ފާރިސް: އޭނާ ހައްޔަރު ކުރަން ނެރުނު އަމުރު މިއަދު ވަނީ އިސްތިއުނާފަށް ހުށަހަޅާފައި --މިހާރު ފޮޓޯ/ނިޝާން އަލީ
28 ޖެނުއަރީ 2018 - 15:33
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތުން މިއަދު އިސްތިއުނާފަށް ހުށަހަޅައިފި އެވެ.
ޖަލު ބަންދުގައި ހަ މަހަށް ވުރެ ގިނަ ދުވަސް ހޭދަކުރެއްވި ފަހުން، ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ފާރިސް ދޫކޮށްލާފައި ވަނިކޮށް، އިއްޔެ އަލުން އޭނާ ހައްޔަރުކުރީ އެހެން މައްސަލައެއްގެ ތުހުމަތުގައި، އެ ކޯޓުގެ އާ އަމުރެއްގެ ދަށުންނެވެ.
އިއްޔެ ރޭ ދަންވަރު 4:00 ގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ފާރިސް އިއްޔެ ހައްޔަރު ކޮށްފައިވާއިރު، މި ފަހަރު އޭނާއަށް ތުހުމަތު ކުރަނީ މަޖިލީހުގެ މެމްބަރުންތަކަކަށް ފައިސާ ބެހުމާއި މެމްބަރުންތަކަކާ ގުޅިގެން ސަރުކާރު ވައްޓާލަން ރޭވުމެވެ. އެ މައްސަލާގައި 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން ރޭ ވަނީ އަމުރުކޮށްފަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު، ހައި ކޯޓުގައި އިސްތިއުނާފް ކުރަން ފާރިސްގެ ފަރާތުން ހުށަހެޅީ މައިގަނޑު ހަތް ނުކުތާއެއް ފާހަގަކޮށްފަ އެވެ. ފާރިސް 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން ރޭ ނެރުނު އަމުރު އަދި އިސްތިއުނާފަށް ހުށަހެއް ނާޅަ އެވެ.
ފާރިސް ހައްޔަރު ކުރަން ނެރުނު އަމުރު އިސްތިއުނާފް ކުރަން ހުށަހެޅިއިރު، އޭނާ ބަންދުން ދޫކުރުމުގެ އަމުރަކަށް އެދި ފާރިސްގެ ވަކީލުން ވަނީ ހެބިއަސް ކޯޕަސްގެ މައްސަލަ ވެސް ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފަ އެވެ.
ފާރިސް ހައްޔަރު ކުރުމުގެ އިތުރުން ކޯޓު އަމުރެއްގެ ދަށުން، އޭނާ ދިރިއުޅުއްވާ މ. ސްނޯރޯސް އާއި ބައްޕާފުޅު މައުމޫން ދިރިއުޅުއްވާ މ. އެންދެރިމާގެ ވެސް ފުލުހުން ވަނީ ފާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަ އަޖާއިބު
28 January 2018
މިތިބަ ފުލުހުންނާއި ކޯޓުތަކުގެ މީހުންގެ ވިސްނުމާއިމެދު ހަމަ އަޖާއިބު ވެއެވެ. ބަލަ ފާރިޝް މައުމޫނު ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަތާ މިހާރު 6 މަހަށްވުރެ ގިނަ ދުވަސްވަނީއެވެ. އެހެންކަމަށް ވާނަމަ މި މުއްދަތުގައި ތިޔަ ތުހުމަތު ކުރާ ކަމެއް ކުރެވޭނީ ފުލުހުން ކުރުވީމައެވެ. ތި ކަމަކީ ފާރިޝް ހައްޔަރު ކުރުމުގެ ކުރިން ކޮށްފައިވާ ކަމެއް ނަމަ ވޭތުވެ ދިޔަ ދިގު މުއްދަތުގައި ފުލުހުންނަށް ތިޔަ މައްސަލަ ތަހްގީގު ނުކުރެވުނު ނަމަ ދެން ކޮންމެހެން މިހާރު ތިޔަ މައްސަލަ ތަހްގީގު ކުރުން އުޅޭނެކަމެއްނެތެވެ. މިހާރު ތިޔައަކަށް އަހަރެމެންނެއް އިތުބާރެއް ނުކުރާނެއެވެ. ފުލުހުންނާއި ކޯޓުތަކުން އަމިއްލައަށް އަގު ވައްޓާލާއިރު އެ އަގު ރައްޔިތުންނަކަށް ނުއެއް ހިފެހެއްޓޭނެއެވެ.