ރިޕޯޓް / ރާއްޖެ ޓީވީ

ފުލުހުންގެ އަމާޒަކަށް އަނެއްކާވެސް ނޫސްވެރިން!

އަނިޔާވި ނޫސްވެރިޔަކަށް އެހީތެރިވަނީ: ނޫސްވެރިން ބުނަނީ ހާލަތާ ނުގުޅޭ ބާރު ފުލުހުން ބޭނުންކުރި ކަމަށް .---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އިއްޔެ ހަވީރު އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ ފެށިތާ މާ ގިނަ އިރެއްނުވެ ފުލުހުން ވަނީ މުޒާހަރާ ރޫޅާލައި އެމްޑީޕީ ހަރުގެ ކައިރިއަށް އެއްވި މީހުން އާޓިފިޝަލް ބީޗްގެ ތެރެއަށް ފަހަތަށް ޖައްސުވައިފަ އެވެ. އެ ހިސާބުން ފޯރި ގެއްލުނު މުޒާހަރާ އަނެއްކާ ހޫނުވީ ރޭ 9:30 ހާއިރު ގިނަ ބަޔަކު އާޓިފިޝަލް ބީޗަށް އެއްވުމުންނެވެ. އަދި އެ މީހުން ފަހަތަށް ޖައްސައި، ރޫޅާލަން ގިނަ އަދަދެއްގެ ފުލުހުން ގޮސް ބާރުގެ ބޭނުންކުރަން ފެށި އެވެ. އެހިސާބުން މުޒާހަރާގެ ބައިވެރިން މަގުތަކަށް ނުކުތީ އެވެ. އެ މަންޒަރުތައް ކަވަރުކުރަން ނޫސްވެރިން ވެސް ފަހަތުން ދިޔަ އެވެ.

ނޫސްވެރިންނަށް ފުލުހުން ފުރަތަމަ ހުރަސް އަޅާފައިވަނީ ކުރީގެ ދިޓީވީ ކައިރިންނެވެ. މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން މިސްރާބު ޖެހީ މަޖީދީމަގާއި ޗާނދަނީ މަގުގެ ކަންމައްޗަށެވެ. ނަމަވެސް ނޫސްވެރިން ކުރިއަށް ދާކަށް ފުރުސަތެއް ނުދިނެވެ. އެހިސާބުން ނޫސްވެރިން އެ ސަރަހައްދަށް ދާން ފެށީ އެހެން މަގުތަކުން ލައިގެންނެވެ

ފުލުހުންގެ އަމާޒަކަށް ނޫސްވެރިން ވާން ފެށީ ބޮޑު ދެ މަގުގެ ހަތަރު އަގޮނޅި ކަންމަތީގައި މުޒާހަރާ ކުރާ މަންޒަރު ދައްކައި، ކަން ވަމުން އަންނަ ގޮތް ކިޔައިދޭން ފެށުމުންނެވެ. މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށް ވުރެ ބޮޑަށް ފުލުހުން ދެން ސަމާލުކަން ދިނީ ނޫސްވެރިން ފަހަތަށް ޖައްސާށެވެ. އަގުބޮޑު އިކުއިޕްމެންޓް ހިފައިގެން ތިބި ނޫސްވެރިން ގަޔަށް ޕެޕާ ސުޕްރޭ ޖަހައި ނޫސްވެރިން ކޮއްޕާ ފަހަތަށް ޖައްސަން ފެށި އެވެ.

މުޒާހަރާ ކުރި ސަރަހައްދުން މީޑިއާ ދުރުކުރަން ފުލުހުން ހަރަކާތްތެރިވަނީ: ބައެއް ނޫސްވެރިންނަށް އަނިޔާވި .---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ރޭގެ މުޒާހަރާގައި ހަރަކާތްތެރިވި 15 ވަރަކަށް ނޫސްވެރިންނަށް ވެސް ޕެޕާސުޕްރޭގެ އަސަރު ވަރަށް ބޮޑަށް ކުރި އެވެ. ބައެއް ނޫސްވެރިން ބުނާ ގޮތުގައި އެކަން ކުރީ ފުލުހުން ހަމަ ގަސްދުގަ އެވެ.

