ވެލާނާ އެއާޕޯޓުގައި ހަތަރު ފްރެންޗައިސް ރެސްޓޯރަންޓް ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި އަލަށް ހެދި ވޯޓާ ފްރަންޓް އިމާރާތުގައި މަޝްހޫރު ކޭއެފްސީ އާއި ޕިއްޒާ ހަޓާއި ކޮސްޓާ ކޮފީ އަދި ހާވެސްޓް މާކެޓް މިއަދު ހުޅުވައިފި އެވެ.


މިއީ، ދުނިޔޭގެ މަޝްހޫރު ބްރޭންޑް ކޮސްޓާ ކޮފީ އަދި ހާވެސްޓް މާކެޓް ރާއްޖެ އަށް ތައާރަފް ކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް، މާލޭގައި ކޭއެފްސީ އާއި ޕިއްޒާ ހަޓްގެ އައުޓްލެޓްތަކެއް މީގެކުރިން ވަނީ ހުޅުވައިފަ އެވެ. އަދި ފްރެންޗައިޒް ރެސްޓޯރަންޓުތަކަށް އާންމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

އެއާޕޯޓަށް މީހުން އާއްމުކޮށް ފައިބާ ސަރަހައްދުގައި، ދެ ބުރިއަށް ހަދާފައިވާ ގާތްގަނޑަކަށް 14،000 އަކަފޫޓުގެ ބޮޑު އިމާރާތުގައި ހެދި ހަތަރު ފްރެންޗައިސް ރެސްޓޯރަންޓުތައް ހުޅުއްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އާއި އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި އެވެ.

ހަތަރު ފްރެންޗައިސް ރެސްޓޯރަންޓު ހުޅުއްވައި ދެއްވުމަށް ފަހު، މިނިސްޓަރު ސައީދާއި އެމްއޭސީއެލްގެ އެމްޑީ އާދިލް ވާހަކަ ދައްކަވަނީ. - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ވޯޓާ ފްރަންޓް އިމާރާތުގައި ބޭއްވި ރަސްމިއްޔާތުގައި އާދިލް ވިދާޅުވީ ވޯޓާ ފްރަންޓު އިމާރާތް ނިމުމާއެކު، ދުނިޔޭގެ އެކިއެކި ބްރޭންޑުތައް އެއާޕޯޓުގައި ހިދުމަތް ދޭން ބޭނުންވާ ކަމަށެވެ. އެކަމަކު، އެއާޕޯޓަށް އިތުރު ބްރޭންޑުތައް ގެނެވޭނެ ގޮތެއް އަދި ނެތް ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.

ނަމަވެސް، އާދިލް ވިދާޅުވި ގޮތުގައި ވެލާނާ އެއާޕޯޓަށް އަންނަމުންދާ ތަރައްގީތަކުން ކުރިއަށް އޮތް ތަނުގައި އެފަދަ ބްރޭންޑުތަކަށް އެއާޕޯޓުގައި ފުރުސަތު އެބައޮތެވެ.

"ކުރިއަށް އޮތް ތަނުގައި (އާ) ޓާމިނަލް އިމާރާތް ނިމުމުން، އުންމީދު ކުރަނީ އަޅުގަނޑުމެން ބޭނުންވާ ވަރަށް ފުޑް އައުޓްލެޓްތައް ހުންނާނެ ކަމަށް. މިވަގުތު ޑިމާންޑާ އެއްވަރަށް ކޭޓަ ނުކުރެވުނަސް، މުސްތަގުބަލުގައި އަޅުގަނޑުމެން ބޭނުންވާ ވަރަށް ކުރެވިދާނެ،" އާދިލް ވިދާޅުވި އެވެ.

