އެއާޕޯޓުގެ އާ ކާގޯ ކޮމްޕްލެކްސް އިމާރާތުގެ ބިންގާ އިކޮނޮމިކް މިނިސްޓަރު މިއަދު ހަވީރު އަޅުއްވައިދެއްވަނީ. ފޮޓޯ: އެމްއޭސީއެލް
31 ޖެނުއަރީ 2018 - 19:26
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި 120،000 ޓަނުގެ ކާގޯއަށް ޚިދުމަތް ދެވޭ ޓާމިނަލެއް ހަދަން މިއަދު ބިންގާ އަޅައިފި އެވެ.
އެއާޕޯޓުގައި ހުންނަ މޯލްޑިވްސް އިންފްލައިޓް ކޭޓަރިން (އެމްއައިސީ) ގެ އުތުރުން އޮންނަ ބިމުގައި ހަތަރު ބުރިއަށް ހަދާ އާ ކާގޯ ޓާމިނަލްގައި ކުރިއާ ޚިލާފަށް ކާގޯ ކްރޭންތަކެއް ހުންނާނެ އެވެ. އަދި ތިން ބައެއް އެކުލެވޭ އެ އިމާރާތުގައި 12،000 އަކަމީޓަރު ހުރެ އެވެ.
ވެލާނާ އެއާޕޯޓުގައި މިހާރު ހުންނަ ކާގޯ ޓާމިނަލްގައި ޚިދުމަތް ދެވެނީ 50،000 ޓަނުގެ ކާގޯއަށެވެ.
ރާއްޖޭގެ މައި އެއާޕޯޓުގެ ދެވަނަ ރަންވޭގެ މަސައްކަތް ވެސް ކުރާ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ހަދާ ކާގޯ ޓާމިނަލްގެ ބިންގާ އަޅުއްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ބީޔޫސީޖީގެ ޖެނެރަލް މެނޭޖަރު ލީ ސުން އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ އެއާޕޯޓް ތަރައްގީކޮށް ނިމޭއިރު އެތަނަށް އަންނަ ކާގޯ ވެސް އިތުރުވެގެން ދާނެ ކަމަށެވެ.
އެއާޕޯޓުގެ އާ ކާގޯ ކޮމްޕްލެކްސް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްތާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަދައްކަވަނީ. ފޮޓޯ: އެމްއޭސީއެލް
"އެއާޕޯޓުގެ ދެވަނަ ރަންވޭއަކާއި ކެޕޭސިޓީ މިހާރަށް ވުރެ އެތައް ގުނައެއް ބޮޑުވެގެން އަންނައިރު ކާގޯގެ ދައުރު ވަރަށް ބޮޑުވާނެ. މިހާރު ޖައްސާ މަތިންދާބޯޓަށް ވުރެ އެތައް ގުނައެއް އިތުރުވެގެން ދާނެ. އަދި އެ މަތިންދާބޯޓުތަކުން ހަމައެކަނި އުފުލާނީ ޕެސެންޖަރުންނެއް ނޫން. ވަރަށް ގިނަ އަދަދަކަށް ކާގޯ ދިވެހިރާއްޖެއަށް އުފުލާނެ މުސްތަގުބަލުގައި،" މިނިސްޓަރު ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ކާގޯ ޓާމިނަލްގެ ކުރެހުމެއް
ސައީދު ވިދާޅުވިގޮތުގައި، ވެލާނާ އެއާޕޯޓަށް ދެ ވައްތަރެއްގެ ކާގޯ އުފުލާ ކަމަށް އަންދާޒާ ކުރެވެ އެވެ. އަދި ކުރިއަށް އޮތްތަނުގައި އެތައް ގުނައެއްގެ ކާގޯ އިތުރުވެގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް ވިދާޅުވީ ވެލާނާ އެއާޕޯޓުގައި މިހާރު ހުރި ކާގޯ ޓާމިަނަލަކީ އެފަދަ ޓާމިނަލެއްގެ ސިފައިގައި ތައްޔާރު ކޮށްފައިވާ ތަނެއް ނޫން ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ކާގޯ ޓާމިނަލްގެ ކުރެހުމެއް
"އެހެންވެ އެތަނުގައި އެންމެ ފުރިހަމަ ޚިދުމަތެއް ނުދެވުމަކީ އެކަށީގެންވާ ކަމެއް. ޚާއްސަކޮށް ތަނުގެ ޖާގައިގެ ދަތިކަމާއި ބައެއް ކަހަލަ އިކުއިޕްމަންޓްތައް ގާއިމުވެފައި ނުވާކަން ފާހަގަކުރަން،" އޭނާ ވިދާޅުވި އެވެ.
އާދިލް ވިދާޅުވީ އެއާޕޯޓުގެ އާ ކާގޯ ޓާމިނަލަށް ޚިދުމަތް ދިނުމަށް ޚާއްސަ ޖެޓީއެއް ހަދައި އެ ޖެޓީގައި ކްރޭންތައް ހަރުކުރާނެ ކަމަށެވެ. އަދި އެތަނުން ޚިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް ޖާގަ ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ ހަތަރު އަހަރުގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން އާދިލް ވިދާޅުވީ ކާގޯ އިންޑަސްޓްރީ ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށެވެ. އަދި އެ ޚިދުމަތުން ލިބުނު އާމްދަނީ 2013 ން ފެށިގެން މިހާތަނަށް 300 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެނޭދޯ
01 February 2018
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭތޭ ފެނޭތޭ ފެނޭދޯ ފެނޭދޯ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.
ސޮކްތެރެޕީ
31 January 2018
އެއަރޕޯޓަ އަރާލީމަ އެގޭ ތަރައްގީ ވާކަން.
ފާތުން
31 January 2018
މިހާރު ދެންކޮން ބިންގަލެއް އަޅާކަށް ކޮންމެ ދުވަހަކު. އެއަރޕޯޓް ޖީއެމްއާރު އަތުން ނެގިފަހުން 7 އަހަރު ވަނީ. ދުވާލަކު ދެ ބިންގާ އެޅުމުގެ ބޭނުމެއް ނެތް. ރަރިންމޭޓް ޓިކެޓަވެސް ނުލިބޭނެ. އެއަރޕޯޓްގެ ކޮރަޕްޝަން ފަޅާއަރަން ދެން އެންމެ އަވަހަށް އޮތީ. މިއީ ލައްކަ ވާހަކަ!
ތުއްތުބޭބެ
31 January 2018
20 ތަނުގެ އަގުދާނެ