މުޒާހަރާގެ ބައިވެރިން މަޖީދީމަގުގައި އަޑުއުފުލަމުން ދިޔައިރު ފުލުހުން ވަނީ މީޑިއާތައް މަޖީދީ މަގުން ފަހަތަށް ޖައްސައި އެކި ގޯޅިތަކަށް ވައްދާފަ އެވެ. މުޒާހަރާ ކުރާ މީހުން ނުފެންނަ ގޮތަށް އަދި އެ މަންޒަރުތައް ކެމެރާކޮށް/ފޮޓޯ ނުނެގޭ ގޮތަށް ތިން ފަހަރެއްގެ މަތިން ތިން ގޯޅިއެއްގެ ތެރެއަށް ނޫސްވެރިން ވެއްދި އެވެ. އެހިސާބުން މުޒާހަރާ ކަވަރު ކުރުމުގެ ފުރުސަތު ގެއްލުމުން އެހެން މަގަކުން ލައިގެން އެ ސަރަހައްދަށް ދެވޭތޯ ނޫސްވެރިން މަސައްކަތް ފެށި އެވެ. އެކަމާ ފުލުހުން ރުޅިގަދަވެ ނޫސްވެރިންނާ ދެކޮޅަށް އިތުރަށް ބާރުގެ ބޭނުން ކުރަން ފެށި ތަން ފެނުނެވެ.

އެގޮތުން ކެމްޕަސް ފިހާރަ ކުރިމަތީގައި މުޒާހަރާ ކަވަރު ކުރަމުންދިޔަ ނޫސްވެރިން ބާރަށް ކޮއްޕާ ފަހަތަށް ޖެއްސުމުގައި ހާލަތާ ނުގުޅޭ ބާރު ފުލުހުން ބޭނުންކުރި ކަމަށް ނޫސްވެރިން ގަބޫލުކުރެ އެވެ. ޕެޕާ ސުޕްރޭ އަސަރު ކުރުމުން މޫނު ދޮވުމަށް ޒިކުރާ މިސްކިތާ ހިސާބު މަޖީދީ މަގުގައި ބައެއް ނޫސްވެރިން މަޑުކޮށްގެން ތިއްބެވެ. އަނެއް ބައި ނޫސްވެރިންގެ ފަޔަށާއި ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާވުމުން އެހިސާބުގައި އިށީނދެ ތިބީ އެވެ. އޭރު އެ ހިސާބުގައި މުޒާހަރާގެ ބައިވެރިންނެއް ނެތެވެ.

ސަރުކާރާ ދެކޮޅަށް އިދިކޮޅު ހަރަކާތުން ރޭ ކުރި މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކުރުމުން ނޫސްވެރިޔަކު ވެއްޓިފައި. .---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ކުއްލިއަކަށް އަނެއްކާވެސް އެ ހިސާބަށް ގިނަ އަދަދެއްގެ ފުލުހުން އައިސް އެސަރަހައްދުން ވެސް ދުރަށް ދާން ނޫސްވެރިންނަށް އެންގި އެވެ. ފަޔަށް ތަދުވެފައިވާ ނޫސްވެރިންނަށް ރަނގަޅަށް ނުހިނގޭތީ ވަގުތު ދޭން ނޫސްވެރިން އެދުނެވެ. އަދި ކެމެރާތަކާއި ޓުރައިޕޮޑް ފަދަ އިކްއިޕްމެންޓްތައް ހުރުމުން މަޑުމަޑުން ފަހަތަށް ޖެހޭނެ ކަމަށް ވެސް ނޫސްވެރިން ބުންޏެވެ. ނަމަވެސް ފުލުހުން އެ އަޑުއެހުމެއް ނެތި ނޫސްވެރިން ކޮއްޕާ ހެދީ އެވެ.

