ރައީސް އޮފީސް: އެންއައިސީއަށް ހަތް މީހަކު ކުރިމަތިލާފައިވާ ކަމަށް އެތަނުން ބުނޭ
01 ފެބުރުއަރީ 2018 - 12:24
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރު ކަމަށް ހަތް މީހަކު ކުރިމަތިލައިފި އެވެ.
އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް މިދިޔަ މަހު 22ގައި ކުރި އިއުލާނާ ގުޅިގެން ހަތް މީހަކު ފޯމު ހުށަހަޅާފައިވާ ކަން ރައީސް އޮފީހުން ވެސް ޔަގީން ކޮށްދިނެވެ. އެކަމަކު ކުރިމަތިލީ ކޮން ބައެއްކަން އެ އޮފީހުން ނުބުންޏެވެ.
"ހުށަހެޅި ބޭފުޅުންގެ ނަންތައް އަޅުގަނޑުމެން ދިރާސާ ކުރަމުން މި އަންނަނީ. ވަރަށް އަވަހަށް މީހަކު ހަމަޖައްސާނަން،" ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު ވިދާޅުވި އެވެ.
އަޑު އަރާފައި އޮތް ގޮތުން، އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުން އިއްޔެ އިސްތިއުފާ ދެއްވި އަހުމަދު ސުލައިމާން ވެސް ވަނީ އެންއައިސީގެ މެމްބަރު ކަމަށް ކުރިމަތިލައްވައިފަ އެވެ. އެކަމަކު މިކަން ރައީސް އޮފީހުން އަދި ސުލައިމާނު ވެސް ޔަގީނެއް ނުކޮށްދެއްވި އެވެ.
އެންއައިސީގެ ރައީސްގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު މަގާމުން ވަކި ކުރެއްވުމުން، އެ ކޮމިޝަނުން ހުސްވެފައިވާ މަގާމަށް ކުރިމަތިލާން މިދިޔަ ނޮވެމްބަރު އަދި ޑިސެމްބަރު މަހު ވެސް ހުޅުވައިލި އެވެ. ނަމަވެސް އެ ދެ އިއުލާނު ވެސް ފަހުން ވަނީ ރައީސް އޮފީހުން ބާތިލްކޮށްފަ އެވެ.
އެންއައިސީގެ މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ޝަރުރުތަކުގެ ތެރޭގައި އުމުރުން 30 އަހަރުވެފައި ވުމާއި ތައުލީމީ ގޮތުން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވުމާއި ހަތް އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުރުމުގެ އިތުރުން އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.
ފުލުހުންނާއި ކަސްޓަމްސް އަދި އިމިގްރޭޝަން ފަދަ މުއައްސަސާތަކުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ އެންއައިސީގެ ރައީސްކަމުން މާނިއު ވަކިކުރީ އެ ކޮމިޝަންގެ ބައެއް ތަހުގީގުތަކަށް ފުލުހުންގެ ބައެއް އިސް ވެރިން ހުރަސްއަޅާ ކަމަށް ތުހުމަތުކޮށް، އެ ކަމަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އޭނާ ދެއްވާފައި ވަނިކޮށް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
1828
01 February 2018
އަހަރެން ތިޔަ އިންޓިގްރިޓީ ކޮމިޝަނަށް 2016 ގައި ހުށަހެޅި މައްސަލަ މިހާރު އޮންނާނީ ކޮމިޝަނުގައި 'ކުނިވެފައި'. އަލަށް އަންނަ މެމްބަރު، އެ މައްސަލައިގެ ފުޅަ ސާފްކޮށް، ދޮވެ އަލުން މައްސަލަ ބަލައި ނިންމައިދީ.
ހިސަތޯ
01 February 2018
ހީވަނީ ތިމަގާމު ލިބޭނީ ސުލޭއަށް ހެން