ލިވަޕޫލުގެ ކޯޗު ކްލޮޕް (ކ) އަދި ސިޓީގެ ކޯޗު ގާޑިއޯލާ. --ފޮޓޯ: އޭއެފްޕީ
04 އެޕްރީލް 2018 - 13:04
ލިވަޕޫލް (އޭޕްރިލް 4) – ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ ލިވަޕޫލާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ކުޅޭ މެޗުގައި މަޑުން ނުތިބެ އެޓޭކް ކުރާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ލިވަޕޫލަކީ އިނގިރޭސި ޕްރިމިއާ ލީގު މި ސީޒަނުގައި ކާމިޔާބުކުރުމާ ތިން ޕޮއިންޓް ގާތުގައި އޮތް ސިޓީގެ މައްޗަށް މި ސީޒަނުގެ ޕްރިމިއާ ލީގުގައި ކާމިޔާބު ހޯދި ހަމައެކަނި ޓީމެވެ. އެ ޓީމުގެ ތިން ފޯވާޑުން ކަމަށްވާ މުހައްމަދު ސަލާހާއި ރޮބާޓޯ ފިރްމީނިއޯ އަދި ސަޑިއޯ މާނޭގެ ނުރައްކާ ވަރަށް ބޮޑެވެ.
އަނެއްކޮޅުން ގާޑިއޯލާ އަކީ ވެސް އެޓޭކިން ގޭމެއް ކުޅުވާ ކޯޗެކެވެ. އޭނާ ބުނީ ސިޓީގެ ތާރީހުގައި ދެ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދެން އޮތް ފަސޭހަ ގޮތަކީ ވެސް އެއީ ކަމަށެވެ.
"އަހަންނަށް އެނގޭ އަހަރެމެން ކުޅޭ ގޮތަކީ ލިވަޕޫލަށް އެންމެ ފައްކާ ގޮތް ކަން. ސަބަބަކީ ލިވަޕޫލަކީ ދުނިޔޭގެ އެހެން ޓީމުތަކާ ހިލާފަށް ހުސް ޖާގަތަކަށް އެޓޭކްކުރާ ޓީމަކަށް ވުން. ހާއްސަކޮށް މާނޭ، ސަލާހް އަދި ފިރްމީނިއޯ. އެ ކުޅުންތެރިން ވަރަށް މޮޅު،" ގާޑިއޯލާ ބުންޏެވެ. "އެކަމަކު އަހަރެން ދެކޭ ގޮތުގައި މޮޅުވާން އެންމެ ރަނގަޅު ގޮތަކީ އަހަރެމެން އާއްމުކޮށް އެކަން ކުރާ ގޮތް (އެޓޭކްކުރުން).
ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް އަށް ވުރެ ގިނައިން ގާޑިއޯލާ ބަލިކުރި ކޯޗެއް ނެތެވެ. ކްލޮޕްގެ ޓީމުތަކާއި ގާޑިއޯލާގެ ޓީމުތައް ވާދަކުރި 12 ފަހަރުގެ ތެރެއިން ހަ ފަހަރު ކްލޮޕް މޮޅުވިއިރު ގާޑިއޯލާ އަށް މޮޅު ހޯދުނީ ފަސް މެޗުންނެވެ.
"ދެ ޓީމުން ވެސް މަސައްކަތްކުރޭ ކުޅެން. އަހަރެމެން ދެ ޓީމަކީ މި ސީޒަނުގައި މިހާތަނަށް ޕްރިމިއާ ލީގުގައި އެންމެ ގިނަ ގޯލް ޖެހި ދެ ޓީމު،" ގާޑިއޯލާ ބުންޏެވެ. "އަހަރެން ދެކޭ ގޮތުގައި ޔާގެން ކްލޮޕްގެ ޓީމުތަކަކީ ފުޓްބޯޅައިގެ (ހަގީގީ) މާނައަށް އިހުތިރާމްކުރާ (ފުޓްބޯޅައަށް) ތެދުވެރި ޓީމުތަކެއް. އެ ޓީމުތަކުން އެޓޭކްކުރަން މަސައްކަތްކުރޭ. ޔަގީން އަހަރެމެން ވެސް މަސައްކަތްކުރާނީ އެކަން ކުރަން. އަހަންނަށް ޔަގީން މާދަމާ (މިއަދު) ފެނިގެންދާނީ މޮޅު މެޗެއް."
ލިވަޕޫލުގެ ކޯޗު ކްލޮޕް ބުނީ ސިޓީ ބަލިކުރަން ވަރަށް އުނދަގޫވާނެ ކަމަށެވެ.
