ޔޫރަޕުން ވިސާ ހޯދުމުގައި ލުއި ގޮތެއް ހޯދަނީ

އީޔޫގެ ގައުމުތަކަށް އެކްސްޕޯޓް އިތުރު ކުރުމަށާއި ވިޔަފާރިވެރިންނަށް ހުރި ފަހި ފުރުސަތުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކުން ވިސާ ހޯދުމުގައި ލުއި ގޮތެއް ހޯދުމާ ގުޅޭ ގޮތުން އެ ގައުމުތަކުގެ މަންދޫބުންނާ އެކު ދިވެހި ސަރުކާރުން މަޝްވަރާ ކޮށްފައިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އިއްޔެ ވިދާޅުވެއްޖެ އެވެ.


ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އާސިމް ވިދާޅުވީ ބަނޑޮސް އައިލެންޑް ރިސޯޓުގައި އިއްޔެ ނިމުނު ރާއްޖެ-އީޔޫ ޕޮލިސީ ޑައިލޮގްގައި މަޝްވަރާ ކުރި އެންމެ މުހިންމު ކަމަކީ އީޔޫގެ ގައުމުތަކަށް ދަތުރު ކުރުމަށް ފަސޭހަކަމާއެކު ވިސާ ލިބޭނެ ގޮތްތަކާ ގުޅޭ ގޮތުން ކަމަށެވެ.

އާސިމް ވިދާޅުވި ގޮތުގައި މިހާރަށް ވުރެ ލުއި ގޮތަކަށް ވިސާ ލިބޭނެ ގޮތެއް ހަމަޖެހިއްޖެ ނަމަ، އެއީ ރާއްޖެ އަށް ލިބޭނެ ކުރިއެރުމެކެވެ. އަދި އެކަމާ ގުޅޭ ގޮތުން ވަރަށް ހުޅުވާލެވިފައި އޮތް މާހައުލެއްގައި މަޝްވަރާ ކުރެވުނު ކަމަށް އާސިމް ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ޖަރުމަނު ވިސާއެއް ހޯދަން ދަތުރު ކުރަން މި ޖެހެނީ ކޮލަމްބޯ (ސްރީލަންކާ) އަށް. އެހެން މި ވަނީ އީޔޫގެ އެމްބަސީއެއް (ރާއްޖޭގައި) ނުހުންނާތީ. ނަމަވެސް ވަރަށް ގިނަ (ބޭރުގެ) ސަފީރުން (ވިދާޅުވި) ވިސާ ކަންތަކުގައި ވެދެވެން އޮތް އެހީތެރިކަމެއް ވެދެއްވާނަމޭ،" އާސިމް ވިދާޅުވި އެވެ.

މީގެ އިތުރުން އީޔޫގެ ގައުމުތަކަށް އެކްސްޕޯޓް އިތުރު ކުރުމަށާއި ވިޔަފާރިވެރިންނަށް ހުރި ފަހި ފުރުސަތުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. އާސިމް ވިދާޅުވި ގޮތުގައި އެކަމުން ވެސް އެނގެނީ ރާއްޖޭގެ ތަރައްގީއަށާއި އީޔޫ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހި ކުރަން ބޭނުންވާ ވަރެވެ.

ބަނޑޮސް ރިސޯޓުގައި އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުން. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އާސިމް ވިދާޅުވީ ރާއްޖެ އާއި އީޔޫއާ ދެމެދު މަޝްވަރާތައް ނިމިގެން ދިޔައީ ވަރަށް އެކުވެރި މާހައުލެއްގައި ކަމަށާއި ދެ ފަރާތުން ވެސް އެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އެ ގޮތުން މި ބައްދަލުވުމުގައި އެންވަޔަރްމަންޓް މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލް އޮފީހުން ކަރުދާސްތަކެއް ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގޮތުން ސަރުކާރަށް ލިބިފައި ހުރި ކާމިޔާބީތަކާއި ކުރި މަސައްކަތްތަކާއި ގާނޫނުތަކަށް އައިސްފައި ހުރި ބަދަލުތަކާއި ތަރައްގީގައި ކުރެވިފައި ހުރި މަސައްކަތްތައް ހިއްސާ ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ-އީޔޫ ޕޮލިސީ ޑައިލޮގްގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރީ އިޖުތިމާއީ ދާއިރާ، މަސްވެރިކަމުގެ ދާއިރާ އަދި ތިމާވެއްޓާ ބެހޭ ދާއިރާއާ ގުޅޭ ގޮތުންނެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހާލަތު ދެނެގަތުމަށް ރާއްޖެ އައިސް އުޅޭ އީޔޫގެ ވަފުދުގައި އިނގިރޭސި ވިލާތާއި ޕޮލެންޑާއި އަޔަލެންޑާއި ޖަރުމަނާއި އިޓަލީ އާއި ފްރާންސް އަދި ސްވިޑްންގެ ސަފީރުން ހިމެނެ އެވެ. ރާއްޖެ އާއި އީޔޫއާ ދެމެދު މަޝްވަރާ ބައްދަލުވުންތައް ފެށީ 2015 ގަ އެވެ. މި ބައްދަލުވުން އަންނަ އަހަރު ވެސް އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.