މިނިސްޓަރު އާސިމް، އީޔޫގެ ސަފީރާ ސަލާމް ކުރައްވަނީ. - ފޮޓޯ: ފޮރިން މިނިސްޓްރީ
20 ފެބުރުއަރީ 2018 - 12:28
ރާއްޖޭގެ ގާނޫނުއަސާސީ ނަގަހައްޓާނެ ކަމުގެ ޔަގީންކަން، ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް އިއްޔެ ދެއްވައިފި އެވެ.
އީޔޫ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތުން ލައި މާގިއުއާ މިނިސްޓަރު އާސިމް ބައްދަލުކުރައްވައި، ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ސިޔާސީ މަސްހަރުގައި ހިނގަމުން އަންނަ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. އަދި ރާއްޖެ އާއި އީޔޫއާ ދެމެދު އޮތް ގާތް ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރު ވަނީ އީޔޫ އިން ރާއްޖެ އަށް ދެމުން އަންނަ އެއްބާރުލުން ފާހަގަ ކުރައްވައި، އެ ގުޅުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
މީގެއިތުރުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ގާނޫނުއަސާސީ ނެގެހެއްޓުމަށް މަސައްކަތް ކުރާނެ ސަރުކާރެއް ކަމަށް އާސިމް ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޖަލު ހުކުމްގައި ތިއްބެވި އިދިކޮޅު ސިޔާސީ ނުވަ ބޭފުޅަކު މިނިވަން ކުރުމަށާއި، މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުން އެ މަގާމުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 1 ގައި ކުރި އަމުރުގެ ތަންފީޒު ކުރުމަށް އީޔޫ އިން ވަނީ ރާއްޖެ އަށް ގޮވާލައިފަ އެވެ. އެކަމަކު، ފަހުން އެ ކޯޓުން ވަނީ އަމުރުގެ އެ ބައިތައް ބާތިލްކޮށްފަ އެވެ.
ސަރުކާރުން ކުއްލި ހާލަތު އިއުލާންކޮށް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމުން އީޔޫ އިން ވަނީ އެކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ސިޔާސީ ލީޑަރުންނާއި ފަނޑިޔާރުން ވަގުތުން ދޫކޮށްލުމަށް ގޮވާލައި، ކޮންމެ ރެއަކު މާލޭގައި ދަނީ މުޒާހަރާ ކުރަމުންނެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައި ވަނިކޮށް، ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުވުމަށް އީޔޫ ގައުމުތަކުގެ ސަފީރުންތަކެއް ދާދި ފަހުން ރާއްޖެ ވަޑައިގަތެވެ. އެ ސަފީރުން އެ ފަހަރު ބައްދަލު ކުރެއްވީ ހަމައެކަނި އިދިކޮޅު ފަރާތްތަކާ އެވެ. ސަރުކާރުން ބުނި ގޮތުގައި އެ ސަފީރުން ފުރާވަޑައިގަތީ ވަޒީރުންނާ ބައްދަލުކުރައްވަން ވަގުތު ދެއްވާފައި ވަނިކޮށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލާ މީހެއް
20 February 2018
ތިޔައީކީ ރައީސް މީހާ ބުނި ވަހަކައެއްނޫން . ފޮރިން މިނިސްޓަރ ދެއްކެވި ވަހަކައެއްވީމާ ތިޔަކަން ހިނގަނެ ކަމަކަށް ގަބޫލެއް ނުކުރަން
ނަނަނނަ
20 February 2018
އެއްވެސް ބާރެއް ނެތްބަޔަކާ ވާހަކަ ދައްކަވަނީ ...
މުދިމްބެ
20 February 2018
މިހާރު ތިޔައޮތީ ހަތަރެސްކަން ހަމަވެފަ.. މަނިކުފާނު ދެން ސަލާމަތް ބޭނުމިއްޔާ އަވަށް އިސްތިއުފާ ދެއްވިއްޔާ ރަގަޅުވާނީ. އަދިފަހުންވެސް މިނިސްޓަރުކަމެއް ލިބިދާނެ..
ގުންތުރަ
20 February 2018
ޤާނޫނު ތިޔައޮތީ ދެމެހެއްޓިފަ.. ދެން އޮޅާލާ.
ޤާނޫނު
20 February 2018
ޤާނޫނޭ!!!! މިވެރިން ހިތައް އަރާ ގޮތް އެއީ ޤާނޫނު އެވަރިހަމަ ޤާނޫނުގަ އަސްލު އޮތްގޮތާ ދިމާ އިދިކޮޅުވިޔަސް.. ދެން އާޒިމާ ޝުކޫރާ އަނިލް އަރާފަ ބަހެއް ބުނެލީމަ އެވީ ސުޕުރީމޖކޯޓުގެ ހުކުމަކަށް ވުރެއް މަތީ ހުކުމަކަށް. އެއީ އެ ބުނާ ޤާނޫނަކީ
މުޙަންމާކަލޯ
20 February 2018
ދިވެހިރާއްޖޭގައި މިސަރުކާރު ދިވެހި ދައުލަތް ހަވާލުވިފަހުން ކޮންކަމެއް ދިޔަޔީ ކަނޑައެޅިގެން ޤާނޫނާ ހިލާފަށް. ހިކުމަތްތެރި ރައީސް ޔާމިނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ، ކަނޑުކޮހުން ދައްކާ ހާ ވާހަކައަކަށް އަދި ޖަހާހާބެރަކަށް ނަށާނެ ވެރިއެއްނޫން މީކީއެއް ... ޔަޤީން 2018
ސަމަންތާ
20 February 2018
މައުމޫނު ޖެހި ދަލުގައި ޔާމީނު ހަމަ ރަނގަޅަށް ޖެހިއްޖެއެވެ. ސަލާމަތް ވާނޭ ހަމަ އެއްގޮތެއްވެސް ނެތެވެ. ތެޅުނުވަރަކަށް ހަންދިއުން ނޫން ކަމެއް ނެތެވެ.
ޢަހަރެން
20 February 2018
އެހެރަ ނަގަހައްޓަނީ އެއްނު ގާނޫނު.. ގާނޫނު ނަގާ ކޮޅައްޖަހާފަ އޭގަ ދަވާދު ލައިގެން އެތިބެނީ
ސިއާ
20 February 2018
އެއީ އަނެއްކާ ކޮންގާނުނެއްގެ ވާހަކަތޯ? އެއީ ވެރިމީގެ އަމިއްލަ ގާނޫނު ނަގަހަށްޓާ ވާހަކަތޯ? އާޚިރުގައި ސަލާމަތްވާނީ ތެދު ހެދުމުން.
އަދީބު
20 February 2018
ޤާނޫނު ހަދާފައި ވަނީ ނަގަހައްޓާށެވެ. އޮބަހައްޓާކަށް ނޫނެވެ. އެއްވެސް ބަޔަކު އޮބަހައްޓާކަށް ނުވެސް ބުނާނެތެވެ. އަދި ނުވެސް ބުނެވޭނެއެވެ. އީޔޫ އިން ވެސް އެ އަހަނީ ޤާނޫނު އޮބަހައްޓާތަން ފެންނާތީއެވެ. ނަގަހައްޓާނަމަ ޝައްކެއް ނުކުރާނެއެވެ.