ޒޭން މާލިކް: އޭނާގެ ފެވަރިޓް ހިންދީ ލަވައަކީ ސުކްވިންދަރު "ޗައްޔާ ޗައްޔާ".
28 ފެބުރުއަރީ 2018 - 06:24
އިނގިރޭސި ލަވަކިޔުންތެރިޔާ ޒޭން މާލިކް ހިންދީ ފިލްމަކަށް ލަވައެއް ރެކޯޑްކޮށްފައިވާތީ އެ ލަވަ އަޑު އަހައިލަން ވަރަށް ގިނަ ބަޔަކު ބޭނުންވެ އެވެ. ބްރިޓިޝް އެކްސެންޓް އެހާ ބޮޑަށް ހުންނަ މީހަކު އެހެން ބަހަކުން ލަވައެއް ކިޔައިފި ނަމަ، އެ ލަވަ އޮންނާނީ ކިހިނެއް ހެއްޔެވެ؟
އެކަމަކު އެކަމާ މާ ބޮޑަށް ފިކުރު ކުރަން ނުޖެހެނީ އެމެރިކާގެ ލަވަކިޔުންތެރިޔާ އޭކަން ވެސް ހަމަ ފައްކާ ހިންދީ ބަހުން ލަވައެއް ކިޔާފައިވާތީ އެވެ. ޝާހްރުކް ހާންގެ 2011 ގެ ފިލްމް "ރާ.ވަން" އަށް އޭކަން ކިޔާފައިވާ "ޗައްމަކް ޗައްލޯ" އަޑު އަހާފައި، އެއީ އޭކަން ކިޔާފައިވާ ލަވައެއްކަން ގަބޫލު ކުރަން ވެސް ބައެއް މީހުންނަށް ތަންކޮޅެއް އުނދަގޫ ވެދާނެ އެވެ.
ޒޭންގެ ހިންދީ/އުރުދޫ ބަހުން ލަވަ ކިޔަން އުޅޭތީ އަމުދުން ހައިރާންވާކަށް ނުވެސް ޖެހެ އެވެ. އޭނާގެ ބައްޕަ ޔާސިރް މާލިކަކީ ޕާކިސްތާނަށް ނިސްބަތްވާ މީހެކެވެ.
އޭނާގެ ފުރަތަމަ އޮރިޖަނަލް ހިންދީ ލަވަ އަޑު އަހާލަން ލިބުމުގެ ކުރިން މި ލަވަ އަޑު އަހައިލަމާ ހިނގާށެވެ.
ޒޭން ހިންދީ ލަވައެއް ކަވާކޮށްފައި.
މިއޮތީ ހިންދީ ލަވައެއް އޭނާ ފާޑަކަށް ކަވަކޮށްފަ އެވެ. މި ލަވައަކީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކައިލާޝް ކޭރްގެ އެންމެ ހިޓް ލަވަތަކުގެ ތެރެއިން "ތޭރީ ދީވާނީ" އެވެ. މި ލަވައަކީ އޭނާ 2006 ގައި ނެރުނު އަލްބަމް "ކައިލާސް" ގެ ލަވައެކެވެ.
ގިޓާ ކުޅެމުން ޒޭން "ތޭރީ ދީވާނީ" މި ކިޔައިލާ ގޮތުން އޭނާގެ އަޑުގައި ހިންދީ ޓޯން ހުރީ ކިހާ ވަރަކަށްކަން ވަޒަންކޮށް ލެވިދާނެ އެވެ.
އަނެއްކޮޅުން ކުރިއަށް އޮތް އަލްބަމްގެ ލަވަތަކުގައި އުރުދޫ ޅެންތަކާ އެކު އިންޑިއާ ރަހަގަނޑު ބޮޑުވާނެ ކަމަށް ޒޭން ބުނެފައިވެ އެވެ. އެހެންވެ އޭނާގެ ހިންދީ ބަހުން ކިޔާ ލަވަތަކަށް އެތައް ބަޔަކު އިންތިޒާރު ކުރާނެ އެވެ. އެކަމަކު މި ވަގުތަށް "ތޭރީ ދީވާނީ" ގެ ކަވާއިން ފުއްދައިލާނީ އެވެ.
މި ލަވައިގެ ކަވާއެއް އެހުންތެރިންނަށް ދޫކޮށްލި ނަމަވެސް ޒޭން އަށް އެންމެ ރީތި ހިންދި ލަވައަކީ ފިލްމް "ދިލް ސޭ" އަށް ސުކްވިންދަރް ސިންގް އާއި ސަޕްނާ އަވަސްތީ ކިޔާފައިވާ "ޗައްޔާ ޗައްޔާ" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަޒަޒަ
28 February 2018
ވަރަށް ލޮބިވޭ!!!