ފިއޮރެންޓީނާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ހިގުއައިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
16 ޖުލައި 2016 - 07:18
ޓިއުރިން (ޖުލައި 16) - ނަޕޯލީ އަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއައިން އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޔުވެންޓަސް އިން ވަނީ މި ފަހަރުގެ ޓްރާންސްފާގައި ރޯމާގެ މިރަލެމް ޖަނިޗާއި ބާސެލޯނާގެ ޑެނިއަލް އަލްވޭސްގެ އިތުރުން ބަޔާންގެ މެހެދީ ބެނާޝިއާ އެ ޓީމަށް ގެނެސްފަ އެވެ.
އުމުރުން 28 އަހަރުގެ ހިގުގައިން އަކީ މިިދިޔަ ސީޒަނުގައި އިޓަލިއަން ލީގުގެ އެންމެ މޮޅު ފޯވާޑެވެ. އޭނާ ވަނީ 35 މެޗުން 36 ލަނޑު ޖަހައިފަ އެވެ. އަލްވާރޯ މޮރާޓާ ކްލަބް ދޫކޮށް ދިއުމުން ޔުވެންޓަސް އިން ވަނީ އިތުރު ފޯވާޑެއް ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. މޮރާޓާގެ ބަދަލުގައި މިހާރު ޔުވެންޓަސް އިން ވަނީ ހިގުއައިން ގެންނަން ނިންމައިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ހިގުއައިން ގެންނަން ޔުވެންޓަސް އިން ވަނީ ނަޕޯލީ އަށް 30 މިިލިއަން ޕައުންޑްގެ އިތުރުން ދެ ކުޅުންތެރިއަކު ހުށަހަޅައިފަ އެވެ. މި ދެ ކުޅުންތެރިންނަކީ ރޮބާޓޯ ޕެރޭރާ އާއި ޑެނިއަލް ރުގާނީ އެވެ.
ހިގުއައިން އަށް ޔުވެންޓަސް އިން އަހަރަކު 8 މިލިއަން ޔޫރޯގެ މުސާރައެއް ދޭ ގޮތަށް ހަތަރު އަހަރުގެ އެއްބަސްވުމެއް ހުށަހަޅަން ވަނީ ނިންމައިފަ އެވެ.
އިނގިރޭސި ގަދަބާރު އާސެނަލުން ވެސް އަންނަނީ ހިގުއައިން އަށް ފާރަލަމުންނެވެ. އިނގިރޭސި މީޑީއާ ރިޕޯޓްތައް ބުނާގޮތުން މިދިޔަ ހަފްތާގައި ހިގުުއައިން ގަންނަން އާސެނަލުން ވަނީ ނަޕޯލީއާ އެކު މަޝްވަރާތައް ވެސް ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް އެއްބަސްވުމަކަށް އާދެވޭގޮތެއްނުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy