ޓީބީ ނައްތާލުމުގެ ގައުމީ ކެމްޕެއިން ރައީސް ޔާމީން މިއަދު އިފުތިތާހު ކޮށްދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
15 ފެބުރުއަރީ 2018 - 12:02
ރާއްޖެ އިން ޓީބީ ނައްތާލުމުގެ ގައުމީ ކެމްޕެއިނެއް ރައީސް އަބްދުﷲ ޔާމީން މިއަދު އިފުތިތާހު ކޮށްދެއްވައިފި އެވެ.
ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އިފުތިތާހު ކުރި މި ކެމްޕެއިންގެ އަމާޒަކީ 2022 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެ އިން ޓީބީ ނައްތާލުމެވެ. އަދި އެކަމަށް 170 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
މި ކެމްޕެއިންގައި، ޓީބީ ޖެހިފައިވާ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދީގެން ފަރުވާ ދިނުމާއި ސްކްރީން ކުރުން ހިމެނެ އެވެ. އަދި އާންމުން ހޭލުންތެރި ކުރުމަށާއި ރާއްޖެ އިން ބޭރުން އަންނަ މީހުން ކެއްސުން ބައްޔަށް ސްކްރީން ކޮށް އެ މީހުންގެ ފަރާތުން ބަލި ފެތުރުނަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ވެސް ހިމެނެ އެވެ. ޓީބީ ޖެހޭ މީހުންގެ ނިސްބަތް 50 ޕަސެންޓަށް ދަށް ކުރުމާއި އެ ބަލީގައި މަރުވާ މީހުންގެ ނިސްބަތް 70 ޕަސެންޓަށް ދަށް ކުރުމަކީ ވެސް ކެޕްއިންގެ މަގުސަދެކެވެ.
ޓީބީ ނައްތާލުމުގެ ގައުމީ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި، ރައީސް ޔާމީނާއި ޗަމްޕާ ބްރަދާސް އަދި ޓްރީ ޓޮޕް ހޮސްޕިޓަލްގެ އެއް ހިއްސާދާރު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) މިއަދު މަޝްވަރާ ކުރައްވަނީ.--- ފޮޓޯ: ނިޝާން އަލީ/މިހާރު
ޓީބީ އަކީ ޖަރާސީމެއްގެ ސަބަބުން ފެތުރޭ، ގައިންގަޔަށް އަރާ ބައްޔެކެވެ. އާންމު ގޮތެއްގައި ޓީބީ ޖެހެނީ ފުއްޕާމެއަށް ކަމަށް ވިޔަސް ހަށިގަނޑުގެ އެހެން ބައިތަކަށް ވެސް ޓީބީ ޖެހެ އެވެ.
ރަޝިއާގެ މޮސްކޯގައި ހެލްތް މިނިސްޓަރުންނަށް ޚާއްސަ ކޮށްގެން މިދިޔަ އަހަރު ބޭއްވި ކޮންފަރެންސެއް އިފުތިތާހް ކޮށްދެއްވުމަށް ވަޑައިގެން އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިން ވަނީ ޓީބީ ނައްތާލުމުގެ މަސައްކަތުގައި ގައުމުތަކުގެ ވެރިން އެއްބާރުލުން ދެއްވުމަށް ގޮވާލައްވައިފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ރާއްޖެ އިން ޓީބީ ނައްތާލުމަށް އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން އެކަން ފެއްޓެވީ ރައީސް ޔާމީން ކަމަށް ވުމަކީ ދިވެހިން ފަޚުރުވެރިވާ ކަމެއް ކަމަށެވެ. އަދި މިއީ ބުރަ ނަމަވެސް މުހިންމު މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބް ޑރ، އަރްވިންދް މާތުރް ވިދާޅުވީ، ޓީބީ އަކީ ދުނިޔޭގައި އެންމެ ބޮޑަށް ފެތުރެމުންދާ ނުރައްކާތެރި ބައްޔަކަށް ވުމާއި އެ ބަލި ރާއްޖޭގައި އޮތް މިންވަރާ އަޅާ ބަލާއިރު، އެ ބަލި ރާއްޖެ އިން ނައްތާލުމަކީ ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ޓީބީ ނައްތާލުމުގެ ގައުމީ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި، ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު އަރްވިންދް މިއަދު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ/މިހާރު
ރާއްޖެ އިން 2015 ވަނަ އަހަރު މެލޭރިއާ ނައްތާލާފައިވާއިރު، 2016 ވަނަ އަހަރު ވަނީ ފައިލޭރިއާ ނައްތާލައިފަ އެވެ. އަދި މިދިޔަ އަހަރު ރާއްޖެ ވަނީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވި ގޮތުގައި، މި އަހަރުގެ އަމާޒަކީ މައިންގެ ކިބައިން ދަރިންނަށް ޖެހޭ އެޗްއައިވީ ނައްތާލުމެވެ.
