއް ވާނަމަ އުގޫބާތް ތަންފީޒު ނުކޮށް ދޫކޮށްލަން ޖެހެ އެވެ. މައާފު ކުރެވެން އޮންނަ ހާލަތެއްގައި މައާފު ދޭން ޖެހެ އެވެ. ތައުބާވާން ފުރުސަތު ދޭން ޖެހެ އެވެ.

އިސްލާހު ކޮށް ސީދާ މަގަށް ގެނައުމަށް މަސައްކަތް ކުރަން ޖެހެއެވެ. މި ހައްގުތައް މުޖުރިމަށް ދިނުމަކީ އެއްވެސް ހާލެއްގައި ޖަރީމާތަކަށް ހިތްވަރު ދިނުމެއް ނޫނެވެ. މުޖުރިމުން އުޅޭނެހާ ގޮތަކަށް އުޅެން އިސްލާމް ދީން ޖާގައެއް ނުދެއެވެ. ހަރުކަށި ޢުޤޫބާތްތައް ކަނޑައަޅާފައި ވެއެވެ.

އިސްލާމް ދީން ހުށަހަޅާ ޢުޤޫބާތުގެ ނިޒާމުގައި އެކުލެވެނީ ތަޢުޒީރުތަކަކާއި ޙައްދުތަކެކެވެ. އޭގެ ތެރޭގައި ރަޖަމް ކުރުމާއި ޤިޞާޞް ހިފުމާއި އަތް ކެނޑުމާއި ހައްދުޖެހުން ފަދަ އަދަބުތައް ވެއެވެ. މި އުގޫބާތްތަކުގެ ހިކުމަތަކީ މީހުންނަށް އަނިޔާ ދިނުމެއް ނޫނެވެ. އެމީހުންގެ ފުރާނަތައް ދުއްވާލުމެއް ނޫނެވެ. ގުނަވަންތައް ބުރިކުރުމެއް ނޫނެވެ. އެންމެ ބޮޑު ބޭނުމަކީ ހިތްތަކަށް ބިރުވެރިކަން ވެއްދުމެވެ.

އިންސާނީ ޠަބީޢަތާ އެންމެ ގުޅެނީ އަދި ހަގީގީ ނަތީޖާއެއް ނެރެވޭނީ މިގޮތުންނެވެ. ސަބަބަކީ މިފަދަ ވަރުގަދަ ޢުޤޫބާތް ހުރުމުން ޖަރީމާތަކާ މީސްތަކުން ގާތްވުމަށް ޖެހިލުންވާނެ އެވެ. ޖަރީމާތަކަށް އަރައިގަތުމަށް ބިރު ގަންނާނެ އެވެ. ބިމުގައި ފަސާދަވުން ހުއްޓުވޭނެ އެވެ. ޖަރީމާތަކުގެ ބަދަލުގައި އޭގެ އިދިކޮޅު ކަމުގައިވާ ހެޔޮކަންކަމަށް ހތްވަރު ލިބިގެންދާނެ އެވެ.

އެއް ފަހަރު ޖަރީމާ އެއް ހިންގި މީހަކު އެއިން ޢުޤޫބާތެއް ލިބުމަށް ފަހު ދެވަނަ ފަހަރަކަށް އެ ފަދަ ޖަރީމާއަކަށް އަރައިގަންނަން ޖެހިލުންވާނެ އެވެ. މި ޢުޤޫބާތް ލިބޭ ތަން ފެންނަ މީހުން ޖަރީމާއަކާ މެދު ވިސްނަން ވެސް ބޭނުމެއް ނުވާނެ އެވެ. ޖަރީމާތައް މަދުވެގެންދާނެ އެވެ. އަދި ޖަރީމާތަކުގެ އަހުލުވެރިންނަށް ކައްފާރާ އެއް ކަމުގައި މި ޢުޤޫބާތްތައް ވެގެންދާނެ އެވެ.

މުޖުތަމައުގެ އަސާސީ ހައްގުތައް ކަމުގައިވާ ދީނާއި ނަފްސާއި މުދަލާއި ބުއްދިއާއި ދަރިފަސްކޮޅު ނުވަތަ އަބުރު ސަލާމަތް ކުރެވޭނެ އެވެ. މުޖުރިމުންގެ ނުރައްކާތެރިކަން ހުއްޓުމަކަށް ގެނަސް އެމީހުންނަށް ބިރު ދެއްކޭނެ އެވެ. ޖަރީމާއެއް ހިންގަން ޚިޔާލު ކުރާ މީހަކުވެސް އެކަމާ ދެވަނަ ފަހަރަކު ވިސްނަން ފުރުސަތު ނުދީ ހިފެހެއްޓޭނެ އެވެ. މުޖުރިމުން އިސްލާހު ކުރެވޭނެ އެވެ. ވީމާ ޖަރީމާތައް ހުއްޓުވަން އޮތް އެންމެ މޮޅު މަންހަޖަކީ އިސްލާމީ މަންހަޖެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454