ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި މޫސަ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
20 ފެބުރުއަރީ 2018 - 23:44
އިޚުލާސްތެރި މެމްބަރުންނާއެކު ރައްޔިތުން މަޖިލީހުގެ އަޣުލަބިއްޔަތު އަލުން ސަރުކާރަށް ހޯދާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ "ރުމާލު 2" ގައި ބޭއްވި ޖަލްސާގައި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސަ އެހެން ވިދާޅުވިއިރު، މިދިޔަ ހަތަރު އަހަރު މަޖިލީހުގައި އޮތް ސަރުކާރުގެ ބޮޑު އަޣުލަބިއްޔަތު ގެއްލި، ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުންގެ އަދަދު ވަނީ 41 އަށް ދަށްވެފަ އެވެ. އެއީ، ޕީޕީއެމްގެ 36 މެމްބަރުންނާއި އެމްޑީއޭގެ ފަސް މެމްބަރުންނެވެ. ނަމަވެސް ސަރުކާރާ އިދިކޮޅު ޕާޓީތަކުގެ މެމްބަރުންގެ އަދަދު 44 އަށް އިތުރުވެ، އިދިކޮޅު ފަރާތްތަކުން މިހާރު ވަނީ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދައިފަ އެވެ.
މިރޭގެ ޖަލްސާގައި، އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސަ ވިދާޅުވީ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް މިވަގުތަށް ނެތް ނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށެވެ. އެކަމަކު އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކުރިމަގުގައި އެ އަޣުލަބިއްޔަތު ސަރުކާރުން ހޯދާނެ އެވެ.
"...އަޣުލަބިއްޔަތު ހޯދާނަން. އަޅުގަނޑުމެން އަޣުލަބިއްޔަތު ހޯދަން ބޭނުމީ އިޚުލާސްތެރި މެމްބަރުންނާ އެކީގައި. އަޅުގަނޑުމެން ބޭނުމެއް ނޫން ދެފުށަށް ކެނޑޭ މެމްބަރުންނާ އެކީގައި އަޣުލަބިއްޔަތު ހޯދާކަށް،" ޖޯޝާއި ފޯރީގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ނުގެއްލޭ ކަމަށާއި މިއަދުގެ ޖަލްސާ އިން އެކަން ސާފުވި ކަމަށެވެ.
މިރޭގެ ޖަލްސާގައި ނިހާން ވާހަކަ ދައްކަވަނީ.--- ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"ދެ ފެނު އެޅިފައި ތިބި 12 މެމްބަރަކާއި ގާސިމް ގެންގުޅޭ ހަތް މެމްބަރުންނާއި އޭނާގެ ގެއްލިފައިވާ ގޮނޑި އާއި ފާރިސްގެ ގޮނޑިއަކުން އަދި އަޅުގަނޑުމެންނަކަށް މެޖޯރިޓީއެއް ނުގެއްލޭނެ،" ނިހާން ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޖުލައި 11 ގައި ޕީޕީއެމާ ގުޅިވަޑައިގެންނެވި މޫސަ ވިދާޅުވީ، މަޖިލީހުގައި އެމްޑީޕީގެ 21 މެމްބަރުން ތިއްބަވައިގެން، އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގައި އެމަނިކުފާނު ކުރިން މަސައްކަތްޕުޅު ކުރެއްވި ކަމަށެވެ. އަދި މައިނޯރިޓީއާއެކު ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެވޭނެ ކަން ފާހަގަ ކުރައްވަމުން މޫސަ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ހުންނަވަނީ "ހެވިފައި" ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ކަންކަން ފާސްކުރުމަށް މިއަދު ބޭއްވި، މަޖިލީހުގެ ޚާއްސަ ޖަލްސާ އަށް އަލިއަޅުވާލައި މޫސަ ވިދާޅުވީ ވޯޓުލުމަށް ވަޑައިނުގަންނަވައި، ވޯޓަށް ޗެލެންޖު ނުކުރެވޭނެ ކަމަށެވެ. މަޖިލީހުގައި ވޯޓެއް ނަގާ ވަގުތު މެމްބަރުން މަޖިލީހުގެ ތަޅުމުގައި ތިއްބަވަން ޖެހޭނެ ކަމަށާއި މެމްބަރުން ވަޑައިނުގަތުމުގެ ސަބަބުން ރައްޔިތުންގެ ހައްގު ގެއްލޭ ކަމަށް މޫސަ ވިދާޅުވި އެވެ.
ދައުރުގެ ބޭރުން މިއަދު ހަވީރު ބޭއްވި ޚާއްސަ ޖަލްސާ އަށް އިދިކޮޅު މެމްބަރުން ވަޑައެއް ނުގަންނަވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
21 February 2018
މޫސައަކީ އެކްޓަރ އެއް، އެކި ފަހަރު އެކި ފިލްމަށް ކުރަން ޖެހޭނީ އެކި ކަހަލަ އެކްޓް
ރަންރީދޫ ޓުވިޓަރޭ
21 February 2018
ކޯޑިނޭޓަރޫ : ރ މޫސަބޭ އެއީ މަމެން ފޮނުވާފަ ހުރި އެޖެންޓެކޭ ބުނާކަށް މަމެން ނެތީމު.
ފަލީތާ
21 February 2018
އިއްޔެ އެ އޮތީ އިޚްލާޞްތެރިން ފެނިފަ ކަޅު ފައިސާ ބޭނުން ކުރާނެ މީހަކު ނުވިއެވެ. އެންމެންވެސް އިސްކުރީ ގައުމެވެ ރައްޔިތުންގެ މަސްލަހަތު ކުރިޔަށް ނެރެ ގައުމު އިސްކުރުމުގެ ނަތީޖާއެއްގެ ގޮތުން ބޮއްލަބެއަށް 43 ހަމ ނުވީއެވެ
ވަހީދު
21 February 2018
ކަލޭކުރަން ވީކަމަކީ އަނެއްކާވެސް މަގުމަތީގަ މޫނޭތިއީ ހިތްއެދޭ ކިޔާ ކޯޓެއް ހަދަންވީ އޭރުން ބަޔަކު ތިބޭނެ އަތްޖަހަން
އެމްސް
21 February 2018
މޫސަ އަށް ހޯދޭނީ މޫސަ ކަހަލަ މެމްބަރުން ކަމަށް ދެކެން
ބާބޫ
21 February 2018
ރީކޯ މޫސައަށްވުރެ އިޚްލާސްތެރިއެއް ދުނިޔެއަކު ނުހުންނާނެ
ފާތި
21 February 2018
މޫސަ އިހްލާސްތެރި މެންބަރަކަށް ވީ ގޮތް ކިޔައިދޭން ވީނު. އަތި ދިބުނާ އިހްލާސްތެރިކަން ބާޒާރުގަ ގަނެ ވިއްކާ އަގުވެސް ބުނަލެދެއްޗޭ.
މޫސަން
21 February 2018
އިޚްލާސްތެރިންނަކީ ޚިޔާނާތްތެރިންތަ؟ ނޫނީ ވައްކަން ކުރާމީހުންތަ؟ ރާއްޖޭގެ ކަންތައް ހުރިގޮތުން ހަމައޮޅުން އަރާތީ އަހާލީ.
އިންސާފް
21 February 2018
ކަލޭ ކޮންމެ ކަމެއްވެސް ކޮށްފާނެ. ކަލޭތީ މަގުމަތީގަ ކޯޓެއްވެސް ހެދިމީހެއް.
ރުމާ
21 February 2018
މިދެން މިހާރު ކާކުތަ