އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖް (ކ) ޕާލަމެންޓުގައި މިއަދު ވާހަކަ ދައްކަވަނީ. --ފޮޓޯ:ޕީޓީއައި
20 މާޗް 2018 - 14:26
ނިއު ދިއްލީ (މާޗް 20) - އިރާގުގައި ރަހީނު ކުރި އިންޑިއާގެ 39 މީހުން މަރުވެފައިވާކަން ޔަގީންކުރެވިފައިވާ ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ސްވަރާޖް ވިދާޅުވީ އިރާގުގައި އިމާރާތް ކުރުމުގެ ދާއިރާގެ މަސައްކަތުގައި އުޅުނު 39 މީހުން މަރާލާފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކަމަށެވެ. އެ މީހުންގެ ހަށިތައް ފެނިފައި ވަނީ މޫސަލް ސިޓީގެ ހުޅަނގު އުތުރުގައި އޮންނަ ސަރަހައްދެއްގެ ކަށްވަޅަކުން ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
"އެ މީހުންގެ ސާމްޕަލް ވަނީ ޑީއެންއޭ ހަދަން ފޮނުވާފައި. އޭގެ ތެރޭން 38 މީހުންގެ ސާމްޕަލް ދިމާވާ ކަމަށް އިއްޔެ ވަނީ އަންގާފައި. ތިރީސް ނުވަ ވަނަ މީހާ ވެސް ކޮންމެވެސް ވަރަކަށް ދިމާވޭ،" ސްވަރާޖް ވިދާޅުވި އެވެ.
އިންޑިއާގެ 39 މީހުން އިރާގުގައި ރަހީނުކޮށްފައި ވަނީ 2014 ވަނަ އަހަރު އެވެ. އެއީ އައިއެސް އިން މޫސަލް ހިފި އަހަރެވެ. އިރާގުގައި ރަހީނުކޮށްފައި ވަނީ ޕަންޖާބް ސްޓޭޓުގެ ފަގީރު އާއިލާތަކުގެ މީހުންނެވެ. އެ މީހުން މަސައްކަތް ކުރީ މޫސަލްގެ ކޮންސްޓްރަކްޝަން ކުންފުންޏެއްގަ އެވެ. އެ މީހުން ރަހީންކުރި އައިއެސްގެ ފަރާތުން ފައިސާ ހޯދަން އިންޑިއާ ސަރުކާރަށް ޑިމާންޑް ކޮށްފައެއް ވެސް ނުވެ އެވެ.
ސުވަރާޖް ވިދާޅުވީ 39 މީހުންގެ ހަށިގަނޑު އިންޑިއާ އަށް ގެނައުމަށް އިރާގަށް ޚާއްސަ މަތިންދާ ބޯޓެއް ފޮނުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝިޔާމް
20 March 2018
ކުށެއް ނެތް އިންސާނުންގެ ލެޔަކީ ހުރުމަތްތެރިވެގެންވާ އެެއްޗެއް.