ސުޕްރީމް ކޯޓު: ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގެ މައްސަލައިގެ އަޑުއެހުންތައް އެ ކޯޓުން ކުރިން އޮތީ ނިންމާލާފައި --ފޮޓޯ/މިހާރު
04 އެޕްރީލް 2018 - 13:36
ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެގެން އިސްތިއުނާފް މަރުހަލާ ނިމުމުން، އެ މީހަކު ފަނޑިޔާރު ކަމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ ހުކުމް މާދަމާ އިއްވަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.
ފަނޑިޔާރުންގެ ގާނޫނަށް މިދިޔަ މަހު ގެނައި އެ އިސްލާހު ބާތިލުކުރަން ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އަދި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލީ މިދިޔަ މަހު ފަހުކޮޅެވެ. ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުން ކަމަށް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.
ގާނޫނު އަސާސީ އޮންނަ ގޮތުން ފަނޑިޔާރުން މަގާމުން ވަކި ކުރެވޭނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހަށް ކަމަށް ވިޔަސް، ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު އޮތް ގޮތުން ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވެގެން އިސްތިއުނާފް މަރުހަލާ ނިމިއްޖެ ނަމަ މަޖިލީހުގެ ދައުރެއް ނެތި އޮޓަމެޓިކުން ފަނޑިޔާރުކަމުން ވަކިވާނެ އެވެ.
ގާނޫނަށް އެ އިސްލާހު ގެނައީ ޖިނާއީ ބޮޑެތި ތުހުމަތުތަކެއްގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކޮށް، ދައުވާ އުފުލާފައި ވަނިކޮށެވެ.
ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގެ އިތުރުން މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ދާދި ފަހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު ވެސް ބާތިލު ކުރަން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ވެސް އޮތީ ނިންމާލައިފަ އެވެ. އެކަމަކު ހުކުމް ކުރުމުގެ މަޖިލިސް އަދި ތާވަލެއް ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
05 April 2018
ރަނގަޅަށް ނިންމާނީ، ފަނޑިޔާރުންވެސް ހަމަ ވިސްނަވާނެ ރަނގަޅު ދަނޑިވަޅަކަށް
ޏ. އަސްދޫނި
04 April 2018
ޓެރެރިސްޓަކަށް ވާ ކަހަލަހުކުމެއް ނުކުރައްވާތި.
ޖުނި
04 April 2018
ޟަމަޖިލީސް ކުދިންވެސް ވޯޓުލި ގާޒީންވެސް ހުކުންކޮށްދޭނެ
ދަތްނެތްކުއްޖާ
04 April 2018
ކޮންމެ އިންސާނަކީ ވެސް ދުނިޔެ ދޫކޮއް ﷲގެ ހަޟުރަތައް ދާނެ އިންސާނެކެވެ. އެދުވަހުން އެމީހަކު ދުނިޔެ މަތީގައި ކޮއްފައި ހުރި އަމަލު ތަކުގެ ހިސާބު ބައްލަވާނެއެވެ. މިއަދު ތިމާމެންނަށް ލިބިފައިވާ އާރާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފިދާނެއެވެ. އަދި ރައްޔިތުން ތަކަކަށް އަނިޔާވެސް ދެވިދާނެއެވެ. ނަމަވެސް އެ ހުރިހާ ކަމަކަށް ތިމާ މަޙުސަރު ބިމުގައި ﷲގެ ޙަޟުރަތުގައި ޖަވާބު ދާރީ ވާންޖެހޭނެ ކަމީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ. މިހެން ކަމުން ބަޔަކު ދައްކަފާނެ ބިރަކަށް ނުވަތަ މިއަދު ތިމާއަށް ލިބިދާނެ ވަޤުތީ އުފަލަށްޓަކައި އިންސާފުން އެއްކިނބާވެ އެއްވެސް ފަރާތަކަށް ބޭ އިންސާފު ޙުކުމެއް ނުއިއްވާނެ ކަމަށް ހީކުރަމެވެ.
އުނގުރި
04 April 2018
އަނެއްކާވެސް ފެންނާނީ އަމިއްލަ ކަރުގައި މަޅި އަޅުވާ މަންޒަރު! މަޅި އެޅިއްޖެކަން ކޮންމެ މީހަކަށް ރޭކާލަނީ މަރަށް ތެޅޭ ވަގުތު.
ޢަލިދީދީއައްޑޫސިޓީ
04 April 2018
މާތްﷲ ގަންދީ ކޮށްފައިވާ ހުވަޔަށް ބިރުވެތިވެ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ނެގެހެއްޓުމަކީ ހަމަކޮންމެ ބޭފުޅެއްގެ ވެސް އެންމެ އިސްވާޖިބު. މާދަމާ ކަންކަން ވާނެ ގޮތް ދެނެވޮޑިގެންވަނީ މާތް ﷲ. އެކަނލާގެ އިރާދަފުޅުގައިވާ ގޮތަކަށް މެނުވީ އެއްކަމެއް ވެސް ނުވާނެ. އަޅަމެނަކީ ތާއަބަދު މިބިންމަތީ ހިތުހުރި ގޮތަކަށް ކަންކަން ކުރަން ތިބޭނެ ބައެއް ނޫން. ﷲ އަށް ބިރުވެތިވެ މިރާއްޖޭގެ ރައްޔިތުންނަށް ޢަދުލު އިންސާފު ގާއިމުކޮށް ދެއްވުން އެދި އާދޭސް ދަންނަވަން.
ޖާނު ޤުރުބާން ކުރާ
04 April 2018
އެއްވެސް ވަރަކަށް އުއްމީދެއް ނުކުރަން..
ވާލުސޮރު
04 April 2018
"ޙައްޤާއި ބާތިލް ގެ ދެމެދުގަ ކުރެވޭ ހަނގުރާމައިގަ ދުނިޔެ މަތީގަ ކޮންމެ ގޮތަކަށްވެސް ނިމުން އަތުވެދާނެ. އެކަމަކު އާޚިރުގަ ނަޞްރު ލިބޭނީ ޙައްޤަށް"
ގިގުނި
04 April 2018
ހިއްވަރު ހުރި ނަމަ ތާ؟އެގިދާނެ ތާ.
އެއްމެން މޮޔަ
04 April 2018
މި ސަރުކާރު ގެ ގޮތަކީ އެބަޔަކު ލައްވާ އެބަޔަކު ކަތިލުން.