ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދަނީ.---ފޮޓޯ: މަޖިލިސް
26 ފެބުރުއަރީ 2018 - 18:49
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އަހާއިރު 43 މެމްބަރުން ހާޒިރުވެ ތިބެން ލާޒިމްނުވާ ކަމަށާއި ކުއްލި ހާލަތުގެ މުއްދަތު އިތުރުކުރަން މަޖިލީހުން ނިންމި ނިންމުން ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން މިއަދު ލަފާ ދީފި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު 30 ދުވަހަށް ދަންމަން މިދިޔަ ހަފުތާގައި މަޖިލީހުން ނިންމި ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުން އެގޮތަށް ލަފާ ދިނީ އެކަމުގައި އެ ކޯޓުން ލަަފައެއް ދިނުމަށް އެދި މަޖިލީހުން ހުށަހެޅުމުންނެވެ. އެ މައްސަލާގައި ލަފައެއް ދެވެންދެން ކުއްލި ހާލަތުގެ ގަރާރަށް އަމަލު ކުރަމުން ގެންދަން ސުޕްރީމް ކޯޓުން ކުރިން އޮތީ ވަގުތީ އަމުރެއް ވެސް ނެރެދީފަ އެވެ.
އެ މައްސަލާގައި ގޮތެއް ނިންމައި، ސުޕްރީމް ކޯޓުން ދިން ލަފާފައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރެއް މަޖިލީހުން ފާސްކުރަން ދުސްތޫރީ ގޮތުން ލާޒިމް ވެގެންވާ ގާނޫނީ އަދަދަކީ ގާނޫނުއަސާސީގެ 86 ވަނަ މާއްދާގައި ބުނާ ގޮތަށް ހަތަރު ބައި ކުޅަ އެއްބައި މެމްބަރުންނެވެ. އަދި އެފަދަ ގަރާރެއް ފާސް ކުރުމުގައި ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބުނާ ގޮތަށް، މަޖިލީހުގެ ދެ ބައި ކުޅަ އެއްބައި މެމްބަރުން ހާޒިރުވެ ތިބުން ގާނޫނީ ގޮތުން ލާޒިމް ނުވާ ކަމަށް ވެސް އެ ލަފާގައި ވެ އެވެ.
"ރައްޔިތުންގެ މަޖިލީހުން އެ ގަރާރު ފާސްކޮށް، އެ ގަރާރުގެ މުއްދަތަށް 30 ދުވަސް އިތުރުކޮށް ނިންމާފައިވާ ބަޔާން ވެދިޔަ ނިންމުންތަކަކީ ދުސްތޫރީ ގޮތުން ސައްހަ ނިންމުންތަކެއް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ،" އެ ލަފާގައި ވެ އެވެ.
ރައްޔިތުންގެ އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ފަދަ ކަންކަމުގެ ގޮތުގައި މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރު ނުހިމެނޭ ކަން ފާހަގަކޮށް، އެ ލަފާގައިވާ ގޮތުން އެ މާއްދާގެ ދަށުން ރައްޔިތުން އަމަލު ކުރުން ލާޒިމްވާ ކަންކަމުގެ ގޮތުގައި ހިމެނެނީ މަޖިލީހަށް ލިބިފައިވާ ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ހަދާ ޕަބްލިކް ލޯ އާއި ޕްރައިވެޓް ލޯގެ ދާއިރާގައި ހިމެނޭ ގާނޫނުތަކެވެ.
މީގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައީސް އަބްދުﷲ ޔާމީން ނެރުއްވި ގަރާރަކީ އޭގެ ޒާތުގައި ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކުރާ އާންމު އަދި މުޖައްރަދު ގާއިދާތަކެއް ހިމެނިގެންވާ ގަރާރެއް ނޫން ކަމަށާއި އެކަމަކު އެފަދަ ގަރާރެއް ތަންފީޒު ކުރުމުގެ ގޮތުން ހެދިފައިވާ ގާނޫނުތަކެއްވާ ނަމަ، އެ ގާނޫނުތަކަކީ ރައްޔިތުން އަމަލު ކުރުން ލާޒިމްވާ ގާއިދާތަކެއް ހިމެނޭ ގާނޫނުތަކެއް ކަމަށް ލަފާގައި ވެ އެވެ.
އެކަމަކު މަޖިލީހުން މިދިޔަ ހަފުތާގައި ނިންމި ނިންމުމުގައި، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ތަންފީޒު ކުރުމުގެ ގޮތުން ގާނޫނެއް ނުވަތަ ގަވާއިދެއް ވެސް ފާސް ކޮށްފައިވާ ނުވާތީ، މަޖިލީހުގެ ދެ ބައި ކުޅަ އެއްބައި މެމްބަރުން ތިބެގެން ވޯޓަށް އަހަންޖެހޭ ކަންކަމުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ނުހިމެނޭނެ ކަމަށް ވެސް ލަފާގައިވެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރަން މަޖިލީހުން ނިންމީ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ 38 މެމްބަރުންގެ ވޯޓުންނެވެ. އިދިކޮޅު ކޯލިޝަންގެ ހުރިހާ މެމްބަރުން މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކޮށްފައި ވާތީ، އެ ގަރާރަށް ވޯޓަށް އެހިއިރު މަޖިލީހުގެ 43 މެމްބަރުން ހަމައެއް ނުވެ އެވެ. އެހެންވެ، އިދިކޮޅު ކޯލިޝަނުން ބުނަމުން ގެންދިޔައީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ މެދު މަޖިލީހުން ނިންމި ނިންމުން ގާނޫނުއަސާސީއާ ޚިލާފު ކަމަށާއި ކުއްލި ހާލަތު މިހާރު އުވިފައިވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުހާ
27 February 2018
އަހުރެމެންނަށް ވަރަށް ސާފު މިޙަރުގެ ސުޕްރީމް ކޯޓު ހިގަމުން ދާގޮތް، ފަސް ފަނޑިޔާރުންގެ މިނިވަން ކަމާ އެކު އިއްވި ހުކުމެއް، އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް ދެ ފަނޑިޔާރަކު ހައްޔަރު ކޮއް މިލިޓަރީ ބާރުގެ ދަށަށް ރާއްޖޭގެ ސުޕުރީމް ކޯޓުގެނެސް ނެރޭ އަމުރުތަށް ސައްހަވާނެވަރު. ސވާލު އުފައްދާނެ އެއްވެސް ހައިސިއްޔަތެއް ނެތް.
ތަޖްރިބާ
27 February 2018
އަޅުގަޑު ނަމަ މި މައްސަލަގައި ހުކުމް ކުރާނީ ދިމާވި ހާލަތަށް އަމާޒު ކޮށެވެ.އެ ހާލަތަކީ މަޖްލީހުގެ ކޯރަމް ހަމަ ވިޔަ ނުދިނުމަށް ޤަސްދުގައި މެމްބަރުގެ ގެތެރެއިން ބަޔަކު އަމަލު ކުރުމުގެ ސަބަބުން 43 މެމްބަރުން ހަމަ ނުވުމުގެ ސަބަބުން އެ އަދަދަށް މެމްބަރުން ހަމަ ކޮށްގެން މަޖްލީސް ކުރިއަށް ގެންދެވޭނެ އެއްވެސް ފުރުސަތެއް ނެތް ހާލަތަކަށް މިހާލަތު ވެފައިވާތީ އާއި 15 ދުވަހަށް އިޢުލާނު ކޮށްފައިވަަ ކުއްލި ނުރައްކަލުގެ ހާލަތުގެ ޤަރާރާ މެދު ގޮތެއް ނިންމުމަކީ ވެސް މަޖްލީހުގެ ދުސްތޫރީ ވާޖިބެއް ކަމަށް ވާތީ މިހާލަތުގައި މަޖްލީހުން އަމަލު ކުރި ގޮސް ސައްހަ ކަށެވެ. ކުއްލި ނުރައްކަލުގެ ހާލަތާ ބެހޭ ޤަރާރަށް ގޮތެެއް ނިންމާ ޖަލްސާގެ ކޯރަމަކީ 43 މެމްބަރުން ކަމުގައި ވާން ނުޖެހޭނެ ކަމަކަށް އަޅުގަޑު ނަމަކަ ނުބުނީމު ހެވެ.
ނުބައިހާނު
27 February 2018
ގާނޫނުއަސާސީގެ 86 ވަނަ މާއްދާގައި ބުނާ ގޮތަށް ހަތަރު ބައި ކުޅަ އެއްބައި މެމްބަރުން ތިބެން ޖެހޭއިރު، އެފަދަ ގަރާރެއް ފާސް ކުރުމުގައި ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބުނާ އެއްޗެއް ވެސް ސާފުކޮށްލަ ދެއްވަފާނުތޯ؟
ބޮން
27 February 2018
85 މެމްބަރުންނަށް ބޮޑެތި މުސާރަ ދީފައި ބޭތިއްބުމުގެ ބޭނުމެއް ނެތެވެ. ސްޕްރީމް ކޯޓްގެ ނިންމުންތަކުގެ ތެރެއިން އުންމީދު ކުރާ ނިންމުންތަކަށް އަމަލުކޮށްފައި އުއްމީދު ނުކުރާ ނިންމުންތައް ދޫކޮށްލައިގެން ކަންކަން ނިންމާލީމާ ރަގަޅުވާނެއެވެ. ދެން ބަޑި ގުދަނުގެ ތަޅުދަނޑި އަންބޮޑިއަށް ލައިގެން އުޅުއްވާށެވެ.
ޅަ ކުއްޖާ
27 February 2018
ގާނޫނުތަކާއި ކަޑައެޅިގެން ޚިލާފުކަމަށް 99% ގާނޫނީ ވަކީލުން ވިދާޅުވާ މައްސަލައެއް ސުޕްރީމް ކޯޓުން ސަރުކާރާ އެއްކޮޅަށް ނިންމީމަ ބަލާގަނެވޭ. ލަދުވެތިވަން ދިވެއްސަކަށް ވީތީ.
ބޫމް
27 February 2018
މީ ގައިމުވެސް ވަލިއްޔުލް އަމްރަށް ބަލައިގަނެވޭނެ ޙުކުމެކެވެ. 1 ފެބުރުއަރީގައި ފަހުބަސް ބުނާ ފަރާތަކީ ބަންޑާރަ ނައިބެވެ. 7 ފެބުރުއަރީން ފެށިގެން އަނެއްކާވެސް އެބަސް ބުނާނީ ސްޕްރީމް ކޯޓެވެ.
ޖޭމްސް
27 February 2018
ބަލަ އެހެން ވިއްޔާ އޭގެ ދަށުން ރައްޔިތުން ހައްޔަރު ކުރެވިގެން ނުވާނެ.
މާސްޓަރ
27 February 2018
އޭގެ ދަށުން އެއްވެސް މީހަކު ހައްޔަރުކުރިހެއްޔެވެ. މިނިވަންކަމޭ ކިޔައިގެން މަގުތަކުގައި ހަޅޭއްލަވައި، ބާކީ ތިބި ރައްޔިތުން ނިދިޔަ ނުދީ މުޅުގައުމު ހަލަބޮލި ކުރާނަމަ ހައްޔަރުކުރާކަށް އެ ގަރާރެއް ބޭނުމެއްނުވެއެވެ. ހައްޔަރުކުރަނީވެސް އެގަރާރުގެ ދަށުންނެއް ނޫނެވެ. މައްސަލަ ސިކުޑި ހަމަޖެހޭ މީހުންނަށް ސާފުވާނެއެވެ.
ހާލަތު
27 February 2018
ރާއްޖޭގެ ގާނޫނީ ވަކީލުންގެ ގޮތުގައި އެކްޓިވްކޮށް މަސައްކަތްކުރާ ވަކީލުންގެ ތެރެއިން %90 ވަކީލުން މިކަމުގައި ތަފާތުން ގޮތެއް ދެކުނު ކަމުގައިވިޔަސް އަދި އޭގެ ތެރޭގައި ދަައުލަތުގެ ފަރާތުން ޖިނާއީ މައްސަލަތަކުގައި ވަކާލާތު ކުރައްވާ ޕްރޮސެކިއުޓަރ ޖެނެރަލް ހިމެނި އަދި މަޖިލީހަށް ލަފާދެއްވާ ސައުންސެލް ޖެނެރެލްގެ ރައުޔުވެސް ތަފާތުވެ، ސަރުކާރު ހިންގާ ޕާޓީގެ މަޖިލިސް މެމްބަރުންގެ ތެރޭގައި ގާނޫނި ގޮތުން ރޯފިލާފައިހުންނެވި ހަމައެކަނި މެމްބަރު ގެ ވިސްނުންވެސް ތަފާތު ވެފައިވަނިކޮށް މިފަ އަމުރެއް ނެރުމުން، ފަޑިޔާރުން ތިއްބެވި ހާލަތައް ބަލާއިރު ގޯހެކޭ ނުދެންނެވޭނެއެވެ. އެހެނީ އުއްމީދު ނުކުރާކަހަލަ ހުކުމެއް ނެރުމުން އުއްތަމަ ފަޑިޔާރާއި ދެން ހުންނެވި އެންމެ ސީނިއަރ ފަޑިޔާރަށް ވެގެން ދިޔަގޮތް ވާކަށް އަމިއްލަ ޟަމީރެއް ނޭދޭނެއެވެ.
ފާތުން
27 February 2018
އެއްވެސް ކަމެއް ކުރާ ކަށް ހުރިހާ މެމްބަރުން ތިބެން ނުޖެހޭ. ޕީޕީއެމް މެމްބަރުން އެކަނި ލައިގެން މަޖްލީސް ހިންގާ ސަރުކާރު ވެސް ހަމަ މިގޮތަށް. ޢިދިކޮޅަށް ބަހެއްބުނާ ކޮންމެ މީހަކު ޖަލަށް ލީމަ ނިމުނީ. ޢުމުރު ދުވަހު ވެރިކަން ކުރަން ހުރޭ
ހެޔޮ ނަސޭހަތް
27 February 2018
ހައްޤުބަސް ބުނުމުގެ ހިއްވަރު ނެތަމަ "މަހައްދާން ރަށަށް ދާށެވެ"