"ވޭތުވެދިޔަ ކުރު މުއްދަތެއްގައި މި ދެންނެވި ބަލިތަކެއް ނައްތާލި ނައްތާލުން ކާމިޔާބު ކުރެވުނީ މިއަދުގެ ސަރުކާރުން ހެލްތް ސިސްޓަމަށް ގެނައި ވަރަށް މުހިންމު ގިނަ ބަދަލުތަކުގެ ސަބަބުން،" މިނިސްޓަރު ވިދާޅުވި އެވެ.
ހެލްތް މިނިސްޓްރީން ކުރިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 1963 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި 10،563 މީހުނަށް ޓީބީ ޖެހި ރަސްމީކޮށް ރަޖިސްޓަރީކޮށްފައި ވެއެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިންދަގީ
15 February 2018
ސުރުޚީން ފުރަތަމަ ހީވީ ޓީބިލް ހެން... ފޮޓޯ ވިއްޔާ ބޮޑަށްފެނުނީ..
އެންމެގާތުން
15 February 2018
ތިޔައީ ވަރައް އުނދަގޫ ކަމަކައްވާނީ. އެއީ މިހާރު މިއަންނަ ބަންގާޅު މީހުން ސްކްރީން ކުރުމުގައި ސަރުކާރުން ފަރުވާކުޑަ ކޮށްފައިވާތީ. ހަގީގަތަކީ މިހާރު ރާއްޖެއަށް ގިނައިން ގައިންގަޔައް އަރާ ބަލިތައް އަންނަނީ މިގެންނަ ޗީޕް ލޭބަރުންގެ ސަބަބުން. ކެއްސުމާއި މަގުމައްޗައް ކުޅުޖެހުމާއި ކަންތައް އެހާ ބޮޑު.
ދެރަސޮރު
15 February 2018
ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގެ ސިއްޙީދާއިރާއަށް ތިޔަގެންނަވަމުންދާ އިންގިލާބީ ކުރިއެމަށް ވަރަށް އިޚްލާސްތެރިކަމާއެކު ރައީސް ޔާމީން އަށް ޝުކުރުދަންނަވަން. އަޅުގަނޑު ދަންނަވާނީ މަނިކުފާނަކީ ދިވެހި ރައްޔިތުންދެކެ ލޯބިން މިގައުމުގައި ވެރިކަންކުރައްވާ ހަމައެކަނި ރައީސް ތިރައީސް 2018ގައިވެސް މިގައުމުގެރައީސްއަށް ވުމަށް އެދެން.
ރައީސް2018
15 February 2018
ކޮންމެ ރައީސްއެއް ހޮވިޔަސް މިކަން ކުރިއަށް ގެންދެވިދާނެ ދޯ. މިހާރުގެ ރައީސަކަށް އެކަނި ވާނޭ ކަމެއް ނޫނޭ މިއަކީ!
