ޚަބަރު / ވަކީލުން

ދިފާއީ ވަކީލުންނާ ބެހޭ ހާއްސަ އޮފީހެއް ގާއިމު ކުރަނީ

ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގައުމީ މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތު: ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ބިލެއް މަޖިލީހަށް ހުށަހަޅަން ވަނީ ނިންމާފައި.-- ފޮޓޯ: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

ރާއްޖޭގައި މަސައްކަތް ކުރާ ދިފާއީ ވަކީލުންގެ ކަންކަން ބަލަހައްޓަން ޕަބްލިކް ޑިފެންޑާސް އޮފީހެއް ގާއިމު ކުރަން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް މިއަދު ވިދާޅުވެއްޖެ އެވެ.

ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގައުމީ މަހާސިންތާ ފަށަން ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އަނިލް ވިދާޅުވީ ދިފާއީ ވަކީލުން ދައްކާ ވާހަކައެއްގެ ސަބަބުން އެ ވަކީލުންނާ ދެކޮޅަށް މަސައްކަތް ކުރާ ބަޔަކު އެބަތިބި ކަމަށެވެ.

އެހެންވެ، އެ ވަކީލުންނަށް ރައްކާތެރިކަން ފޯރުކޮށްދެވެން ޖެހޭނެކަން އަނިލް ފާހަގަކުރެއްވި އެވެ. އަދި ގާނޫނީ ރައްކާތެރިކަން ފޯރުކޮށް ދިނުމާ ބެހޭ ގާނޫނުގެ ތެރެއިން އެކަން ފަހިވެއްޖެ ނަމަ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެ އޮފީސް ގާއިމު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ ހަމައެކަނި ޖިނާއީ މައްސަލަތަކަށް ދައުލަތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި މަދަނީ މައްސަލަތަކާއި އާއިލީ މައްސަލަތަކާއި ވިޔާފާރީގެ މައްސަލަތަކުގައި ވެސް ވަކީލުން ފޯރުކޮށް ދިނުމަށް ގާނޫނުގެ ތެރެއިން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށެވެ.

ސަރުކާރުން ގާނޫނީ ވަކީލުންނަށް ދޭ ފައިސާގެ އަދަދު ބޮޑު ކުރިޔަސް، ވަކީލުން ހޯދުމުގައި އެތައް ތަކުލީފެއް އުފުލަން ޖެހޭކަން ބަންޑާރަ ނައިބު ފާހަގަކުރެއްވި އެވެ.

އެކިއެކި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނަށް ގާނޫނީ ވަކީލުން އައްޔަން ކުރުމުގެ ފުރުސަތު ދޭން ޖެހޭއިރު، މާލީ ތަނަވަސްކަން ނެތް ނަމަ، އެ މީހަކަށް ގާނޫނީ ވަކީލަކު އައްޔަން ކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ. އެ ވަކީލުންނަށް ހުރިހާ ހަރަދެއް ކުރާނީ ވެސް ސަރުކާރުންނެވެ.

އަނިލް ވިދާޅުވި ގޮތުގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އަސާސީ ހައްގަކަށް ވާއިރު، މިކަން އެންމެ ފުރިހަމައަށް އޮތް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.

"މާލީ ތަނަވަސްކަން ނެތް މީހުންނަށް ދައުލަތުން ގާނޫނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ގިނަ ގޮންޖެހުންތަކެއް ދިމާވޭ. ގާނޫނީ ވަކީލުން ހޯދުމަށް އުފުލަން ޖެހޭ ތަކުލީފު ބޮޑު،" އަނިލް ވިދާޅުވި އެވެ.

ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ މަހާސިންތާ ފަށަން ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތު-- ފޮޓޯ: ޔޫއެންޑީޕީ

ބަންޑާރަ ނައިބު ވިދާޅުވީ ދައުލަތުން ހަމަޖައްސާ ވަކީލުންނަށް މީގެ ކުރިން ދެނީ 5000ރ. ކަމަށާއި މި އަދަދަށް ބަދަލު ގެނެސް ވަކީލުންނަށް ދޭ އަދަދު ބޮޑުކޮށްފައިވާ ކަމަށެވެ. ނަމަވެސް ވަކީލުންނަށް މިހާރު ދެމުން އަންނަނީ ކިހާ ވަރެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"ހަމައެކަނި މުއްދަތު މަޖިލީހަކަށް 25،000ރ. ހަރަދު ކުރޭ. ނަމަވެސް ފައިސާގެ އަދަދު ކިތަންމެ ބޮޑު ކުރިޔަސް، ގާނޫނީ ވަކީލުން ލިބޭ ގޮތެއް ނުވޭ،" އަނިލް ވިދާޅުވި އެވެ.

ގާނޫނީ ވަކީލުން ނުލިބުމަކީ އެ ހައްގު ބޭނުންވާ މީހާގެ ހައްގުތައް ގެއްލުމުގެ އިތުރަށް، ތަހުގީގާއި ޝަރީއަތް ލަސްވުމަށް ދިމާވާ ކަމެއްކަން ބަންޑާރަ ނައިބު ފާހަގަކުރެއްވި އެވެ. އަދި އެކަމުގެ ސަބަބުން އަނިޔާ ލިބުނު މީހުންނަށާއި އެކިއެކި މުއައްސަސާތަކަށް ދަތިތައް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ޔޫއެންޑީޕީން މާލީ ގޮތުންނާއި ފަންނީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ނިޒާމެއް ގާއިމމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫއެންޑީޕީން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޝޮކޯ ނޯޑާ ވިދާޅުވީ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އިންސާފުވެރިކަމާ އެކު ޝަރީއަތް ހިންގުމަށް އެޅޭ ބާރެއް ކަމަށެވެ. މާލީ ތަނަވަސްކަން ނެތް ކޮންމެ މީހަކަށް ދަތިކަމެއް ނެތި ގާނޫނީ ވަކީލުން ހިލޭ ފޯރުކޮށްދޭން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ ހުރިހާ ވަކީލުންގެ އެހީތެރިކަން ލިބޭނެ ކަމަށް. އިންސާފުވެރި ޝަރީއަތެއް ފުރިހަމަ ކުރުމަށް ގާނޫނީ އެހީތެރިކަން މުހިންމު،" އޭނާ ވިދާޅުވި އެވެ.

1 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 17%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙުސެން

21 July 2016

ދައުލަތުގެ ވަކީލުން ބުނާގޮތަށް ހުކުމް ކުރާ ޖުޑިސަރީ އަކަށް ދިފާއީ ވަކީލުން ބޭނުމެއް ނުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454