ފަހަތަށް ޖެހެމުން ދިޔަ ނޫސްވެރިން އެ ވަގުތު ވެސް މުޒާހަރާގެ ލައިވް ކަވަރޭޖް ދިނެވެ. އެ ހިސާބުން ފުލުހުން ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަން އާއި ވީޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ހައްޔަރުކުރި އެވެ. އެ ނޫސްވެރިން ހައްޔަރުކުރުމުގެ ތެރޭގައި އެމީހުން މަގުމައްޗަށް ވެއްޓުނެވެ. ނަމަވެސް އެ ނޫސްވެރިންނަށް ފަހުން ވީ ގޮތް އެނގޭ ވަރަށް ވުރެ ދުރަށް އެހެން ނޫސްވެރިން ގެންދިޔަ އެވެ.

ހައްޔަރުކުރި ދެ ނޫސްވެރިން ފިޔަވައި ދެން ތިބި ނޫސްވެރިން ފަހަތަށް ޖައްސަމުން ގެންގޮސް ވެއްދީ ޖުމްހޫރީ ޕާޓީގެ ޖަގަހަ މ. ކުނޫޒުގެ ތެރެއަށެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި އޭޑީކޭ އަށް ގެންދަން ފުލުސް އޮފީހުގެ ތެރެއިން ނެރެ ހުސެން ފުލުހުންގެ ކާރަށް އެރުވި ވަގުތު އޭނާ އޮތީ ހުއްޓުން އަރާފަ އެވެ. އަނގަ ހުޅުވި ދޫ ބޭރަށް ނުކުމެފަ އެވެ.

ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސެއިން އޭޑީކޭގައި ފަރުވާ ދެނީ.

ހުސެންގެ ގާނޫނީ ވަކީލް މަހްފޫޒް ސައީދު ވިދާޅުވީ ހުސެން ފުލުހުންގެ މައި އިދާރާއަށް ގެންދިޔަ އިރު އޭނާއަށް ވަނީ އަނިޔާކޮށްފައި ކަމަށެވެ. ހުސެންގެ ހޭނެތްއިރު ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސް ދިނީ އެތައް ފަހަރަކު އެދުމުން ކަމަށް ވަކީލް ވިދާޅުވި އެވެ.

"ހަމަ ހެޔެއް ނެތް. ވަކީލުން ތަކުރާރުކޮށް އެދުމުން ވެސް ހޮސްޕިޓަލަށް ގެންގޮސް ދިނީ އެތައް އިރެއް ފަހުން، މަތިން ހުއްދަ ލިބިގެން،" މަހުފޫޒް ވިދާޅުވި އެވެ.

ރާއްޖެ ޓީވީން ތުހުމަތުކުރާ ގޮތުގައި ހުސެއިނަށް ފުލުހުން ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ. އޭނާގެ ވާތް ފަރާތު އަރިކައްޓާ ދިމާލުގައި ޖަހާފައިވާ ކަން އެނގޭ ނިޝާންތަކެއް ފެންނަން ހުރިއިރު، އެ ތަން ވަނީ މަށައިގެން ގޮސްފަ އެވެ.

"ހަށިގަނޑުގެ ބޭރުން އަނިޔާ ލިބިފައި ހުރި ކަމުގެ ނިޝާންތައް އެބަހުރި. ހުސެއިންގެ ހަށިގަނޑުގެ ބައެއް ތަންތަނުން މަށާލާފައި ހުރީ. އެއްޗަކުން ޖަހާފައި ހުރި ކަމުގެ ނިޝާން އެބަހުރި،" ރާއްޖެޓީވީގެ ސީއޯއޯ ހުސެން ފިޔާޒް މޫސާ ވިދާޅުވި އެވެ.

ރޭ ގެ މުޒާހަރާ ކަވަރު ކުރަން މަސައްކަތް ކުރި އަވަސްގެ ނޫސްވެރިޔާ ނާޒިމް ހަސަން ބުނީ ނޫސްވެރިންނަށް އަމާޒުކޮށްގެން އެކަށީގެންނުވާ ބާރުގެ ބޭނުން ފުލުހުން ކުރި ކަމަށެވެ. ނޫސްވެރިންގެ ގަޔަށް ޕެޕާ ސުޕްރޭ ޖަހައި އަނިޔާކުރީ ވެސް ފުލުހުން ބުނި ގޮތަށް ފަހަތަށް ޖެހެމުން ދަނިކޮށް ކަމަށް ވެސް އޭނާ ބުންޏެވެ.

