ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކުގެ ސަފީރުން ހިމެނޭ ވަފުދާއެކު، ދިވެހި ސަރުކާރުގެ އިސްވެރިން ބާއްވާ ތިންވަނަ މަޝްވަރާ ބައްދަލުވުން މިއަދު ފަށައިފި އެވެ.
ބަންޑޮސް އައިލެންޑް ރިސޯޓުގައި ފެށި މި ބައްދަލުވުމުގައި އީޔޫގެ ބޮޑެތި ގައުމުތަކުގެ ނުވަ ސަފީރުން ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި ސަރުކާރުގެ ބައެއް ވަޒީރުންނާއި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ބޭރު ގައުމުތަކަށް ރާއްޖޭން ކަނޑައަޅާފައިވާ ސަފީރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
މަޝްވަރާ ބައްދަލުވުން ފެށުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވީ ރާއްޖެ-އީޔޫ ޕޮލިސީ ޑައިލޮގްގެ ބޭނުމަކީ ތަފާތު އެކި ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ކަމަށެވެ. ހާއްސަކޮށް އިޖުތިމާއީ ދާއިރާ، މަސްވެރިކަމުގެ ދާއިރާ އަދި ތިމާވެއްޓާ ބެހޭ ދާއިރާއާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބައްދަލުވުމުގެ މުހިންމުކަން ފާހަގަ ކުރައްވަމުން އާސިމް ވިދާޅުވީ ރާއްޖެ އާއި އީޔޫ ގުޅިގެން ތިމާވެއްޓާ ބެހޭ ދާއިރާގާއި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"ވީހާ ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނީ. އަޅުގަނޑުމެންގެ ފަރާތުން އީޔޫއާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތަކާއި އަމަލީ ގޮތުން ކުރާނެ ކަންތައްތަކާ މެދު ވެސް މަޝްވަރާ ކުރާނެ،" އާސިމް ވިދާޅުވި އެވެ.
މީގެ އިތުރުން ކައުންޓާ ޓެރަރިޒަމްގެ ދާއިރާ އިން ވެސް ހުށަހެޅުންތަކެއް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކެކޭ އެއްގޮތަށް ރާއްޖެ އަށް ވެސް އެންމެ ބޮޑަށް ދިމާވެފައި އޮތް މައްސަލައަކީ ޓެރަރިޒަމްގެ މައްސަލަތަކެކެވެ.
މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ މި ބައްދަލުވުމުގައި އާސިމްގެ އިތުރުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް، ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރާއި ފިޝަރީޒް މިނިސްޓަރު ޑރ.މުހައްމަދު ޝައިނީ ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
އީޔޫގެ ގައުމުތަކުގެ ސަފީރުން ހިމެނޭ ވަފްދުން ވަނީ އިދިކޮޅު ފަރާތްތަކާ ވެސް ރޭ ބައްދަލުކޮށްފަ އެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހާލަތު ދެނެގަތުމަށް ރާއްޖެ އައިސް އުޅޭ އީޔޫގެ ވަފުދުގައި އިނގިރޭސިވިލާތާއި ޕޮލެންޑާއި އަޔަލެންޑާއި ޖަރުމަނާއި އިޓަލީ އާއި ފްރާންސް އަދި ސްވިޑްންގެ ސަފީރުން ހިމެނެ އެވެ. ރާއްޖެ އާއި އީޔޫއާ ދެމެދު މަޝްވަރާ ބައްދަލުވުންތައް ފެށީ 2015 ގަ އެވެ.