ތުރުކީ އަށް ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތުގައި މަރުވި މީހެއްގެ ޖަނާޒާގައި ރައީސް އުރުދުޣާން ކީރިތި ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
18 ޖުލައި 2016 - 14:20
އަންކާރާ (ޖުލައި 17) - ސަރުކާރު ވައްޓާލަން ކުރި ނާކާމިޔާބު ބަޣާވާތަށް ފަހު ތުރުކީގައި އަލުން މަރުގެ އަދަބު ދޭން ފަށަން ވިސްނަވާ ކަމަށް ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.
"ޑިމޮކްރެސީގައި ކަންކަން ނިންމާނީ ރައްޔިތުން ބޭނުންވާ ގޮތަށް. މި ސަރުކާރުން އިދިކޮޅު ފަރާތްތަކާ ވެސް ވާހަކަ ދެއްކުމަށް ފަހު ނިންމުމަކާ ހަމައަށް ދެވޭނެ،" މަރުގެ އަދަބާ ބެހޭ ގޮތުން އިސްތަންބޫލްގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވި އެވެ. "މި ގައުމުގައި ދެން މަރުގެ އަދަބު ދިނުން ލަސްކުރެވޭކަށް ނެތް. ސަބަބަކީ ބަޣާވާތް ކުރި މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭން ޖެހޭތީ."
ހުކުރު ދުވަހުގެ ރޭ ތުރުކީ އަށް ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތަށް ފަހު މަރުގެ އަދަބު ދިނުމަށް އުރުދުޣާންގެ ސަޕޯޓަރުން ދަނީ ގޮވާލަމުންނެވެ.
ތުރުކީ އަށް ގެންނަން އުޅުނު ބަޣާވާތުގައި މަރުވި މީހެއްގެ ޖަނާޒާގައި އަންހެނުންތަކެއް ހިތާމަފާޅު ކުރަނީ: ތުރުކީގައި މަރުގެ އަދަބު ދިނުމަށް އުރުދުޣާންގެ ސަޕޯޓަރުން ދަނީ ގޮވާލަމުން. --ފޮޓޯ:އޭއެފްޕީ
އިސްލާހީ އެޖެންޑާގެ ދަށުންނާއި އީޔޫގެ މެންބަރުކަން ހޯދުމުގެ ބޭނުމުގައި ތުރުކީން މަރުގެ އަދަބު ދިނުން ހުއްޓާލީ 2004 ވަނަ އަހަރު އެވެ. ތުރުކީގައި މަރުގެ އަދަބު ދޭން ފެށުމަކީ އީޔޫ އާއި އަންކާރާއާ ދެމެދު އިތުރަށް މައްސަލަ ބޮޑުވެގެންދާނެ ކަމެކެވެ. ތުރުކީގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައި ވަނީ 1984 ވަނަ އަހަރު އެވެ.
ބަޣާވާތާ ގުޅިގެން މަރުވި އުރުދުޣާންގެ ކެމްޕޭން މެނޭޖަރު އަދި އޭނާގެ ޒަމާންވީ ރަހުމަތްތެރިއާ އެރޮލް އޮލްކާކް އާއި އޭނާގެ 16 އަހަރުގެ ދަރިފުޅުގެ ޖަނާޒާގައި އުރުދުޣާން ވަނީ ކީރިތި ކުރައްވައިފަ އެވެ. އޮލްކާކް އާއި އޭނާގެ ދަރިފުޅުގެ ގަޔަށް ބަޑިޖަހާ ހުކުރު ދުވަހުގެ ރޭ މަރާލީ އިސްތަންބޫލްގެ ބޮސްފޮރަސް ބްރިޖް މަތިންނެވެ.
ތުރުކީ އަށް ގެންނަން އުޅުނު ބަޣާވާތުގެ ފަހަތުގައި ހުންނެވީ އެމެރިކާ އަށް އަމިއްލަ އަށް އަރުވާލެއްވިގެން އުޅުއްވާ ފަތުހުﷲ ގުލާން ކަމަށް އުރުދުޣާން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ޕެންސިލްވޭނިއާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގުލާން ވިދާޅުވީ ބަޣާވާތާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ބަޣާވާތް ވަނީ ގުލާން ކުށްވެރި ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މިއީ އުރުދުޣާން ރާވައިގެން ކުރެއްވި ކަމަކަށް ވެސް ވެދާނެ ކަމަށެވެ. --އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަން
18 July 2016
ތުރުކީ އަކީ އީ ޔޫ ގެ މެމްބަރެއް ނޫން.