ތުރުކީ ވިލާތާއި ސީރިޔާ އަށް އިއްޔެ އައި ބާރުގަދަ ބިންހެލުންތަކުގައި އެ ދެ ގައުމަށް ލިބުނު ގެއްލުންތައް ފޫބެއްދުމުގައި އެހީތެރިވުމުގެ ގޮތުންނާއި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދުނިޔޭގެ އެކި ގައުމުތަކުން އެ ދެ ގައުމަށް ޓީމުތައް ފޮނުވަން ފަށައިފި އެވެ.

އޮސްޓްރޭލިޔާ އާއި ނިއު ޒީލޭންޑުން ބުނި ގޮތުގައި އެ ދެ ގައުމު ގުޅިގެން، ތުރުކީ ވިލާތަށާއި ސީރިޔާ އަށް 11.5 މިލިއަން ޑޮލަރުގެ އެހީގެ ސާމާނު ފޮނުވާނެ އެވެ. މި އެހީ އެ ދެ ގައުމަށް ފޮނުވާނީ ރެޑް ކްރޮސް އާއި ރެޑް ކްރެސެންޓްގެ ޖަމާއަތްތައް މެދުވެރިކޮށް ކަމަށް، އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އަލްބަނޭޒް މިއަދު ވިދާޅުވި އެވެ.

މި އެހީގެ ދަށުން އޮސްޓްރޭލިޔާ އިން 10 މިލިއަން ޑޮލަރު ދޭ އިރު، ނިއު ޒީލޭންޑުން ދޭނީ 1.5 މިލިއަން ޑޮލަރެވެ. އަދި މި އެހީގެ ސާމާނު ފޯރުކޮށްދޭނީ، ބިންހެލުމުގައި އެންމެ ބޮޑަށް ހާލުގައި ޖެހިފައި ތިބި މީހުންނަށް މިހާރުން މިހާރަށް ބޭނުންވާ އަސާސީ އަދި ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށެވެ.

ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން، އިންޑިއާ އިން ފޮނުވާ ދެ ޓީމުގެ ތެރެއިން ފުރަތަމަ ޓީމުގެ މީހުން މިއަދު ތުރުކީ އަށް ހިނގައްޖެ އެވެ. މި ދެ ޓީމުގައި ޖުމްލަ 100 މީހުންނާއި، މީހުން ހޯދުމަށް ތަމްރީން ކޮށްފައިވާ ކުއްތާތަކާއި އެކަމަށް ބޭނުންވާ އެހެން އާލާތްތައް ހިމެނެ އެވެ. އންޑިއާ އިން ތުރުކީ އަށް ފޮނުވާ ދެ ވަނަ ޓީމުގައި ޑޮކްޓަރުންނާއި ނަރުހުންނާއި ބޭހުގެ އިތުރުން، ކުއްލި ހާލަތްތަކުގައި ފަރުވާ ދިނުމަށް ޚާއްސަ ޑޮކްޓަރުން ހިމެނޭނެ އެވެ.

އިއްޔެގެ ބިންހެލުމުގައި ސީރިޔާ އިން ގެއްލުން ލިބުނު މީހުންނަށް އެހީތެރިވުމުގެ ގޮތުން އިރާގާއި އީރާނުން ފޮނުވި އެހީގެ ސާމާނު ހިފައިގެން ދަތުރުކުރި މަތިންދާބޯޓުތައް މިހާރު ވަނީ ސީރިޔާގެ ވެރިރަށް ދިމިޝްގަށް ޖައްސައިފަ އެވެ. އީރާނުން ފޮނުވި އެހީގެ ސާމާނު ދިމިޝްގަށް ދިޔައީ ރޭގެ އިރާކޮޅު އެވެ. އިރާގުން ފޮނުވި ސާމާނު ދިމިޝްގަށް ދިޔައީ ރޭ ދަންވަރު އެވެ.

ޖަޕާނުން ބުނި ގޮތުގައި ތުރުކީ ވިލާތުގެ ގޮވައިލުމަށް އިޖާބަ ދިނުމުގެ ގޮތުންނާއި އިންސާނިއްޔަތުކަމުގެ ގޮތުން ޖަޕާނުން މިއަދު ވަނީ، ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ ޓީމެއް ތުރުކީ އަށް ފޮނުވައިފަ އެވެ.

އޭގެ އިތުރުން އެމެރިކާގެ ލޮސް އެންޖަލްސްގެ ފަޔާ ޑިޕާޓްމަންޓުން ވެސް މިހާރު ވަނީ 78 މެމްބަރުންގެ މައްޗަށް އެކުލެވޭ ޚާއްސަ ޓީމެއް ތުރުކީ އަށް ފޮނުވައިފަ އެވެ. މި ޓީމުގައި ހިމެނެނީ، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދުމަށް ޚާއްސަކޮށް ތަމްރީންކޮށްފައިވާ މީހުންނާއި ކުއްތާ އާއި އިތުރު އާލާތްތަކެވެ. މީގެ އިތުރުން އެމެރިކާގެ ވާޖީނިއާގެ ޓާސްކް ފޯސް އެކެއްގައި ހިމެނޭ 79 މީހުންނާއި ހަ ކުއްތާގެ ޓީމެއް ވެސް ވަރަށް އަވަހަށް ތުރުކީ އަށް ފުރާނެ ކަމަށް އެމެރިކާ އިން ބުންޏެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވަނީ ފޯނުން ގުޅުއްވައި، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަށް ހިތްވަރު ދެއްވައިފަ އެވެ. ބައިޑެން ވިދާޅުވީ ތުރުކީން ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެމެރިކާ އިން ދޭނެ ކަމަށާއި، އެމެރިކާގެ އެހީތެރިކަން އަބަދުވެސް ތުރުކީއަށް އޮންނާނެ ކަމަށެވެ.

ހިލޭ ސާބަހަށް މަސައްކަތް ކުރާ ޑޮކްޓާސް ވިތައުޓް ބޯޑާސް އިން ބުނި ގޮތުގައި ސީރިޔާގެ ހުޅަނގު އުތުރުގައި އެހީތެރިކަން ފޯރުކޮށްދެމުން އައި އެ ޖަމާއަތުގެ ޑޮކްޓަރުންގެ ޓީމެއް މިހާރު ވަނީ، ސީރިޔާގެ އިތުރު ޑޮކްޓަރުންނާ އެކު، ބިންހެލުން އައި ސަރަހައްދަށް ފޮނުވައިފަ އެވެ.

އިއްޔެގެ ފުރަތަމަ ބިންހެލުން އައީ، ރިކްޓާ މިންގަނޑުން 7.8ގެ ބާރުމިނުގައި، ހޯމަ ވިލޭރޭގެ ދަންވަރު 4:17ގަ އެވެ. އެއީ އިރު އެރުމުގެ 4 ގަޑިއިރު ކުރި ކަމަށްވާތީ، ބިންހެލުން އައި ވަގުތު ގިނަ މީހުން ތިބީ ނިދައިފަ އެވެ. އޭގެ 11 މިނެޓް ފަހުން 6.7 ގެ ބާރުމިނުގައި އިތުރު ލޮޅުމެއް އެރި އެވެ. އަދި ފުރަތަމަ ބިންހެލުން އައިތާ ހަ ގަޑިއިރު ތެރޭގައި 4.0 އާއި 6.7 އާ ދެމެދުގެ ބާރުމިނުގެ 25 ލޮޅުން އަރާފައިވެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި ފުރަތަމަ ބިންހެލުން އައިތާ ނުވަ ގަޑިއިރު ފަހުން، އިއްޔެ މެންދުރު ފަހު 1:24 ގައި ރިކްޓާ މިންގަނޑުން 7.5ގެ ބާރުމިނުގައި، ތުރުކީގެ ގަހްރަމާންމަރަސް ޕްރޮވިންސަށް ބާރުގަދަ ބިންހެލުމެއް އައެވެ. މި ބިންހެލުން އައި ވަގުތުން ފެށިގެން 12 ގަޑިއިރުގެ ތެރޭގައި ގިނަ އަދަދެއްގެ ލޮޅުންތައް އެރި އިރު އޭގެ ތެރޭގައި 6.0ގެ ބާރުމިނުގެ ދެ ލޮޅުމެއް ހިމެނެ އެވެ.