"ފުލުހުން ބުނި ގޮތަށް ފަހަތަށް ޖެހެމުން ދަނިކޮށް ނޫސްވެރިންނަށް އަވަގުރާނަ ގޮވާ ފުލުހުން ހެދީ. ރޭގައި ހަމަ ނޫސްވެރިންނަށް އަމާޒުކޮށް ފުލުހުން އެކަށީގެން ނުވާ ބާރުގެ ބޭނުންކުރީ،" ނާޒިމް ބުންޏެވެ.

ބައެއް ނޫސްވެރިން ގަބޫލުކުރަނީ ފުލުހުންގެ އަމާޒަކަށް ނޫސްވެރިން ހެދީ މުޒާހަރާ ލައިވްކުރާތީ އެކަން ހުއްޓުވަން ކަމަށެވެ.

އެކަމަކު ފުލުހުންނަކީ އެ ވާހަކަ ގަބޫލުކުރާ ބައެއް ނޫނެވެ. އަބަދުވެސް ފުލުހުން ބުނަމުން ދާ ގޮތަށް މިފަހަރު ވެސް ބުނީ އެއްވުން ކަވަރުކުރަން ހަރަކާތްތެރިވި ބައެއް ނޫސްވެރިންގެ އަމަލުތައް ހުރީ މުޒާހަރާގެ ބައިވެރިންނާ އެއްހަމައެއްގައި ކަމަށެވެ. މިއީ އަނިޔާކުރުމަށް ފަހު ކުރިން ވެސް ފުލުހުން ދައްކަމުން އަންނަ އާންމު ވާހަކަ އެވެ.

10 ކޮމެންޓް, 61 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 8%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޯލްޑިވިއަންސް

18 February 2018

ވަރަށް އުނދަގޫވޭ މިހާރު ކޮންމެ ރެއަކު އެލަވާ ހަޅޭކުން. މިސަރުކާރާ މެދު ހިތްހަމައެއް ނުޖެހޭ އަޅުގަނޑުމެންވެސް އެކަމަކު އެއަށްވުރެ މާ މުހިންމު އަޅުގަނޑުމެންގެ ތުއްތު ދަރިން. ލަވާ ހަޅޭކުން ރޭގަނޑު އެއްގޮތަކަށްވެސް ނުނިދޭ. ބައެއްް ރޭރޭ ދަންވަރުވެސް ހަޅޭއްލަވަމުން މަގުތަކުގައި ދުއްވާ. ބައެއް މީހުން ކުރާނެ ކަމެއްނެތިގެން މިގޮތަށް ވައިވެގެން އުޅުނަސް އަޅުގަނޑުމެން ވަޒީފާއަށްދާ މީހުން ތިބެން މިޖެހެނީ ހާސްކަމެއްގެ ތެރޭ. ދަރިން ހޭލައިގެން ރޮއެ ހަދާތީ. ސްލީޕް ސަރކަލް މުޅިން ބަދަލުވެއްޖެ. އަޅުގަނޑުމެންނަށް ރެސްޓެއް ނުލިބޭ. ވަޒީފާއަށް ދާންމިޖެހެނީ ނިދި ހަމަ ނުކޮށް، ވަރުބަލިކަންމަތީ. އަނެއްކާ ގެއަށްއައިސް ދަރިންގެ ކަންތަކުގަ އުޅެފަ ރޭގަނޑު މުޒާހަރާތަކުގެ އަޑާހެދި ހިތް ނުތަނަވަސްވެފަ. ޑިޕްރެޝަންއަށް ދާ ހިސާބުގަ ގިނަ މީހުން މިތިބީ.

The name is already taken The name is available. Register?

ޖުހާ

17 February 2018

ނޫސްވެރިޔާއަށް ފަރުވާދޭން އެންމެފަހަރަކު ދެކޮޅުހެދިޔަސް އެއީ ވަރަށް ދެރަމައްސަލައެއް، މިކަމުގައުޅުއްވާ ފުލުހުންނާ ސިފައިން އަރިކހުން ތިކަން ތިގޮތަށް ނުކުރުމަށް ގޮވާލަން.