މީގެއިތުރުން ވޯޓާ ފްރަންޓު އިމާރާތުގެ ތިރީގައި މާލެއާ ދެމެދު ދަތުރު ފެރީތަކަށް ހާއްސަ ޒަމާނީ ޖެޓީތަކެއް ހަދާނެ ކަމަށާއި އެކަމުގެ ސަބަބުން މިހާރު އިންޓަނޭޝަނަލް ޓާމިނަލް ބާރު ބޮޑުވެފައި އޮތް އޮތުމަށް ނިމުމެއް އަންނާނެ ކަމަށް އާދިލް ވިދާޅުވި އެވެ. އާދިލް ވަނީ އެއާޕޯޓު ތަރައްގީ ކުރުމަށް ރައީސް އަބްދުﷲ ޔާމީން ދެއްވާ ހާއްސަ އިސްކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އެއާޕޯޓުގައި އަލަށް ހުޅުވި ޕިއްޒާ ހަޓަކީ ދުނިޔޭގެ ގިނަ ބަޔަކަށް މަގުބޫލު ޕިއްޒާ ލިބެން ހުންނަ ރެސްޓޯރަންޓެވެ. އަދި ކޭއެފްސީއަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކަށް މަގުބޫލު ކުކުޅު ލިބެން ހުންނަ ރެސްޓޯރަންޓެވެ. އަދި ކޮސްޓާ ކޮފީއަކީ ދުނިޔޭގެ ދެވަނަ އަށް އެންމެ މަޝްހޫރު ކޮފީ ބްރޭންޑެވެ. ހާވެސްޓް މާކެޓަކީ ވެސް ދުނިޔޭގައި މަޝްހޫރު ބްރޭންޑެކެވެ.

އެތަނުގައި އެ ބްރޭންޑްތަކުގެ ރެސްޓޯރަންޓްތައް ހުޅުވަން އިޓަލީގެ އެޗްއެމްއެސް ހޮސްޓް އިންޓަނޭޝަނަލްއާ އެކު އެމްއޭސީއެލް އިން ސޮއިކުރީ މިދިޔަ ޖެނުއަރީ 29 ގަ އެވެ.

އެޗްއެމްއެސް ހޮސްޓަކީ އެކި ގައުމުތަކުގެ އެއާޕޯޓްތަކާއި ހައިވޭތަކުގައި ކާބޯތަކެތި ވިއްކުމުގެ ހިދުމަތް ދިނުމުގައި މުޅި ދުނިޔެއަށް ވެސް މަޝްހޫރު ކުންފުންޏެކެވެ. އެގޮތުން ދުނިޔޭގެ 150 އެއާޕޯޓެއްގައި އެ ކުންފުނިން އަންނަނީ ކެފޭ، ރެސްޓޯރަންޓް ހިންގަމުންނެވެ.

އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ އެއާޕޯޓަށް އަންނަ ތަރައްގީތަކުގައި ފްރެންޗައިސް ރެސްޓޯރަންޓަކީ އެއް ބައި ކަމަށެވެ. ސައީދު ވިދާޅުވި ގޮތުގައި، މިތަނުގެ ބޮޑުމިނަކީ ވޯޓަ ފްރަންޓު އިމާރާތުން ފެށިގެން ހުޅުލެ އައިލެންޑް ހޮޓެލާ ހަމައަށެވެ. އެހެންވެ، މިއީ މުޅި ޕްރޮޖެކްޓުގެ "ކުޑަކުޑަ" ތަންކޮޅެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިތަނަށް ބައެއް އިންޓަނޭޝަނަލް ބްރޭންޑުތައް ގެންނަން ދަތިވީ ޖާގަ ކުޑަވީމަ. އެއީ ރާއްޖެއަށް މިހާތަނަށް ނާންނަ ބްރޭންޑުތައް،" އެމްއޭސީއެލްގެ މުވައްޒަފުން ބައިވެރިވި ޖަލްސާގައި ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި، އާ ޓާމިނަލް ނިމުމާއެކު، ޑިއުޓީ ފްރީގެ ކޮމާޝަލް އޭރިއާ މިހާރަށްވުރެ ގާތްގަނޑަކަށް ހަތަރު ގުނައަށް އިތުރުވެގެންދާނެ އެވެ. އެހެންކަމުން، މިހާރު ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޭއެފްސީ އާއި ޕިއްޒާ ހަޓާއި ކޮސްޓާ ކޮފީ އަދި ހާވެސްޓް މާކެޓްގެ އިތުރުން ވެލާނާ އެއާޕޯޓުގައި ދުނިޔޭގެ މަޝްހޫރު ބައެއް ފްރެންޗައިސް ރެސްޓޯރަންޓު ހިމެނެ އެވެ. އޭގެ ތެރޭގައި ގްލޯރިއާ ޖީންސް އާއި ބާގާ ކިންގު ފަދަ މަޝްހޫރު ރެސްޓޯރަންޓުތައް ވެސް ހިމެނެ އެވެ.