"އަހަރެން ވަރަށް ގަޔާވޭ އުނދަގޫ މަސައްކަތްތައްތަކާ. އެއީ ކޯޗަކަށް އެންމެ ޝައުގުވެރިވާނެ ކަމަކީ. ވަރަށް އުނދަގޫވާނެ. އެކަމަކު އަހަރެން ދެކޭ ގޮތުގައި އަހަރެމެންނަށް އެންމެ މޮޅު ޓީމު ބަލިކުރެވިދާނެ. އެކަމަކު އެކަން ވާނީ ވަރަށް ބުރަކޮށް އަދި ވިސްނުންތެރިކަމާ އެކު މަސައްކަތްކޮށްގެން،" ކްލޮޕް ބުންޏެވެ.
މި ވަގުތު ހުރިހާ ގޮތަކުން ވެސް ސިޓީ ކުރީގައި އޮތް ނަމަވެސް ތާރީހަށް ބަލާއިރު ލިވަޕޫލް އޮތީ މާ ބޮޑަށް ވެސް ކުރީގަ އެވެ. އެ ޓީމުން ވަނީ ޗެމްޕިއަންސް ލީގު ފަސް ފަހަރު އުފުލާލައިފަ އެވެ. އަދި އެ ޓީމުން 2016 ވަނަ އަހަރު ޔުރޮޕާ ލީގުގެ ފައިނަލުގައި ވެސް ވާދަކުރި އެވެ. ދެ ކޯޗުންނަށް ބަލާއިރު ގާޑިއޯލާ ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި ބާސެލޯނާޢާ އެކު ޗެމްޕިއަންސް ލީގު އެއް ފަހަރު އަދި ކޯޗެއްގެ ގޮތުގައި އެ މުބާރާތް އެ ކްލަބާ އެކު ދެ ފަހަރު އުފުލާލައިފަ އެވެ. ކްލޮޕް ވަނީ 2013 ވަނަ އަހަރު ބޮރޫޝިއާ ޑޯޓްމަންޑާ އެކު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކޮށްފަ އެވެ.
ލިވަޕޫލުގެ ޝަރަފްވެރި އެންފީލްޑް ސްޓޭޑިއަމުގައި މި ދެ ޓީމު މިރޭ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 23:45 ގަ އެވެ. ކުއާޓާ ފައިނަލުގައި ދެން މިރޭ އޮންނާނީ ބާސެލޯނާ އާއި ރޯމާ ބައްދަލުކުރާ މެޗެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެންޑެލި
05 April 2018
0 ޝޮޓް އޮން ޓާގެޓް
ޖެރާޑު
04 April 2018
3-1 ލިވަޕޫލް މޮޅުވާނެ..
ބުނެބަލަ
10 April 2018
އަސްލުވެސް ޖެރާޑް ގެސްކުރަން ވަރަށްމޮޅު.......
އައްބެ
04 April 2018
އުފަލަކީ ސިޓީ މޮޅުވުން
އަމާ
04 April 2018
ބިރުން ފިލާނީ
ރަދީފް
04 April 2018
ސިޓީ މޮޅުވާނެކަމަށް ބެލެވޭ.
ރޯޒް
04 April 2018
ރަދީފް މިމެޗުވެސް މިރޭ އިން އަނެއް މެޗުވެސް ބަލަނީ ސްޓޭޑިއަމުންކަަށް ޚަބަރުތައް ލިބޭ.
ރަދީފް
04 April 2018
ރޯޒް ކޮސް ނުގޮވާ ކަލޭ.ކަލޭ ހީކުރަނީ އަހަރެން މިއީ ކޮހެއް ކަމަށް ދޯ.
މީނަ
04 April 2018
ރަދީފް އަސްލުވެސް ޔުވެންޓަސް އަދި ރިއަލް ކުޅުނު މެޗު ބަލަން ޔުވޭގެ ސްޓޭޑިއަމަށް ދިޔައިންތަ. ދިޔަނަމަ އެ އެކްސްޕީރިއަންސް ކިޔާދީބަލަ.
ރަދީފްގެ ބޭރުގަނޑު
04 April 2018
ލިވަޕޫލް މޮޅުވާނެ ރަދީފް ބަލަން ހުރޭ މަ މިރޭހުން ނާނީ މެޗް ކުޅޭ ދަނޑު ގަ ހީކުރަން ރަދީފް އާ ބައްދަލު ވާނެކަމަށް
ރޯޒް
04 April 2018
ރަދީފް ކޮސްވީމައެއްނު 8 މިނިޓުން ވިކި ހުސްވި ޓިކެޓުތަކުގެ ތެރެއިން ޓިކެޓެއް ގަނެގެން މެޗު ބަލަން ދިޔައީ؟ އަނބުރާ އަންނަނީ ކޮން ފްލައިޓަކުންކަން ބުނެބަލަ؟ ނޫނީ ބަލަންވީތަ؟ މަމެން ދާނަން ސަޅިބައިސާ ކޮމެންޓް ލެޖެންޑް ރަދީފް ރިސީވްކުރަން އެއާރޕޯޓަށް. ދެރައީ މެޗު ބަލަން ރަދީފް އިން ފޮޓޯއެއްގެ ލިންކުނަމަވެސް ޕޯސްޓްކޮށްލަން ނުކެރުނީމަ.