ނުވަ ގަޑިއިރުގެ ތެރޭގައި ބާރު ގަދަ ދެ ބިންހެލުން އައި އިރު، ގިނަ މީހުން މަރުވީ ދެ ވަނަ ބިންހެލުމާ ވިދިގެން ލިބުނު ގެއްލުންތަކުގަ އެވެ. އެ ދެ ބިންހެލުމުގެ ތެރެއިން ބާރުގަދައީ ފުރަތަމަ އައި ބިންހެލުން ކަމަށް ވިޔަސް، ގިނަ އިމާރާތްތައް ވެއްޓުނީ ދެ ވަނަ ބިންހެލުމުގަ އެވެ. އިއްޔެގެ ފުރަތަމަ ބިންހެލުމަށް ފަހު، މިއަދުގެ ހެނދުނާ ހަމައަށް އެކި ބާރުމިނުގައި 240 އަށް ވުރެ ގިނަ ލޮޅުން އެ ސަރަހައްދަށް އައިސްފައިވެ އެވެ.

އިއްޔެ ތުރުކީ ވިލާތަށް އައި ބާރުގަދަ ދެ ބިންހެލުމާއި އެއާ ވިދިގެން އެރި ބާރުގަދަ ލޮޅުންތަކުގައި ތުރުކީ ވިލާތުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 2900 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ގިނަ އަދަދެއްގެ ބަޔަކު ވާނެ ކަމަށް ރެކޯޑް ކުރެވިފައިވާތީ، އިމާރާތްތަކުގެ ބައިތައް ނަގައި ސާފުކުރަމުންދާ ވަރަކަށް، މަރުވި މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ.

މި ބިންހެލުންތަކުގައި ސީރިޔާ އިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1400 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. ސީރިޔާގައި ވެސް ވެއްޓުނު އިމާރާތްތަކުގެ ދަށުގައި އެތައް ބަޔަކު ތާށިވެފައިވާނެތީ، މަރުވި މީހުންގެ އަދަދު މިއަށް ވުރެ ވެސް އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ދެ ގައުމުގެ ރަސްމީ ހިސާބުތަކަށް ބަލާއިރު، މި ބިންހެލުންތަކުގައި ތުރުކީ ވިލާތުން ޒަޚަމްވި މީހުންގެ އަދަދު މިހާރު ވަނީ 15300 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރާ ޓީމުތަކުން ބުނި ގޮތުގައި އިމާރާތްތައް ވެއްޓުނުތާ 12 ގަޑިއިރު ފަހުން ވެސް، ބައެއް އިމާރާތްތަކުގެ ދަށުން، އެހީތެރިކަމަށް އެދި މީހުން ގޮވާ އަޑު އިވެ އެވެ.

ސީރިޔާގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި އިއްޔެގެ ބިންހެލުންތަކުގައި އެ ގައުމުން ޒަޚަމްވި މީހުންގެ އަދަދު މިހާރު ވަނީ 3400 އަށް ވުރެ މައްޗަށް އަރައިފަ އެވެ. މި ބިންހެލުންތަކުގައި ސީރިޔާ އިން ގެއްލުން ލިބުނު ސަރަހައްދުގެ ތެރޭގައި، ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި ހުރި ބައެއް ތަންތަން ވެސް ހިމެނެ އެވެ.