The name is already taken The name is available. Register?

ހާސަރު

17 February 2018

މިއަދު މިގައުމުގެ ރައްޔިތުންނަށްޓަކާ ހިތްވަރު ގަދަ ނޫސްވެރިން ކޮށްދޭ މަސައްކަތް ދުނިޔެ އޮތްހާ ދުވަހަކު ތާރީޚްގައި ލިޔެވިފާ ހުންނާނެ . ފުލުހުންނަށް އެންމެ އުދަގޫވަނީ ތެދުބަހުން ކަންހިގާގޮތް ނޫސްވެރިން ކިޔާދޭތީ. މިގައުމުގައި މިހާރު ދިމާވެގެން އުޅޭމައްސަަލައަކީ ބަލަ ނޫސްވެރިންނެއްނޫން އިގޭތޯ. މައްސަލައަކީ ގާނޫނު އަސާސީ އާއި ދިމާ ޚިލާފަށް ސަރުކާރާއި ސަލާމަތީ ޚިދުމަތްތަކުން އަމަލުކުރާތީ.

The name is already taken The name is available. Register?

ދައިތަ

17 February 2018

މިއީ އެއް ނަސްލެެއްގެ، އެެއް ގައުމެއްގެ، އެއް ދީނެެއްގެ ބަޔެއް! ފުލުހުންގެ ހެދުމުގަ، ދަގަނޑު ދަހަނާ އަޅައިގެން ތިބެ އެއްވެސް ހަތިޔާރެއް ނެތް ޒުވާން ނޫސްވެރިންތަކަކަށް ހަމަލާ ދީ އަނިޔާ ކުރުން ބަލައެއް ނުގަނެވޭނެ. އިންސާނިއްޔަތުކަން އިސްކޮށް ރައްޔިތުން އިހްތިރާމުކުރާ ބަޔަކަށް ފުލުހުން ވާންޖެހޭ. ޤާނޫނާ ޚިލާފު، ސިޔާސީ އަމުރުތަކަށް ތަބާނުވެ ފުލުހުންގެ ޒިންމާ އަދާކުރައްވާ! އަނިޔާ ލިބުނު ނޫސްވެރިންގެ ހިތްވަރަށް ސާބަސް. އަވަސް ޝިފާ އެދެން.

The name is already taken The name is available. Register?

ހުސޭނު

17 February 2018

ތީ ނޫސް ވެރިންނެއް ނޫން. ދޮގުވެރިން.

The name is already taken The name is available. Register?

ފިތުނަވެރިކަމާ މަ ދެކޮޅު

17 February 2018

ފިތުނަ އުފައްދަން ތިކުރާ މަސައްކަތް ނާކާމިޔާބު ކުރައްވާ، ފިތުނަވެރިން ބަލިކަށި ކުރައްވާ ފާންދޭ. އާމީން

The name is already taken The name is available. Register?

ކެނެރީ

17 February 2018

މަވެސް ދެކުނިން ތި ނޫސްވެރިން ތެޅުނު ވައްތަރު. ލަދުން ބޯ ހަލާކު. ހާދަ ނާތަހުޒީބު ބަޔެކޭ...

The name is already taken The name is available. Register?

އަކުނިވައި

17 February 2018

އެންމެންގެ ފައި އަކުނިވަޔަށް ދަމައިގެން މިއުޅެނީ ކީއްވެ؟

The name is already taken The name is available. Register?

ފަންސަންގަ

17 February 2018

ގައުމުގެ މަސްލަހަތު ގެއްލުވާލާ ކޮންމެ ފަރާތަކާ މެދުވެސް ފިޔަވަޅު އަޅަންޖެހޭނެ. އެއިން އިސްތިސްނާވާނެ ފަރާތެއް ހުރެގެން ނުވާނެ.

The name is already taken The name is available. Register?

ސަމާސާ

17 February 2018

ގައުމުގެ މަސްލަހަތު ގެއްލުވާ ފިތުނަވެރިކޮށް ހަދަނީ ޔާމީނާއި އޭނާގެ ބައިވެރިން. އެކަން ﷲ ހެކިވެ ވޮޑިގެންވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454