ދެކޮޅުވެރިޔާ
15 February 2018
ޓީބީ ޖެހިފައި އޮތީ ގައުމަށް. ގައުމުގެ މުސްތަގުބަލު ވަނީ ވަގަށް ނަގައިފައި. އަދުލު އިންސާފުވަނީ ގެއްލި ގޮސްފައި. ފަރުދުންގެ މިނިވަންކަން ވަނީ ނިގުޅައިގެންފައި. ގައުމުގެ އެންމެ މަތީ ބާރަކީ ތިމަންނަޔޭ ބުނެ ސްޕްރީމް ކޯޓުން ނެރުނު ހުކުމެއް ބަލައިނުގަނެ އެ ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ކޯޓަށް ވަދެ ކޯޓުގެ ހުރުމަތް ކަނޑާ 2 ފަނޑިޔާރުން ރަހީނުކޮށް ވަނީ ބަހައްޓާފައި. އެހެންކަމުން ޓީބީ ޖެހިފައި އޮތީ ގައުމަށް. ގައުމުގެ އިގުތިޞާދަށް. އެކަން ރަގަޅުކޮށްދެއްވާ
އިސްތިއުފާދެއްވި ރައީސް ނަޝީދު
15 February 2018
ބަލަ ތަމެންގެ ރޫހާނީ ލީޑަރ ނަޝީދު އިނގިރޭސިވިލާތުގައި އެހުންނަނީވެސް ކޯޓުއަމުރަކާ ޚިލާފުވެގެން ނޫންތޭ. ތަމެން ވެރިކަމުގަ ގާޒީ ވަގަށް ނެގީމާ ސުޕްރީމްކޯޓުން ދޫކޮށްލަން އަމުރުކުރީމާ ދޫކޮށްނުލީ ކީއްވެގެންތޭ؟ ތަމެންގެ ބޮލަކީ ހަމައެކަނި ފުނާއަޅަން ހުންނަ އެއްޗަކީތޭ؟
ފޮތް
15 February 2018
މިހާރު ޓީބީ ފެތުރެނީ ބަންގާޅު މީހުންގެ ފަރާތުން... ފުރަތަމަ މިކަމަށް ހައްލެއް ގެނޭ
ޒަންޖަބީލު
15 February 2018
ތިކަމަކީ އޭގެ ޒާތުގަ ވަރަށް މުހިންމު ވަރަށް ރަނގަޅު ކަމެެއް.. އެކަމަކު ދެރައީ މިހާރުވެސް އަބްދުﷲ ޔާމީނޭ ކިޔާފަ ސިޔާސީ ކޮށްލިކަން.. ނޯތު ކޮރެއާ މީހުން ގަބޫލު ކުރާގޮތުގައި އެގައުމުގެ ލީޑަރ ކިމް ޖޮންގ އުން ވަނީ އެއިޑް ބަލީގެ ފަރުވާވެސް ހޯދާފަ..
ގާޒީ
15 February 2018
ޓީބީއެއްނޫން ފުރަތަމަ ނައްތާލާންވީއަކީ؟! ފުރަތަމަ ނައްތާލާބަލަ ކުއްލިހާލަތު މިކަން އެހެންހުރިހާކަމަކަށްވުރެން ބަލިމަޑުކަންބޮޑު.
ފުންއަސަރު
15 February 2018
ހަގީގަތުގާ މިހާރު ތީ ރާއްޖެއިން ނައްތާލެވިފާވާ ބައްޔެއް. ބަލީގެ ވައްތަރު އެނގި ބަލީގެ ބޭސްއެނގި ހުރިހާ ބޭހެއް ހަމަޔަށް ލިބި ބޭހުގެ ފަރުވާ ބަރާބަރަށް ކުރަމުން ދަންޏާ ތީ ހަމަ އަމިއްލައަށް ލިބިގަންނަ ހިތްދަތިކަމެއް. ޓީބީއަކީ ނޭނގި ޖެހުނަސް ވަރަށް ފަސޭހައިން ނައްތާލެވޭ ބައްޔެއް. ގަވާއިދުން ބޭސްކޭމާ ހަމަ ވަރަށް ހަބޭސް. މަށަށްވެސް ތިޔަބަލި ޖެހުނު. އެކަމު ޑޮކްޓަރުން ބުނިގޮތަށް ކަންކުރީމަ ވަރަށް އަވަހަށް ހުރިހާ ކަމެއް ނިމި ރަނގަޅު ވެއްޖެ. އެކަމު ތިކެންޕޭންގެ ދަށުން މެޑެލް ޖަހާލުމަކީ ނެތްކަމެއްނޫން.